الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޢަރަބި ބަހުގައި الاغتصاب އަކީ ގަދަކަމުން އަނިޔާވެރިކަމާއެކު އެއްޗެއް އަތުލައިގަތުމެވެ. މިހާރު މިލަފްޡު ބޭނުންކުރަނީ ޚާއްޞަ މާނައެއްގައެވެ. އެއީ އަންހެނެއްގެ ޢިއްފަތް ގަދަކަމުން ފޭރިގަތުމަށެވެ. ((rape) ރޭޕްކުރުމަށެވެ.)
މިއީ ހުތުރުކަން ބޮޑު ޖަރީމާއެކެވެ. މިއީ ހުރިހާ ދީންތަކެއްގައިވެސް ޙަރާމްކަމެކެވެ. އަދި ބުއްދި ސަލާމަތުންހުރި، ސާފު ފިޠުރަތުގެ މަތީގައިވާ އެންމެހާ މީސްތަކުންގެ ގާތުގައިވެސް މަނާކަމެކެވެ. އަދި މިބިންމަތީގައިވާ އެންމެހާ ނިޡާމްތަކާއި ޤާނޫނުތަކުގައިވެސް މިއީ ހުތުރުކަން ބޮޑު ޢަމަލެކެވެ. އަދި މިޢަމަލަށް އެންމެ ހަރުކަށި ޢުޤޫބާތް ކަނޑައަޅާފައިވެއެވެ.
ބައެއް ދައުލަތްތަކުގައި ރޭޕްކުރިމީހާ، ރޭޕްކުރެވުނު މިހާއާ ކައިވެނިކޮށްފިނަމަ މިޢުޤޫބާތުން އިސްތިޘްނާވެއެވެ! މިއިން ދަލީލުކޮށްދެނީ ދީންވެރިކަން ކުޑަވުމާއި، ﷲ ގެ ޙުކުމްފުޅުތަކަށް ޗެލެންޖުކުރުމުގެ އިތުރުން، އެބައިމީހުންގެ ފިޠުރަތާއި ބުއްދި ޚަރާބުވެފައިވާކަމެވެ. އަނިޔާ ދިން މީހާއާ އަނިޔާވިމީހާގެ ދެމެދުގައި އޮންނާނީ ކޮން ރަޙުމަކާ ލޯތްބެއް ހެއްޔެވެ؟ ޚާއްޞަކޮށް މިޖަރީމާގެ ވޭން ދުވަސްތަކަކަށް ދެމިގެންދާކަމަށްޓަކައެވެ. އަދި ބުނެވޭ ގޮތުގައި ޒަމާންތައް ފާއިތުވެގެން ދިއުމުންވެސް މިކަމުގެ ވޭނެއް ނުފިލަވެއެވެ. އޭގެ ސަބަބުން ރޭޕްގެ ޝިކާރައަކަށްވެފައިވާ މީހުން އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރެއެވެ. މިފަދަ ކައިވެނިތައް ކާމިޔާބު ނުވާކަން ސާބިތުވެފައިވެއެވެ. މިފަދަ ކައިވެނިތަކުން އަންހެނާއަށް ނިކަމެތިކަމާ، ނުތަވަސްކަން މެނުވީ ނުލިބެއެވެ.
އިސްލާމްދީނުގެ މިޠާހިރު ޝަރީޢަތުގައި މިކަމުގެ ޙުކުމް ވަރަށް ސާފުކޮށް ބަޔާންވެފައިވެއެވެ. މިނުބައި ޢަމަލަކީ ޙަރާމް ކަމެކެވެ. އަދި މިޢަމަލަށް އަރައިގަންނަމީހާއަށް ގަދަފަދަ ޢުޤޫބާތްވެއެވެ.
