ސުވާލު:
ﷲ سبحانه تعالى އަޅަމެންގެ މައްޗަށް ކުރިމަތި ކުރައްވަވާފައި މިވާ ކޮރޯނާ ވައިރަހުގެ މުސީބާތުގެ ސަބަބުން މިސްކިތްތަކުގައި ފަރުޟު ފަސް ނަމާދުގެ ޖަމާޢަތާއި ހުކުރު ނަމާދުވެސް މެދުކަނޑާލެވިފައިވާ މި ވަގުތުގައި، އަޚުންތަކެއް އެއްވެ އެއިން އަޚެއްގެ ގޭގައި ހުކުރު ނަމާދު ކޮށްފިނަމަ ނުވަތަ ގޭގެ ވެރިޔާ އެ ގޭގެ އަހުލުވެރިންނާއެކު ހުކުރު ނަމާދު ކޮށްފިނަމަ އެ ޢަމަލަކީ ޝަރުޢުވެގެންވާ ޞައްޙަ ޢަމަލެއް ހެއްޔެވެ؟
ޖަވާބު:
الحمد لله وحده، وصلَّى اللهُ وسلِّم على من لا نبي بعده، أما بعد:
މި ޙާލަތުގައި ހުކުރު ނަމާދު ކުރުމެއް ނެތެވެ. ކުރުން އޮތީ މެންދުރު ނަމާދުގެ ހަތަރު ރަކުޢަތެވެ. އެއީ އަންނަނިވި ސަބަބުތަކަށްޓަކައެވެ.
ފުރަތަމަ ސަބަބު: މިފަދައިން ކުރެވޭ ހުކުރު ނަމާދަކީ ޝަރުޢީ މިންގަނޑުގެ ތެރެއިން އިޒުނަ ލިބެންޖެހޭ ފަރާތްތަކުން އިޒުނަ ލިބިގެން ކުރެވޭ ހުކުރަކަށް ނުވާތީއެވެ.
ދެވަނަ ސަބަބު: ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މުޢުތަބަރު ޢުޛުރަކާއެކު މެނުވީ ގިނަ ޖަމާޢަތްތަކެއްގައި ހުކުރު ކުރުން ހުއްދަވެގެން ނުވެއެވެ. އެއީ މިސްކިތް ކުޑަވުމާއި މީހުން ގިނަވުމުގެ ސަބަބުން، ނުވަތަ މީސްތަކުންގެ މެދުގައި އުފެދިފައިވާ ޢަދާވާތްތެރިކަމެއްފަދަ ސަބަބަކާ ހުރެ މެނުވީ ގިނަ ޖަމާޢަތްތަކެއްގައި ހުކުރު ނަމާދު ކުރުން ހުއްދަވެގެން ނުވެއެވެ. އެހެންކަމުން ކޮންމެ ގެއެއްގައި ޖަމާޢަތް ހަދައިން ހުކުރު ކުރުން ނަހީވެގެންވުން މާ އައުލާވެގެންވެއެވެ.
ތިންވަނަ ސަބަބު: ހުކުރު ނަމާދަކީ އިސްލާމީ ޤައުމެއްގެ ދީނީ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. އަދި ގެތަކުގައި ހުކުރު ނަމާދު ކުރުމަކުން މި ޝިޢާރު ޤާއިމުވެގެނެއް ނުދެއެވެ. އެހެނެއްކަމަކު އެއީ ހުރިހާ ގޮތަކުންވެސް މި ޝިޢާރާ ޚިލާފު ކަމެކެވެ.
ހަތަރުވަނަ ސަބަބު: ހުކުރު ނަމާދުކުރުން ވާޖިބުވާ ޝަރުޠުތައް ފަހިގެވެން ވުމާއެކުވެސް، ޖަލު ޤައިދީންނާއި ބަލިމީހުންފަދަ ޢުޛުރުވެރީންނަށް ހުކުރު ނަމާދުކުރުން ޝަރުޢުވެގެން ނުވެއެވެ. މިއީ ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތެވެ. شيخ الإسلام ابن التيمية رحمه الله އެކި އަހަރުތަކުގެ މަތިން 7 އަހަރު ޖަލަށް ލެވުނެވެ. އަދި ޖަލުގައި ހުންނެވިއިރު ޤައިދީންނާއެކު ހުކުރު ނަމާދު ކުރެއްވިކަމަށް ނަޤަލު ކުރެވިފައެއް ނުވެއެވެ. އަދި އަޙުލުއްސުންނަތުގެ އިމާމު أحمد بن حنبل رضي الله عنه 28 މަސް ދުވަސް ޖަލުގައި ހޭދަ ކުރެއްވިއެވެ. ނުވަތަ އެއަށްވުރެ ގިނަ ކަމުގައިވެސް ބުނެވެއެވެ. އަދި އެކަލޭގެފާނުވެސް އެކަލޭގެފާނާއެކު ޖަލުގައި ތިއްބެވި މީހުނާއެކު ހުކުރު ނަމާދު ކުރެއްވިކަން އެނގޭކަށް ނެތެވެ.
މި ސަބަބުތަކަށްޓަކައި އަދި މީސްތަކުން އެއްވެ އުޅުމަކީ މި ވަބާ އަވަހަށް ފެތުރިގެން ހިނގައިދިއުމުގެ ސަބަބަކަށް ވެދާނެކަމަށްޓަކާ މީސްތަކުންނަށް އޮތީ ހުކުރު ދުވަހު އެބައިމީހުންގެ ގެތަކުގައި މެންދުރު ނަމާދުގެ ހަތަރު ރަކުޢަތް ކުރުމެވެ.
މި ދަނޑިވަޅުގައި އެންމެހާ މުސްލިމު އަޚުންނާއި އުޚްތުން ﷲއަށް ތައުބާވެ، ފާފަ ފުއްސެވުންއެދި ދަންނަވާ، އެންމެހާ ފާފަތަކާއި މުންކަރާތްތަކުން ދުރުހެލިވެ ﷲގެ ޙަޟްރަތައް ރުޖޫޢަވުމަށް ނަސޭޙަތްތެރިވަމެވެ. ހަމަކަށަވަރުން އެކަންކަމީ މުސީބާތް އުފުއްލަވާ ނެތިކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ.
﴿وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ﴾ [سورة النور: ٣١]
މާނައީ: “އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲއަށް ތައުބާވާށެވެ. (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ.”
﴿وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ﴾ [سورة الزمر: ٥٤]
މާނައީ: “އަދި ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތަށް ތައުބާވެ، އެއިލާހަށް ކިޔަމަންވާށެވެ.”
ﷲ سبحانه وتعالى އެ އިލާހުގެ ދީނަށް ނަޞްރުދެއްވާ އެ އިލާހުގެ ކަލިމަފުޅު މަތިވެރި ކުރައްވާނދޭވެ!
وصلَّى الله وسلَّم على نبيِّنا محمَّد.
______________________________
ޖަވާބު ދެއްވީ: فضيلة الشيخ عبد الرحمن بن ناصر البراك