މުޤައްދިމާ
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިއީ ތަފާތު އެކި ޙައްޤުތަކަށް ގޮވާލަމުންދާ ދުވަސްވަރެކެވެ. އިންސާނީ ޙައްޤުތަކާއި، އަންހެނުންގެ ޙައްޤުތަކާއި، ކުޑަކުދިންގެ ޙައްޤުތަކާ އަދި ކުށްވެރިންގެ ޙައްޤުތައްފަދަ އެތައް ޙައްޤުތަކެކެވެ. އިސްލާމީ މުޖުތަމަޢުތަކުގައިވެސް މިފަދަ ގޮވެލިތަކުގެ އަޑު މިވަނީ ވަރަށް ގަދަވެފައެވެ. މިގޮތުން އިސްލާމީ މުޖުތަމަޢުތަކުގައި އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކަށް ވެފައިވަނީ އަންހެނުންގެ ޙައްޤުތަކުގެ ވާހަކައެވެ.
އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރަމުންދާ މީހުންގެ ވާހަކަތަކުން ސިފަކުރެވެނީ އިސްލާމްދީނަކީ އަންހެނުންނަށް އަނިޔާވެރިވާ ދީނެއްގެ ގޮތުގައެވެ. އެގޮތުން މިފަހަކަށް އައިސް މިބައިމީހުން ތަކުރާރުކުރަމުންދާ އެއް ވާހަކައަކީ އަންހެނުން ޚިތާނުކުރުމުގެ ވާހަކައެވެ. ދިވެހި މުޖުތަމަޢުގައިވެސް އަންހެނުން ޚިތާނުކުރުމާ ދެކޮޅަށް އުފުލާ އަޑުތައް ދޭތެރެ ތޭރެއިން ގަދަވަމުން ދެއެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންވެސް ދީނުގެ ޢަދާވާތްތެރިންގެ މިފަދަ މަޅިތަކުގައި ޖެހޭތަން ފެނެއެވެ.
ދަންނަން ޖެހޭ ޙަޤީޤަތަކީ މިއީ ދިވެހިންގެ ތެރޭގައި ޢާންމުވެފައި އޮތް ކަމެއް ނޫނެވެ. މިބައިމީހުން ބުނާފަދަ އަނިޔާވެރި ގޮތަކަށް ޚިތާނުކުރުމަކީ ދިވެހިން ދަންނަ ކަމެއް ނޫނެވެ. ރާއްޖޭގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ޑިސެމްބަރު 2018 ގައި ޝާއިޢުކޮށްފައިވާ ތަފާސްހިސާބުގައި ވާގޮތުން، 15 އަހަރާ 49 އަހަރާ ދެމެދުގެ 7699 މީހުންނާ ސުވާލުކުރުމުން، އޭގެ ތެރެއިން 12.9 ފަސެންޓު މީހުން ޚިތާނުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. [1] WHO އިން FGM ގެ 4 ވައްތަރެއްވާކަމަށް ބުނެފައިވާއިރު، [2] އެމީހުން ޚިތާނުކޮށްފައިވާނީ ކޮން ގޮތަކަށް ކަމާ ބެހޭގޮތުން ސުވާލުކޮށްފައެއް ނުވެއެވެ. ނަމަވެސް UNICEF އިން ހާމަކޮށްފައިވާ ގޮތުގައި ބެލެވެނީ އެއީTYPE 4 ކަމަށެވެ. އެއީ ކުޑަކުޑަކޮށް ކަނޑާލައިގެން ނުވަތަ ކަށްޓެއްފަދަ އެއްޗެއް ހަރާލައިގެންނެވެ. [3] ކަން މިހެން އޮތްއިރު މިފަދަ ކަމެއް ދިވެހި މުޖުތަމަޢުގައި ބޮޑުކަމަކަށް ހަދައިގެން އުޅެންވީ ސަބަބެއް ނެތެވެ. ނަމަވެސް މިވާހަކަ ދޭތެރެ ދޭތެރެއިން ތަކުރާރުވާއިރު، މިކަމުގެ ޙަޤީޤަތް އެނގުމަކީ މުހިންމު ކަމެކެވެ.
ޚިތާނުކުރުމަކީ ބައެއްގެ އާދަކާދައެއް ނުވަތަ ޘަޤާފަތެއް ނޫނެވެ. އެއީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާކަމެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުން ޚިތާނުކުރުމަކީވެސް އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ކަމެކެވެ. މިކަމުގައި ޢިލްމުވެރިން އިއްތިފާޤުވެފައިވެއެވެ. ނަމަވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވަނީ އަންހެނުން ޚިތާނުކުރުމުގެ ޙުކުމާ މެދުގައެވެ. އެއީ ވާޖިބެއް ނުވަތަ ސުންނަތެއް ކަމާމެދުގައެވެ.
އިބްނު ރަޖަބު رحمه الله ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ.
“އަންހެނުން ޚިތާނުކުރުމަކީ (އިސްލާމްދީނުގައި) ޝަރުޢު ކުރައްވާފައިވާ ކަމެކެވެ. މިކަމުގައި އެއްވެސް ޚިލާފެއް ނުވެއެވެ.” [4]
ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި މަދީނާގައި އަންހެނުން ޚިތާނުކޮށްދޭ މީހަކު އުޅުނެވެ. އަދި އެކަލޭގެފާނުވަނީ އެއަންހެންމީހާއަށް އެކަން ކުރަންވީ ގޮތުގެ އިރުޝާދު ދެއްވާފައެވެ. [5] މިދިރާސާގައި މިކަމުގެ އިތުރު ތަފްޞީލު ބަޔާންކޮށްދީފައި ވާނެއެވެ. އަދި މިކަމާ ގުޅުންހުރި ޙަދީޘްތައްވެސް ގެނެސްދީފައިވާނެއެވެ.
އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ މީހުން ބުނަމުންދަނީ އަންހެނުން ޚިތާނުކުރުމަކީ އެބައިމީހުންނަށް ނުހަނު ގެއްލުންހުރި، އަނިޔާވެރި ޢަމަލެއް ކަމުގައެވެ. އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ކަމެއް އެއީ ގެއްލުންހުރި ނުވަތަ އަނިޔާވެރި ކަމެއްކަމަށް މުސްލިމަކު ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް މުސްލިމުން މިފަދަ މަޅިތަކުގައި ޖެއްސުމަށްޓަކައި ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ޢަދުއްވުން މަސައްކަތްކުރެއެވެ. އެގޮތުން މިއީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ އަންހެނުން ޚިތާނުކުރުން އޮޅުވާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ.
އަންހެނުން ޚިތާނުކުރުން އެކި ފަރާތްތަކުން މާނަ ކުރާގޮތް ތަފާތުވުމަކީ މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށް މިކަން އޮޅެއް ދިމާވާ ސަބަބެކެވެ. އެހެންކަމުން މިދިރާސާގައި އަންހެނުން ޚިތާނުކުރުމާއި “ފީމޭލް ޖެނިޓަލް މިއުޓިލޭޝަން” ނުވަތަ FGM ގެ ތަފާތަށް އަލިއަޅުވާލާފައިވާނެއެވެ.
މިދިރާސާގެ ސަބަބުން މިމައުޟޫޢުގައި ދިވެހިންނަށް އޮޅުން އަރައިފައިވާ ކަންކަން ސާފުވެގެން ދާނެކަމަށް އުންމީދުކުރަމެވެ. އަދި އިސްލާމްދީނުގެ ޢަދުއްވުންގެ މިފަދަ މަޅިތަކުން މުސްލިމުން ރައްކާތެރިކޮށްދެއްވު އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
އިސްލާމްދީނުގައި އަންހެނުން ޚިތާނުކުރުން
މަދީނާގައި އަންހެނުން ޚިތާނުކޮށްދީ އުޅުނު އަންހެނަކަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَا تَنْهِكِي». [6]
މާނައީ: “(ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަނޑާށެވެ.”
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.
“އަންހެނާ ޚިތާނުކުރުމަކީ ހާލުގެ ބޯމަތީގައިވާ ހުޅީގެ ބައްޓަމަށް (އަންހެނާގެ ޖިންސީ ގުނަވަނުގެ) މަތީގައިވާ ހަންކޮޅު ކަނޑާލުމެވެ.” [7]
އަދި އައްނަވަވީ رحمه الله ވިދާޅުވެފައިވެއެވެ.
“އަދި އަންހެނާ ޚިތާނުކުރުމުގައި މުސްތަޙައްބުވެގެންވަނީ ކުޑަކޮށް ކެނޑުމެވެ.” [8]
ޖާމިޢަތުލް ޚުރްޠޫމުގެ އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއްކަމުގައިވާ ޑރ. ސިއްތުލްބަނާތު ޚާލިދު މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ.
“އިސްލާމީ ޝަރީޢަތުގައިވާ ގޮތުން އަންހެނުން ޚިތާނުކުރުމަކީ ފަރުޖުގެ މަތީގައިވާ ހަންކޮޅުގެ ބައެއް ކުޑަކޮށް ކަނޑާލުމެވެ. އެއީ އަންހެނުންގެ ކްލިޓޮރިސްގެ ވަށައިގެންވާ ހަންކޮޅެވެ. ((prepuce) އެވެ.)”
Traditional practices affecting the health of women and children ގެ ނަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (WHO) އިން 1979 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވެއެވެ.
“Type I – Circumcision proper. The circumferential excision of the clitoris prepuce, analogous to male circumcision. It is known in Muslim countries as the sunna circumcision. It is also sometimes practiced in the United States to counter failure to attain orgasm on the part of the woman associated with redundancy or phimosis of the female prepuce (Rathmann, Wollman).
As it has not been reported to have any adverse health consequences, this review is not concerned at all with this form of female circumcision.”
“ފުރަތަމަ ވައްތަރު – ރަނގަޅަށް ކުރެވޭ ޚިތާނު. އެއީ ފިރިހެނުން ޚިތާނުކުރާ ގޮތާ އެއްފަދަ ގޮތަކަށް، ކްލިޓޮރިސްގެ ވަށައިގެންވާ ހަންކޮޅު (clitoris prepuce) ނެގުމެވެ. މުސްލިމު ޤައުމުތަކުގައި މިއަށް ކިޔަނީ ސުންނަތް ޚިތާނެވެ. ކްލިޓޮރިސްގެ ވަށައިގެންވާ ހަންކޮޅު ބާރުވުމުގެ ސަބަބުން ނުވަތަ އެއްކޮށް ބެދިފައިވުމުން، އެކަން ރަނގަޅުކުރުމަށް ޔުނައިޓެޑް ސްޓޭޓްސްގައިވެސް މިކަން ކުރެއެވެ.
މިކަމުގެ ސަބަބުން ޞިއްޙީގޮތުން އެއްވެސް ގެއްލުމެއް ވާކަން ރިޕޯޓުކުރެވިފައި ނެތުމުން، މިފަދައިން އަންހެނުން ޚިތާނުކުރުން އެއީ މައްސަލައެއް ކަމުގައި ނުދެކެވެއެވެ.” [9]
އަންހެނުން ޚިތާނުކުރަނީވެސް ހަމަ ފިރިހެނުން ޚިތާނުކުރާ ފަދައިންނެވެ. ނަމަވެސް ބޮޑަށް ވައްތަރީ ރީތިވުމަށްކުރާ ކޮސްމެޓިކް ސާޖަރީގެ ކަމަކާއެވެ.
އަންހެނުން ޚިތާނުކުރުމަކީ ހާލުގެ ބޯމަތީގައިވާ ހުޅީގެ ބައްޓަމަށްވާ ހަންކޮޅު ކަނޑާލުމެވެ. އެއްކޮށް ވަކިކޮށް ނުލައި އުފުލިފައިވާ ބައި ދޫކޮށްލުމަށްފަހުގައެވެ. އެހެނީ އަންހެނުން ޚިތާނުކުރުމުގެ ޢިއްލަތަކީ އަންހެނާ ޖިންސީ އެދުން ފުއްދުމުގައި ފަސޭހަކުރުމެވެ. [10]
އިނގިރޭސި ބަހުގައި އަންހެނުން ޚިތާނުކުރުން
އިނގިރޭސި ބަހުގައި ޚިތާނުކުރުމަށް ކިޔަނީ circumcision އެވެ. ނަމަވެސް އަންހެނުން ޚިތާނުކުރުމުގައި މިބަސް ބޭނުންކުރާ މާނަ، އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ އަންހެނުން ޚިތާނުކުރުމާ ތަފާތެވެ. އެގޮތުން Female Circumcision އަކީ Female Genital Mutilation އަށް ބޭނުންކުރާ އެހެން ނަމެއްގެ ގޮތުގައި އިނގިރޭސިބަހުގެ ބައެއް ރަދީފުތަކުގައިވެއެވެ. [11] [12]
“ފީމޭލް ޖެނިޓަލް މިއުޓިލޭޝަން”
(Female Genital Mutilation – FGM)
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (WHO) އިން “ފީމޭލް ޖެނިޓަލް މިއުޓިލޭޝަން” ނުވަތަ FGM މާނަކުރަނީ މިފަދައިންނެވެ.