އިސްލާމްދީނުގައި، މިޖަރީމާއަށް މަގުފަހިކުރުވާ ދޮރުތައްވަނީ ބަންދު ކުރައްވާފައެވެ. ހުޅަނގުގެ ދިރާސާތަކުން ދައްކާގޮތުގައި މިޢަމަލަށް އަރައިގަންނަ ގިނަ މީހުންނަކީ ކުށްކުރާ މީހުންނެވެ. އަދި މިޢަމަލަށް ގިނައިން އަރައިގަންނަނީ ރާބޮއެގެން ނުވަތަ މަސްތުވެގެންވާ ޙާލެވެ. އަދި މިފަދަމީހުން އެކަހެރި ހިސާބުތަކުގައި އެކަނި ހިނގާއުޅޭ އަންހެނުންނާއި ގޭގައި އެކަނި ތިބޭ އަންހެނުން، އެމީހުންގެ ޝިކާރައަކަށް ހަދައެވެ. އަދި މިފަދަ ދިރާސާތަކުން ދައްކާގޮތުގައި މީޑިއާގެ ވަސީލަތްތަކުން ދައްކާ މަންޒަރުތަކާއި ނިވާކަން ކުޑަ ފޭރާމުގައި ބޭރަށް ނުކުމެ އުޅޭ އަންހެނުންނަކީ މިފަދަ މުޖުރިމުންނަށް މިނުބައި ޢަމަލަށް އަރައިގަތުމަށް ހިތްވަރު ލިބޭ ސަބަބެކެވެ.
އިސްލާމްދީނުގައި އަންހެނާގެ އަބުރާއި އިއްޒަތްވަނީ ރައްކާތެރި ކޮށްދީފައެވެ. އެގޮތުން ލަދުވެތިކަން ކުޑަ ހެދުންލުން އަންހެނުންނަށްވަނީ ނަހީކުރައްވާފައެވެ. އަދި މަޙްރަމަކާ ނުލާ އެކަނި ދަތުރުކުރުންވެސްވަނީ ނަހީކުރައްވާފައެވެ. އަދި ހިލޭ ފިރިހެނުންނާ އަތާ އަތްޖޯޑުކޮށް ސަލާންކުރުންވެސް ވަނީ ނަހީކުރައްވާފައެވެ. އަދި ޒުވާން އަންހެނުންނާއި ޒުވާން ފިރިހެނުން އަވަހަށް ކައިވެނި ކުރުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވެއެވެ. އަދި މިނޫންވެސް މިފަދަ ކަންކަމުގެ ސަބަބުން މުޖުރިމުންނަށް މިފަދަ ނުބައި ޢަމަލުތަކަށް އަރައިގަތުމަށް މަގުފަހިވާ ދޮރުތައްވަނީ ބަންދުކުރެވިފައެވެ. އެހެންކަމުން، މިފަދަ ޖަރީމާތައް ގިނައިން ހިނގަނީ ހުޅުވާލެވިފައިވާ މުޖުތަމަޢުތަކުގައިކަން އެނގުމުން އަޅުގަނޑުމެން އެކަމާ އަޖައިބެއް ނުވެއެވެ. ނަމަވެސް އެފަދަ މުޖުތަމަޢުތަކަކީ އެއީ ތަހުޒީބުވެފައިވާ މުޖުތަމަޢުތައްކަމަށް ދެކި، އެފަދަމީހުންނާ އެއްގޮތްވުމަށް މުސްލިމުންގެ ތެރެއިން ބައެއް މީހުން އެދެއެވެ!
މިސާލެއްގެ ގޮތުން އެމެރިކާއަށް ބަލާލަމާ ހިންގަވާށެވެ. އެމްނެސްޓީ އިންޓަނެޝަނަލް އިން “Stop Violence Against Women” ގެ ނަމުގައި ނެރުނު ރިޕޯޓުގައި ވާގޮތުން އެގައުމުގައި 2004 ވަނަ އަހަރު، ކޮންމެ 90 ސިކުންތަކުން އަންހެނަކު ރޭޕްކުރެވުނެވެ! ފަހެ، އެބައިމީހުން އެއުޅެނީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟! އަދި މުސްލިމުންގެ ތެރެއަށް ވެއްދުމަށް އެމީހުން އެއެދެނީ ކޮންކަހަލަ ތަހުޒީބެއް ހެއްޔެވެ؟!
