ދެވަނަ ބައި
ޝަރީޢަތުގައި ވާރިދުވެފައިވާ ވިތުރީގެ ޤުނޫތުގެ ގޮތުގައި ކުރާ ދުޢާ އަދި އެ ދުޢާއަށް އިތުރުކުރެވޭ ބައިގެ ޤަވާޢިދު
މިތަނުގައި ބަޔާން މިކުރަނީ ވިތުރީގެ ޤުނޫތުގެ ގޮތުގައި ކުރާ ދުޢާގެ ޤަވާޢިދުތަކެވެ.
- ޤުނޫތު ކިޔާ އިމާމު މީހާއަށް ވިތުރީގައި ކިޔާނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ވާރިދުވެގެން އައިސްފައިވާ އެކަލޭގެފާނުގެ ކާފަ ދަރިކަލުން ޙަސަނުގެފާނަށް އުނގަންނައިދެއްވި ދުޢާ، ޖަމްޢުގެ ސީޣާއިން މައުމޫމުންގެ ޙާލަށް ރިޢާޔަތްކޮށް ކިޔުމެވެ. އަދި ދުޢާގެ ލަފްޒުތަކަށް ރައްކާތެރިވެ ހުރެ ކިޔުމެވެ. އެއީ:
«اللَّهُمَّ اهْدِنَا فِيمَنْ هَدَيْتَ، وَعَافِنَا فِيمَنْ عَافَيْتَ، وَتَوَلَّنَا فِيمَنْ تَوَلَّيْتَ، وَبَارِكْ لَنَا فِيمَا أَعْطَيْتَ، وَقِنَا شَرَّ مَا قَضَيْتَ، إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، إِنَّهُ لَا يَذِلُّ مَنْ وَالَيْتَ، تَبَارَكْتَ وَتَعَالَيْتَ» [1]
(ދުޢާގެ މާނަ ފަހުބައިގައި އަދި އަންނާނެއެވެ. إن شاء الله)
އަދި ޢަލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ވިތުރީގެ އެންމެ ފަހު ރަކުއަތުގައި މިފަދައިން ދުޢާ ކުރައްވައެވެ.
اللهُمَّ نَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وَنَعُوذُ بِكَ مِنْكَ لَا نُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ [2]
(ދުޢާގެ މާނަ ފަހުބައިގައި އަދި އަންނާނެއެވެ. إن شاء الله)
އެއަށްފަހު ޤުނޫތުގެ ފަހުބައިގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ބައެއް ސަޙާބީންގެ ކިބައިން ޘާބިތުވެގެންވެއެވެ. އޭގެ ތެރޭގައި އުބައްޔު ބިން ކައުބު އާއި މުޢާޒު ރަޟިޔަﷲ ޢަންހުމާ ހިމެނެއެވެ.
- އިމާމުމީހާ ދުޢާ ކުރާއިރު ޝަރުޢުގައިވާ ގޮތަށް ނިކަމެތިކަމާއި އެކު ދުޢާކުރުން އަދި ލަވަކިޔުމާއި ދަމަދަމާގެން ކިޔުމާއި ދުރުހެލިވާން ޖެހެއެވެ.
- އިސްވެ ބަޔާންވެގޮސްފައިވާ ވާރިދުވެގެން އައިސްފައިވާ ދުޢާ ފިޔަވައި އިތުރަށް ދުޢާ ކުރާނަމަ 5 ކަމަކަށް ރިޢާއަތްކުރުން ހުއްޓެވެ.
- ވާރިދުވެފައިވާ ޤުނޫތުގެ ޢިބާރާތްތަކަށް ފަހު އެއަށް އިތުރުކޮށްގެން ކިޔާ ދުޢާއަކީ ޤުނޫތުގައި ކިޔުމަށް އެކަށޭނެ ދުޢާތަކަކަށްވުން.
- އިތުރަށް ކުރެވޭ ދުޢާއަކީ ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ އާންމު ދުޢާއެއް ކަމުގައިވުން.
- އިތުރަށް ކުރެވޭ ދުޢާ ކިޔާއިރު ޙަސަން ރަޟިޔަﷲ ޢަންހުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްގައި ބަޔާންވެފައިވާ ދުޢާއަށް ވުރެ ފަހުން ކިޔުން. އަދި ޢަލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްގައި ބަޔާންވެފައިވާ ދުޢާއަށް ވުރެ ކުރިންވެސް ދުޢާކުރެވިދާނެއެވެ.
- އިތުރަށް ކުރެވޭ ދުޢާއަކީ އަބަދަށް ދެމިގެންދާ ޝިޢާރެއް ކަމުގައި ނުހެދުން.
- މައުމޫމުންނަށް އުނދަގޫ ވާނޭހެން ދުޢާ ދިގުނުކުރުން.
- ބައެއް ފަހަރު ކުރިމަތިވެފައިވާ ޙާލަކާއި މުނާސަބު ދުޢާ އެއް އިމާމު ކިޔާފާނެއެވެ. މިޘާލަކަށް: ފެނަށް ދަތިވުމުގެ ސަބަބުން ދުޢާ ކުރުން. ނަމަވެސް ދާއިމަށް ކުރެވޭ ކަމަކަށް އެކަން ވެގެން ނުވާނެއެވެ. (ޙާލަތު ފިލާ ދިޔުމުން އެ ދުޢާކުރުން ހުއްޓާލަންވާނެއެވެ.)
ދިމާވެފައިވާ ކަމަކާއި ގުޅިގެން ކުރެވޭ ދުޢާއާއި ދާއިމަށް ކުރެވޭ ދުޢާ ފަރަޤުކޮށްފިމީހާ ސުންނަތް އިޚްތިޔާރުކޮށްފިއެވެ. އަދި ބައިވަރު އޮޅުންތަކުން ސަލާމަތްވެއްޖެއެވެ.
= ނުނިމޭ =
___________________
މިއީ الشيخ بكر بن عبدالله أبو زيد ލިޔުއްވާފައިވާ دعاء القنوت في الوتر ގެ ތަރުޖަމާއެވެ.
[1] رواه ابن حبان في صحيحه برقم: (722) وصححه الألباني.
[2] މި ލިޔުމުގައި މިދުޢާ ގެނެސްފައި އެވަނީ ޖަމާޢަތެއްގައި މި ދުޢާ ކިޔާއިރު ކިޔާ ގޮތަށެވެ. މި މާނާގައި ވާރިދުވެފައިވާ ޙަދީޘް ރިވާވެގެންވަނީ އެކަހެރިކޮށް ކިޔާ ޞީޣާއިންނެވެ. އެއީ އަންނަނި ލަފްޒުންނެވެ. «اللهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ». (صحيح مسلم، رقم الحديث: (486).