الحمد لله، ޙަމްދުހުރީ ޝުކުރުވެރިނަށް އެންމެ މަތިވެރި މަޤާމު ދެއްވި ﷲ ޞުބުޙާނަހޫ ވަތަޢާލާއަށެވެ. އަދި ޞަލަވާތާއި ސަލާމް ލެއްވުން އެދެނީ ޝުކުރުވެރީންގެ ސާހިބާ އަދި ޙަމްދުވެރީންގެ އިމާމު އަދި އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށެވެ. އަދި މިޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްހާބުން ޝާމިލްކުރަމެވެ.
ﷲ ތަޢަލާގެ ނިއުމަތްތައް އެއިލާހުގެ އަޅުތަކުންގެ މައްޗަށް އިންތިހާއަށް ގިނަގުނަ ވެގެންވެއެވެ. އެއީ ހުސްވުމެއް ނުވާ ނިޢުމަތްތަކެކެވެ. އަދި އެކަލާނގެ ފަޟުލުވަންތަކަން އެހާމެ ބޮޑެވެ. އެއީ އެންމެހާ ނިޢުމަތްތަކާއި ހެޔޮކަންތަކުގެ ވެރި އިލާހެވެ. އެއިލާހުގެ ރަޙުމަތުން ދަތިކަމާއި ބުރަކަން ފިއްލަވައެވެ. އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
﴿وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗإِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ﴾ [سورة إبراهيم ٣٤]
މާނައީ : “ﷲ ގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ ތިޔަބައިމީހުނަކަށް އެނިޢުމަތްތައް ޢަދަދެއް ނުކުރެވޭނެއެވެ. ހަމަކަށަވަރުން އިންސާނާއަކީ އަނިޔާވެރިވުން ބޮޑު ޝުކުރުވެރިނުވާ މީހެކެވެ.”
ޝުކުރުވެރިކަމާއި ޝުކުރުވެރިވާ މީހުންގެ މާތްކަން:
ﷲ ޞުބުޙާނަހޫ ވަތަޢާލާވަނީ، ޝުކުރުވެރިވުމަށާއި އެއިލާހުގެ ފަޟުލުވަންތަ ވެރިކަމަށް އިޢުތިރާފުވުމަށް އެކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވައި އަންގަވާފައެވެ.
﴿فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ﴾ [ سورة البقرة ١٥٢]
މާނައީ: “ފަހެ ތިޔަބައިމީހުން ތިމަންއިލާހުގެ މަތިން ހަނދުމަކުރާށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިޔަބައިމީހުން ތިމަންއިލާހަށް ޝުކުރުވެރި ވާށެވެ. އަދި ތިމަން އިލާހަށް ކާފަރު ނުވާށެވެ.”
އަދި އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރާއްވާފައި ވެއެވެ.
﴿أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ﴾ [سورة لقمان ١٤]
މާނައީ: “ތިމަންއިލާހަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންއިލާހުގެ ޙަޟްރަތަށެވެ.”
އަދި ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ޝުކުރުވެރިވާ މީހުންނަށް ޢަޛާބު ނުދެއްވާނެކަމުގެ ޚަބަރު ދެއްވާފައެވެ.
އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ.
﴿مَّا يَفْعَلُ اللَّـهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنتُمْ ۚ وَكَانَ اللَّـهُ شَاكِرًا عَلِيمًا﴾ [سورة النساء ١٤٧]
މާނައީ: “ތިޔަބައި މީހުން ޝުކުރުކޮށް އީމާންވީނަމަ ތިޔަބައިމީހުނަށް ޢަޛާބު ދެއްވުމުން ﷲ ކުރައްވަނީ ކޮންކަމެއް ހެއްޔެވެ. (އެބަހީ: އެފަދަ މީހުންނަށް އެއިލާހު ޢަޛާބު ނުދެއްވާނެއެވެ.) ޝުކުރު ޤަބޫލުކުރައްވާ މޮޅަށް ދެނެވޮޑިގެންވާ އިލާހުކަމުގައި ﷲ ވޮޑިގެންވެއެވެ.”