* އިސްލާމްދީނުގައި ރޭޕްގެ ޢުޤޫބާތް:
ރޭޕްކުރާމީހާއަށް އޮތީ ޒިނޭގެ ޙައްދެވެ. އެއީ މުޙްޞަނަކުނަމަ ރަޖަމުކުރުމެވެ. އަދި ޣައިރު މުޙްޞަނަކުނަމަ 100 އެތިފަހަރު ޖެހުމާއެކު 1 އަހަރަށް އަރުވާލުމެވެ.
އަދި އަންހެން މީހާއަށް ރަން ދިނުން ބައެއް ޢިލްމުވެރިން ވާޖިބުކުރެއެވެ.
އިމާމު މާލިކު رحمه الله ވިދާޅުވިއެވެ.
“ތިމަންބޭކަލުންގެ އަރިހުގައި އަންހެނެއްގެ ޢިއްފަތްތެރިކަން ފޭރިގަންނަ މީހާގެ މައްޗަށް އޮތީ އެފަދަ މިނިވަން އަންހެނަކަށް ޙައްޤުވާ ވަރުގެ ރަން ދިނުމެވެ. އެއީ ބިކުރުވެރިއެއް ނުވަތަ ކައިވެނި ކޮށްފައިވާ މީހެއް ކަމުގައިވިޔަސްމެއެވެ. އަޅު އަންހެނެއްނަމަ، އޭނާގެ އަގުން ބައެއް ދޭން ޖެހޭނެއެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް ޢުޤޫބާތް އޮތީ އެކަންކުރި ފިރިހެން މީހާއަށެވެ. އަންހެންމީހާގެ މައްޗަށް ޢުޤޫބާތެއް ނެތެވެ.” [الموطأ (734 / 2)]
ސުލައިމާން އަލްބާޖީ رحمه الله ވިދާޅުވިއެވެ.
“… އެއީ މިނިވަނެއް ކަމުގައިވާނަމަ އޭނާއަށް އެކަށީގެންވާފަދަ ރަނާ އެއްފަދަ އެއްޗެއް އެކަންކުރިމީހާ ދޭން ޖެހޭނެއެވެ. އަދި އެމީހާގެ މައްޗަށް ޙައްދު ޤާއިމު ކުރަން ވާނެއެވެ. އިމާމް ޝާފިޢީ ވިދާޅުވެފައިވަނީ މިފަދައިންނެވެ. އަދި އައްލައިޘްގެ މަޛްހަބަކީވެސް މިއީއެވެ. އަދި މިފަދައިން ޢަލީ ބިން އަބީ ޠާލިބު رضي الله عنه ގެ އަރިހުން ވެސް ރިވާވެފައިވެއެވެ.
އަދި އަބޫ ޙަނީފާއާއި އައްޘައުރީ ވިދާޅުވިއެވެ. “އޭނާގެ މައްޗަށް އޮތީ ޙައްދު ޤާއިމުކުރުމެވެ. ރަން ދިނުމެއް ނޫނެވެ.”
ތިމަންމެން މިބުނާ ބަހުގެ ދަލީލަކީ ޙައްދާއި ރަނަކީ ދެ ޙައްޤެކެވެ. އެކައްޗަކީ ﷲ ގެ ޙައްޤެކެވެ. އަނެކައްޗަކީ މަޚްލޫޤުގެ ޙައްޤެކެވެ. މި ދެ ޙައްޤު އެއްކުރުން ހުއްދަވެގެން ވެއެވެ. އެއީ ވައްކަންކުރިމީހާ އަތްކެނޑުމާއެކު ވަގަށް ނެގި އެތި ރައްދުކުރުމާ މިދެކަން އެކުއެކީ ޖާއިޒުވާ ފަދައިންނެވެ.” [المنتقى شرح الموطأ (5 / 568 ، 269)]
އަދި އިބްނު ޢަބްދުލްބައްރު رحمه الله ވިދާޅުވިއެވެ.
