[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގަމަތުގެ ފަހުގައި ބަންގި ދުޢާ ކިޔުމުގެ ޙުކުމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعد:

މި  މައްސަލައިގެ ޖަވާބައިގެން ފަށައިގަތުމުގެ ކުރިން މުހިންމު ޤަވާއިދަކަށް އަލިއަޅުވާލަން ޖެހެއެވެ. އެއީ، ސުންނަތެއް ސާބިތުވުމަށްޓަކާ ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅާއި ޢަމަލުފުޅު، އެކުގައި ވާރިދުވެގެން އައިސްފައިވުން ލާޒިމުވެގެންނުވެއެވެ. އެހެނެއްކަމަކު ސުންނަތުގެ ތެރޭގައި ހަމައެކަނި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުން ސާބިތުވެފައިވާ، ޢަމަލުފުޅުން ފެނިވަޑައިގަންފައި ނުވާ ކަންކަން ހިމެނެއެވެ. އަދި ޢަމަލުފުޅުން ސާބިތުވެފައިވާ ނަމަވެސް ބަސްފުޅެއް ވާރިދުވެގެން އައިސްފައި ނުވާ ކަންކަންވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ ބަސްފުޅާއެކު ޢަމަލުފުޅުންވެސް ސާބިތުވެފައިވާ ކަންކަން ހިމެނެއެވެ. އަދި ހަމަ އެހެންމެ ޞަޙާބީއަކު ކަމެއް ކުރައްވާ ހިނދު ރަސޫލާ صلى الله عليه وسلم އެކަމަށް އިޤްރާރުވުމުންވެސް އެކަން ސާބިތުވެފައިވާ ސުންނަތްތަކުގެ ތެރެއިން ހިމެނެއެވެ.

މި ގޮތުން ބަންގިއަށްފަހު ކިޔުމަށް ވާރިދުވެފައިވާ ދުޢާ، ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅަކުން ސާބިތުވެގެން އައިސްފައެވެ. ޙަދީޘެއްގައިވެއެވެ.

أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: “مَنْ قَالَ حِينَ يَسْمَعُ النِّدَاءَ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ، حَلَّتْ لَهُ شَفَاعَتِي يَوْمَ القِيَامَةِ” [رواه البخاري : 612]

މާނައީ: ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. [އެ މީހަކަށް ބަންގީގެ އަޑުއިވޭ ހިނދު، اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ މިފަދައިން ކިޔައިފިނަމަ، ޤިޔާމަތްދުވަހުން، އެ މީހަކަށް ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭ ހުއްޓެވެ.]  

(ދުޢާގެ މާނައަކީ: މި ފުރިހަމަ ގޮވާލުމުގެ ވެރިރައްބު! އަދި ޤާއިމުކުރެވޭ ނަމާދުގެ ވެރި ރައްބު! އިބަރަސްކަލާނގެ، މުޙައްމަދު صلى الله عليه وسلم އަށް އަލްވަސީލާ އާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ އެކަމަށް ވަޢުދު ކުރައްވާފައިވާ، ޙަމްދުލިބިގެންވާ މަޤާމު އެކަލޭގެފާނަށް ދެއްވާނދޭވެ!)

މި ދުޢާ ގަމަތަށް ފަހު ކިޔުން ސުންނަތްވެގެންވާކަމާމެދު ފިޤުހު ޢިލްމުވެރީންގެ މެދުގައި ޚިލާފުވެފައިވެއެވެ. މި ޚިލާފު ބިނާވެގެންވަނީ ޢިލްމުވެރިންނަށް އަންނަނިވި ޙަދީޘް ފަހުމުވެލައްވާ ގޮތުގެ މައްޗަށެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވެވިއެވެ.

«بَيْنَ كُلِّ أَذَانَيْنِ صَلاَةٌ » -متفق عليه- (މާނަ: “ކޮންމެ ދެ أذان (ބަންގިއަކާއި ގަމަތަކާ) ދެމެދު (ސުންނަތް) ނަމާދެއްވެއެވެ.”).

އަދި އެތައް ޢިލްމުވެރިންނެއް ވިދާޅުވެއެވެ. ޙަދީޘްގައި ގަމަތުގެ މާނައިގައި “أذان” (ޢަރަބި ބަހުގައި ބަންގިއަށް ބޭނުންކުރާ ލަފުޒު) މި ލަފުޒު ބޭނުންކޮށްފައިވުމުން ގަމަތް ދޭވަގުތު ގަމަތުގެ ލަފުޒުތައް ތަކުރާރު ކުރުމާއި ގަމަތަށްފަހު ދުޢާކިޔުން ބަންގިއެކޭ އެއްފަދައިން ޝަރުޢުވެގެންވެއެވެ. ބަންގިއަށް ފަހު ކިޔުން ޝަރުޢުވެގެންވާ ދުޢާ ގަމަތަށް ފަހު ކިޔުންވެސް ޝަރުޢުވެގެންވާކަމުގައި މި ޢިލްމުވެރިން ދެކެލައްވައެވެ.

 ابن حجر الهيتمي رحمه الله ވިދާޅުވެފައިވެއެވެ. “ގަމަތް ފެށޭއިރު ރަސޫލާ صلى الله عليه وسلم އަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރުން ސުންނަތްވެގެންވާކަމަށް ވިދާޅުވާ ބޭކަލަކު ދެކެވަޑައިނުގަންނަވަމުއެވެ. އަދި ތިމަންބޭކަލުންގެ އިމާމުން ޒިކުރު ކުރައްވާފައިވަނީ ބަންގިއެކޭ އެއްފަދައިން ގަމަތާ ގުޅިގެންވެސް ދެ ސުންނަތް ވާކަމުގައެވެ. ދެން ބަންގިއާއި ގަމަތަށް ފަހުގައިވެސް “اللهم رب هذه الدعوة التامة (މި ދުޢާ ކިޔުމެވެ.)”

الخطيب الشربيني رحمه الله ވިދާޅުވެފައިވެއެވެ. “އަދި ކޮންމެ މުއައްޒިނަކަށާއި، އެ އަޑު އިވޭ މީހާއަށާއި އަޑުއަހަން ހުންނަ މީހާ، ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތްލެއްވުން އެދި ދުޢާ ކުރުމާއި ބަންގީގެ ލަފުޒުތަށް ތަކުރާރު ކުރުން ސުންނަތްވެގެން ވެއެވެ. އަދި ބަންގި ނުވަތަ ގަމަތުގެ ލަފުޒުތައް ތަކުރާރުނުކޮށް ހުރުން މަކުރޫހަވެގެންވެއެވެ. އެއީ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު، “ތިޔަބައިމީހުނަށް ބަންގިދޭ އަޑު އިވިއްޖެނަމަ، މުއައްޒިނު (ބަންގިގޮވާމީހާ) ކިޔާ ފަދައިން ތިޔަބައިމީހުންވެސް ކިޔާށެވެ. އެއަށް ފަހު ތިމަންކަލޭގެފާނަށް ޞަލަވާތްލެއްވުންއެދި ދުޢާ ކުރާށެވެ.  ފަހެ ތިމަންކަލޭގެފަނަށް ޞަލަވާތް ލެއްވުން އެދި އެއްފަހަރު ދުޢާކޮށްފި މީހާއަށް، ﷲ ތަޢާލާ ދިހަ ފަހަރު ޞަލަވާތް ލައްވާނެތެވެ.” ދެން މި ދުޢާ ކިޔާނީއެވެ. “اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ …”

އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ގަމަތަށް أذان އޭ ކިޔެނީ ލުޣަވީ ނަޒަރަކުންނެވެ. އެއީ ޢަރަބި ބަހުގައި އިރު (الشَمْسُ) އާއި ހަނދު (القَمَر) އަށް القَمَران އޭ ކިޔޭ އުސޫލުންނެވެ. ލަފުޒީ ގޮތުންނަމަ القَمَران ގެ މާނައަކީ ދެ ހަނދެވެ. ނަމަވެސް ޢަރަބި ބަހުގައި އިރާއި ހަނދަށް މުޚާތަބުކޮށް ބޭނުން  ކުރަނީ މި ލަފުޒެވެ. އެހެންކަމުން ބަންގިއާ ގުޅިގެން އައިސްފައިވާ ޙުކުމްތައް ގަމަތުގެ ޙުކުމްތައް ކަމުގައިވުން ލާޒިމެއް ނޫނެވެ. އެހެނެއްކަމަކު ގަމަތަށް އެ ޙުކުމް އަންނާނީ ގަމަތަށް ޚާއްސަކޮށް އެކަމުގެ ދަލީލެއް އައިސްފައިވާނަމައެވެ. އެކަމަށް ދަލީލެއް ނުވާނަމަ އަޞްލަކީ އެކަން ޝަރުޢުވެގެން ނުވުމެވެ. މި ރައުޔު ރާޖިޙުކުރައްވަވާ އިލްމުވެރިންގެ ތެރޭގައި العلامة العثيمين رحمه الله ހިމެނިވަޑައިގަންނަވައެވެ.

العثيمين رحمه الله ވިދާޅުވިއެވެ. “ރާޖިޙު ގޮތަކީ: (ގަމަތް އިވޭ ވަގުތު) އެއްވެސް އެއްޗެއް ނުކިޔުމެވެ. އަދި ލަފުޒުތައް ތަކުރާރުވެސް ނުކުރުމެވެ. އަދި (ގަމަތަށް ފަހު) ބަންގި ދުޢާވެސް ނުކިޔުމެވެ.”

އަދި ހަމައެހެންމެ العلامة بكر أبي زيد رحمه الله އެބޭފުޅާގެ ފޮތް تصحيح الدعاء ގައި ރާޖިޙު ކުރައްވަނީވެސް މި ރައުޔެވެ. އެހެން ފިޤުހީ ބައެއް މައްސަލަތަކެކޭ އެއްފަދައިން މި މައްސަލައަކީވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ޚިލާފު އުފެދިފައިވާ ދެރައުޔުންކުރެ އެއް ރައުޔުއަށް އަމިއްލައަށް ރާޖިޙުކުރުމުގެ ކުޅަދާނަކަން ލިބިގެންވާނަމަ އެމީހަކަށް އޮތީ އެގޮތަކަށް ޢަމަލުކުރުމެވެ. އަދި އަމިއްލައަށް ވަކި ރައުޔުއަކަށް ރާޖިޙު ކުރެވޭވަރުގެ ޢިލްމީ ފެންވަރު ނެތް މީހުންނަށް އޮތީ އިތުބާރު ހުރި ޢިލްމުވެރިއެއްގެ ބަހަށް ތަބާވުމެވެ.

ބަންގީގެ އެންމެހާ ހުކުމްތައް ގަމަތަށް ވެސް އަންނާނެކަމަށް ފަހުގެ ޢިލްމުވެރިންގެ ތެރެއިންވެސް އެތައް ޢިލްމުވެރިންނެއް ދެކެވަޑައިގަންނަވައެވެ. މި ގޮތުން ސައުދީ ޢަރަބިއްޔާގެ ލަޖުނާގެ ފަތުވާގައިވެއެވެ.

“ސުންނަތްވެގެންވަނީ ގަމަތް އަޑު އިވޭ މީހާ، ގަމަތް ދޭ މީހާއާ އެއްފަދައިން ކިޔުމެވެ. އެހެނީ ގަމަތަކީ ދެވަނަ ބަންގިއެވެ. އެހެންކަމުން ގަމަތަށްވެސް އިޖާބަ ދޭނީ ބަންގިއަށްވެސް އިޖާބަދޭ ފަދައިންނެވެ. އަދި ” حَيَّ عَلَى الصَّلاةِ. حَيَّ عَلَى الْفَلاح ” ކިޔާ އަޑު އިވޭ ހިނދު ކިޔާނީ، ” لا حَوْلَ وَلاَ قُوَّةَ إلا بِاللهِ ” އެވެ. އަދި ” قَدْ قَامَتِ الصَّلاةُ ” އޭ ކިޔޭ އަޑު އިވޭ ހިނދު ކިޔާނީ ހަމަ އެފަދައިންނެވެ. “أقامها الله وأدامها” މިފަދައިން ކިޔުމެއް ނުވެއެވެ. އެހެނީ އެފަދައިން ކިޔުމަށް ވާރިދުވެގެން އައިސްފައިވާ ޙަދީޘަކީ ޟަޢީފް ޙަދީޘެކެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ ކިބައިން ޞައްޙަ ގޮތުގައި ވާރިދުވެގެން އައިސްފައިވަނީ މުއައްޒިނުގެ އަޑު އިވޭ ހިނދު އެ ކިޔާ ފަދައިން ކިޔުމަށެވެ. އެއީ ބަންގިއާއި ގަމަތަށްވެސް އާންމުވެގެންވާ ގޮތަށެވެ. އެހެނީ ބަންގިއާއި ގަމަތަށްވެސް أذان (ބަންގި) އޭ ކިޔެއެވެ. އަދި ” لا إله إلا الله” ކިޔޭ އަޑު އިވުމުން ރަސޫލާ صلى الله عليه وسلم އަށް ޞަލަވާތް ކިޔަވާ މިފަދައިން ކިޔާނީއެވެ. “اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ القَائِمَةِ …” ބަންގިއަށް ފަހު ކިޔާފަދައިން މިދުޢާ ނިމެންދެން ކިޔާނީއެވެ.”

އަދި الألباني رحمه الله ވިދާޅުވެފައިވެއެވެ. “ގަމަތް އަޑު އިވޭ މީހާ އަމަލުކުރުންވަނީ ބަންގި އަޑު އިވޭ މީހާވެސް އަމަލުކުރަން ޖެހޭ ފަދައިންނެވެ. ބަންގިއާއި ގުޅުންހުރި މައްސަލައިގައި ބަޔާންވެ ގޮސްފައިވާ ފަދައިން، ބަންގިއެކޭ އެއްގޮތަށް ގަމަތަށްވެސް އިޖާބަދީ، ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތްލެއްވުމަށާއި އަލްވަސީލާ ދެއްވެވުމަށް އެދި ދުޢާ ކުރުން ހުއްޓެވެ. އެއީ ޢުމޫމީކޮށް އައިސްފައިވާ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅު: “ތިޔަބައިމީހުންނަށް މުއައްޒިނުގެ އަޑު (ބަންގި ދޭ އަޑު) އިވިއްޖެނަމަ އެ ކިޔާ ފަދައިން ކިޔާށެވެ.” މި ޙަދީޘަށް ބިނާކޮށެވެ. އަދި ގަމަތަކީ ލުޣަވީ ގޮތުންވެސް އަދި ޝަރުޢީ ގޮތުންވެސް ބަންގިއެއް ކަމަށް ވާތީއެވެ. މިކަމުގެ ދަލީލަކީ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅު: «بَيْنَ كُلِّ أَذَانَيْنِ صَلاَةٌ » (މާނަ:”ކޮންމެ ދެ أذان (ދެ ބަންގިއެއް) ދެމެދު (ސުންނަތް) ނަމާދެއްވެއެވެ.”). އެބަހީ ބަންގިއާއި ގަމަތާ ދެމެދެވެ.”

އެންމެފަހުން ޒިކުރު ކުރެވިފައިވާ ޙަދީޘް ގެ ޝަރަޙައިގައި الحافظ ابن حجر رحمه الله ވިދާޅުވެފައިވެއެވެ. “އެބަހީ ބަންގިއާއި ގަމަތެވެ. ވިދާޅުވިއެވެ. އަދި އެފަދައިން އެ ބުނެވެނީ އިރާއި ހަނދަށް القَمَرَين އޭ ކިޔޭ އުޞޫލުންކަމަށްވެސް ޝަރަޙަ ކުރައްވާ ބޭފުޅުން ގެންނަވާފައިވެއެވެ. އެހެން ނަމަވެސް ބަންގިއަކީ ނަމާދު ވަގުތު ވަދެއްޖެކަން އެންގުމުގެ ގޮތުން ގޮވާލެވޭ ގޮވާލުމެއް ފަދައިން ގަމަތަކީ ނަމާދަށް ފެށުމުގެ ގޮތުން ނަމާދަށް ހާޒިރުވުމަށް ގޮވާލެވޭ ގޮވާލުމެއްކަމަށް ވާތީ، ގަމަތަށް ބަންގިއޭ ކިޔުމުގެ އިޙުތިމާލު އެބައޮތެވެ. އަދި ބޭރުފުށަށް ފެންނަފެނުމުގައި އެކަމަކަށް ހުރަހެއް ނެތެވެ.”

އަދި މި ވާހަކަދެކެވޭ ޙަދީޘުން ދަލީލު ނަންގަވާ ރަސޫލާ صلى الله عليه وسلم ޙަދީޘް “فَإذَا حَضَرَت الصَّلاةُ فليُؤَّذِنْ لكم أحَدُكُم . . . ” (މާނަ: ފަހެ ނަމާދު ވަގުތު ވަދެއްޖެނަމަ ތިޔަބައިމީހުންގެ ތެރެއިން މީހަކު ބަންގިގޮވުން ހުއްޓެވެ.) الإمام ابن حزم رحمه الله އަށް ފަހުމުވެލައްވަނީ ޙަދީޘްގައި ބަންގިދޭން އައިސްފައިވާ އަމުރުގައި ގަމަތްވެސް ހިމެނޭނެކަމަށެވެ.

މިއާއެކު ސަމާލުކަމަށް ގެންނަންޖެހޭ ނުކުތާއަކީ ގަމަތަށް ފަހު މި ދުޢާ ކިޔުން ޝަރުޢުވި ނަމަވެސް އަޑުހަރުކޮށް މި ދުޢާ ކިޔުމެއް ނުވެއެވެ. ޒިކުރުތަކާއި ދުޢާތައް ކިޔުމުގައި އަޞްލަކީ ސިއްރުން ކިޔުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً﴾ [سورة الأعراف: ٥٥]

މާނައީ: “މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ރައްބަށް ދުޢާ ކުރާށެވެ.”

والله أعلم.

_____________________

މަޞްދަރު