އަދި ﷲ ތަޢާލާވަނީ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ޝުކުރުވެރިވާ އަޅުންނަކީ އެއިލާހުގެ އަޅުންކުރެ އެއިލާހުގެ ފަޟްލުވަންތަކަން ޚާއްޞަކުރައްވާފައިވާ އަޅުންކަމުގައި ބަޔާންކުރައްވާފައެވެ.
އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ.
﴿وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوا أَهَـٰؤُلَاءِ مَنَّ اللَّـهُ عَلَيْهِم مِّن بَيْنِنَا ۗ أَلَيْسَ اللَّـهُ بِأَعْلَمَ بِالشَّاكِرِينَ﴾ [سورة الأنعام ٥٣]
މާނައީ: “އެއުރެންގެ އެއްބަޔަކު އަނެއްބަޔަކު މެދުވެރި ކުރައްވައި އިމްތިޙާނު ކުރައްވަމުން ތިމަންއިލާހު ގެންދެވީ އެފަދައިންނެވެ. އެއީ އަހުރެމެންގެ ތެރެއިން ﷲ ނިޢުމަތް ދެއްވާފައިވާ ބަޔަކީ މިބައިމީހުންހޭ، އެއުރެން ބުނުމަށްޓަކައެވެ. ޝުކުރުވެރިވާ މީހުން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ، ﷲ ކަމުގައި ނުވޭ ހެއްޔެވެ؟”
ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ މީސްތަކުން ޝުކުރުވެރިންނާއި ކުފުރުވެރިވާ މީހުންނަށް ބައްސަވާފައެވެ.
އަދި އެއިލާހުގެ ޙަޟުރަތުގައި ރުހިވޮޑިގެންނުވާ ބަޔަކީ އެއިލާހުގެ ނިޢުމަތްތަކަށް ކާފަރުވާ މީސްތަކުންނެވެ.
އެއިލާހު ވަޙީކުރަށްވާފައި ވެއެވެ.
﴿إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا﴾ [سورة الإنسان ٣]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އޭނާއަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށް ޓަކައެވެ. ނޫނީ ދެކޮޅުވެރިވެ، ކާފަރު ވުމަށްޓަކައެވެ.”
﴿إِن تَكْفُرُوا فَإِنَّ اللَّـهَ غَنِيٌّ عَنكُمْ ۖ وَلَا يَرْضَىٰ لِعِبَادِهِ الْكُفْرَ ۖ وَإِن تَشْكُرُوا يَرْضَهُ لَكُمْ ﴾ [سورة الزمر: ٧]
މާނައީ :”ތިޔަބައިމީހުން ކާފިރުވާނަމަ، ފަހެ ﷲ އީ، ތިޔަބައިމީހުންގެ ކިބައިން ފުދިވޮޑިގެންވާ އިލާހެވެ. އަދި އެއިލާހުގެ އަޅުން ކާފިރުވުމަށް އެއިލާހު ނުރުއްސަވަތެވެ.”
ނިޢުމަތްތައް ނެތިވެ ނުދިޔުމާއި އެނިޢުމަތްތައް އިތުރުވެ، ދާއިމުވެގެން ދާހުށީ ﷲ ތަޢާލާއަށް ޝުކުރުވެރިވާ މިންވަރެއްގެ މައްޗަށްކަމަށް އެއިލާހުވަނީ ޚަބަރުދެއްވާފައެވެ.
﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ [سورة إبراهيم: ٧]
މާނައީ :”އަދި ތިޔަބައިމީހުންގެ ރައްބު އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުވެރި ވިނަމަ، ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންއިލާހުގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ.”
ﷲ ތަޢާލާވަނީ އެއިލާހުގެ އަޅުތަކުންގެ ތެރެއިން ޝުކުރުވެރީންނަކީ މަދުބަޔެއްކަމަށާއި ގިނަ މީހުންނަކީ އެސިފަޔާ މުޅިން ޚިލާފު ބަޔެއްކަން އަންގަވާފައެވެ.