“އެޢަމަލު ހިންގިމީހާގެ މައްޗަށް ޙައްދު ޤާއިމު ކުރެވޭވަރަށް ސާފު ހެކި ލިބިފައިވާނަމަ، އޭނާގެ މައްޗަށް ޙައްދު ޤާއިމުކުރަން ޖެހޭނެއެވެ. އެހެން ނޫންނަމަ އޭނާގެ މައްޗަށް އޮތީ ޢުޤޫބާތެވެ. (އެބަހީ: އޭނާ އެއްބަސް ނުވުމުގެ ސަބަބުން ނުވަތަ 4 ހެކިންގެ ހެކި ބަސް ނުލިބުނުގެ ސަބަބުން އޭނާގެ މައްޗަށް ޒިނޭގެ ޙައްދު ޘާބިތު ނުކުރެވުނުނަމަ، ޙާކިމުމީހާ އޭނާ ތަޢުޒީރުކޮށް ޢުޤޫބާތް ދޭނީއެވެ. އެއީ އޭނާއާ އެފަދަ އެހެންމީހުން ޖެހިލުންވާފަދަ ޢުޤޫބާތަކަށް ވާންޖެހޭނެއެވެ.) އަދި އެކަން ކުރީ އަންހެންމީހާގެ ނުރުހުމުގައި ގަދަކަމުންކަން ޘާބިތުވެއްޖެނަމަ އަންހެންމީހާގެ މައްޗަށް ޢުޤޫބާތެއް ނެތެވެ. އެކަން ޘާބިތުކުރާނީ އޭނާގެ ހަޅޭކުގެ އަޑުން، ނުވަތަ އެހީއަށް އެދި ގޮވުމުގެ އަޑުންނެވެ. (ނުވަތަ އެނޫންވެސް އެފަދަ ޤަރީނާތަކުންނެވެ.)” [الاستذكار ( 7 / 146 )]
ރޭޕުކުރާމީހުންގެ މައްޗަށް ޒިނޭގެ ޙައްދު ކަނޑައަޅާ ޙާލަތަކީ ހަތިޔާރަކުން ބިރުދެއްކުމަކާ ނުލާ އެކަންކޮށްފިނަމައެވެ. ހަތިޔާރަކުން ބިރުދައްކައިގެން އެކަންކޮށްފިނަމަ އެފަދަ މީހުންގެ މައްޗަށް އޮތީ ޙިރާބާގެ ޙުކުމެވެ. އެއީ އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ.
﴿ إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الأَرْضِ فَسَاداً أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلافٍ أَوْ يُنْفَوْا مِنَ الأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ ﴾ [سورة المائدة: 33]
މާނައީ: “ﷲ އާއި އެއިލާހުގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަކުރާ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެބައިމީހުން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުކޮށް އެބައިމީހުންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި ވާތުފައި ނުވަތަ ވާތާއި ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ ރަށުން ފޮނުވައިލާ އަރުވާލުމެވެ. އެއީ އެބައިމީހުންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އެބައިމީހުންނަށް އާޚިރަތުގައި ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ.”
އިބްނު ޖަރީރު رحمه الله ވިދާޅުވިއެވެ.
“ﷲގެ ބިމުގައި، މުއުމިނުންނާއި ޒިންމީން (މުސްލިމުންގެ ދަށުގައިވާ ޖިޒީދީގެން އުޅޭ މީހުން) ބިރުގެންނެވުމުގެ ފާފަ، އެފަދަ މީހުން އުފުލައެވެ. އަދި އެބައިމީހުން މަގު ފޭރެއެވެ. އަދި އަނިޔާވެރިކަމާއި ޢުދުވާނާއެކު މުދާތައް ފޭރެއެވެ. އަދި ފާސިޤުކަމާއި ފާޖިރުކަމުގައި އެބައިމީހުންގެ ތެރެއިން އަންހެންކަނބަލުން ޝިކާރަކުރެއެވެ.” [تفسير الطبري (8/372)]
* ކުޑަކުދިން ރޭޕްކުރުމުގެ ނުބައިކަން
ކުޑަކުދިން ރޭޕްކުރުމަކީ އިސްވެ ބަޔާންވެ ދިޔަ ކަންތައްތަކަށްވުރެވެސް މާ ނުރައްކާތެރި އަދި ގެއްލުން ބޮޑުކަމެކެވެ. އެކަމުގެ ނުބައިކަން ބަޔާންކޮށްދޭ ބައެއް ކަންތައްތަކަކީ:
- އެކަމަކީ ކުއްޖާގެ ހަށިގަނޑަށާ އަދި ނަފްސާނީ ގޮތުންވެސް އެކި ބަލިތަކާއި ގެއްލުންތައް ކުރިމަތިކުރުވާ ކަމެކެވެ. ބައެއް ފަހަރު މިފަދަ ކަންކަމުގެ އަޘަރު މުޅި ޢުމުރަށްވެސް އެކުދިންނަށް ކުރެއެވެ.
