[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة المطففين ގެ ފުރަތަމަ އާޔަތްތަކުން ފިލާވަޅުތަކެއް

ސޫރަތުގެ ކުރު ތަޢާރަފެއް

މި ސޫރަތަކީ ކީރިތި ޤުރްއާނުގެ ތަރުތީބަށް ބަލާއިރު 83 ވަނަ ސޫރަތެވެ. މައްކާ އަދި މަދީނާގައިވެސް ބައެއް އާޔަތްތައް ބާވައިލެއްވުނު ސޫރަތެކެވެ. އެހެންކަމުން މި ސޫރަތަކީ މައްކީ ސޫރަތެއްތޯ ނުވަތަ މަދަނީ ސޫރަތެއްތޯ ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަ ހުއްޓެވެ. އެގޮތުން އިބްނު މަސްޢޫދުގެ އަރިހުން ރިވާވެފައިވަނީ މި ސޫރަތަކީ މައްކީ ސޫރަތެއް ކަމަށެވެ. އަދި އިބްނު ޢައްބާސް ގެ އަރިހުން މަދަނީ ސޫރަތެއްކަމަށް ރިވާވެގެން ވެއެވެ.[1] ކޮންމެއަކަސް މި ސޫރަތަކީ މަދީނާގައިވެސް ބާވައިލެއްވި ސޫރަތެއްކަމަށް ދަލީލުތައް ފެންނަން އެބަ ހުއްޓެވެ. އެގޮތުން އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން އައިސްފައި ވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖްރަކުރެއްވި އިރު މަދީނާއަކީ މިނެ ކިރުމުގައި އެންމެ ނުބައި މީސްތަކުން އުޅުނު ތަނެވެ. ދެން ﷲ ތަޢާލާ {{وَيْلٌ لِّلْمُطَفِّفِينَ}} ބާވައި ލެއްވިއެވެ. އެއަށްފަހު އެބައިމީހުން މިނެކިރުމުގެ ކަންކަން އިޞްލާޙުކޮށް ރަނގަޅު ކޮށްފި އެވެ.[2]

 

ސޫރަތުގަ އެކުލެވިގެންވާ މަޢުޟޫޢުތައް

މި ސޫރަތަކީ ޙިސާބު ބެއްލެވުމާއި ޙިސާބު ބެއްލެވުމުގެ ފުރިހަމަކަން ހަނދުމަކޮށްދޭ ސޫރަތެކެވެ. އަދި އިސްލާމް ދީން ދޮގުކޮށް ދެކޮޅުވެރިވީ މީހުންގެ ޙާލަތާއި އެބައިމީހުންގެ ޢަމަލުތަކާ އަދި ތަޤްވާވެރިވީ މީހުންނަށް ހުރި ނިޢުމަތްތަކުގެ ވާހަކަ، ﷲ ތަޢާލާ މި ސޫރަތުގައި ބަޔާންކުރައްވާފައި ވެކެވެ. ޖުމްލަ 36 އާޔަތް ހިމެނޭ މި ސޫރަތަކީ ދިރިއުޅުމުގައި ރެޔާއި ދުވާލު ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގައި މަކަރު ހަދާ މީހުންނަށް ހުރި ގެއްލުން ވެސް ބަޔާންކުރައްވާފައިވާ ސޫރަތެކެވެ.

 

ސޫރަތުގެ ފުރަތަމަ އާޔަތްތައް

މި ސޫރަތުގެ ފުރަތަމަ އާޔަތްތަކުން މުޅި އިންސާނިއްޔަތަށް ﷲ ތަޢާލާ ބަޔާން ކޮށްދެއްވާފައިވަނީ މިނެ ކިރުމުގައި މަކަރާއި ހީލަތް ނުހެދުމަށެވެ. އަދި މިނެ ކިރުމުގައި މީސްތަކުންގެ މެދުގައި ޢަދުލުވެރި ވުމަށެވެ. މީސްތަކުންގެ މުދަލަށް އަނިޔާވެރި ނުވުމަށެވެ. އެހެނީ ސޫރަތުގެ ފުރަތަމަ އާޔަތުގެ މާނަ އަށް ވިސްނާލީމަ ވެސް މިކަން އެނގި ކަށަވަރު ވެގެން ދެއެވެ. އެ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވަނީ:

{{وَيْلٌ لِّلْمُطَفِّفِينَ}}

“މިނެ ކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ.”

އެހެނީ މީސްތަކުންނަށް މުދާ ވިއްކުމުގައި ޢަދުލުވެރިކަން ޤާޢިމްކުރުމަކީ ކުރުން ލާޒިމު ކަމެކެވެ.

ދެން އެއަށްފަހު މިނެ ކިރުމުގައި އުނިކުރާ މީހުންގެ ސިފަ ނުވަތަ އެބައިމީހުން ޢަމަލު ކުރާ ގޮތް ﷲ ތަޢާލާވަނީ ބަޔާން ކުރައްވާފައެވެ.

