17- ހަށިގަނޑާއި ގުނަވަންތަކުގައި ޢާފިޔަތު ލެއްވުމަށް އެދި ﷲ تعالى ގެ ޙަޟްރަތުގައި ދުޢާކުރުން
((عن عَبْدُ الرَّحْمَنِ بْنُ أَبِي بَكْرَةَ، أَنَّهُ قَالَ لأَبِيهِ: يَا أَبَتِ، إِنِّي أَسْمَعُكَ تَدْعُو كُلَّ غَدَاةٍ))
މާނައީ: ޢަބްދުއްރަޙްމާން ބިން އަބޫބަކްރާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން އެއްސެވިއެވެ. ”އޭބައްޕާއެވެ! ކޮންމެ ދުވަހަކު ހެނދުނު ބައްޕަ (މިފަދައިން) ދުޢާކުރާތީ އަޑުއަހަމެވެ.”
((اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لاَ إِلَهَ إِلاَّ أَنْتَ))
“އޭ ﷲ! މި އަޅާއަށް މި އަޅާގެ ހަށިގަނޑުގައި ފުރިހަމަ ޞިއްޙަތެއް ލައްވާނދޭވެ! އޭ ﷲ! މި އަޅާއަށް މި އަޅާގެ އެހުމުގައިވެސް ފުރިހަމަ ޞިއްޙަތެއް ލައްވާނދޭވެ! އޭ ﷲ! މި އަޅާއަށް މި އަޅާގެ ފެނުމުގައިވެސް ފުރިހަމަ ސިއްޙަތެއް ލައްވާނދޭވެ! އިބަ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.”
((تُعِيدُهَا ثَلاَثًا حِينَ تُمْسِي، وَحِينَ تُصْبِحُ ثَلاَثًا))
“ހަވީރު ތިން ފަހަރު އަދި ހެނދުނު ތިންފަހަރު އެފަދައިން ވިދާޅުވެއެވެ. މިފަދައިން ހެނދުނުވާއިރު ތިންފަހަރު އަދި ހަވީރުވާއިރު ތިންފަހަރު ކިޔުއްވަމުއެވެ.”
((وَتَقُولُ: اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لاَ إِلَهَ إِلاَّ أَنْتَ))
“އަދި ވިދާޅުވެއެވެ. އޭ ﷲ! ކާފިރުކަމުންނާއި ފަޤީރުކަމުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ. އޭ ﷲ! ކަށްވަޅުގެ އަޛާބުން ރައްކާތެރިކޮށްދެއްވުމަށްވެސް މިއަޅާ އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ. އިބަﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ.”
((تُعِيدُهَا ثَلاَثًا حِينَ تُمْسِي، وَحِينَ تُصْبِحُ ثَلاَثًا، فَقَالَ: نَعَمْ، يَا بُنَيَّ، سَمِعْتُ رَسُولَ اللهِ صلى الله عليه وسلم يَقُولُ بِهِنَّ، وَأَنَا أُحِبُّ أَنْ أَسْتَنَّ بِسُنَّتِهِ.)) [1]
މިފަދައިން ހެނދުނުވާއިރު ތިންފަހަރު އަދި ހަވީރުވާއިރު ތިންފަހަރު ކިޔުއްވަމުއެވެ. ވިދާޅުވިއެވެ. “އާއެކެވެ، އޭދަރިފުޅާއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم މިފަދައިން ދުޢާ ކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. ފަހެ އެކަލޭގެފާނުގެ ސުންނަތް ދިރުވަން އަހުރެން ލޯބިކުރަމުއެވެ.”
18- ދުޅަހެޔޮކަން ބަދަލުވުމުން ރައްކާތެރިކޮށްދެއްވުން އެދި ﷲ تعالى ގެ ކިބައިން އެދުން
عن عبدالله بن عمر رضي الله عنهما قال: كان من دعاء رسول الله صلى الله عليه وسلم،
މާނައީ: ޢަބްދުﷲ ބިން ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ކުރައްވާ ދުޢާތަކުގެ ތެރޭގައި މިދުޢާ ހިމެނެއެވެ.
((اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ)) [2]
“އޭ ﷲ! މިއަޅާ އިބަ ﷲ ގެ ނިޢުމަތްތައް ފިލައިގެން ދިޔުމުންނާއި، އިބަ ﷲ ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ ﷲ ގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ ﷲ ގެ އެންމެހާ ކޯފާއިން، އިބަ ﷲ ގެ ހަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.”
19- ނުބައި ބަލިތަކުން ރައްކާތެރިކޮށްދެއްވުން އެދި ﷲ تعالى ގެ ޙަޟްރަތުގައި ދެންނެވުން
وعن أنس رضي الله عنه أن النبي صلى الله عليه وسلم، كان يقول:
މާނައީ: އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ވިދާޅުވާކަމުގައިވެއެވެ.
((اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَسَيِّئِ الْأَسْقَامِ)) [3]
“އޭ ﷲ! ހަމަކަށަވަރުން ބަރަޞް ބަލިންނާއި، ބުއްދިފިލައި ދިއުމުންނާއި، ޖުޒާމު ބަލިންނާއި، ނުބައިވެގެންވާ ބަލިތަކުން އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ!”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] رواه أبو داود (5090)، والبخاي في الأدب المفرد: (701)
[2] صحيح مسلم (2739)
[3] رواه أبو داود: (1554)