[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ޙަޔާތުން އުފާވެރިކަން ޙާޞިލުކުރައްވާ – 5

ބަންޑުންވެފައިވާ ކިރު ތައްޓާ މެދު ހިތާމަނުކުރާށެވެ.

 

 ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެމީހުން އުޅެބޮޑުވިގޮތާއި، އެމީހުންނާ މެދު މީހުން ޤަބޫލުކުރާ ގޮތާއި އެމީހުންނާ މެދު ދެކޭ ގޮތަކީ ދުވަހަކުވެސް ބަދަލު ނުކުރެވޭނެ އެއްޗެއްސެވެ. އެހެންކަމުން އަވަހަށް ހަތިޔާރު ބަހައްޓައި، އޭނާގެ ހާލާއި މެދު ރުހިގަނެއެވެ. އެއީ އޭނާގެ ހަށިގަނޑުގެ އިސްކޮޅާއި، ހަންގަނޑުގެ ކުލަ ބަދަލު ނުކުރެވޭނެތީ އެކަން ކަމަށްވެސް ރުހިގަންނަ ފަދައިންނެވެ. ނަމަވެސް މިކަންތަކަކީ އެއްވެސް ހާލެއްގައި ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ.

 އަހަރެމެންގެ ތެރޭގައިވާ ބުއްދިވެރިންނަށް އެނގޭނެ ފަދައިން އަހަރެމެންގެ އާދަތައް ބަދަލުކުރުމަކީ ފޭރާން ބަދަލުކުރުމަށް ވުރެ ފަސޭހަކަމެކެވެ. އަހަރެމެންގެ އާދަތަކަކީ ބަންޑުންވެފައިވާ ކިރު ތައްޓެއް ސަލާމަތްކޮށް އަލުން އެއްނުކުރެވޭނެ ބީދައިން މަސައްކަތްކުރާ އެއްޗެއް ނޫނެވެ.

އެއާ ޚިލާފަށް، އަހަރެމެންގެ އާދަތައް ވަނީ އަހަރެމެންގެ ބާރުގެ ދަށުގައެވެ. މީގެ އިތުރުން އަހަރެމެންގެ އަމިއްލަ އާދަތަކާއި ވިސްނުން ބަދަލުކުރުމުގެ އިތުރުން އަހަރެމެންގެ ވަށައިގެންވާ މީހުންގެ އާދަތަކާއި ވިސްނުން ބަދަލުކުރުމުގެ ޤާބިލިއްޔަތު ވެސް އަހަރެމެންނަށް ލިބިގެންވެއެވެ.

އިބްނު ހަޒުމްގެ “ދަ ރިންގް އޮފް ދަ ޑަވް” (ކޮތަރުގެ އަނގޮޓި) ފޮތުގައި ލިޔުއްވައިފައިވާ ހާދިޘާއެއްގައިވެއެވެ. އަންދަލުސްގައި އުޅުނު ވަރަށް މަޝްހޫރު ވިޔަފާރިވެރިއެއް އުޅުނެވެ.

މި ވިޔަފާރިވެރިޔާއާއި އަދި އެހެން ހަތަރު ވިޔަފާރިވެރިންނާއި މެދު ވާދަވެރިކަމެއް ހިނގިއެވެ. އެއަށްފަހު މި ހަތަރު ވިޔަފާރިވެރިން އޭނާދެކެ ވަރަށް ނަފްރަތުކުރިއެވެ. އެހެންކަމުން އޭނާއަށް އުނދަގޫކޮށް، އޭނާ ރުޅިއެރުވުމަށް އެމީހުން ޢަޒުމު ކަނޑައެޅިއެވެ.

އެއްދުވަހަކު މަޝްހޫރު ވިޔަފާރިވެރިޔާ ހުދުކުލައިގެ ފޭރާމަކާއި ފޮށައެއް ލައިގެން ގެއިން ނިކުމެ އޭނާގެ ފިހާރައާއި ދިމާލަށް މިސްރާބު ޖެހިއެވެ. މަގުމަތިން އެއްކަލަ ވިޔަފާރިވެރިންގެ ތެރެއިން އެކަކާ ދިމާވިއެވެ. ސަލާމްގޮވުމަށް ފަހު އޭނާ ވިޔަފާރިވެރިޔާގެ ފޮށަޔަށް ބަލާލުމަށްފަހު ތަޢުރީފުކުރިއެވެ. “ތިޔައީ ހާދަ ރީތި ރީނދޫ ފޮށައެކެވެ”.

ވިޔަފާރިވެރިޔާ ޖަވާބުގައި ބުންޏެވެ. “ތިބާގެ ލޮލުގެ ފެނުން ދިޔައީ ހެއްޔެވެ؟ މިއީ ހުދު ކުލައިގެ ފޮށައެކެވެ”.