{{الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ (2) وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ (3) أَلَا يَظُنُّ أُولَٰئِكَ أَنَّهُم مَّبْعُوثُونَ (4) لِيَوْمٍ عَظِيمٍ (5)}}

“އެބައިމީހުންނަކީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ. (2) އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. (3) އެބައިމީހުން ފޮނުއްވާނޭ ކަމުގައި އެބައިމީހުން ޔަޤީން ނުކުރަނީ ހެއްޔެވެ؟” (4) ބޮޑުވެގެންވާ ދުވަހަކަށެވެ. (5)”

އެބައިމީހުންނަކީ، އެބައިމީހުން އެއްޗެއް ގަންނަ ނަމަ ވަޒަން ހަމަ ކުރަން ބޭނުންވާ، ނަމަވެސް އެހެން މީހުންނަށް އެއްޗެއް ވިއްކާ ނަމަ އުނިކޮށްގެން ވިއްކާ މީހުންނެވެ. މިސާލަކަށް: 5 ކިލޯ ހަނޑޫ ގަންނަން މީހަކު އައުމުން އޭނާ އަށް 4.99 ކިލޯ ގްރާމް ދިނުންވެސް ވާނީ އޭނާގެ ޙައްޤުގައި ވެވޭ އަނިޔާ އަކަށެވެ.

މި އާޔަތްތަކާއިމެދު ވިސްނާލާއިރު އެނގިގެންދަނީ މީސްތަކުންގެ މުދާ ނުޙައްޤުން އަތުލުން ﷲ ތަޢާލާ ވަނީ ޙަރާމް ކުރައްވާފައިކަމެވެ.  އެގޮތުން ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ އަތުލާ މީހުންނަށް ނަރަކައިގެ ޢަޛާބު ހުރިކަމުގެ ވާހަކަ ފުރަތަމަ އާޔަތުގައި ބަޔާންވެފައި އެވަނީ އެވެ. މި ނޫންވެސް ކީރިތި ޤުރްއާނުގެ އެތަކެއް އާޔަތް ތަކުގައި ﷲ ތަޢާލާ ވަނީ މީސްތަކުންގެ މުދާ ނުޙައްޤުން އަތުލުން މަނާ ކުރައްވާފައެވެ. އަދި ހަމަ އެހެންމެ މިނެކިރުމުގައި މަކަރު ހެދުމުގައި ހައްދު ފަހަނަ އެޅުމުގެ ސަބަބުން، ﷲ ތަޢާލާ ވަނީ ސަލާމް ލެއްވި ޝުޢައިބްގެފާނުގެ ޤައުމުގެ މީހުންކުރެ ނުކިޔަމަންތެރިވި މީހުން ޙަލާކު ކުރައްވާފައެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ މީސްތަކުންނާއެކު ކުރާ މުޢާމަލާތްތަކުގައި ޢަދުލުވެރިވެ ޚާއްޞަކޮށް މިނެކިރުމުގައި މަކަރު ހެދުމުން އެއްކިބާ ވުމެވެ.

 

ބަޔާންކުރެވުނު އާޔަތް ތަކުން ލިބިގަންނަންވީ ބައެއް މުހިންމު ފިލާވަޅުތައް:

  1. މީސްތަކުންގެ މުދަލަކީ ޙުރުމަތްތެރި ވެގެންވާ އެއްޗެއްކަން.
  2. މިނެކިރުމުގައި މަކަރު ހެދުމަކީ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ކަމެއްކަން.
  3. މިނެ ކިރުމުގައި މަކަރު ހަދާ މީހުންނަށް ނަރަކައިގެ ގަދަފަދަ ޢަޛާބު ހުރިކަން.
  4. މިނެ ކިރުމުގައި ޢަދުލުވެރި ވާން ޖެހޭނެކަން.
  5. އަމިއްލަ ނަފްސަށް އެދޭ ހެޔޮ ކަންކަން އަނެކާއަށްވެސް އެދެން ޖެހޭނެކަން.
  6. ތިމާމެންގެ ހިސާބު ބެއްލެވޭނެ ދުވަހެއް އަންނާނެކަން ޤަބޫލުކޮށް ދުނިޔޭގައި މީސްތަކުންނަށް ހެޔޮކޮށް ހިތުން.

 

މި ލިޔުން ލިޔުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވާނީ:

  1. تفسير ابن كثير
  2. تفسير جزء عم، محمد بن صالح بن محمد العثيمين (المتوفى: 1421هـ)،ط2، 1423 هـ – 2002 م، دار الثريا للنشر والتوزيع، الرياض
  3. التفسير والبيان لأحكام القرآن، للشيخ الطريفي، ط2، 1439هــ.

___________________________________

[1]  ބައްލަވާ: التفسير والبيان لأحكام القرآن، للشيخ الطريفي، ط2، 1439هــ.

[2] ބައްލަވާ: تفسير ابن كثير