[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 5

   7- ހެޔޮ ޢަމަލު ކުރުމަކީ ހަލާކުކުރަނިވި ކަންކަމުން ސަލާމަތް ކޮށްދެނިވިކަމެއް

﴿ وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُون ﴾  [1] 

މާނައީ: “ރަށްތަކުގެ أهل ވެރިން ރަނގަޅަށް ކަންތައްކުރާ ބަޔަކު ކަމުގައިވަނިކޮށް، އަނިޔާވެރި ގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ.”

((وقال النبي صلى الله عليه وسلم  لابن عباس رضي الله عنهما: “يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظْ اللَّهَ يَحْفَظْكَ احْفَظْ اللَّهَ تَجِدْهُ تُجَاهَكَ.”)) [2]

މާނައީ: ޢަބްދުﷲ ބުން ޢައްބާސް رضي الله عنهما އަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އޭ ކޮއިފުޅާއެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަސްފުޅުތަކެއް އުނގަންނަވައި ދެއްވާނަމެވެ. ﷲ އަށް (އެބަހީ: އެއިލާހުގެ ޢަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން އެއިލާހު ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲއަށް (އެބަހީ: އެއިލާހުގެ ޢަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ.” (އެބަހީ: އެއިލާހު ތިބާއަށް ހެޔޮމަގު ދައްކަވާނެއެވެ.)

((وفي رواية: “احفظ الله تجده أمامك، تعرَّفْ إلى الله في الرخاء يعرفك فـي الشدة.”)) [3]

އަދި އެހެން ރިވާޔަތެއްގައިވެއެވެ: “ﷲ ގެ ކިބައަށް (އެބަހީ:އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ. (އެބަހީ: އެއިލާހު ތިބާއަށް ހެޔޮމަގު ދައްކަވާނެއެވެ.) އަދި ފާގަތިކަމުގެ ޙާލަތުގައި ﷲ ދެނެގަންނާށެވެ. (އެބަހީ: ﷲ ހަނދުމަކޮށް އެއިލާހު އެންގެވި ގޮތަށް އުޅޭށެވެ.) އޭރުން އުނދަގޫކަމުގެ ޙާލަތުގައި، އެއިލާހު ތިބާ ދެނެވޮޑިގެންވާނެއެވެ. (އެބަހީ: ތިބާގެ ކަންކަން ފަސޭހަކޮށްދެއްވާނެއެވެ.)”

ابن المنكدر رحمه الله ވިދާޅުވިއެވެ.[4]

”ހަމަކަށަވަރުން ޞާލިޙު މީހާގެ ދަރިންނާއި އެ ދަރިންގެ ދަރިންނާ އަދި އޭނާގެ ވަށައިގެންވާ ގެތައް ﷲ سبحانه وتعالى، ރައްކާތެރިކޮށްދެއްވާނެއެވެ. ފަހެ ﷲ سبحانه وتعالىގެ ޙަޟްރަތުންވާ ރައްކާތެރިކަމާއި ނިވާކަމުގައި އެބައިމީހުން މެދުނުކެނޑިވެއެވެ.”

އިބްނު ޤައްޔިމް رحمه الله ވިދާޅުވިއެވެ. [5]

“ތިބާވަނީ ނިޢުމަތެއްގައިނަމަ، އެ ނިޢުމަތަށް ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ފާފައަކީ ނިޢުމަތްތައް ފުހެލާ އެއްޗެކެވެ. އަޅުތަކުންގެ ރައްބަށް، ކިޔަމަންތެރިވުމުން، އެ ނިޢުމަތް ރައްކާތެރިކުރާށެވެ. ފަހެ އަޅުތަކުންގެ ރައްބަކީ ޢުޤޫބާތް ދެއްވުމުގައި އަވަސްވެވޮޑިގެންވާ އިލާހެވެ.”

    8- އަތްމަތި ދަތިވެފައިވާ މީހުންނަށް ފަސޭހަކޮށްދީ އެބައިމީހުންނަށް ޖެހިފައިވާ ދަތިކަން ފިލުވައިދިނުން

عَنْ أَبي هُرَيرَة رضي الله عنه عَنِ النبي صلى الله عليه وسلم قَالَ: “مَنْ نَفَّسَ عَنْ مُؤمِن كُربَةً مِن كُرَبِ الدُّنيَا نَفَّسَ اللهُ عَنهُ كُربَةً مِنْ كرَبِ يَوم القيامَةِ، وَمَنْ يَسَّرَ على مُعسرٍ يَسَّرَ الله عَلَيهِ في الدُّنيَا والآخِرَة، وَمَنْ سَتَرَ مُسلِمَاً سَتَرَهُ الله في الدُّنيَا وَالآخِرَة، وَاللهُ في عَونِ العَبدِ مَا كَانَ العَبدُ في عَونِ أخيهِ.” [6]

މާނައީ: އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. اللهގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ދުނިޔަވީ ދަތިކަމުގެ ތެރެއިން ދަތިކަމެއް، މުއުމިނެއްގެ ކިބައިން ފިލުވައިދީފިމީހާ ދަންނައެވެ. ޤިޔާމަތް ދުވަހުގެ ދަތިކަމުގެ ތެރެއިން ދަތިކަމެއް، الله، އެމީހެއްގެ ކިބައިން ފިއްލަވައިދެއްވާނެއެވެ. އަދި އަތްމަތި ދަތިވެފައިވާމީހަކަށް ފަސޭހަކޮށްދީފިމީހާ ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް، الله އެމީހަކަށް ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ ޢައިބެއް ވަންހަނާކޮށްދީފިމީހާ ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް، الله އެމީހާގެ ޢައިބު ވަންހަނާކޮށްދެއްވާނެއެވެ. އަދި އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ދެމިހުންނަހާ ހިނދަކު، الله އެއަޅާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެއެވެ.”

ތަރުޖަމާކުރީ:

މޫސާ އައްޔޫބު

ޢަބްދުލްމުޢިއްޒު ރަޝީދު

މުޙައްމަދު ޙައްސާނު ރަޝީދު

= ނުނިމޭ =

_________________

އެހެނިހެން ބައިތައް

މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.

 

[1] هود 117

[2] رواه الترمذي:(2516)

[3] رواه الحاكم في المستدرك: (6303)

[4] جامع العلوم والحكم: (1/467)

[5] الداء والدواء: (1/181)

[6] رواه المسلم: (2699)