- އެއީ އެކުދިންގެ ޢާއިލާއަށް ނުހަނު ވޭނާ ހިތާމައާ ދަތިތައް ކުރިމަތިކުރުވާ ކަމެކެވެ. އަދި ބައެއް މުޖުތަމަޢުތަކުގައި ޢާއިލާތަކަށް އެކަމުން ހުތުރުނަމާއި ނުތަނަވަސްކަން ކުރިމަތިވާ ކަމެކެވެ.
- ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ފިރިހެން ކުދިންނަށް އަދި އަންހެން ކުދިންނަށްވެސް ގޯނާކުރެއެވެ. މިފަދަ ޢަމަލުތަކަކީ ފަސާދައިގެ އެންމެ ނުބައި ޢަމަލުތަކުގެ ތެރެއިން ހިމެނިގެންވާ ކަންތައްތަކެވެ. އަދި ވަރަށް ގިނަފަހަރަށް އެކުދިން ރޭޕްކުރުމުގައި ފުރަގަސް ފަރާތްވެސް ބޭނުންކުރެއެވެ. އެކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ وَلُوطًا إِذْ قَالَ لِقَوْمِهِ إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ﴾ [سورة العنكبوت 28]
މާނައީ: “އަދި ލޫޠުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަކުރާ ފާޙިޝް ކަންތައްތަކަކީ ޢާލަމުތަކުގެ ތެރެއިން އެކަކުވެސް މީގެ ކުރިން ކޮށްފައި ނުވާ ކަންތައްތަކެކެވެ.”
އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لَعَنَ اللهُ من عمِلَ عَمَلَ قومِ لُوطٍ)) [رواه ابن ابن حبان في صحيحه (4417) وصححه الألباني في صحيح الترغيب والترهيب (2421)].
މާނައީ: “ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ޢަމަލުކުރާމީހާއަށް ﷲ ލަޢުނަތް ލެއްވިއެވެ.”
އަދިވެސް ޙަދީޘެއްގައިވެއެވެ.
«مَلْعُونٌ مَنْ أَتَى امْرَأَتَهُ فِي دُبُرِهَا» [رواه أبو داود (2162) وحسنه الألباني في صحيح وضعيف سنن أبي داود]
މާނައީ: “(ޝަހުވަތްތެރިކަން ފުއްދުމަށް) އެމީހެއްގެ އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކޮށްފިމީހަކަށް ލަޢުނަތް ލެއްވިގެންވެއެވެ.”
* މަޙްރަމީ ގޮތުން ގުޅިފައިވާ މީހަކު ނުވަތަ ކުއްޖަކު ރޭޕުކުރުން
މަޙްރަމީ ގޮތުން ގުޅިފައިވާ މީހަކާއެކު ޒިނޭކުރުމަކީ ހުތުރުކަން ބޮޑުވެގެންވާ ފާފައެކެވެ. މަންމަ ނުވަތަ އަންހެން ދަރި ނުވަތަ އުޚްތާއެކު ޒިނޭ ކުރުމާމެދު އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
“ފަހެ، ހަމަކަށަވަރުން އެއީ ޠަބީޢީގޮތުން އެކަމާ ނަފްރަތުކުރެވޭ ކަމެކެވެ. އަދި އެކަމުގެ ޙައްދަކީ އެކަމުގައި ޢިލްމުވެރިންގެ މެދުގައި އޮތް ދެބަސްފުޅުގެ ތެރެއިން އެއް ބަސްފުޅުގައިވާ ގޮތަށް، ޙައްދުތަކުގެ ތެރެއިން އެންމެ ބޮޑު ހައްދު ޤާއިމުކުރުމެވެ. އެއީ މުޙްޞަނަކު ކަމުގައިވިޔަސް ނުވަތަ ޣައިރު މުޙްޞަނަކު ކަމުގައިވިޔަސް ޤަތުލުކުރުމެވެ. މިއީ އިމާމް އަޙްމަދުގެ ދެ ރިވާޔަތުގެ ތެރެއިން އެއް ރިވާޔަތެވެ. އެއީ إسحاق بن راهويه އާއި ޙަދީޘްގެ އަހުލުވެރިންގެ ތެރެއިން ޖަމާޢަތެއްގެ ބަސްފުޅެވެ. އަބޫ ދާއޫދު، البراء بن عازب ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.
