الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި ދަތުރުފުޅުގައި ބަނޫ ޢަމްރު ބުން ޢައުފު ޤަބީލާގެ މީހުން ދިރިއުޅެމުން ދިޔަ ޤުބާގެ ސަރަހައްދުގައި ސާދަ ރޭ މަޑުކުރެއްވިއެވެ. އަދި އެތަނުގައި އެކަލޭގެފާނު ބިނާކުރެއްވި ފުރަތަމަ މިސްކިތް ބިނާ ކުރެއްވިއެވެ. އެއީ އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުނު ފަހުން ބިނާކުރެއްވި ފުރަތަމަ މިސްކިތްވެސްމެއެވެ. އެއީ ޤުބާ މިސްކިތެވެ. [1]
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا ۚ وَاللَّـهُ يُحِبُّ الْمُطَّهِّرِينَ﴾ [2]
މާނައީ: “ހަމަކަށަވަރުން ފުރަތަމަ ދުވަހުއްސުރެން ތަޤުވާގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި ކަލޭގެފާނު ޤާއިމުވެ ހުންނެވުން މާ ޙައްޤުކަން ބޮޑެވެ. ޠާހިރުވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. ޠާހިރުވެގަންނަ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
މި އާޔަތުގެ މުރާދަކީ ޤުބާ މިސްކިތްކަމުގައިވެސް އަދި މަސްޖިދުއްނަބަވީކަމުގައިވެސް ބުނެވެއެވެ. [3]
* ޤުބާ މިސްކިތުގެ މާތްކަން ބަޔާންކުރައްވާ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ބައެއް ޙަދީޘްތައް
– ޢަބްދުﷲ ބުން ޢުމަރު رضى الله عنهما ވިދާޅުވިއެވެ.
«كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَأْتِي مَسْجِدَ قُبَاء كُلَّ سَبْتٍ، مَاشِيًا وَرَاكِبًا» [4]
މާނައީ: “ނަބިއްޔާ صلى الله عليه وسلم ކޮންމެ ހޮނިހިރު ދުވަހެއްގައި ހިންގަވާފައި ނުވަތަ ސަވާރީގައި ޤުބާ މިސްކިތަށް ވަޑައިގަންނަވައެވެ.”
– އަދި މުސްލިމުގެ ރިވާޔަތުގައި ވެއެވެ. ޢަބްދުﷲ ބުން ޢުމަރު رضى الله عنهما ވިދާޅުވިއެވެ.
«كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَأْتِي مَسْجِدَ قُبَاء رَاكِبًا وَمَاشِيًا، فَيُصَلِّي فِيهِ رَكْعَتَيْنِ» [5]
މާނައީ: “ނަބިއްޔާ صلى الله عليه وسلم ކޮންމެ ހޮނިހިރު ދުވަހެއްގައި ހިންގަވާފައި ނުވަތަ ސަވާރީގައި ޤުބާ މިސްކިތަށް ވަޑައިގަންނަވައެވެ. އަދި އެ މިސްކިތުގައި ދެ ރަކުޢަތް ކުރައްވައެވެ.”
– ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް އުސައިދު ބުން ޡުހައިރު އަލްއަންޞާރިއްޔު رضى الله عنه ވިދާޅުވިއެވެ.
«الصَّلَاةُ فِي مَسْجِدِ قُبَاء كَعُمْرَةٍ» [6]
މާނައީ: “ޤުބާ މިސްކިތުގައި ކުރާ ނަމާދު (އަޖުރުގެ ގޮތުން) ޢުމްރާއަކާ އެއްފަދައެވެ.”
– ސަހްލު ބުން ޙުނައިފް رضى الله عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ أَتَى مَسْجِدَ قُبَاءَ، فَصَلَّى فِيهِ صَلَاةً، كَانَ لَهُ كَأَجْرِ عُمْرَةٍ» [7]
މާނައީ: “ގޭގައި ޠާހިރުވެ، އެއަށްފަހުގައި ޤުބާ މިސްކިތަށް އައިސް އެމިސްކިތުގައި ނަމާދެއް ކޮށްފިމީހާއަށް ޢުމުރާއެއްގެ އަޖުރުވެއެވެ.”
– އަދި ނަސާއީގެ ރިވާޔަތުގައި ވެއެވެ. ސަހްލު ބުން ޙުނައިފް رضى الله عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ خَرَجَ حَتَّى يَأْتِيَ هَذَا الْمَسْجِدَ – مَسْجِدَ قُبَاءَ – فَصَلَّى فِيهِ كَانَ لَهُ عَدْلَ عُمْرَةٍ» [8]
މާނައީ: “މީހަކު ޤުބާ މިސްކިތަށް އައިސް މިމިސްކިތުގައި ނަމާދެއް ކޮށްފިނަމަ، އޭނާއަށް އެކަން ޢުމުރާއަކާ އެއްފަދަވެގެންވެއެވެ.”