﴿وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ﴾ [سورة سبأ ١٣]
މާނައީ: “އަދި ތިމަންއިލާހުގެ އަޅުތަކުންގެ ތެރެއިން ގިނަގިނައިން ޝުކުރުވެރިވާ މީސްތަކުން ވަރަށް މަދެވެ.”
އަދި އެއިލާހުވަނީ ޝުކުރުވެރިވާ މީހުންނަށް އެއިލާހު ފުރިހަމަ ޖަޒާދެއްވާނެކަން ވަޙީކުރައްވާފައެވެ.
﴿وَسَيَجْزِي اللَّـهُ الشَّاكِرِينَ﴾ [سورة آل عمران ١٤٤]
މާނައީ :”ޝުކުރުކުރާ މީހުންނަށް ﷲ ޖަޒާދެއްވާ ނެތެވެ.”
﴿وَسَنَجْزِي الشَّاكِرِينَ﴾ [سورة آل عمران ١٤٥]
މާނައީ: “އަދި، ޝުކުރުކުރާ މީހުންނަށް ތިމަންއިލާހު ޖަޒާދެއްވާ ހުށީމެވެ.”
އަދި ޝުކުރުވެރިންނަކީ އެއިލާހަށް އަޅުވެތިވާ ބައެއްކަމުގައި އެއިލާހުވަނީ ޚަބަރުދެއްވާފައި ވެއެވެ. އެހެންކަމުން ޝުކުރުވެރ ިނުވާ މީހަކީ އަޅުވެރިއެއްކަމުގައި ނުވެއެވެ. އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
﴿وَاشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴾ [سورة البقرة ١٧٢]
މާނައީ: “އަދި ތިޔަބައިމީހުން ހަމައެކަނި اللَّه އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެއިލާހަށް ޝުކުރުވެރިވާށެވެ.”
އަދި އެއިލާހުގެ ރުއްސެވުންވަނީ ޝުކުރުވެރިންނަށް ކަމުގައިވަނީ ބަޔާންކުރައްވާފައެވެ.
އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
﴿وَإِن تَشْكُرُوا يَرْضَهُ لَكُمْ﴾ [سورة الزمر ٧]
މާނައީ : “އަދި ތިޔަބައިމީހުން ޝުކުރުކުރާނަމަ، އެއިލާހު އެކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ.”
ޝުކުރުވެރިވުމަކީ އެންމެ ރިވެތި އަދި އެންމެ މާތް ސިފަކަމުގައި ﷲ ތަޢާލާވަނީ ބަޔާން ކުރައްވާފައެވެ. އަދި އެއިލާހުވަނީ އިބްރާހީމް ޢަލައިހިއްސަލާމުގެ އެސިފަފުޅަށް ޘަނާގެބަސް ވަޙީކުރައްވާފައެވެ.
އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
﴿إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّـهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ﴾ [سورة النحل ١٢٠]
މާނައީ: “ހަމަކަށަވަރުން، އިބްރާހިމްގެފާނީ، ﷲ އަށް ކިޔަމަންތެރިވެވަޑައިގެން، ޝިރުކުގެ މަގުން އެއްކިބާވެ ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ އުއްމަތެއްކަމުގައި ވިއެވެ. އަދި ޝަރީކަ ކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ.”
﴿شَاكِرًا لِّأَنْعُمِهِ﴾ [سورة النحل ١٢١]
މާނައީ: “އެއިލާހު ދެއްވި ނިޢުމަތްތަކަށް، ޝުކުރުކުރައްވާ ބޭކަލަކުކަމުގައި އެކަލޭގެފާނު ވިއެވެ.”
=ނުނިމޭ=
__________________
މިއީ ދާރުލް ވަޠަންގެ ރިސާލާއެއް ކަމުގައިވާ (أين الشاكرون) ގެ ތަރުޖަމާއެކެވެ.