قَالَ: لَقِيتُ عَمِّي وَمَعَهُ رَايَةٌ، فَقُلْتُ لَهُ: أَيْنَ تُرِيدُ؟ قَالَ: «بَعَثَنِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى رَجُلٍ نَكَحَ امْرَأَةَ أَبِيهِ، فَأَمَرَنِي أَنْ أَضْرِبَ عُنُقَهُ، وَآخُذَ مَالَهُ» [رواه أبو داود (4457) وصححه الألباني في إرواء الغليل (2351)]
އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ބައްޕަ ފަރާތު ބޮޑުބޭބެއާ ބައްދަލުވިއިރު އެކަލޭގެފާނު ހުންނެވީ ދިދަ ހިއްޕަވައިގެންނެވެ. ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. “ތިޔަ ވަޑައިގަންނަވަނީ ކޮން ތަނަކަށް ހެއްޔެވެ؟” އެކަލޭގެފާނު ދެންނެވިއެވެ. “ﷲ ގެ ރަސޫލާ، ތިމަންކަލޭގެފާނު ފޮނުއްވީ، އޭނާގެ ބައްޕަ މަރުވުމުން ބައްޕަގެ އަންހެނުންނާ ކައިވެނިކުރި މީހެއްގެ ގާތަށެވެ. އަދި އޭނާގެ ކަނދުރާގައި ޖަހާ ޤަތުލުކުރުމަށެވެ. އަދި އޭނާގެ މުދާތައް ނެގުމަށެވެ.”
އަދި ސުނަނު އަބޫ ދާއޫދާއި އިބްނު މާޖާގައި އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
«مَنْ وَقَعَ عَلَى ذَاتِ مَحْرَمٍ فَاقْتُلُوهُ» [رواه ابن ماجه (2564) وضعفه الألباني في ضعيف الجامع (5878)]
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ފަހެ، މަޙްރަމަކާއެކު ޒިނޭކޮށްފިމީހާ ޤަތުލުކުރާށެވެ.”
… މަޙްރަމަކާއެކު ޒިނޭކޮށްފިމީހާގެ މައްޗަށް ޙައްދު ޤާއިމުކުރެވޭނެކަމަށް މުސްލިމުންވަނީ އިއްތިފާޤުވެފައެވެ. އިޚްތިލާފުވެފައިވަނީ ޙައްދުގެ މިންވަރާ މެދުގައެވެ. ކޮންމެ ޙާލެއްގައިވެސް ޤަތުލުކުރާނީތޯ ނުވަތަ އޭނާގެ ޙައްދަކީ ޒިނޭގެ ޙައްދުތޯ، މި ދެބަސްފުޅުގެ މައްޗަށެވެ. ޝާފިޢީއާއި މާލިކު އަދި އަޙްމަދުގެ ދެރިވާޔަތުގެ ތެރެއިން އެއް ރިވާޔަތުގައިވަނީ އޭނާގެ ޙައްދަކީ ޒިނޭގެ ޙައްދުކަމަށެވެ. އަދި އަޙްމަދާއި އިސްޙާޤު އަދި ޙަދީޘުގެ އަހުލުވެރިންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވަނީ ކޮންމެ ޙާލެއްގައިވެސް އޭނާއަށް އޮތީ ޤަތުލުކުރުމެވެ.” [الجواب الكافي / ص: (270) باختصار]
އައްޝައިޚް އިބްނު ޢުޘައިމީން رحمه الله އިޚްތިޔާރުކުރައްވާފައިވާ ބަސްފުޅަކީ މަޙްރަމަކާއެކު ޒިނޭކޮށްފިމީހާ ކޮންމެ ޙާލެއްގައިވެސް ޤަތުލުކުރުމެވެ. އެގޮތުން الشرح الممتع ގައި ވިދާޅުވެފައިވެއެވެ.
