ތަޢާރަފު:
(1) ކީރިތި ޤުރުއާނުން އަވަށްޓެރިން:
މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَاعْبُدُوا اللَّـهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّـهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا﴾[1] މާނައީ: ”ތިޔަބައިމީހުން ﷲއަށް އަޅުކަން ކުރާށެވެ. އަދި (އަޅުކަންކުރުމުގައި) އެއިލާހާ އެއްވެސް އެއްޗެއް ބައިވެރިނުކުރާށެވެ. އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ކައިރިއަވަށްޓެރިޔާއަށާއި، ދުރުއަވަށްޓެރިޔާއަށާއި، ކައިރިއެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާއަށް ފެނި ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ ﷲ ލޯބިވެވޮޑިގެންނުވެތެވެ.“
الإِمَامُ القُرْطُبِي ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.[2] “ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ފޮތުގައާއި، އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ވަނީ އަވަށްޓެރިންނަށް ރައްކާތެރިވުމަށާއި، އެބައިމީހުންގެ ޙައްޤުތަކަށް އިޙްތިރާމްކުރުމަށާއި އަދި އަޅާލުމަށް އަމުރުކުރައްވާފައެވެ. މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށްފަހު، ﷲ ސުބުޙާނަހޫ ވަޠައާލާ އަވަށްޓެރިންގެ ވާހަކަ ވަޙީކުރައްވާފައިވާތަން ނުފެނޭތޯއެވެ؟ އެކަލާނގެ ވަޙީކުރައްވާފައިވަނީ: ﴿وَالْجَارِ ذِي الْقُرْبَىٰ﴾ މާނައީ: “އަދި ކައިރި އަވަށްޓެރިޔާއަށާއި” އެހެނީ: ތިބާއާ ގާތް ގުޅުމެއް އޮންނަ ރައްޓެހި މީހުންނާއި އަދި ﴿وَالْجَارِ الْجُنُبِ﴾ މާނައީ: “އަދި ދުރު އަވަށްޓެރިޔާއަށާއި” އެހެނީ: ތިބާއާ ގާތް ގުޅުމެއް ނެތް ބީރައްޓެހި މީހުންނެވެ. މިއީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވާގޮތެވެ.”[3]
اِبْنُ القَيِّم ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މިއާޔަތުގައި ޛިކުޒުކޮއްފައިވާ އެންމެންނަށް ޙައްޤު ދިނުމަކީ ވާޖިބެކެވެ. އެއީ ކާފަރަކުވިޔަސްމެއެވެ.[4]
ޢަރަބި ބަހުގައި الْجُنُبُގެ މާނައަކީ ބީރައްޓެހިވުމެވެ. އަދި އެ ނެގިފައިވާ ބަސް الْجَنَابَةُގެ މާނައަކީ ދުރުވުމެވެ. އެހެނީ: ގާތްނުވުމެވެ. ޢަރަބި ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. “ޢަލީ އަކީ الْجَنَابَة (އެބަހީ: ދުރުހިލޭ) މީހަކަށް ވުމުން އޭނަ އަހަންނާ ބައްދަލު ކުރުމަށް ހުރަސް ނާޅާނެވެ.”
الإِمَامُ القُرْطُبِي ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިގޮތުން، އަވަށްޓެރިންނަށް ކަމޭހިތުމަކީ ދީނީ ވާޖިބެކެވެ. އެއީ މުސްލިމަކަށް އަދި ކާފަރަކަށް ވިޔަސްމެއެވެ. މިއީ މީގެ އެންމެ ޞައްޙަ ރައުޔެވެ.
އިޙްސާންތެރިވުމަކީ ހިތާމައެއްދިމާވާހިނދު އަޅާލުމާއި، ހެޔޮކޮށްހިތުމާއި، އުނދަގުލާއި ދުއްތުރާ ނުކުރުމާއި އަދި ރައްކާތެރިކަންދިނުމެވެ.”[5]
الحَافِظُ اِبْن حَجَر ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “﴿وَالْجَارِ ذِي الْقُرْبَىٰ﴾ މާނައީ: “އަދި ކައިރިއަވަށްޓެރިޔާއަށާއި” މީގެ މާނައަކީ: ލޭގެ ގޮތުން ތިމާގެ މީހުންނެވެ. އަދި ﴿وَالْجَارِ الْجُنُبِ﴾ މާނައީ: ”އަދި ދުރުއަވަށްޓެރިޔާއަށާއި“ މާނައަކީ: އެހާ ގާތްކަން ނެތުމެވެ. މިއީ ގިނަ ބޭފުޅުންގެ ރައުޔެވެ. އަނެއްބައި ބޭފުޅުންގެ ރައުޔަކީ ﴿وَالْجَارِ ذِي الْقُرْبَىٰ﴾ ގެ މުރާދަކީ މުސްލިމުންނަށެވެ. އަދި ﴿وَالْجَارِ الْجُنُبِ﴾ ގެ މުރާދަކީ މުސްލިމް ނޫން މީހުންނަށެވެ. ނުވަތަ ﴿وَالْجَارِ ذِي الْقُرْبَىٰ﴾ ގެ މުރާދަކީ އެމީހާގެ އަނބިމީހާއެވެ. އަދި ﴿وَالْجَارِ الْجُنُبِ﴾ ގެ މުރާދަކީ ދަތުރުގެ ބައިވެރިންނެވެ.”
___________________
[1] سُوْرَةُ النِّسَاء:36.
[2] الجَامِعُ لِأَحْكَامِ القُرْآن (5/183).
[3] فَتْحُ البَارِي لِابْنِ حَجَر (10/441). الحَافِظُ اِبْنُ حَجَر ވިދާޅުވެފައިވެއެވެ. الطَّبَرِي ވިދާޅުވެފައިވެއެވެ. މިއީ حَسَن ދަރަޖައިގެ ސަނަދެކެވެ.
[4] أحكام أهل الذمة (2/793).
[5] الجامع لأحكام القرآن (5/183).