[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ޙަޔާތުން އުފާވެރިކަން ޙާޞިލުކުރައްވާ – 2

ތިބާ ދަސްކުރާނީ ކޮން އެއްޗެއް

 

   ޢާންމު ގޮތެއްގައި މީސްތަކުން ހިތާމަޔާއި އުފާވެރިކަން ކުރިމަތިވާ ސަބަބުތަކާ މެދު އެއްބަސްވެއެވެ. ދުނިޔެ އެމީހުންނަށް ހިނިތުންވެ، އެމީހުންގެ މުދާތައް އިތުރުވެ، ބަލިތަކުން ފަސޭހަވެ އެމީހުން އުންމީދުކުރާ ކަންތައް ޙާޞިލުވުމުން އެ ހުރިހާ އެންމެންނަށްވެސް ހިތްހަމަޖެހި، އުފާވެރިކަން އިޙްސާސް ކުރެވެއެވެ. ހަމަ އެއާއެކު، އެމީހުން ފަޤީރުވެ، ބަލިތަކުގެ ޝިކާރައަށްވެ ނުވަތަ އެމީހެއްގެ ނަފްސުގެ ނިކަމެތިކަން ފާޅުވުމުން އެންމެންވެސް ހިތާމަކުރެއެވެ. ކަން މިހެން އޮތުމާއެކު އަހަރުމެންގެ އުފާވެރިކަމާއި އަމާންކަން ދެމިހުންނަ އެއްޗަކަށް ހަދާނެ ގޮތެއް ހޯދަމާ ހިނގާށެވެ.

  އާނއެކެވެ. ޙަޔާތުގައި އަޑިގުޑަންތައްވެސް ހުރެއެވެ. މި ކަމުގައި އަހަރެން ތިބާއާއި އެއްބަސް ވަމެވެ. ނަމަވެސް އަހަރެމެންގެ ޙަޔާތުގައި ކުރިމަތިވާ މުޞީބާތްތަކަކީ އޭގެ އަޞްލަށް ވުރެ ބޮޑެތި ކަންތައްތަކެއް ކަމުގައި އަހަރެމެންނަށް ތަސައްވުރު ކުރެވެނީ ކީއްވެ ހެއްޔެވެ؟ އެންމެ ގަޑިއިރަކުން އަހަރެމެންނަށް އަރައިގަނެވިދާނެ ކަންތައްތަކާމެދު އަހަރެމެން މާޔޫސް ވެފައި އެތައް ދުވަހެއް ވަންދެން ތިބެނީ ކީއްވެ ބާވައެވެ؟ އަހަރެމެން ހިތާމަކުރުން ޙައްޤު ނުވާ ކަންތައްތަކާމެދު އެތައް ގަޑިއިރެއް ވަންދެން އަހަރެމެން ހިތާމަ ކުރަނީ ކީއްވެ ހެއްޔެވެ؟

  ހިތާމައާއި ހިތްދަތިކަމަކީ މީހާގެ ހުއްދަ ހޯދުމެއް ނެތި ހިތަށް ހަމަލާދޭ އެއްޗެއްކަން އަހަރެމެން އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް، ހުޅުވާލެވޭ ހިތާމަވެރިކަމުގެ ކޮންމެ ދޮރެއްވެސް އެތައް ހާސް ތަފާތު އުކުޅުތަކެއް ބޭނުންކޮށްގެން ލައްޕާލެވޭނެއެވެ. ކިހިނެތް ހެއްޔެވެ؟ މިއީ އަހަރެމެން މި ފޮތުގައި ދަސްކުރާނެ އެއްޗެކެވެ.

  ދެން، އަހަރެމެން އެހެން މައްސަލަ އަކާ ބެހޭގޮތުން ވާހަކަ ދައްކަމާ ތޯއެވެ؟

  އަހަރެމެންނަށް އެހެންމީހުންގެ ލޯބި ލިބިފައިވާ، އެމީހުންނާ ބައްދަލުވުމުން މީސްތަކުން އުފާ ފާޅުކުރާ އަދި އެމީހުންނާ އެކީވުމަށް މީސްތަކުން އެދޭ ކިތައް މީހުން ފެނޭ ހެއްޔެވެ؟ ތިބާ އެންމެ ފަހަރަކުވެސް މިފަދަ މީހަކަށް ވެވޭނެ ނަމަ އޭ ހިތަށް އެރި ހެއްޔެވެ؟ ތިބާ އަބަދުވެސް އެހެނިހެން މީހުންނާމެދު ފަޚުރުވެރި ވާން ތިބާގެ އަމިއްލަ ނަފްސަށް ހުއްދަ ދެނީ ކީއްވެ ހެއްޔެވެ؟ އެމީހުން ފަދަ ފަޚުރުވެރި، ކާމިޔާބު މީހަކަށް ވުމަށް ތިބާ މަސައްކަތް ނުކުރަނީ ކީއްވެ ހެއްޔެވެ؟ މި ފޮތުގައި އަހަރެމެން މިކަން ކުރާނެ ގޮތްވެސް ދަސްކުރާނަމެވެ.