* ޤުބާ މިސްކިތުގައި ކުރާ ނަމާދަށް ޢުމްރާއެއްގެ ޘަވާބު ހާޞިލުވުމުގައި ގެއިން ޠާހިރުވެގެން އައުން ޝަރުޠުވެގެން ވޭ ހެއްޔެވެ؟
މިކަމާ ގުޅޭގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެއެވެ.
“ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. «مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ أَتَى مَسْجِدَ قُبَاءَ» [މާނައީ: ގޭގައި ޠާހިރުވެ، އެއަށްފަހުގައި ޤުބާމިސްކިތަށް އަންނަމީހާ ދަންނައެވެ.] މި ބަސްފުޅު އައިސްފައިވަނީ ދަތުރު ހަދައިގެން ޤުބާ މިސްކިތަށް ދިއުން ޝަރުޢުކުރައްވާފައި ނުވާކަމަށް ސަމާލުކުރުމަށެވެ. އަދި ކިއެއް ހެއްޔެވެ. އެފަދަ މީހަކު ނުކުންނާނީ އޭނާގެ ގެއިން ޠާހިރުވެގެންނެވެ. ދެން އެމިސްކިތަށް ދިއުމަށް ޤަޞްދުކޮށް ދަނީއެވެ. އެއީ ދަތުރު ހަދައިގެން މިސްކިތަކަށް ދިއުމުގެ ބަދަލުގައި، މީހަކު އޭނާ އުޅޭ ރަށުގައި ހުންނަ މިސްކިތަކަށް ޤަޞްދުކޮށްގެންދާ ފަދައިންނެވެ.” [9]
އަދި އައްސިންދީ رحمه الله ވިދާޅުވެފައިވެއެވެ.
“«مَنْ تَطَهَّرَ فِي بَيْتِهِ» [މާނައީ: ގޭގައި ޠާހިރުވި މީހާ ދަންނައެވެ.] މި ބަސްފުޅުގައި މިވާ ޤައިދަކީ އެޘަވާބު ހާޞިލުވުމަށް އޮތް ޤައިދެއްކަމުގައި ނުފެނެއެވެ. (އެބަހީ: ޤުބާ މިސްކިތަކީ ދުރު ރަށްތަކުން ދަތުރުހަދައިގެން ހަމައެކަނި އެމިސްކިތަށް އައުމުގެ ނިޔަތުގައި އަންނަން އޮތް މިސްކިތެއް ނޫންކަމަށެވެ.) ނަމަވެސް އެ މިސްކިތުގެ ކައިރިއަށް އާދެވޭ މީހަކު އެމިސްކިތަށް ދިޔުމަށް ސަމާލުކުރުމަށެވެ. އެއީ ޤުބާގެ އަހުލުވެރިންނާއި މަދީނާގެ އަހުލުވެރިން ފަދައިން (އަދި މަދީނާއަށް މަސްޖިދުއްނަބަވީއަށް ޒިޔާރަތަށް އަންނަ މީހުން ފަދައިން) ދަތުރު ހަދައިގެން ނުގޮސް، އޭނާގެ ގެއިން ޠާހިރުވެގެން އެޠާހިރުކަން މަތީގައި އެމިސްކިތުގައި ނަމާދުކުރެވޭ ހިސާބުގައި އުޅޭ މީހުންނެވެ. އެހެނީ ތިން މިސްކިތަކަށް މެނުވީ ދަތުރު ހަދައިގެން ދިއުމެއް ނުވެއެވެ. އިސްވެ ދިޔަ ޙަދީޘްގައި އެޤައިދު ޛިކުރު ކުރައްވާފައި ނުވަނީ އެހެންވެއެވެ. (އެޙަދީޘްގައި ވަނީ: “ޤުބާ މިސްކިތުގައި ކުރާ ނަމާދު (އަޖުރުގެ ގޮތުން) ޢުމްރާއަކާ އެއްފަދައެވެ.” ” [10]
[1] ބައްލަވާ: زاد المعاد لابن القيم (3 / 52).
[2] سورة التوبة 108.
[3] ބައްލަވާ: منهاج السنة لابن تيمية (4/ 24).
[4] رواه البخاري / كتاب: فضل الصلاة في مسجد مكة والمدينة / باب: من أتى مسجد قباء كل سبت / رقم: 1193.
[5] رواه مسلم / كتاب: الحج / باب: فضل مسجد قباء، وفضل الصلاة فيه، وزيارته / رقم: 516 – (1399).
[6] رواه الترمذي / كتاب: أبواب الصلاة / باب: ما جاء في الصلاة في مسجد قباء / رقم: 324 ، وصححه الألباني في صحيح الجامع (3872).
[7] رواه ابن ماجه / كتاب: إقامة الصلاة، والسنة فيها / باب: ما جاء في الصلاة في مسجد قباء / رقم: 1412 ، وصححه الألباني في صحيح الترغيب والترهيب (1181).
[8] رواه النسائي / كتاب: المساجد / باب: فضل مسجد قباء والصلاة فيه / رقم: 699 ، وصححه الألباني في صحيح وضعيف سنن النسائي.
[9] اقتضاء الصراط المستقيم لابن تيمية (2 / 342).
[10] حاشية السندي على سنن ابن ماجه (1 / 431).