އެއްކަލަ ވިޔަފާރިވެރިޔާ ޖަވާބުދިނެވެ. “ނޫނެކެވެ. ތިޔައީ ރީނދޫ ފޮށައެކެވެ. އެކަމަކު ރީނދޫ ނަމަވެސް ރީތި ފޮށައެކެވެ”.

ވިޔަފާރިވެރިޔާ އަނެއްކާވެސް ހިނގައިގަތެވެ. މާ ގިނަ އިރުތަކެއްނުވެ ދެވަނަ ވިޔަފާރިވެރިޔާއާ ދިމާވެ ސަލާމް ބަދަލުވިއެވެ. އެއަށްފަހު ފޮށަޔަށް ބަލާލުމަށް ފަހު ތަޢުރީފުކުރިއެވެ. “މިއަދު ތިބާ ހާދަ ރީއްޗެވެ. ތިބާ ލައިގެން ހުރި ހެދުމުގެ ފުރިހަމަކަމާއެވެ! ޚާއްސަކޮށް ތިޔަ ފެހި ފޮށާ ވަކިން ފުރިހަމައެވެ”.

ވިޔަފާރިވެރިޔާ ޙައިރާންކަމާއެކީ ސުވާލުކުރިއެވެ. “ތިބާ ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ. މިއީ ހުދުކުލައިގެ ފޮށައެކެވެ”.

ޖަވާބުގައި ބުންޏެވެ.” ނޫނެކެވެ. ތިޔައީ ފެހިކުލައިގެ ފޮށައެކެވެ.”

ވިޔަފާރިވެރިޔާ ރައްދުދިނެވެ. “މިއީ ހުދަކުލައެވެ! އަހަރެންނާއި ދުރަށްދާށެވެ!”

މި މިސްކީނު މީހާ އޭނާގެ ނަފްސަށް ކުދިކިޔަމުން އަނެއްކާވެސް ހިނގައިގަތެވެ. ފޮށާގެ ކުލަޔަކީ ހުދުކުލަކަން ޔަގީންކޮށްލުމަށް ހިނދު ހިނދު ކޮޅުން ކޮނޑަށް ވެއްޓިފައި އޮތް ފޮށާގެ ކޮޅަށް ލޯ ހިންގާލައެވެ.

 މާ ގިނައިރުތަކެއް ނުވަނީސް ފިހާރައާއި ހަމަޔަށް ވާސިލުވެއްޖެއެވެ. ދޮރުގެ ތަޅު ހުޅުވަން ފެށުމާއެކީ ތިންވަނަ ވިޔަފާރިވެރިޔާ އޭނާގެ ގާތަށް އައިސް ތަޢުރީފުގެ ބަސްތައް އަމުނަން ފަށައިފިއެވެ.

“މި ހެނދުނު ތިބާ ފެންނަލެއް ނުހަނު ބަރާބަރެވެ! ވަކިން ޙާއްސަކޮށް ތިބާގެ ފޭރާމާއި ނޫކުލައިގެ ފޮށައެވެ”.

ވިޔަފާރިވެރިޔާ ފޮށާގެ ކުލަ ޔަގީންކޮށްލުމަށް ފޮށަޔަށް ލޯ ހިންގާލިއެވެ. ލޮލުގައި އަތް އުނގުޅާލަމުން ބުންޏެވެ. “އަޚާއެވެ. މިއީ ހުދުކުލައިގެ ފޮށައެކެވެ”.

ޖަވާބުގައި ބުންޏެވެ. “ނޫނެކެވެ. ތިޔައީ ނޫކުލައެވެ! ނޫކުލަޔަށް ވިޔެއްކަމަކު ރީއްޗެވެ. ތިޔައީ ހިތާމަކުރަންޖެހޭ ވަރުގެ ކަމެއް ނޫނެވެ.” މިހެން ބުނުމަށް ފަހު އެ މީހާ އެތަނުން ހިނގައްޖެއެވެ.

ވިޔަފާރިވެރިޔާ ރުޅިން ގޮސް ހަޅޭއްލަވަން ފަށައިފިއެވެ. “މިއީ ހުދަކުލައިގެ ފޮށައެކެވެ! ހުދުކުލައެވެ!”

އަދި ތޫނު ނަޒަރަކުން ފޮށަޔަށް ބަލަން ފަށައިފިއެވެ. އަތަށް ނަގާ އެގޮތް މިގޮތަށް އަނބުރަން ފަށައިފިއެވެ. މިގޮތަށް ވަގުތުތަކެއް ވަންދެން ފިހާރައިގައި އިށީނދެ އިނެވެ. އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުބަލައެވެ.