  މީހުން އެއްވެފައިވާ މަޖްލީހެއްގައި ތިބާގެ ދެބެއިންގެ ދެދަރި ކުއްޖާ ވާހަކަ ދައްކާއިރު މީސްތަކުން އޭނާ ދައްކާ ވާހަކައިގެ އަޑު އަހަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ބަލާޣާތްތެރިކަމުން މީހުންގެ ސަމާލުކަން ހޯދާ އެމީހުންގެ ހިތްތައް ދަމައިގަންނަނީ ކިހިނެއް ބާވައެވެ؟ މިއާ ޚިލާފަށް ތިބާ ވާހަކަ ދައްކަން ފެށުމުން މީސްތަކުން މޫނު އަނބުރާލާ، އެމީހުންގެ އަމިއްލަ ވާހަކަތަކުގައި މަޝްއޫލުވަނީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ވުރެ އޮށްޓަރު ހުރި ނުކުތާތައް ތިބާ މަޝްވަރާ ކުރީމެވެ. އޭނާއަށް ވުރެ މަތީ ޑިގްރީއަކާއި މަތީ މަޤާމެއް ތިބާ އަތުގައި ވެއެވެ. ނަމަވެސް އޭނާއަށް މީސްތަކުންގެ ސަމާލުކަން ލިބިފައި ތިބާއަށް ނުލިބުނީ ކީއްވެ ހެއްޔެވެ؟

   ވަކި ބައްޕައަކަށް އޭނާގެ ދަރިންގެ ލޯބި ލިބެނީ ކީއްވެ ހެއްޔެވެ؟ އެ ދަރިން އޭނާއާއި އެކުގައި އަބަދުމެ ވުމަށް ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ ހަމަ މިފަދައިން، އެހެން ބައްޕައެއް އޭނާގެ ދަރިންނާ އެކުގައިވުމަށް މަސައްކަތް ކުރުމުންވެސް އެ ދަރިން އެކިއެކި ބަހަނާތައް މަތިކުރުވާ އެކަމުން ރެކި ގަނެއެވެ. ކީއްވެ ތޯއެވެ؟ އެ ދެމީހުންނަކީވެސް ހަމަ ބައްޕައިން ނޫންތޯއެވެ؟

  މިފޮތުގައި، އަހަރެމެން ދަސްކުރާނީ އަހަރެމެންގެ ޙަޔާތުން އުފާވެރިކަން ޙާސިލުކުރާނެ ގޮތެވެ. އަހަރެމެން މީސްތަކުންގެ ސަމާލުކަން ހޯދާ، ނުފޫޒު ފޯރުވާނެ ގޮތާއި، އެމީހުންގެ ކުށްތަކަށް ކެތްތެރިވާނެ ގޮތާއި، ނުބައި އަޚްލާޤުގެ ވެރިންނާއި މެދު ކަންތައްކުރާނެ ގޮތް އަދި މިނޫންވެސް އެތައް ކަމަކަށް މި ފޮތުގައި އަލި އަޅުވާލާނަމެވެ.

ބަސްކޮޅެއް:
ކާމިޔާބަކީ އެހެން މީހުންނަށް ކަމުދާ ކަންކަން ހޯދައިގަތުމެއް ނޫނެވެ.
ކާމިޔާބަކީ އެމީހުންގެ ލޯބި ލިބޭނެފަދަ އުކުޅުތައް ތިބާގެ ނަފްސުގައި އަށަގެންނެވުމެވެ.

 

______________________________

ތަރުޖަމާކުރީ:

އީނާޝް އިބްރާހީމް

ބިންތު އަޙްމަދު

އުންމު މުޙްސިނު

 

މިއީ ޑރ. މުޙައްމަދު ޢަބްދުލް ރަޙްމާން އަލް ޢަރީފީ ލިޔުއްވާފައިވާ استمتع بحياتك ގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެންބައިތައް