[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރުގައި ޢީދު

الحمد لله رب العالمين أن جعل لنا في ديننا سدادا لكل أمر وحلا لكل إشكال وباب تيسير كلما ضاقت الأمور أو تعسرت .

وصلى الله على سيد الأنبياء وإمام الأصفياء والحنفاء ما علم خيرا إلا بلغه وما علم شرا إلا حذر منه وما علم باب تيسير يرفع الحرج إلا ندب إليه وحرض عليه فصلى الله عليه وسلم أكمل صلاة وأزكاها وأتمها وأعلاها، وبعد :

 

ފަހެ، މި ދުވަސްވަރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މުޞީބާތަކީ ބިމުގައި ފެތުރިފައި މިވާ ކޮރޯނާގެ ބަލިމަޑުކަމެވެ. މިނުރައްކާތެރި ވަބާއަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. އެގޮތުން މިބަލި ފެތުރެނީ މީސްތަކުން އެއްވެ، އެކަކު އަނެކާ ބައްދަލުވެ އުޅުމުގެ ތެރޭގައެވެ. ޤައުމުތަކުން މިވަނީ މިބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުގެ މަތިން މީސްތަކުން އެއްވެ އުޅޭ އެއްވުންތައް މަނާކުރުމުގެ ތެރެއިން މިސްކިތްތަކުގައި ޖަމާޢަތުގެ ނަމާދުކުރުމާއި ހުކުރު ނަމާދުވެސް މިވަނީ މަނާކުރެވިފައެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިކަމުގެ ތެރެއަށް ޢީދު ނަމާދުވެސް ވަންނާނެއެވެ. މިޙާލަތުގައި ޢީދު ނަމާދަށްވާނީ ކިހިނެތް ހެއްޔެވެ؟

ޚުލާޞާ ގޮތެއްގައި ނުކުތާތަކަކުން މިކަން ބަޔާން ކޮށްލާނަމެވެ.

 

 

ފުރަތަމައީ: ޢީދު ނަމާދުގެ ޙުކުމް

 

ޢީދު ނަމާދުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ތަފާތު ބަސްފުޅުތަކެއް ވެއެވެ.

އެގޮތުން މާލިކީ މަޛްހަބުގައި އެންމެ މަޝްހޫރު ގޮތަކީ އެއީ ސުންނަތެކެވެ. [1]

އަދި ޝާފިޢީ މަޛްހަބުގައި އެންމެ މަޝްހޫރު ގޮތަކީ އެއީ ގަދަވެގެންވާ ސުންނަތެކެވެ. [2]

އަދި ޙަނަފީ މަޛްހަބުގައި އެންމެ މަޝްހޫރު ގޮތަކީ އެއީ ވާޖިބެކެވެ. [3]

އަދި ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ޢައިނިއްޔަ ފަރުޟެއްކަމުގައެވެ. [4]

އަދި ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ކިފާޔަތުގެ ފަރުޟެއްކަމުގައެވެ. މިއީ ޙަންބަލީ މަޛުހަބުގެ އެންމެ މަޝްހޫރު ގޮތެވެ. [5]

މިމައްސަލާގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ [6] އަދި އިބްނުލް ޤައްޔިމު [7] ރާޖިޙުކުރައްވާފައިވަނީ އެއީ ފަރުޟު ޢައިނެއްކަމުގައެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ދަލީލުތަކަށް ބަލާއިރު ޞައްޙަ ބަސްފުޅަކީ މިއީއެވެ. (އެބަހީ: ޢީދު ނަމާދަކީ ފަރުޟު ޢައިނެއްކަމުގައެވެ.) އެހެނީ ޢީދު ނަމާދަކީ މުސްލިމުންގެ ޝިޢާރުތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ޝިޢާރެވެ.” [8]

 

 

ދެވަނައީ: ތަކްބީރު ކިޔުން

 

ޢީދުގެ ސުންނަތްތަކުގެ ތެރޭގައި ޢީދު ވިލޭރެޔާ އަދި ޢީދު ދުވަހުގެ ހެނދުނު ޢީދު ނަމާދާ ހަމައަށް ތަކުބީރު ކިޔުން ހިމެނެއެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

﴿وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ﴾ [سورة البقرة 185]

މާނައީ: “(މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެއިލާހަށް) ޝުކުރުވެރި ވުމަށްޓަކައެވެ.”

ތަކުބީރުގައި ކިޔާ ޢިބާރާތަކީ ވަރަށް ތަނަވަސް ވެގެންވާ ކަމެކެވެ. އަންނަނިވި ޢިބާރާތުން ތަކުބީރު ކިޔޭނެއެވެ.

“اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ، وَاللّهُ أَكْبَرُ ، اللّهُ أَكْبَرُ ، وَلِلّهِ الْحَمْد”

އަދި މިޞީޣާ ނޫން އެހެން ޞީޣާތައްވެސް ޞަޙާބީ ބޭކަލުންގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ.

 

 

ތިންވަނައީ: ޢީދު ދުވަހުގެ ސުންނަތްތައް

 

ޢީދު ދުވަހުގެ ސުންނަތްތަކުގެ ތެރޭގައި ގިނަ ޢިލްމުވެރިން ޛިކުރުކުރައްވާފައިވާ ކަންތައްތަކަކީ:

– ހިނައިގަތުން

– ސާފުޠާހިރުވުން

– ހުވަނދުލުން

– ސިވާކުން ދަތް އުނގުޅުން

އެއީ އައްޒުހްރީގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްގައިވާ ފަދައިންނެވެ.

قَالَ: أَخْبَرَنِي مَنْ، لَا أَتَّهِمُ، عَنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُمْ سَمِعُوا رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي يَوْمِ جُمُعَةٍ مِنَ الْجُمَعِ، وَهُوَ عَلَى الْمِنْبَرِ يَقُولُ: «يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ» [9]

މާނައީ: (އައްޒުހްރީ) ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެބޭކަލަކަށް ތުހުމަތު ނުކުރައްވާ ބޭކަލަކު (އެބަހީ: އިތުބާރުކުރައްވާ ބޭކަލަކު) ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބުންގެ އަރިހުން ތިމަންކަލޭގެފާނަށް ޚަބަރު ދެއްވިއެވެ. ހުކުރުދުވަހެއްގައި މިންބަރު މަތީގައި ހުންނަވާ، އެކަލޭގެފާނު ޙަދީޘްކުރައްވަނިކޮށް އެބޭކަލުންނަށް އިވިވަޑައިގަތެވެ. “އޭ މުސްލިމުންނޭވެ. ހަމަކަށަވަރުން މިއީ މުސްލިމުންނަށްޓަކައި ﷲ ލެއްވި ޢީދު ދުވަހެވެ. ފަހެ، ތިޔަބައިމީހުން ފެންވަރާ ހިނައިތާޙިރުވެގަންނާށެވެ. އަދި ހުވަނދެއް ހުރި މީހަކު އެލުމަކުން އޭނާއަށް ވާނޭ ގެއްލުމެއް ނެތެވެ. އަދި ސިވާކުން ދަތް އުނގުޅާށެވެ.”

ފަހެ، މުސްލިމުންގެ މައްޗަށް އޮތީ އޭނާއަށް ކުޅަދާނަވީ މިންވަރަކުން މި ސުންނަތްތައް އަދާކުރުމެވެ. އެއީ އަންނަނިވި ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.

﴿فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ﴾ [سورة التغابن 16]

މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ!”

އަދި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.

«وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ» [10]

މާނައީ: “އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އަމުރެއްކޮށްފިނަމަ ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން އެކަމެއް ކުރާށެވެ.”

ރީތިވެ، ހުވަނދުލާ، ސިވާކު ބޭނުންކޮށް، ރީތި ހެދުންލުމަކީ ޢީދުގެ އުފާ ފާޅުކޮށްދޭ ކަންކަމެވެ.

 

 

ހަތަރުވަނައީ: ހުސްބިމެއްގައި ނުވަތަ މިސްކިތުގެ ޖަމާޢަތުގައި ޢީދު ނަމާދު ނުކުރެވޭ މީހާ ޢީދު ނަމާދު ކުރާނޭ ގޮތް

 

މިސްކިތުގައި ވިޔަސް އަދި ހުސްބިމުގައި ވިޔަސް، ޢީދު ނަމާދުގެ ޖަމާޢަތުގައި އެނަމާދު ނުކުރެވި ފާއިތުވެއްޖެ މީހާގެ ޙައްޤުގައި އެކަމުގެ ޙުކުމާމެދު ހަތަރު މަޛްހަބުގެ ޢިލްމުވެރިންގެ ބަސްފުޅުތަކެއް ވެއެވެ. އެގޮތުން އެމީހަކު ޢަމަލުކުރަންވީ ގޮތަކީ:

ހ. ޢީދު ނަމާދާއި ޚުޠުބާ ފާއިތުވެއްޖެ މީހާގެ މައްޗަށް އެކަނި ނުވަތަ ޖަމާޢަތަކާއެކުވެސް ޚުޠުބާ ކިޔުމެއް ނެތެވެ.

 

ށ. ޢީދު ނަމާދުގައިވަނީ ދެ ރަކުޢަތެވެ.

ފަށަނީ ތަކްބީރަތުލް އިޙްރާމަށް ފަހު 6 ތަކުބީރުންނެވެ. [11]

އަދި އެނަމާދުގައި ކިޔަވާނީ އަޑު ހަރުކޮށެވެ.