“Female genital mutilation (FGM) comprises all procedures that involve partial or total removal of the external female genitalia, or other injury to the female genital organs for non-medical reasons.”
“ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (FGM) ގެ ތެރޭގައި ހިމެނެނީ އަންހެނުންގެ އެކްސްޓާނަލް ޖެނިޓަލިއާ އެއްކޮށް ނުވަތަ އޭގެ ބައެއް ނެގުމުގެ ގޮތުން ކުރެވޭ ހުރިހާ ކަމެކެވެ. ނުވަތަ ބޭސްފަރުވާގެ ސަބަބެއް ނެތި އަންހެނުންގެ ޖިންސީ ގުނަވަންތަކަށް ދެވޭ އެހެން އަނިޔާތަކެވެ.” [13]
އަދި FGM ގެ 4 ވައްތަރެއް ވާކަން ބަޔާންކޮށްފައިވެއެވެ. އެއީ:
“Type 1: partial or total removal of the clitoris (clitoridectomy) and/or the prepuce.
Type 2: partial or total removal of the clitoris and the labia minora, with or without excision of the labia majora (excision).
Type 3: narrowing of the vaginal orifice with the creation of a covering seal by cutting and appositioning the labia minora and/or the labia majora, with or without excision of the clitoris (infibulation).
Type 4: all other harmful procedures to the female genitalia for non-medical purposes, for example: pricking, pulling, piercing, incising, scraping and cauterization.”
“1. ކްލިޓޮރިސް އަދި/ނުވަތަ ކްލިޓޮރިސްގެ ވަށައިގެންވާ ހަންކޮޅު (prepuce) އެއްކޮށް ނުވަތަ އޭގެން ބައެއް ނެގުން.
- ކްލިޓޮރިސް އަދި ލެއިބިއާ މައިނޯރާ އެއްކޮށް ނުވަތަ އޭގެން ބައެއް ނެގުން. އެއީ ލެއިބިއާ މެޖޯރާއާ އެއްކޮށް ނުވަތަ އެބައި ނުލައި ކަމުގައިވިޔަސްމެއެވެ.
- ލެއިބިއާ މައިނޯރާ އަދި/ނުވަތަ ލެއިބިއާ މެޖޯރާ ކަފާލައި، ބައްދައިގެން ފަރުޖުގެ ދޮރު ހަނިކުރުން. އެއީ ކްލިޓޮރިސް އެއްކޮށް ނުވަތަ އޭގެން ބައެއް ނަގައިގެން ކަމުގައިވިޔަސްމެއެވެ.
- ބޭސްފަރުވާ ކުރުމުގެ ގޮތުން ނޫން ގޮތަކަށް އަންހެނުންގެ ޖިންސީ ގުނަވަންތަކަށް ނުރައްކާވާގޮތަށް ކުރެވޭ ކޮންމެ ކަމެއް. އެއީ މިސާލަކަށް: އެއްޗެއް ހެރުން، ދެމުން، ތޮރުފުން، ކެފުން، ގޭނުން އަދި އެންދުމެވެ.” [14]
މިދިރާސާގެ ކުރީ ކޮޅުގައި ބަޔާންވެގެން ދިޔަ ފަދައިން އަންހެނުން ޚިތާނު ކުރުމުގައި އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ގޮތަކީ އަންހެނާގެ ޖިންސީ ގުނަވަނުގެ މަތީގައިވާ ހަންކޮޅުން ބައެއް ކަނޑާލުމެވެ. އެއީ ވީހާވެސް ކުޑަކޮށެވެ. އެ ގުނަވަނަށް ގެއްލުން ދިނުމެއް ނުވެއެވެ. ނުވަތަ ގުނަވަނުން ބައެއް ނެގުމެއްވެސް ނުވެއެވެ. އެހެންކަމުން WHO އިން އެ ސިފަކުރާ FGM، އަންހެނުން ޚިތާނުކުރުމުގައި އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ މިންގަނޑާ ތަފާތެވެ.
މިކަމުގައި ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއެއް ވެއެވެ. އެއީ WHO އިން FGM ގެ 4 ވައްތަރެއް ތަފްޞީލާއެކު ބަޔާންކޮށްފައިވާއިރުވެސް، ހުޅަނގުގެ ބައެއް ޤައުމުތަކުގައި FGM މަނާކުރާ ޤާނޫނުތައް ހަދާ އެޤާނޫނުތައް ތަންފީޒުކުރުމުގައި މުޖުތަމަޢުގެ ޢާންމު ފަރުދުންގެ މަސްލަހަތަށްޓަކައިކަމަށް ބުނެ މިއިން ބައެއް ވައްތަރުތައް އިސްތިސްނާކުރެއެވެ. އޭގެ އެއް މިސާލަކީ އިނގިރޭސިވިލާތެވެ.
އެޤައުމުގައި FGM އަކީ ކުށެކެވެ. މިކަން ކުށެއްގެ ގޮތުގައި ބަލަން ފެށި ހިސާބުން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިގެން ދިޔައެވެ. ސަބަބަކަށްވީ ތޮރުފުމާއި ކޮސްމެޓިކް ސާޖަރީތައްވެސް މީގެ ތެރެއަށް ވަންނާތީއެވެ. އެއީ އެބައިމީހުންގެ މުޖުތަމަޢުގައި ޢާންމު ގޮތެއްގައި ކޮށްއުޅޭ ކަންތައްތަކަކަށް ވީމައެވެ. އެހެންކަމުން އެކަމާ ދެކޮޅަށް ބައެއްމީހުން އަޑު އުފުލާވެސް ހެދިއެވެ.
