ފަސްވަނަ ކަންތައް: ޢިބާރާތްތައް އުނދަގޫ އަދި ތަފްޞީލު ގިނަ އަމިއްލައަށް ހަދާފައިވާ ދުޢާތަކާއި ދުރުހެލިވުމާއި ލަފްޒުތަކުން ޖަޒުބާތު ގެނުވައި ކިޔުމަށް އުނދަގޫވެ ރޮއްވާލާ އަދި ހުއްޓުން އަރާފަދަ އަދި އެކި މިޒާޖުގެ މީހުންނަށް އެމީހުންގެ ނިސްބަތުން ތަފާތު އަސަރުތަށް ކުރުވާފަދަ ދުޢާތަކާއި ދުރުހެލިވުން.
އޭގެ ތެރޭގައި ﷲ ތަޢާލާގެ ހަޟްރަތުން ކައްވަޅުގެ ޢަޒާބުން ރައްކާތެރިކަމަށް އެދޭއިރު އަދި ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން ރައްކާތެރިކަމަށް އެދޭއިރު އެދުވަހުގެ ސިފަތަށް ތަފްޞީލުތަކާ އެކު ކިޔުމާ އަދި އެއް ގޮތް ލަފްޒުތަށް ލައިގެން އެކަލާނގެ ހަޒްރަތުން ރައްކާތެރިކަމަށް އެދި ދުޢާކުރުމުގެ މަޤްސަދާއި ޚިލާފު ދުޢާތައް ކުރުން ހިމެނެއެވެ.
މިހުރިހާ ކަމަކީ ޝަރުޢުގައި ދުޢާކުރަން ވާރިދުވެފައިވާ ގޮތްތަކާއި ޚިލާފު ކަންކަމެވެ. ބައެއް ފަހަރު ނަމާދުގައި މިގޮތަށް ކުރެވޭ ދުޢާތައް ގަސްތުގައި ބޭކާރު ވާހަކަދެއްކުން ކަމުގައިވެގެންގޮސް ނަމާދު ބާޠިލުވެސް ވެދާނެއެވެ.
ހަވަނަ ކަންތައް: މައުމޫމުންނަށް އުނދަގޫ ވާނޭހެން ދުޢާ ދިގުކުރުމާ އަދި ވާރިދުވެގެން އައިސްފައިވާ ދުޢާގެ އެތައް ގުނައަކަށް ދުޢާ ދިގުކުރުން.
އޭގެ ސަބަބުން މައުމޫމުންނަށް އުނދަގޫވެއެވެ. އަދި ހިތުގައި ދެކޮޅުވެރިކަން އުފެދެއެވެ. އަދި ޝައުގުވެރިކަން ގެއްލިގެންދެއެވެ. އަދި އޭގެ ސަބަބުން ބޮޑު ފިތުނައެއް އުފެދިގެންވެސް ހިނގައިދާނެއެވެ.
އިމާމު އަޙްމަދު ރަހިމަހުﷲ ގެ އަރިހުގައި ޤުނޫތުގެ މިންވަރާމެދު އިޚްތިލާފު އުފެދިފައިވެއެވެ. އެކަމުގައި 3 ރިވާޔަތެއް ވެއެވެ.
- (إذا السماء النشقت) މި ސޫރަތުގެ ދިގުމިނަށް ޤުނޫތު ކިޔުން
- ޢުމަރުގެފާނު ކުރެއްވި ދުޢާއާ އެއްވަރަށް (އެ ދުޢާ މި ރިސާލާގެ ފަހުބައިގައި އަދި އަންނާނެއެވެ. إن شاء الله)
- ބޭނުން މިންވަރަކަށް ޤުނޫތު ދިގު ކުރުން
އެހެނަސް ޤުނޫތު ކިޔާ މީހަކީ އިމާމެއްކަމުގައިވާނަމަ މީސްތަކުންނަށް އުނދަގޫ ވާނޭހެން ދިގުކޮށް ކިޔުން މަނާވެގެންވެއެވެ. މިކަމުގައި އެއްވެސް ޚިލާފެއް ނުވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޢާޒު ރަޟިޔަﷲ ޢަންހު ފަރުޟު ނަމާދުގައި ދިގު ކުރެއްވުމުން އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ.
“އޭ މުޢާޒެވެ. ކަލޭގެފާނު އެބައިމީހުން ފިތުނަވެރި ކުރައްވަނީ ހެއްޔެވެ؟”[1]
މިގޮތަށް އެކަލޭގެފާނު މުޢާޒުގެފާނަށް ޙަދީޘް ކުރެއްވީ ފަރުޟު ނަމާދަކާއި ބެހޭގޮތުންނެވެ. އެއީ ޤުނޫތުނަމަ އެކަލޭގެފާނު ހަދީޘްކުރައްވާނީ ކީކޭބާވައެވެ؟
ހަތްވަނަ ކަންތައް: ދުޢާކުރުމުގެ މަޤްސަދުން ބޭރުވާ ދުޢާތަކުން ދުރުހެލިވުން. އެއީ ދަލީލުތަކުން ޘާބިތުވާ (ޢާންމު) ދުޢާއެއްކަމުގައި ވިޔަސް މެއެވެ. އެގޮތަށް ދުޢާކުރަމުން ރަމަޟާންމަހުގެ ފުރަތަމަ ރޭގައި މިފަދައިން ދުޢާކުރާ އަޑު އިވެއެވެ.
(اَللَّهُمَّ تَقَبَّلْ مِناَّ صِياَمَناَ وَقِيامَناَ)
މާނަ: “ޔާ ﷲ އަޅަމެންގެ ރޯދަތަކާއި ރޭ އަޅުކަންތަށް އަޅަމެންގެ ކިބައިން ޤަބޫލުކުރައްވާނދޭވެ.”
މިއީ ރަމަޟާންމަހުގެ ފަހުކޮޅުގައި ކުރަންޖެހޭ ދުޢާއެކެވެ.
= ނުނިމޭ =
___________________
މިއީ الشيخ بكر بن عبدالله أبو زيد ލިޔުއްވާފައިވާ دعاء القنوت في الوتر ގެ ތަރުޖަމާއެވެ.
[1] ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމު އެވެ.