[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިތުރީގައި ކިޔާ ޤުނޫތު 1

الحمد لله والصلاة والسلام على رسول الله وعلى جميع صحابته ومن اهتدى بهداه

ޙަމްދުހުރީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތަށެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުޢާކުރަނީ އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. އަދި މިޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ ޞަޙާބީންނާއި އެކަލޭގެފާނުގެ ޙިދާޔަތަށް ތަބަޢަވީ އެންމެން ޝާމިލުކުރަމެވެ.

މި ރިސާލާއަކީ ވިތުރީގައި ކިޔާ ޤުނޫތާއި ބެހޭގޮތުން ފާހަގަ ކޮށްލަންޖެހޭ މުހިންމު ކަންތައްތަކެއްގެ މައްޗަށް އެކުލެވޭ ލިޔުމެކެވެ. މިއީ މިކަމާއި ބެހޭގޮތުން ވަރަށް ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމެކެވެ. މީގެ ބައެއް ކަންކަން ފެތުރިފައިވަނީ (ޝަރުޢީ ގޮތުން) އެއްވެސް އަޞްލެއް ނެތިއެވެ. އެއީ އެކަންކަމާއި ބެހޭގޮތުން ވާރިދުވެގެން އައިސްފައި ނުވާ އަދި އަޑުއަހާފައި ވެސް ނުވާ ކަންކަމެވެ. އެހެންކަމުން މިކަންކަން ބަޔާންކުރުމުގެ ޙާޖަތް ބޮޑުވެގެންވެއެވެ. ވަކިން ޚާއްސަކޮށް ވިތުރީގެ ޤުނޫތަކީ އަޑުހަރުކޮށް ކުރެވޭ އަޅުކަމެކެވެ. އިމާމު މީހާ އަޑުހަރުކޮށް ދުޢާ ކިޔުމުން މައުމޫމުން އާމީން ކިޔައެވެ.

މީސްތަކުންނަށް ލާޒިމްވެގެންވަނީ އެބައިމީހުންގެ އަޅުވެތިވުމާއި ދުޢާއާއި ޤުނޫތު އަދި އެނޫން ކަންތައްތަކުގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި ހިދާޔަތާ އެއްގޮތަށް ޢަމަލުކުރުމެވެ.

މި ލިޔުމުގައި މުހިންމު ކަންތައްތަކެއްގެ ގޮތުގައި އަލިއަޅުވާލާފައިވާނީ މިކަމުގެ ރަނގަޅު ގޮތާއި ނުބައި ގޮތް ފަރަޤު ކުރުމަށާއި ، ރަނގަޅު ގޮތާއި އެންމެ ރަނގަޅު ގޮތް ބަޔާންކުރުމާއި އަދި ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުއުމިނުން ދުޢާކުރާ ގޮތް ނޫން ގޮތަށް ތަބާވުމަކީ ކޮބައިކަން ބަޔާން ކުރުމެވެ. އަދި އެއަށްފަހު ޤުނޫތުގެ ދުޢާ ނައްޞު ކުރުމަށްފަހު އިތުރަށްވާ ބައިގެ ޟާބިތު (ޤަވާޢިދުތައް) ޝަރުޢީގޮތުން ގެނައުމެވެ. އެއަށްފަހު ޤުރުއާނާއި ސުންނަތުން ޘާބިތުވެފައިވާ ޖާމިޢު ދުޢާތައް ހިމަނައިފައިވާނެއެވެ. އެއީ ޤުނޫތު ކިޔާމީހާ އެއިގެ ތެރެއިން މިންވަރެއް މީސްތަކުންނަށް އުނދަގޫ ނުވާނޭހެން އިޚްތިޔާރު ކުރުމަށެވެ.

މިކަންތައްތައް ބަޔާން ކުރުމަށްޓަކައި މިރިސާލާ 3 ބަޔަކަށް ބަހާލެވިފައިވާނެއެވެ

 

 

ފުރަތަމަ ބައި

ޤުނޫތު ކިޔުމުގައި ދުރުހެލިވާން ޖެހޭ ކަންތައްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ކަންތައްތައް

ފުރަތަމަ ކަންތައް : ދުޢާ ކުރާއިރުގައި ލަވަކިޔާ ރާގަށާ އަދި  މީހުންނަށް ވިސްނައިގަންނަން އުނދަގޫ ފުން ޢިބާރާތްތައް ބޭނުންކުރުމާއި ދަމަދަމައިގެން ކިޔުމަކީ ރަނގަޅުގޮތެއް ނޫނެވެ. އެއީ ނިކަމެތިވުމާއި އަޅުކަމާއި އަޅުވެތިވުމާއި ޚިލާފުކަމެކެވެ. އަދި އެފަދަ ޢަމަލުތައް މަގު ދައްކަނީ ދެއްކުންތެރިކަމާއި ތިބާގެ އަމިއްލަ ނަފްސަގެ މޮޅުކަން އަމިއްލައަށް ފެނުމާ އަދި މީސްތަކުން އެކަމަށް ޢަޖައިބުކުރުވުމަށް ކުރާ ކަންތައްތަކަށެވެ. އެފަދައިން ކަންތައް ކުރާ މީހުންނަށް އިހުގެ ޢިލްމުވެރިންނާއި ފަހުގެ ޢިލްމުވެރިންވެސް އިންކާރު ކުރައްވައެވެ.

އެހެންކަމުން ﷲ ތަޢާލާ އެމީހަކަށް މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރުމަށާއި ޤުނޫތު ކިޔުމުގެ ތަޢުފީޤު ދެއްވި ކޮންމެ މީހަކަށް ވަނީ އެމީހެއްގެ ނިޔަތް ރަނގަޅުކުރުމެވެ. އަދި ދުޢާ ކިޔާއިރު މެދު މިންގަނޑެއްގައި އެމީހެއްގެ އަޑު ބެހެއްޓުމެވެ. އަދި ޚުޝޫޢަތްތެރި ކަމާއި އިޚްލާސްތެރިކަމާއެކު ދުޢާކުރުމެވެ. އަދި އެމީހެއްގެ ހިތް ﷲ އާއި ގުޅިގެންދިޔުމަށް ހުރަސް އެޅޭފަދަ ކަންކަމުން ދުރުހެލިވުމެވެ.

ދެވަނަ ކަންތައް  : ޝަރީޢަތުގައި އެކަމުގައި އެއްވެސް އަޞްލެއް ނެތް ހަދާއިފައިވާ ދުޢާތަކާ އަދި އެދުޢާތަކުގައި ބީރައްޓެހި އަދި އެއްވެސް މަޤްސަދެއް ޙާސިލް ނުވާ ދުޢާތަކާއި ދުރުހެލިވެ އަމިއްލައަށް ދުޢާ ހެދުމުގައި ތަކްލީފު ނުޖެހުމެވެ. އޭގެ ސަބަބުން އިމާމު މީހާއަށް ހިތުދަސްކުރުމަށާއި ފަސޭހަ ކަމާއެކު ސިކުނޑިއަށް ނަގާ ގަތުމަށް އުނދަގޫވެއެވެ. ނަތީޖާއަކީ ބައިވަރު ކުށްޖެހި ކިޔަން އުޅޭގޮތް ނޫން ގޮތަށް ދުޢާ ކިޔުމެވެ.

އެހެން އެކަން ވެގެން ދާއިރުވެސް ބައެއް އިމާމުން އެފަދައިން ދުޢާކުރަމުން ދެއެވެ. އެފަދަ މީހުންގެ ޢަމަލުތަކުން ހީވަނީ އެއީ އުންމަތް ދޫކޮށްލާފައިވާ ދިރުވަން ޖެހޭ ސުންނަތެއް ހެނެވެ.

 

= ނުނިމޭ =

___________________

الشيخ بكر بن عبدالله أبو زيد ލިޔުއްވާފައިވާ دعاء القنوت في الوتر ގެ ތަރުޖަމާއެވެ.

 

އެހެނިހެން ބައިތައް