މިގޮތަށް ހުއްޓާ ހަތަރުވަނަ ވިޔަފާރިވެރިޔާ އައިސް ފިހާރައަށް ވަދެ ވިޔަފާރިވެރިޔާއާ މުޙާތަބުކުރަން ފެށިއެވެ. “މާޝާﷲ! ތިޔަ ރަތް ފޮށާ ހޯދީ ކޮން ތަނަކުން ހެއްޔެވެ؟”

ވިޔަފާރިވެރިޔާ ހަޅޭއްލަވައިގަތެވެ. “މިއީ ނޫކުލައިގެ ފޮށައެކެވެ!”

ޖަވާބުގައި ބުންޏެވެ. “ނޫނެކެވެ. ތިޔައީ ރަތްކުލައެވެ”.

ވިޔަފާރިވެރިޔާ ބުނަން ފެށިއެވެ. “ނޫނެކެވެ. މިއީ ފެހިކުލައެވެ. ނޫން ނޫން، މިއީ ހުދުކުލައެވެ. ނޫނެކެވެ. މިއީ ނޫކުލައެވެ. ނޫނެކެވެ. ހަމަ ޔަޤީނުންވެސް ކަޅުކުލައެވެ.” އޭނާ މިހެން ބުނުމަށްފަހު މޮޔަގޮތަކަށް ހޭން ފަށައިފިއެވެ. ދެން ރޯން ފަށައިފިއެވެ. ދެން އެއަށް ފަހު ހަޅޭއްލަވައި ފުންމަން ފެށިއެވެ.

އިބްނު ޙަޒުމު ވިދާޅުވިއެވެ. “ދެން އެއަށްފަހު ތިމަންނައަށް އެ ވިޔަފާރިވެރިޔާ ފެނުނީ މޮޔައެއްގެ ގޮތުގައި އަންދަލުސްގެ މަގުތަކުންނެވެ. ކުޑަކުދިން އޭނާއާއި ދިމާލަށް ގާ އުކާ މަންޒަރެވެ.”[1]

ވިސްނާބަލާށެވެ. ވިޔަފާރިވެރިންގެ ބަޔަކު، އެމީހުންގެ އާދައިގެ މުޢާމަލާތުކުރުމުގެ ހުނަރުތައް ބޭނުންކޮށްގެން އެ ވިޔަފާރިވެރިޔާގެ މިޒާޖާއި އޭނާގެ ވިސްނުން ބަދަލުކޮށްލިއެވެ. މިފަދަ ހުނަރުތައް އުނގެނި މި ހުނަރުތައް ބޭނުންކުރަން ފަށައިފި މީހަކަށް ޙާޞިލުކުރެވޭނީ ކިހާ ބޮޑު އަޖާއިބުތަކެއް ހެއްޔެވެ. ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި މިފަދަ ހުނަރުތައް ﷲ އަށް އަޅުކަމެއްގެ ގޮތުގައި ޚާލިޞްކުރަން ފަށައިފިނަމަ، އަޖާއިބުތަކުގެ ފުރިހަމަކަން އިތުރުވެގެން ނުދާނެ ހެއްޔެވެ.

އެހެންވީމާ އުނގެނިފައިވާ ހުނަރުތައް ތިބާގެ ޙަޔާތުން އުފާވެރިކަން ޙާސިލުކުރުމަށްޓަކައި ބޭނުން ކުރާށެވެ. މިކަމެއް ނުކުރެވޭނެޔޭ އަހަރެން ކައިރީގައި ތިބާ ބުނާނަމަ އަހަރެން ބުނާނީ “މަސައްކަތްކުރާށެވެ”. މިކަން ކުރަން ނޭނގެޔޭ ބުނާނަމަ އަހަރެން ބުނާނީ “އުނގެނޭށެވެ.” ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. “ޢިލްމު ޙާސިލުކުރެވޭނީ އުނގެނިގެންނެވެ.” (ބުޚާރީ)

ނަޒަރަކުން:

ކާމިޔާބުވެރިންނަކީ އެމީހުންގެ ހުނަރުތައް ކުރިއަރުވައި، ފުރިހަމަ ކުރުމުގެ ކުޅަދާނަކަން، ފުރިހަމަ ގޮތުގައި ހޯދާ އަދި އެހެން މީހުންގެ ހުނަރުތައް ފުރިހަމަކުރުމުގެ ކުޅަދާނަކަން ހޯދައިދީ އަދި އެހެން މީހުންވެސް ބަދަލުކުރުމަށް މަސައްކަތް ކުރާ ބައެކެވެ.

______________________________ 

ތަރުޖަމާކުރީ:

އީނާޝް އިބްރާހީމް

ބިންތު އަޙްމަދު

އުންމު މުޙްސިނު

މިއީ ޑރ. މުޙައްމަދު ޢަބްދުލް ރަޙްމާން އަލް ޢަރީފީ ލިޔުއްވާފައިވާ استمتع بحياتك ގެ ތަރުޖަމާއެވެ.

 

[1]  القصة علي ذمة ابن حزم رحمه الله