ފުރަތަމަ ރަކުޢަތުގައި ސޫރަތުލް ފާތިޙާއަށް ފަހު ސޫރަތުލް އަޢުލާ ނުވަތަ ސޫރަތު ޤާފެވެ. [12] ދެވަނަ ރަކުޢަތުގައި ޤިޔާމަށް ތެދުވާ ތަކުބީރާއި ރުކޫޢަށް ދާ ތަކުބީރު ނުލައި 5 ތަކުބީރެވެ. ކޮންމެ ތަކުބީރަކާއެކު އަތް އުފުލުން ސުންނަތް ވެގެންވެއެވެ.

ދެވަނަ ރަކުޢަތުގައި ކިޔަވާނީ ސޫރަތުލް ޣާޝިޔާ ނުވަތަ ސޫރަތުލް ޤަމަރެވެ. [13] އަދި ކޮންމެ ރަކުޢަތެއްގައިވެސް އެ ނޫން ސޫރަތެއް ކިޔެވިޔަސް ފުދޭނެއެވެ.

 

ނ. ގޭގައި އެކަނި ނުވަތަ ޢާއިލާގެ މީހުންނާއެކު މިނަމާދު ކުރެވޭނެ ހެއްޔެވެ؟

މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައި ވެއެވެ.

– ޙަނަފީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވަނީ ޤަޟާކުރުން ނުވާކަމުގައެވެ. އެހެނީ އެއީ އިމާމާއެކު ކުރުން ވާޖިބުވާ ނަމާދެކެވެ. ފަހެ، ޤަޟާ ކުރުމެއް ނުވެއެވެ. [14] އައްޝައިޚް އިބްނު ޢުޘައިމީން ވިދާޅުވެފައިވަނީވެސް މި ފަދައިންނެވެ. އެބޭފުޅާ ގެންނަވަފައިވަނީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާގެ ބަސްފުޅެވެ. [15]

– ގިނަ ޢިލްމުވެރިންގެ ބަސްފުޅަކީ ޢީދު ނަމާދު ފާއިތުވެއްޖެ މީހާއަށް އޭނާގެ ގޭގައި ނުވަތަ ހުސްބިމެއްގައި ޤަޟާ ކުރެވޭނެއެވެ. އަދި އެ ނަމާދުގެ ޖަމާޢަތަށް ދިއުން މަނާވެއްޖެ މީހާއަށްވެސް އޮތީ މި ފަދައިން ކަންތައްކުރުމެވެ. ނަމަވެސް އެއީ ވާޖިބެއް ނޫނެވެ. ސުންނަތެކެވެ. އިބްނު މަސްޢޫދާއި އަނަސް ބުން މާލިކު رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވަނީ އެ ފަދައިންނެވެ. އަދި އިބްނުލް ޙަނަފިއްޔާއާއި އަލްނަޚަޢީއާއި އައްޝަޢުބީއާއި ޢަޠާއާއި އިބްނު ޖުރައިޖާއި އައްޟައްޙާކާއި އަލްޙަސަނާއި އިބްނު ސީރީނާއި މުޖާހިދާއި ޝުރައިކާއި ޙައްމާދު ބުން ޒައިދުވެސް [16] ވިދާޅުވެފައިވަނީ އެ ފަދައިންނެވެ. އަދި މާލިކީ މަޛްހަބާއި [17] ޝާފިޢީ މަޛްހަބާއި [18] ޙަންބަލީ މަޛްހަބުގައިވެސް [19] ވަނީ އެ ފަދައިންނެވެ. އަދި اللجنة الدائمة އިން ފަތުވާ ދީފައިވަނީވެސް އެ ފަދައިންނެވެ. އެފަތުވާ މިލިޔުމުގައި ގެނެސްދޭނަމެވެ. إن شاء الله.

ކޮރޯނާގެ ވަބާގެ ސަބަބުން ދުނިޔޭގެ ގިނަ ހިސާބުތަކުގައި މީސްތަކުންނަށް ޖަމާޢަތުގައި މިނަމާދު އަދާކުރުމަށް އުޛުރުވެރިވެފައިމިވާ ޙާލަތުގައިވެސް ކަންތައް ކުރުން އޮތީ މިފަދައިންކަމާމެދު ޝައްކެއް ނެތެވެ.

 

ރ. ޢީދު ނަމާދުކުރާ ގޮތް:

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޢީދު ނަމާދުގައި ކުރާނީ 4 ރަކުޢަތެވެ. އެއީ ޟުޙާ ނަމާދު ފަދައިންނެވެ. މިވީ އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވާ ގޮތެވެ.

«مَنْ فَاتَهُ الْعِيدَانِ فَلْيُصَلِّ أَرْبَعًا» [20]

މާނައީ: “ދެ ޢީދު(ގައި ޢީދު ނަމާދު) ފާއިތުވެއްޖެމީހާ (ދަންނައެވެ.) ފަހެ، އޭނާ 4 ރަކުޢަތް ކުރާށެވެ.”

އައްޝަޢުބީއާއި އައްޟައްޙާކު ވިދާޅުވެފައިވަނި މި ފަދައިންނެވެ. އަދި ޙަންބަލީ މަޛްހަބުގައިވެސް މިފަދައިން އައިސްފައިވެއެވެ.

އަދި ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޢީދު ނަމާދުގައިވަނީ 2 ރަކުޢަތެވެ. މިއީ އަލްއައުޒާޢީގެ ބަސްފުޅެވެ. [21]

ގިނަ ޢިލްމުވެރިންގެ ބަސްފުޅަކީ އިމާމު ނަމާދުކުރާ ފަދައިން ކުރުމެވެ. އެއީ ސުންނަތްވެގެންވާ ތަކުބީރުތަކާ އެކުގައި ދެ ރަކުޢަތެވެ. ނަމަވެސް ނަމާދުގެ ފަހުގައި ޚުޠުބާ ނުކިޔައެވެ. މިފަދައިން އަނަސް ބުން މާލިކުގެ އަރިހުން އަޘަރެއް ވާރިދުވެފައިވެއެވެ. އަދި ތާބިޢީންގެ ތެރެއިން ގިނަ ބޭކަލުން ވިދާޅުވަނީ އެ ފަދައިންނެވެ. އިބްރާހީމް އައްނަޚްޢީގެ އަރިހުން ރިވާވެގެންވެއެވެ.

“އިމާމާއެކު ނަމާދު ފާއިތުވެއްޖެމީހާ ދަންނައެވެ. ފަހެ، އިމާމުގެ ނަމާދު ފަދައިން ނަމާދުކުރާށެވެ.”

އަދިވެސް އިބްރާހީމް ވިދާޅުވިއެވެ. “މީސްތަކުން ނަމާދު ނިންމާފައި އެނބުރި އަންނަތަން ފެނިއްޖެނަމަ އެންމެ ކައިރި މިސްކިތަށް ވަދެފައި އިމާމު އެކުރި ފަދައިން ނަމާދުކުރާށެވެ. އަދި ޢީދު ނަމާދަށް ނުނުކުމެވުނު މީހާވެސް އިމާމު މީހާ ކުރި ފަދައިން (ގޭގައި) ނަމާދު ކުރާށެވެ.” [22]

އަދި އެއީ މާލިކީ މަޛްހަބާއި ޝާފިޢީ މަޛްހަބުގެ ބަހެވެ. އަދި ޙަންބަލީ މަޛްހަބުގައިވެސް ރާޖިހުކުރާ ބަސްފުޅެވެ. މިކަމާ ބެހޭގޮތުން އައިސްފައިވާ ބަސްފުޅުތައް ގެންނަވާފައި އިބްނު ޤުދާމާ ވިދާޅުވިއެވެ.

“އެމީހަކު އެދޭނަމަ ޢީދު ނަމާދު ކުރާހެން (އިތުރަށް އެކިޔާ) ތަކުބީރު ތަކާ އެކުގައިވެސް ކުރެވިދާނެއެވެ. އެކަންވަނީ އިމާމު އަޙްމަދުގެ އަރިހުން އިސްމާޢީލު ބުން ސަޢީދު ރިވާކުރެއްވިއެވެ. އަދި އަލްޖޫޒަޖާނީ އެބަސްފުޅު ޚިޔާރުކުރެއްވިއެވެ. އަދި މިއީ އައްނަޚަޢީ މާލިކާއި ޝާފިޢީއާއި އަބޫ ޘައުރާއި އިބްނުލް މުންޛިރުގެ ބަސްފުޅެވެ. އެހެނީ އަނަސްގެފާނު ބަޞަރާގައި އުޅުއްވި އިރު އިމާމާ އެއްކޮށް ޢީދުނަމާދު ނުކުރެވިއްޖެނަމަ އެކަލޭގެފާނުގެ ޢާއިލާގެ ބޭކަލުންނާއި މިނިވަންކޮށްފައިވާ އަޅުން އެއްކުރައްވާފައި ޢީދު ނަމާދުކުރައްވައެވެ. އަދި އެކަލޭގެފާނު މިނިވަންކުރައްވާފައިވާ އަޅެއްކަމުގައިވާ ޢަބްދުﷲ ބުން އަބީ ޢުޠުބާ އެބޭކަލުންނާއިގެން އިމާމުވެ ނަމާދުކުރައްވައެވެ. އަދި ދެރަކުޢަތުގެ ނަމާދެއްކުރައްވާއިރު (ޢީދުނަމާދުގައި ކިޔާ ފަދައިން) ތަކުބީރުތައް ކިޔުއްވައެވެ. އެހެނީ އެއީ ފާއިތުވެފައިވާ ނަމާދެއް ޤަޟާކުރުންކަމުގައި ވާތީ އެހެން ނަމާދުތައްވެސް ފާއިތުވުމުން ޢަމަލުކުރާ ފަދައިން، އެ ފާއިތުވި ނަމާދާ އެއްފަދައިން އެ ނަމާދުވެސް ކުރައްވަނީއެވެ.

ޖަމާޢަތުގެ ނަމާދު ފާއިތުވުމުން ޖަމާޢަތް ހަދައިން ނަމާދުކުރުމާ ނުކުރުމުގައި އެމީހަކަށް އިޚްތިޔާރު ލިބިގެންވެއެވެ.

އިމާމު އަޙްމަދަށް ދެންނެވުނެވެ. (ޢީދު ނަމާދު ފާއިތުވާ މީހާ) ނަމާދު ކުރާނީ ކޮންތަނެއްގައި ހެއްޔެވެ؟ ވިދާޅުވިއެވެ. އޭނާ ބޭނުންނަމަ ޢީދު ނަމާދުކުރި ހުސްބިމުގައި ކުރާނީ އެވެ. ނުވަތަ އޭނާ ބޭނުން ތަނެއްގައި ކުރާނީއެވެ. [23]

އަދި އެއީ ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީއިންވެސް ފަތުވާ ދެއްވާފައިވާ ގޮތެވެ. ޢީދު ނަމާދު ފާއިތުވުމުން ޢަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާ އެ ފަތުވާގައި ވެއެވެ.

“ޢީދު ނަމާދު ފާއިތުވާމީހާ އެ ނަމާދު ޤަޟާކުރަން އެދޭނަމަ ޤަޟާކުރުމަކީ މުސްތަޙައްބު ކަމެކެވެ. ފަހެ އެ ނަމާދު ކުރާނީ އިމާމާއެކުވެސް ކުރާ ފަދައިންނެވެ. ނަމާދަށް ފަހު ޚުޠުބާ ކިޔުމާ ނުލައެވެ. އިމާމު މާލިކާއި ޝާފިޢީއާއި އަޙްމަދު ވަނީ އެފަދައިން ވިދާޅުވެފައެވެ. އަދި އައްނަޚަޢީ އާއި އެހެނިހެން ޢިލްމުވެރިންވެސް އެފަދައިން ވިދާޅުވެފައިވެއެވެ.

އެކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم އަންނަނިވި ބަސްފުޅެވެ.

«إِذَا نُودِيَ بِالصَّلَاةِ فَأْتُوهَا وَأَنْتُمْ تَمْشُونَ، وَعَلَيْكُمُ السَّكِينَةُ، فَمَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَأَتِمُّوا» [24]

މާނައީ:”ނަމާދަށް ގޮވާލުމުން މަޑުމައިތިރިކަމާއެކު ހިނގާފައި ދާށެވެ. ފަހެ (އިމާމާ އެކު) ލިބުނު މިންވަރެއް (އިމާމާ އެކު) ކުރާށެވެ. އަދި ފާއިތުވީ ބައެއް (އިމާމު ނިމުމުން) ފުރިހަމަކުރާށެވެ.” 

އެހެނީ އަނަސްގެފާނު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނަށް (އިމާމާ އެއްކޮށް ޢީދުނަމާދު) ފާއިތުވެއްޖެނަމަ އެކަލޭގެފާނުގެ ޢާއިލާގެ ބޭކަލުންނާއި މިނިވަންކޮށްފައިވާ އަޅުން އެއްކުރައްވާފައި ޢީދު ނަމާދުކުރައްވައެވެ. އަދި އެކަލޭގެފާނު މިނިވަންކުރައްވާފައިވާ އަޅެއްކަމުގައިވާ ޢަބްދުﷲ ބުން އަބީ ޢުޠުބާ އެބޭކަލުންނާއިގެން އިމާމުވެ ނަމާދުކުރައްވައެވެ. އަދި ދެރަކުޢަތުގެ ނަމާދެއްކުރައްވާއިރު (ޢީދުނަމާދުގައި ކިޔާ ފަދައިން) ތަކުބީރުތައް ކިޔުއްވައެވެ.

ޢީދުނަމާދުގެ ޚުޠުބާ ކިޔަނިކޮށް އާދެވުނު މީހަކަށް އޮތީ، ކަނުލާ ޚުޠުބާ އަޑު އެހުމަށް ފަހު ދެން އެނަމާދު ޤަޟާކުރުމެވެ. އޭރުން އެމީހަކަށް ދެ މަޞްލަޙަތު ޙާޞިލުވެގެންދާނެއެވެ.” [25]

 

 

ފަސްވަނައީ: ޢީދު ތަހުނިޔާ ކިޔުން

 

މުސްލިމުންގެ މެދުގައި ޢީދު ތަހުނިޔާ ކިޔުމަކީ ޞަޙާބީ ބޭކަލުންނާއި އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ބޭކަލުންގެ އަރިހުންވެސް ވާރިދުވެފައިވާ ކަމެކެވެ. އަދި އެއީ މުސްލިމުންގެ މެދުގައިވާ ރިވެތި އާދައެކެވެ. ޢީދު ދުވަހަކީ ޝަރުޢީ މުނާސަބާތްތަކުގެ ތެރެއިން ތަހުނިޔާ ކިޔުން ވާރިދުވެގެންވާ މުނާސަބަތެކެވެ.

ޖުބައިރު ބުން ނުފައިރު ވިދާޅުވިއެވެ.

“ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުން އެއް ބޭކަލަކު އަނެއްބޭކަލަކާ ޢީދު ދުވަހު ބައްދަލުވުމުން ވިދާޅުވެއެވެ.

تَقَبَّلَ اللهُ مِنَّا وَمِنْكَ

މާނައީ: “ﷲ އަޅަމެންގެ ކިބައިންނާއި ތިބާގެ ކިބައިންވެސް ޤަބޫލުކުރައްވާނދޭވެ!” ” [26]

އިބްނު ޤުދާމާ ވިދާޅުވިއެވެ. އިމާމު އަޙްމަދު رحمه الله ވިދާޅުވެފައިވެއެވެ.

“ޢީދު ދުވަހު ދެމީހަކު ބައްދަލުވުމުން تَقَبَّلَ اللهُ مِنَّا وَمِنْكَ ބުނުމަކީ ރަނގަޅު ކަމެކެވެ.

އަދި ޙަރުބު ވިދާޅުވިއެވެ.

“މީސްތަކުން ޢީދު ދުވަހު تَقَبَّلَ اللهُ مِنَّا وَمِنْكُمْ ކިޔާ އުޅޭތީ އިމާމު އަޙްމަދާ އެކަމުގައި ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ މައްސަލައެއް ނޫނެވެ.”

ޢަލީ ބުން ޘާބިތު ވިދާޅުވިއެވެ.

މީގެ ތިރީސް ފަސް އަހަރު ކުރިން، އިމާމު މާލިކު ބުން އަނަސްގެ އަރިހުގައި އެކަމާ ބެހޭގޮތުން ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. އަދިވެސް (އެފަދައިން ތަހުނިޔާ ކިޔުމަކީ) އެއީ މަދީނާގެ އަހުލުވެރިން ކުރާ ކަމެކެވެ. [27]

 

މިއީ މިދުވަސްވަރު މިޙާލަތުގައި، ވަބާގެ ސަބަބަން މީސްތަކުން ގެތަކުގައި ތިބެން ޖެހިފައިވާއިރު މުސްލިމުންނަށް ޢީދުގެ ޙުކުމްތަކުގެ ތެރެއިން އެނގެން ޖެހޭ ބައެއް ކަންތައްތަކެވެ.

نسأل الله أن يرفع الوباء ويكشف الغمة، فهو الولي الحميد وصلى الله على نبينا محمد وآله وصحبه وسلم.

————————-

މަޞްދަރު: މިއީ أ.د. سعود بن عبد العزيز الخلف ލިޔުއްވާފައިވާ العيد في زمن كورونا وإغلاق المساجد ومنع التجمعات އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

[1]  انظر :إرشاد السالك إلى أشرف المسالك في فقه الإمام مالك (ص: 27 ) التاج والإكليل لمختصر خليل   (2 / 568)

[2]  انظر : البيان في مذهب الإمام الشافعي (2 / 625) الفقه المنهجي على مذهب الإمام الشافعي (1 / 222)

[3]  انظر : تحفة الفقهاء للسمرقندي (1 / 165) المبسوط للسرخسي (2 / 37) اللباب في شرح الكتاب (1 / 115)

[4]  انظر : مجموع فتاوى ورسائل العثيمين (16 / 217 ) فقال انها فرض عين وحكاه عن شيخ الإسلامابن تيمية

[5]  انظر : المغني لابن قدامة (2 / 272) الكافي في فقه الإمام أحمد (1 / 338) الروض الندي شرح كافي المبتدي (ص: 119)

[6]  انظر: مجموع الفتاوى شيخ الإسلام ابن تيمية (24/183)

[7] انظر: الصلاة وأحكام تاركها لابن القيم: (ص: 39)

[8]  المصدر السابق

[9]  المصنف لعبد الرزاق الصنعاني (3 / 197) وقال الألباني صحيح . صحيح الجامع الصغير وزيادته (1 / 449)

[10]  صحيح البخاري (7288)

[11]  ޢީދު ނަމާދަށް ޚާއްޞަ ތަކުބީރުތަކަކީ ޢީދު ނަމާދުގެ ސުންނަތެކެވެ. (انظر: مجموع فتاوى ورسائل محمد بن صالح العثيمين (16/244))

ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގެ ތަކުބީރުތަކުގެ ޢަދަދާ މެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ.