އިނގިރޭސިވިލާތުގެ The Crown Prosecution Service އިން 17 އޮކްޓޯބަރު 2019 ގައި ނެރެފައިވާ Female Genital Mutilation Prosecution Guidance ގައި ވަނީ WHO އިން ކަނޑައަޅާފައިވާ FGM ގެ ވައްތަރުތަކުގެ ތެރެއިން ބައެއް ކަންކަން، މިޤާނޫނުގެ ދަށުން ކުށަކަށް ނުވާނެކަމަށެވެ. އެގޮތުން “mutilation” ގެ މާނައިގެ ތެރެއަށް WHO Type IV ގައިވާ ބައެއް ކަންކަން ނުފެތޭކަމަށް ބުނެފައިވެއެވެ. އަދި އެ ގައިޑްލައިންގައިވާ ގޮތުގައި ޢާންމުކޮށް ކުރާ ފަދައިން، ރީތިކުރުމުގެ ގޮތުން ގަހަނާ ނުވަތަ އެނޫން އެފަދަ އެއްޗެއް ލެއްވުމަށް ނުވަތަ ޖިންސީ އެދުން ފުއްދުމުގައި އަރާމު ހާސިލުކުރުމަށްޓަކައި، އަންހެނުންގެ ޖެނިޓަލިއާ ތޮރުފުމުގައި excision،infibulation ނުވަތަ mutilation ހިމެނުމަކީ ނާދިރުކަމެކެވެ. އަދި mutilation ގެ ތަޢުރީފުގައިވާ ފަދައިން އަނިޔާ ދިނުމާއި ހަލާކުކުރުމާއި ސިފަބަދަލުވުން މިކަމުގައި ނުހިމެނެއެވެ. [15]
އަދި އަނެއް މިސާލަކީ އެމެރިކާއެވެ. 2020 ވަނަ އަހަރު އެމެރިކާގައިވަނީ މިކަން މަނާކުރާ ޤާނޫނެއް ފާސްކޮށްފައެވެ. މިޤާނޫނު ފާސްވެގެން އައިރު ކުށަކަށް ވަނީ 18 އަހަރުން ދަށުގެ ކުއްޖަކަށް މިކަން ކޮށްފިކަމުގާވާނަމައެވެ. [16] މިގޮތަށް ފާސްކުރަން ޖެހުނީ މިބިލު އެމެރިކާ ސެނެޓަށް ހުށަހެޅުމުން ޖިންސު ބަދަލުކުރުމުގެ އޮޕަރޭޝަންތައްވެސް މީގެ ސަބަބުން މަނާވާނެކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމުންނެވެ. އެހެނީ WHO އިން ކަނޑައަޅާފައިވާ FGM ގެ ވައްތަރުތަކުގެ ތެރެއަށް ޖިންސު ބަދަލުކުރުމުގެ އޮޕަރޭޝަންތައްވެސް ވަދެއެވެ. އެބައިމީހުންގެ މުޖުތަމަޢުގެ މަސްލަހަތަށްޓަކައި، ޖިންސު ބަދަލުކުރަން އެދޭމީހުންނަށް އެކަން ފަހިކޮށްދިނުމުގެ ގޮތުން FGM ކުށަކަށް މިވަނީ 18 އަހަރު ނުފުރޭނަމައެވެ. ނަމަވެސް WHO އިން FGM އަށް އުމުރެއް ކަނޑައަޅާފައެއް ނުވެއެވެ. 18 އަހަރު ފުރުނަސް ނުފުރުނަސް އަނިޔާއެއް ވާނީ އަނިޔާއަކަށެވެ.
އެހެންކަމުން ހުޅަނގުގެ ޤައުމުތަކުގައިވެސް WHO އިން FGM ގެ ވައްތަރުތައް ކަނޑައަޅާފައިވާ ގޮތާމެދު މިފަދައިން ދެކޭއިރު، WHO ގެ އެނިންމުމަށް ބިނާކޮށް، މުސްލިމުން އެބައިމީހުންގެ ދީނީ ޝިޢާރެއް މަނާކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި އެފަދަ ކަމަކީ އަނިޔާވެރިކަމެއް ކަމަށް ބުނާނީވެސް ކިހިނެއް ހެއްޔެވެ؟ އިސްލާމްދީނަކީ އަނިޔާވެރިކަން މަނާކުރާ ދީނެކެވެ. އަދި ކިއެއް ހެއްޔެވެ. ﷲ ތަޢާލާ ވަނީ އެއިލާހުގެ ނަފްސުފުޅަށްވެސް އަނިޔާވެރިކަން ޙަރާމްކުރައްވާފައެވެ. އެއިލާހީ އެންމެ އޯގާވަންތަ އިލާހެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
((يَا عِبَادِي! إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي، وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلَا تَظَالَمُوا)) [17]
މާނައީ: “އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހުގެ ނަފްސުފުޅުގެ މައްޗަށް އަނިޔާވެރިކަން ތިމަންއިލާހު ޙަރާމްކުރެއްވީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައިވެސް އެކަން ޙަރާމްކަމެއްކަމުގައި ލެއްވީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާށެވެ.”
އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ އަންހެނުން ޚިތާނުކުރުމަކީ “ފީމޭލް ޖެނިޓަލް މިއުޓިލޭޝަން” އެއް ނޫން
FGM އަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވަފައިވާ ޚިތާނުކުރުމެއް ނޫނެވެ. FGM އަކީ ‘ފިރުޢައުނީ’ ޚިތާނެވެ.
ފިރުޢައުނީ ޚިތާނަކީ ކްލިޓޮރިސް އާއި ލެއިބިއާ މައިނޯރާ ކަނޑާލުމެވެ. ނުވަތަ ބޭރަށްވާބައި އެއްކޮށް ކަނޑާލުމެވެ. އަދި ލެއިބިއާ މެޖޯރާގެ ބޮޑުބައި ކަނޑާލުމެވެ. އަދި ކުޑަކަމުދިއުމަށާއި ޙައިޟުގެ ލޭ ބޭރުކުރުމަށް ކުޑަ ތަންކޮޅެއް ދޫކޮށްލުމަށް ފަހު، ދެން ހުރި ބައިތައް އެއްކޮށް ފެހުމެވެ. މިއީ މިކަމާ ދެކޮޅަށް ހަނގުރާމަކުރަން ޖެހޭ ވަޙުޝީ ޢަމަލެކެވެ. އަދި ބައެއް ޤައުމުތަކުގެ ޤާނޫނުތަކުގައިވެސް މިކަންވަނީ މަނާކޮށްފައެވެ. [18]
WHO އިން އެ ސިފަކުރާ FGM އަކީ މިއީއެވެ.
އަންހެނުން ޚިތާނުކުރުމާ ބެހޭގޮތުން “ختان البنات” ގެ ނަމުގައި ލިޔުއްވާފައިވާ ލިޔުމެއްގައި ޑރ. ޙާމިދު އަލްޣަވާބީ ވިދާޅުވެފައިވެއެވެ.
“އަންހެނުންގެ ޖިންސީ ބާރު ދައްވުމަށް މެދުވެރިވާ ސަބަބުތައް ވަރަށް ގިނައެވެ. އެކަން ދިމާވަނީ އަންހެނުން ޚިތާނުކުރުމުގެ ސަބަބުން ކަމުގައި ދައުވާކުރާމީހުން، އެމީހުންގެ ދައުވާ އެއަށް ބިނާކުރުމަށް، ޚިތާނުކޮށްފައިވާ މީހުންނާއި ޚިތާނު ނުކުރާމީހުންގެ ތަފާސްހިސާބެއް ގެނެސްފައެއް ނުވެއެވެ. އެއީ ކްލިޓޮރިސް އެއްކޮށް ނަގައިގެންކުރާ ފިރުޢައުނީ ޚިތާނުކުރުން ފިޔަވައެވެ. މިފަދައިން ޚިތާނުކުރުމަކީ ޙަޤީޤަތުގައިވެސް އަންހެނުން ޖިންސީ ބާރު ދައްވާ ސަބަބެކެވެ. ނަމަވެސް މިއީ ރަޙްމަތުގެ ނަބިއްޔާ صلى الله عليه وسلم އަންގަވާފައިވާ ޚިތާނުކުރުމާ ތަފާތު ކަމެކެވެ. އެކަލޭގެފާނު އިރުޝާދުދެއްވާފައިވަނީ «لَا تَنْهِكِي» [19] އެވެ. އެބަހީ: އެއްކޮން ނުކަނޑާށެވެ. ފަހެ، އެދުވަސްވަރަކީ ބޭސްވެރިކަމުގައި މިފަދަ ޙައްސާސް ގުނަވަންތަކާއި އެތަންތަނާ ގުޅިފައިވާ ނާރުތަކާ ބެހޭގޮތުން މާބޮޑު ހޯދުންތަކެއް ހޯދިފައިވާ ދުވަސްވަރަކަށް ނުވާއިރު، މިއިރުޝާދުފުޅު އެކަނިވެސް އެކަމަށް ހެއްކަކަށް ފުދެއެވެ.” [مجلة “لواء الإسلام” عدد 7 و 10 من مقالة بعنوان: “ختان البنات”] [20]
ސުޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަ ކިންގް ޢަބްދުލްޢަޒީޒް ޔުނިވަސިޓީއިން ނެރޭ މެޑިކަލް ސައިންސަސް ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައިވެއެވެ.
“ފިރުޢައުނުންގެ ޒަމާނުގައި އަންހެނުން ޚިތާނުކުރުމުގައި ހައްދުފަހަނައަޅާ ގޮސްފައިވެއެވެ. ނަމަވެސް ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައި އަންހެނުން ޚިތާނުކޮށްދޭން (މަދީނާގައި) އުޅުނު އަންހެނަކަށް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އިރުޝާދުދެއްވީ (އަންހެނުންގެ ކްލިޓޮރިސްގެ ވަށައިގެންވާ ހަންކޮޅު (prepuce)) މާބޮޑަށް ނުކެނޑުމަށެވެ. އަދި ވީއެންމެ ކުޑަކޮށް ކެނޑުމަށެވެ. އެއީ އޭރުން ކްލިޓޮރިސް ބޮޑަށް ފާޅުވެ، އަންހެނާއަށް ޖިންސީ ގޮތުން ފައިދާވުމަށެވެ. އަދި އެކަލޭގެފާނު އަންގަވާފައިވަނީ މިފަދައިން ކުޑަކޮށް އެކަން ކުރުމުން ކައިވެނީގެ ގުޅުމުގައި ފިރިމީހާވެސް ބޮޑަށް ރުހޭނެކަމަށެވެ. ނަބިއްޔާ صلى الله عليه وسلم ގެ މިއިރުޝާދުފުޅުން ވަރަށް ސާފުކޮށް އެނގެން އޮތްގޮތުގައި އެކަލޭގެފާނު އަންގަވާފައިއެވަނީ partial hoodectomy ހެދުމަށެވެ. hoodectomy ނުވަތަ clitoral unhooding މިހާރު ހިމަނާފައިވަނީ އަންހެނާގެ ޖިންސީ ގުނަވަން ރީތިކުރުމަށް ކުރާ ކަންތައްތަކުގެ ތެރޭގައެވެ. އަދި އެކަން ކުރަނީވެސް އިސްވެ ދެންނެވުނު ފައިދާ ޙާޞިލުކުރުމުގެ ނަމުގައެވެ. އެއީ އަންހެނާއަށް ނަފްސާނީ ގޮތުން ހަމަޖެހުން ލިބި ޖިންސީ ގޮތުން އިތުރު ފުރިހަމަކަމެއް ލިބުމަށެވެ.” [21]
“ބްރިޓިޝް އެސޯސިއޭޝަން އޮފް އެއިސްތެޓިކް ޕްލާސްޓިކް ސާޖަންސް”ގެ ވެބްސައިޓުގައި ވާގޮތުން hoodectomy އަކީ ކްލިޓޮރިސްގެ ވަށާއިގެންވާ ހަންފަށަލަ ނެގުމެވެ. [22]
FGM ސުންނަތާ ޚިލާފުވާ ބައެއް ސަބަބުތައް
– ތޫނު އެއްޗެހި ބޭނުންކޮށްގެން ހަށިގަނޑުގެ ތަންތަން ކަފާ ހެދުމުގައި ބަލަންޖެހޭ ކަންކަމަށް ރަނގަޅަށް ނުބަލާ، އެފަދަ ކަންކަން ކުރުމަށް އެކަށީގެންނުވާ ތަންތަނުގައި ކުރުމުގެ ސަބަބުން އިންފެކްޝަންތަކަށް މަގުފަހިވެއެވެ. އަދި ބޭސްވެރިކަމުގެ ތަޖުރިބާ ލިބިފައި ނެތް މީހުން އެފަދަކަންކަން ކުރަން އުޅުމުގެ ތެރޭގައި ލޭ މަނާނުވުމާއި އެނޫންވެސް އެފަދަ އެތަކެއް ގެއްލުންތަކަށްވެސް މަގުފަހިވެއެވެ.