“މުއައްލިފުގެ ބަސްފުޅުން ފެންނަން އޮތީ މަޙްރަމުންނާއެކު ޒިނޭކުރާމީހާއާއި އެނޫން ގޮތަކަށް ޒިނޭކުރާމީހާގެ ފަރަޤެއް ނެތްކަމަށެވެ. ނަމަވެސް މަޙްރަމުންނާއެކު ޒިނޭކުރާމީހާއަށް އޮތީ ކޮންމެ ޙާލެއްގައިވެސް ޤަތުލުކުރުމެވެ. އެއީ އެފަދައިން ޞައްޙަ ޙަދީޘްގައި އައިސްފައިވާތީއެވެ. އިބްނުލް ޤައްޔިމު އެކަލޭގެފާނުގެ ފޮތް، الجواب الكافي ގައި އިޚްތިޔާރުކުރައްވާފައިވަނީ އެބަސްފުޅެވެ. އެއީ މަޙްރަމަކާއެކު ޒިނޭކޮށްފިމީހާ ކޮންމެ ޙާލެއްގައިވެސް ޤަތުލުކުރުމެވެ.
މިޘާލަކަށް މީހަކު އޭނާގެ އުޚްތާއެކު ނުވަތަ މަންމަ ފަރާތު ނުވަތަ ބައްޕަ ފަރާތު ބޮޑުދައިތައާއެކު ނުވަތަ އަނބިމީހާގެ މަންމައާއެކު ނުވަތަ އޭނާ އެމީހަކާއެކު އެއްދާންކޮށްފައިވާ އަނބިމީހާގެ އަންހެންދަރިއާއެކު ނުވަތަ އެނޫންވެސް އެފަދަ މީހަކާއެކު ޒިނޭކޮށްފިނަމަ، އެ ޒިނޭކުރިމީހާއަށް އޮތީ ކޮންމެ ޙާލެއްގައިވެސް ޤަތުލުކުރުމެވެ. – ﷲ ތަޢާލާގެ ޙަޟްރަތުން މިފަދަކަންކަމުން ރައްކާތެރިކަމަށް އެދެމެވެ. – އެހެނީ އެބައިމީހުންގެ ފަރުޖު އޭނާއަށް އެއްވެސް ޙާލެއްގައި ހުއްދަވެގެން ނުވެއެވެ. އެއީ އޭނާގެ މަޙްރަމުންނެވެ. މިއީ ބޮޑުވެގެންވާ ފާޙިޝް ކަމެކެވެ. އަދި މަޙްރަމަކާއެކު ޒިނޭކޮށްފިމީހާ ޤަތުލުކުރުމަށް ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘުން ވާރިދުވެގެން އައިސްފައިވެއެވެ. އެއީ އިމާމު އަޙްމަދުގެ ރިވާޔަތެކެވެ. އަދި މިއީ އެންމެ ޞައްޙަ ގޮތެވެ. އެއީ ޣައިރު މުޙްޞަނެއް ކަމުގައިވިޔަސް، މަޙްރަމަކާއެކު ޒިނޭކޮށްފިނަމަ އޭނާ ޤަތުލުކުރުމެވެ.” [الشرح الممتع (6/132)، ط. هجر]
الموسوعة الفقهية ގައި ވެއެވެ.