ފުރަތަމަ ބަސްފުޅު: ތަކުބީރަތުލް އިޙްރާމަށް ފަހު ކިޔާނީ 6 ތަކުބީރު

– މިއީ އިމާމު މާލިކުގެ ބަސްފުޅެވެ. (انظر: المدونة (1/246) ونيل الأوطار للشوكاني (7/66)) އަދި ޙަންބަލީ މަޛްހަބުގެ ބަހެވެ. (انظر: المغني لابن قدامة (2/282))

– ދަލީލު:

* «أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُكَبِّرُ فِي الْفِطْرِ وَالْأَضْحَى، فِي الْأُولَى سَبْعَ تَكْبِيرَاتٍ، وَفِي الثَّانِيَةِ خَمْسًا» [رواه أبو داود في سننه برقم: (1149) وصححه الألباني في صحيح أبي داود برقم: (1043)]

މާނައީ: “ހަމަކަށަވަރުން ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ފިޠުރު ޢީދާއި އަޟްޙާ ޢީދު ނަމާދުގައި ފުރަތަމަ ރަކުޢަތުގައި ކިޔުއްވަނީ ހަތް ތަކުބީރެވެ. އަދި ދެވަނަ ރަކުޢަތުގައި ފަސް ތަކުބީރެވެ.”

* عَنِ ابْنِ عَبَّاسٍ أَنَّهُ كَانَ يُكَبِّرُ فِي الْعِيدِ، فِي الْأُولَى سَبْعَ تَكْبِيرَاتٍ بِتَكْبِيرَةِ الِافْتِتَاحِ، وَفِي الْآخِرَةِ سِتًّا بِتَكْبِيرَةِ الرَّكْعَةِ، كُلُّهُنَّ قَبْلَ الْقِرَاءَةِ. [رواه ابن أبي شيبة في مصنفه برقم: (5704) وصححه الألباني في الإرواء (3/111)]

މާނައީ: “އިބްނު ޢައްބާސްގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ޢިދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ފަށާ ތަކުބީރާއެކު ކިޔުއްވަނީ ހަތް ތަކުބީރެވެ. އަދި ދެވަނަ ރަކުޢަތުގައި ރުކޫޢިން ތެދެވެވަޑައިގަންނަވާ ތަކުބީރާ އެކު ހަ ތަކުބީރެވެ. އެ ހުރިހާ ތަކުބީރެއްވެސް ކިޔުއްވަނީ (ނަމާދުގައި) ކިޔަވަން ފެއްޓެވުމުގެ ކުރިންނެވެ.”

އަދި މަދީނާގެ އަހުލުވެރިން ޢަމަލުކުރަމުން އައިސްފައިވަނީ އެފަދައިންނެވެ. (انظر: مجموع الفتاوى لشيخ الإسلام ابن تيمية (20/362))

ދެވަނަ ބަސްފުޅު: ތަކުބީރަތުލް އިޙްރާމަށް ފަހު ކިޔާނީ 7 ތަކުބީރު

– މިއީ އިމާމު ޝާފިޢީގެ ބަސްފުޅެވެ. (انظر: الأم للشافعي (1/270))

– ދަލީލު:

ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވަނީ ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ހަތް ތަކުބީރު ކިޔުމަށް ފުރަތަމަ ބަސްފުޅުގެ އަހުލުވެރިން ގެންނަވާފައިވާ ދަލީލުތަކުގައި އެވަނީ ތަކުބީރަތުލް އިޙްރާމުގެ ފަހުން ކިޔަންވީ ތަކުބީރުތަކުގެ ޢަދަދުކަމަށެވެ. (انظر: بداية المجتهد لابن رشد (1/228))

އެކަމަށް އެބޭފުޅުން ގެންނަވާފައި ބައެއް އެހެން ދަލީލުތަކަކީ:

*  عَنْ عَائِشَةَ، قَالَتْ: «كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُكَبِّرُ فِي الْعِيدَيْنِ اثْنَتَيْ عَشْرَةَ سِوَى تَكْبِيرِ الِافْتِتَاحِ » [رواه الحاكم في مستدركه برقم: (1108) والدارقطني في سننه برقم: (1720) وضعفه ابن حجر في التلخيص برقم: (691)]

މާނައީ: “ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ދެ ޢީދުގައިވެސް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ނަމާދު ފައްޓަވާ ތަކުބީރުގެ އިތުރަށް ބާރަ ތަކުބީރު ކިޔުއްވައެވެ.”  

* أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ  «كَبَّرَ فِي الْعِيدِ يَوْمَ الْفِطْرِ سَبْعًا فِي الْأُولَى وَفِي الْآخِرَةِ خَمْسًا سِوَى تَكْبِيرَةِ الصَّلَاةِ» [رواه الدارقطني في سننه برقم: (1730) والمنتقى لابن الجارود برقم: (262) والبيهقي في السنن الكبرى بنحوه برقم: (6171)]

މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ  ފިޠުރު ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ހަތް ތަކުބީރު ވިދާޅުވެފައި ފަހު ރަކުޢަތުގައި ނަމާދުގެ ތަކުބީރުގެ އިތުރަށް ފަސް ތަކުބީރު ވިދާޅުވެއެވެ.”

މިޙަދީޘްގައިވާ “ނަމާދުގެ ތަކުބީރުގެ” މުރާދަކީ އެއީ ތަކުބީރަތުލް އިޙްރާމުކަމުގެ އިޙުތިމާލު އެބައޮތެވެ. އަދި އެއީ ރުކޫޢުގެ ތަކުބީރުކަމުގެ އިޙުތިމާލުވެސް އެބަ އޮތެވެ. (انظر: التحقيق في مسائل الخلاف لابن الجوزي (1/510) وتنقيح التحقيق للذهبي (1/288))

އެހެންކަމުން މިމައްސަލާގައިވާ ދަލީލުތައް އެއްކުރެއްވުމަށް ފަހު އިބްނުލް ޖައުޒީ ވިދާޅުވެފައިވެއެވެ.

“ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ވަނީ (ތަކުބީރަތުލް އިޙްރާމަށް ފަހު) ހަ ތަކުބީރެވެ.” (انظر: التحقيق في مسائل الخلاف لابن الجوزي (1/510))

ޢީދު ނަމާދުގެ ތަކުބީރުތަކާމެދު މި ނޫން އެހެން ބަސްފުޅުތައްވެސް ޞަޙާބީ ބޭކަލުންގެ އަރިހުން ޞައްޙަކޮށް ވާރިދުވެފައިވެއެވެ. (انظر: الإرواء للألباني (3/111))

އިމާމު އަޙްމަދު ވިދާޅުވިއެވެ.

“ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބު ބޭކަލުންވަނީ ތަކުބީރާ މެދު ޚިލާފުވެފައެވެ. އޭގެ ތެރެއިން ކޮންމެ ގޮތަކަށް ޢަމަލުކުރުންވެސް ހުއްދައެވެ.” (انظر: الفروع لابن مفلح (3/201))

އެހެންކަމުން މިމައްސަލާގައި މިވާ ޚިލާފަކީ ޢިލްމުވެރިންގެ އަރިހުގައި މުޢުތަބަރު ޚިލާފެކެވެ. އަދި ފުރަމަތަ ރަކުޢަތުގައި ތަކުބީރަތުލް އިޙްރާމަށް ފަހު 6 ތަކުބީރު ކިޔަސް ނުވަތަ 7 ތަކުބީރު ކިޔަސް އެމީހަކަށް އިންކާރުކުރުމެއް ނުވެއެވެ. (انظر: الشرح الممتع (5/136 – 138))

[12]  رواه مسلم في صحيحه برقم: (878)

[13] رواه مسلم في صحيحه برقم: (891)

[14]  انظر: المبسوط للسرخسي (2 / 39)

[15]  انظر: الشرح الممتع على زاد المستقنع (5 / 156) مجموع فتاوى ورسائل العثيمين (16 / 217)

[16]  انظر الأقوال في مصنف ابن أبي شيبة (2 / 184)

[17]  انظر مواهب الجليل في شرح مختصر خليل (2 / 197)

[18]  انظر المهذب في فق ة الإمام الشافعي للشيرازي (1 / 226) البيان للعمرا ني (2 / 648)

[19]  انظر العدة شرح العمدة (ص: 123)

[20]  المصنف لعبد الرزاق الصنعاني (3 / 300)

[21] المغني لابن قدامة (2 / 289)

[22]  مصنف ابن أبي شيبة (2 / 4)

[23] المغني لابن قدامة (2 / 289)

[24] أخرجه مسلم في صحيحه برقم: 153 – (602)

[25] الفتوى رقم: (2328)

[26]  صلاة العيدين للمحاملي (ص: 218)

[27]  المغني لابن قدامة (2 / 295)