– ޖިންސީ ގުނަވަން ފެހުމާއި އެފަދަ އެހެން ކަންކަމުގެ ސަބަބުން ޖިމާޢުވުމާއި ވިހެއުމުގައިވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.
– މިފަދަ ކަންކަން ކުރުމުގެ ތެރޭގައި އަންހެނާއަށް ނަފްސާނީ ގޮތުންވެސް އަސަރުކުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކައިވެނިކޮށް، ފިރިމީހާއާއެކު އުފާވެރި ދިރިއުޅުމެއް އުޅުމުގައި އުނދަގޫތަކާ ކުރިމަތިވެއެވެ. [23]
އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ފަދައިން އަންހެނުން ޚިތާނުކުރުމުން ލިބޭ ފައިދާ
“ختان البنات” ގެ ނަމުގައި ޑރ. ޙާމިދު އަލްޣަވާބީ ލިޔުއްވާފައިވާ ލިޔުމެއްގައި އަންހެނުން ޚިތާނުކުރުމުން ލިބޭ ފައިދާތައް ގެންނަވާފައިވެއެވެ. އަދި އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްކަމަށްވާ ޑރ. ސިއްތުލްބަނާތު ޚާލިދު “ختان البنات، رؤية صحية” ގެ ނަމުގައި ލިޔުއްވާފައިވާ ލިޔުމެއްގައިވެސް އެފަދަ ފައިދާތައް ގެންނަވާފައިވެއެވެ. އެގޮތުން ޚިތާނުކުރުމުން އަންހެނާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި:
– ކުޑަމަކުދާ ހޮޅީގެ އިންފެކްޝަން އުފެދުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.
– ދަރިމައިވުމުގެ ނިޒާމުގެ އިންފެކްޝަން އުފެދުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.
– ކްލިޓޮރިސްގެ ވަށައިގެންވާ ހަންފަށަލައިގެ ސަބަބުން ނުބައި ވަސް ދުވުމަށް މެދުވެރިވެއެވެ. ނަމަވެސް ޚިތާނުކުރުމުން އެފަދަ ވަސް ދުވުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.
– ބައެއްފަހަރު ޖިމާޢުވުމުގައި ކްލިޓޮރިސް ގާތްގަނޑަކަށް 3 ސެންޓިމީޓަރަށް ބޮޑުވެއެވެ. އަދި މިކަމުގެ ސަބަބުން ޖިމާޢުވާއިރު ފިރިމީހާއަށް ނުތަނަވަސްކަން ގެނުވައެވެ. ނަމަވެސް ޚިތާނުކުރުމުގެ ސަބަބުން މިކަން ހައްލުވެއެވެ.
އަދި މިނޫނަސް ދެމަފިރިކަމުގެ ގުޅުމުގައި ކުރިމަތިވާ ގިނަ ކަންކަމަށް ފަރުވާއެއްކަމުގައި ޚިތާނުކުރުން ވެއެވެ. [24]
ޚިތާނުކުރުމުން ޞިއްޙީ ފައިދާތައް ލިބޭކަން ޑޮކްޓަރުން މިވަނީ ހާމަކުރައްވާފައެވެ. އެއާއެކު ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ ފިރިހެނުންނާއި އަންހެނުންވެސް ޚިތާނުކުރުމުގައި، އެކަން ކުރަންވާނީ ކަމުގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މީހުންކަމެވެ. އެކަމުގެ ޢިލްމާ ތަޖުރިބާ ނެތް މީހުން އެފަދަ ކަންކަން ކުރަންއުޅުމުގެ ތެރޭގައި އިތުރު ގެއްލުންތަކެއް ލިބި، މީހާގެ ފުރާނައަށް ނުރައްކާވުންވެސް އެކަށީގެންވެއެވެ.
އަންހެނުން ޚިތާނުކުރުމާ ބެހޭގޮތުން ވާރިދުފައިވާ ބައެއް ޙަދީޘްތައް
- ((الفِطْرَةُ خَمْسٌ، أَوْ خَمْسٌ مِنَ الفِطْرَةِ: الخِتَانُ، وَالِاسْتِحْدَادُ، وَنَتْفُ الإِبْطِ، وَتَقْلِيمُ الأَظْفَارِ، وَقَصُّ الشَّارِبِ)). [25]
މާނައީ: “ފިޠުރަތަކީ ފަސްކަމެކެވެ. ނުވަތަ ފިޠުރަތުގެ ތެރެއިން ފަސްކަމެއް ވެއެވެ. އެއީ ޚިތާނުކުރުމާއި ޢައުރަގުނަވަނުގެ ވަށައިގެންހުންނަ އިސްތަށިބޭލުމާއި ކިހިލިފަތްދަށުގައި ހުންނަ އިސްތަށި އުފުރުމާއި ނިޔަފަތި ކެނޑުމާ އަދި މަތިމަސް ކުރުކުރުމެވެ.”
މި ޙަދީޘްގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ފަރަޤުކޮށްފައި ނުވެއެވެ. [26]
- ((إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ وَمَسَّ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ)). [27]
މާނައީ: “އަނބިމީހާއާއެކު އެއްދާންކޮށް، ޚިތާނާއި (ލަދުވެތިގުނަވަނާއި) ޚިތާނު (ލަދުވެތިގުނަވަން) ޖެހިއްޖެނަމަ (އެބަހީ: ޖިމާޢުވެއްޖެނަމަ) ފަހެ ހިނައިގަތުން ވާޖިބުވެއްޖެއެވެ.”