“ޒިނޭގެ ފާފައިގެ ބޮޑުކަން، އެކަންކުރާ ގޮތުގެ މައްޗަށް ބިނާވެގެންވެއެވެ. ފަހެ، ހިލޭ މީހަކާއެކު ނުވަތަ ކައިވެނި ނުކޮށް ހުރި މީހަކާއެކު ކުރާ ޒިނޭގެ ފާފައަށްވުރެ، މަޙްރަމަކާއެކު ޒިނޭކުރުމާއި މީހެއްގެ އަނތްބަކާއެކު ކުރާ ޒިނޭގެ ފާފަ ބޮޑުވެގެންވެއެވެ. އެއީ ފިރިމީހާގެ ޙުރުމަތަށް އަރައިގަނެ އޭނާގެ ނަސަބު ފަސާދަ ވާތީއެވެ. އަދި އޭނާގެ ދަރިއަކަށް ނުވާ ކުއްޖަކު އޭނާއަށް ނިސްބަތްކުރެވުމާ އަދި މިނޫންވެސް މިފަދަގެ ކަންކަމުގެ ސަބަބުންނެވެ. ފަހެ، މިއީ ފިރިއަކު ނެތް މީހަކު ނުވަތަ ހިލޭ މީހަކާއެކު ޒިނޭ ކުރުމަށްވުރެ ފާފައިގެ ގޮތުން އަދި ޖަރީމާގެ ގޮތުންވެސް މާ ބޮޑު ކަމެކެވެ. ފަހެ، އޭނާގެ ފިރިމީހާއަކީ އަވަށްޓެރިއެއްނަމަ، އަވަށްޓެރިޔާއަށް ނުބައިކޮށް ހިތުނީއެވެ. އަދި އެންމެ ބޮޑު އުނދަގުލުން އޭނާގެ އަވަށްޓެރިޔާއަށް އުނދަގޫކުރެވުނީއެވެ. އަދި އެކަންވަނީ ނުބައިކޮށް ހިތުމުގެ މަތީ ދަރަޖައިގައެވެ. ފަހެ، އެއަވަށްޓެރިޔަކީ އަޚެއް ނުވަތަ ގާތްތިމާގެ މީހެއް ކަމުގައިވާނަމަ، ރަޙިމުގެ ގުޅުންވެސް ކެނޑުނީއެވެ. އަދި އޭގެ ސަބަބުން އެކަމުގެ ފާފަ އިތުރުވާނެއެވެ.
އޭނާގެ އަވަށްޓެރިޔާގެ އަނބިމީހާއާއެކު ޒިނޭކުރުމަކީ ވަރަށް ނުބައިކަމެކެވެ. ފަހެ، އެއަވަށްޓެރިޔާ ގޭގައި ނެތީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އަޅުކަމެއްގައި، ނުވަތަ ޢިލްމު އުނގެނެން، ނުވަތަ ޖިހާދުކުރުމުގައިނަމަ އެކަންކުރިމީހާގެ ފާފަ އިތުރުވެގެންވެއެވެ…
އަދި އެއާއެކު، އެއަންހެނާއަކީ އޭނާއާ ރަޙިމުގެ ގޮތުން ގުޅިފައިވާ މީހެއްނަމަ އޭނާއާ ރަޙިމުގެ ގުޅުން ކެނޑުމުގެ ފާފަވެސް އިތުރުވާނެއެވެ. އަދި އޭގެ އިތުރުން ޒިނޭކުރި މީހާއަކީ މުޙްޞަނަކު ކަމުގައިވާނަމަ އޭނާގެ ފާފަ އެއަށްވުރެ ބޮޑުވެގެންވެއެވެ. އަދި އޭނާއަކީ ޢުމުރުން ދުވަސްވެފައިވާ މީހެއްނަމަ އެކަމުގެ ފާފައާއި ޢުޤޫބާތް އެއަށްވުރެވެސް ބޮޑުވެގެންވެއެވެ. އަދި އެއާއެކު އެކަންކުރީ ޙުރުމަތްތެރިކުރައްވާފައިވާ މައްސަރެއްގައިނަމަ ނުވަތަ ޙުރުމަތްތެރިކުރައްވާފައިވާ ރަށެއްގައިނަމަ ނުވަތަ ނަމާދު ވަގުތާއި ދުޢާ އިޖާބަކުރައްވާ ވަގުތުތައްފަދަ، ﷲ ގެ ޙަޟްރަތުގައި މަތިވެރިވެގެންވާ ވަގުތެއްގައިނަމަ، އެކަމުގެ ފާފަ އިތުރުވެގެންވެއެވެ.” [الموسوعة الفقهية (24/20)]
والله أعلم .
___________________________