- ((إِذَا الْتَقَى الْخِتَانَانِ فَقَدْ وَجَبَ الْغُسْلُ)). [28]
މާނައީ: “ދެ ޚިތާނު ޖެހިއްޖެނަމަ (އެބަހީ: ޖިމާޢުވެއްޖެނަމަ) ފަހެ ހަމަކަށަވަރުން ހިނައިގަތުން ވާޖިބުވެއްޖެއެވެ.”
- عَنْ أُمِّ عَطِيَّةَ الْأَنْصَارِيَّةِ، أَنَّ امْرَأَةً كَانَتْ تَخْتِنُ بِالْمَدِينَةِ فَقَالَ لَهَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا تَنْهِكِي فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ، وَأَحَبُّ إِلَى الْبَعْلِ». [29]
މާނައީ: އުއްމު ޢަޠިއްޔާ އަލްއަންޞާރިއްޔާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ޚިތާނުކޮށްދޭ އަންހެނެއް މަދީނާގައި އުޅުއްވިއެވެ. ނަބިއްޔާ صلى الله عليه وسلم އޭނާއަށް ޙަދީޘްކުރެއްވިއެވެ. “(ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަނޑާށެވެ. ފަހެ ހަމަކަށަވަރުން އެއީ އަންހެން މީހާއަށް އެންމެ ފައިދާ ބޮޑު، އެންމެ އަރާމު ގޮތެވެ. އަދި ފިރިމީހާވެސް އެންމެ ލޯބިވާނޭ ގޮތެވެ.”
އަންހެނުން ޚިތާނުކުރުމުގެ ޙުކުމް
އިސްވެ ބަޔާންވެ ދިޔަ ފަދައިން އަންހެނުން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ކަމެކެވެ. މިކަމުގައި ޚިލާފެއް ނުވެއެވެ. ބަޔާންވެ ދިޔަ ޙަދީޘްތައް އެކަމަށް ފުދެއެވެ. ނަމަވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވަނީ މިކަމުގެ ޙުކުމާމެދުގައެވެ. އެއީ ވާޖިބެއް ނުވަތަ ސުންނަތެއް ކަމާމެދުގައެވެ. އެގޮތުން މިކަމުގައި 3 ބަސްފުޅެއް ވެއެވެ.
ފުރަތަމައީ: އެއީ ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. އެއީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ފިޠުރަތުގެ ސުންނަތެކެވެ. [މިއީ ހަނަފީ މަޛްހަބާއި މާލިކީ މަޛްހަބުގެ ބަސްފުޅެވެ. އަދި ޝާފިޢީ މަޛްހަބުގެ ބީރައްޓެހި ބަސްފުޅެކެވެ. އަދި ޙަންބަލީ މަޛްހަބުގެ ރިވާޔަތެކެވެ.]
ދެވަނައީ: އެއީ ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ވާޖިބެކެވެ. [މިއީ ޝާފިޢީ މަޛްޙަބާއި ޙަންބަލީ މަޛްހަބުގެ ބަސްފުޅެވެ. އަދި މާލިކީ މަޛްހަބުގެ ސަޙްނޫންގެ ބަސްފުޅެވެ.]
ތިންވަނައީ: އެއީ ފިރިހެނުންގެ މައްޗަށް ވާޖިބެކެވެ. އަދި އަންހެނުންގެ މައްޗަށްވާ މާތް ކަމެކެވެ. ވާޖިބެއް ނޫނެވެ. [މިއީ “المغني” ގައި އިބްނު ޤުދާމާ ގެންނަވާފައިވާ ބަސްފުޅެވެ.] [30]
ޚިތާނުކުރުންވަނީ ހަމައެކަނި ފިރިހެނުންނަށްތޯ ސުވާލުކުރުމުން ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ކޮމިޓީން ފަތުވާދެއްވާފައި ވެއެވެ.
“ޚިތާނުކުރުމަކީ ފިޠުރަތުގެ ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ޝަރުޢުކުރައްވާފައިވާ ކަމެކެވެ. ނަމަވެސް ފިރިހެނުންނަށް އެއީ ވާޖިބެކެވެ. އަދި އަންހެނުންނަށް އެއީ ސުންނަތެކެވެ. އަދި އެއީ އެކަނބަލުންނަށްވާ މާތްކަމެކެވެ.” [31]
ޚުލާޞާ
އިސްވެ ދިޔަ ދިރާސާގެ ޚުލާޞާއަކީ:
- އަންހެނުން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ކަމެކެވެ. އެކަމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވީ ނަމަވެސް، މަޝްހޫރު ފަތުވާއަކީ ޚިތާނުކުރުމަކީ ފިރިހެނުންނަށް ވާޖިބު އަދި އަންހެނުންނަށް ސުންނަތް ކަމެކެވެ.
- FGM އަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ޚިތާނުކުރުމެއް ނޫނެވެ. އަންހެނުން ޚިތާނުކުރުމަކީ FGM ކަމަށް ދޭހަކޮށްދޭން ކާފިރުންނާއި ލާދީނީ މީހުން މަސައްކަތްކުރަނީ އިސްލާމްދީނުގެ ސޫރަ ހުތުރުކުރުމަށްޓަކައެވެ.
- WHO އިން FGM ގެ ވައްތަރުތަކެއް ކަނޑައަޅާފައިވީ ނަމަވެސް، ހުޅަނގުގެ ޤައުމުތަކުން އެކަން އެގޮތުގައި ބަލައިނުގަންނަކަން މިދިރާސާއިން ހާމަވެގެން ދެއެވެ. އެބައިމީހުން މުޖުތަމަޢުގެ މަސްލަޙަތަށްޓަކައި، FGM ގެ ތެރޭގައި ހިމެނޭ ޖިންސީ ގުނަވަން ތޮރުފުމާއި ކޮސްމެޓިކް ސާޖަރީގެ ގޮތުގައި ކުރާ ކަންކަމާ އަދި ޖިންސު ބަދަލުކުރުމުގެ އޮޕަރޭޝަންފަދަ ކަންކަން އެބައިމީހުންގެ ޤާނޫނުތަކުގައި އިސްތިސްނާކުރެއެވެ.
- އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ޚިތާނަކީ ފައިދާ ހުރި ކަމެކެވެ. އަދި އެކަމުގައި ޞިއްޙީ ގޮތުންވެސް ގެއްލުމެއް ސާބިތުވެފައި ނުވެއެވެ. ނަމަވެސް އެކަން ކުރަންވާނީ އެކަމުގެ ތަޖުރިބާއާއި ތަޢުލީމު ލިބިފައިވާ، ރަނގަޅަށް އެކަން ދަންނަ މީހުންނެވެ.
- އެފްރިކާގެ ޤައުމުތަކާ އަދި އިސްލާމީ ބައެއް ޤައުމުތަކުގައިވެސް އާދަކާދައިގެ މަތިން FGM ގެ ޢަމަލުތައް ކުރިކަމުގައިވިޔަސް އެއީ އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫނެވެ. އޭގެ މިސާލަކީ އަވަށްޓެރި ބައެއް ޤައުމުތަކުގެ މުޝްރިކުންގެ މެދުގައިވެސް އަދި މުސްލިމުންގެ މެދުގައިވެސް ކަންކަމުގައި ހިތްހަމަ ނުޖެހުމުން، ޚާއްޞަކޮށް އަންހެނުންގެ މޫނަށް އެސިޑު ޖަހާއުޅުންފަދަ ކަމެކެވެ. ހުރިހާ މިއްލަތެއްގެ މީހުންވެސް އެއްބަސްވާނެ ގޮތުގައި އެއީ ކާފިރަކު ކުރިއަސް، މުސްލިމަކު ކުރިއަސް ހުތުރުކަން ބޮޑުވެގެންވާ ނުބައި، އަނިޔާވެރި ޢަމަލެކެވެ. އަދި އެފަދަ އަނިޔާވެރި ޢަމަލުތައް އިސްލާމްދީނަށް ނިސްބަތެއް ނުކުރެވޭނެއެވެ.
ދުޢާއަކީ އަޅަމެންނަށް ދީނުގެ ހެޔޮ ވިސްނުންދެއްވާ، ޙައްޤަކީ ޙައްޤުގެ ގޮތުގައި ދައްކަވާ އަދި ބާޠިލަކީ ބާޠިލުގެ ގޮތުގައި ދެއްކެވުމެވެ.
والحمد لله رب العالمين، وصلى الله على نبينا محمد وعلى آله وصحبه أجمعين.
[1] ބައްލަވާ: Maldives Demographic and Health Survey 2016-17, Ministry of Health, December 2018.
[2] މިކަމުގެ ތަފްޞީލަށް މިދިރާސާގައި އަލިއަޅުވާލެވިފައިވާނެއެވެ.
[3] ބައްލަވާ:
https://www.unicef.org/maldives/press-releases/towards-zero-female-genital-mutilation
[4] فتح الباري لابن رجب (1 / 372).
[5] ބައްލަވާ: رواه أبو داود في سننه (5271)، والبيهقي في السنن الكبرى (17560)، وصححه الألباني في سلسلة الأحاديث الصحيحة (722).
[6] رواه أبو داود في سننه (5271)، والبيهقي في السنن الكبرى (17560)، وصححه الألباني في سلسلة الأحاديث الصحيحة (722).
[7] مجموع فتاوى لشيخ الإسلام ابن تيمية (21 / 114).
[8] المجموع شرح المهذب للنووي (1 / 302).
[9] Traditional practices affecting the health of women and children, female circumcision, childhood marriage, nutritional taboos, etc. Report of a Seminar, Khartoum, 10 – 15 February 1979, World Health Organization.
[10] ބައްލަވާ: الختان بين الشريعة والممارسات الخاطئة والأفكار المسمومة لد. ملفي بن حسن الوليدي الشهري (ص: 235 – 238).
[11] ބައްލަވާ:
https://www.collinsdictionary.com/dictionary/english/female-circumcision
[12] ބައްލަވާ:
https://www.merriam-webster.com/dictionary/female%20circumcision
[13] WHO guidelines on the management of health complications from female genital mutilation, World Health Organization, 2016.
[14] WHO guidelines on the management of health complications from female genital mutilation, World Health Organization, 2016.
[15] ބައްލަވާ:
https://www.cps.gov.uk/legal-guidance/female-genital-mutilation-prosecution-guidance
[16] ބައްލަވާ:
https://www.congress.gov/bill/116th-congress/house-bill/6100/text/enr
[17] رواه مسلم في صحيحه برقم: 55 – (2577).
[18] ބައްލަވާ: الختان بين الشريعة والممارسات الخاطئة والأفكار المسمومة لد. ملفي بن حسن الوليدي الشهري (ص: 239).
[19] رواه أبو داود في سننه (5271)، والبيهقي في السنن الكبرى (17560)، وصححه الألباني في سلسلة الأحاديث الصحيحة (722).
[20] ބައްލަވާ:
https://islamqa.info/ar/answers/45528
[21] Clitorolabial Reconstruction in Circumcised Females with Clitoral Inclusion Cyst / Journal of King Abdulaziz University – Medical Sciences, Volume: 16, Number: 4, Page: 62.
[22] ބައްލަވާ:
https://baaps.org.uk/patients/procedures/18/aesthetic_genital_surgery
[23] ބައްލަވާ: الختان بين الشريعة والممارسات الخاطئة والأفكار المسمومة لد. ملفي بن حسن الوليدي الشهري (ص: 241).
[24] ބައްލަވާ:
https://islamqa.info/ar/answers/45528
[25] رواه البخاري (5889) ومسلم (49 – (257)).
[26] ބައްލަވާ: مجموع فتاوى ومقالات الشيخ ابن باز (10 / 46).
[27] رواه مسلم (88 – (349).
[28] رواه أحمد (26025) ورواه ابن ماجه (608) وصححه الألباني في السلسلة الصحيحة (3/260) والأرنؤوط في تحقيقه لابن ماجه (1/ 383).
[29] رواه أبو داود (5271) وحسنه الألباني في السلسلة الصحيحة (2/347).
[30] ބައްލަވާ: الموسوعة الفقهية الكويتية (19 / 27 – 28).
[31] فتاوى اللجنة الدائمة (5 / 132).