[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ޙަޔާތުން އުފާވެރިކަން ޙާޞިލުކުރައްވާ – 6

ތަފާތުވާށެވެ!

 

ތަފާތު ދެމީހެކެވެ. މި ދެމީހުން  އަބަދުވެސް ކަމަކާމެދު މަޝްވަރާކުރާ ކަމުގައިވާނަމަ، ޒުވާބަކުން މެނުވީ އެ މަޝްވަރާ ނިމިގެނެއް ނުދެއެވެ. އެހެން ދެމީހެކެވެ. މި ދެ މީހުން ކޮންމެކަމަކާ ބެހޭގޮތުން މަޝްވަރާ ކުރިކަމުގައި ވިޔަސް، އެ މަޝްވަރައެއް ނިންމާލަނީ އިޙްތިރާމާއި ކެތްތެރިކަމާއި އެކީގައެވެ. ކީއްވެބާވައެވެ؟ ހަމަޔަޤީނުންވެސް އެއީ މުޢާމަލާތުކުރުމުގެ ހުނަރެވެ.

ދެމީހަކު ޚުތުބާއެއް ދިނެވެ. އެ ދެ ޚުތުބާގައިވެސް އެއްވެސް ތަފާތެއް ނެތެވެ. އެންމެ ފަހު ބަހާ ހަމަޔަށްވެސް މެއެވެ. ނަމަވެސް އެންމެ ފުރަތަމަ މީހާގެ ޚުތުބާއަށް ހާޟިރުވި މީހުން އާފުރި، ނިދިއަންނަ ގޮތް ވިއެވެ. އަދި ބޭކާރު، ކަންތައްކޮށް ހެދިއެވެ. ނަމަވެސް ދެވަނަ މީހާގެ ޚުތުބާއަށް ހާޟިރުވެތިބި މީހުންގެ ހުރިހާ ސަމާލުކަމެއް ވެސް ހުއްޓިފައިހުރީ އެ ޚުތުބާއަށެވެ. ކީއްވެ ހެއްޔެވެ؟ ޝައްކެއް ނެތެވެ. އެއީ އެ ޚުތުބާ ހުށަހަޅައިދިން މީހާގެ ވާހަކަދެއްކުންތެރިކަމުގެ ހުނަރެވެ.

ވަކި މީހެއް ވާހަކަދައްކަމުން ގެންދާ ވަގުތުގައި އަޑުއަހާ މީހުން އެމީހުންގެ ނަޒަރުތައް އެމީހަކާއި ދިމާލަށް ހުއްޓާލާ، އެމީހުންގެ ފުރިހަމަ ސަމާލުކަން އެމީހަކަށް ދެއެވެ. މީގެ އިދިކޮޅަށް، އެހެން މީހެއް ވާހަކަ ދައްކާއިރު އެހެނިހެން މީހުން އެމީހުންގެ އަމިއްލަ ވާހަކަތަކާއި،  ފޯނުން މެސެޖްކުރުމާއި ކިޔުމުގައި މަޝްޣޫލު ވެއެވެ. ކީއްވެތޯއެވެ؟ އެއީ ވާހަކަދެއްކުންތެރިކަމުގެ ހުނަރުގެ ސަބަބުންކަން ޝައްކެއް ނެތެވެ.

ވަކި ޓީޗަރެއް މަދަރުސާގެ ތެރެއިން ހިނގާފައި ދާއިރު އޭނާގެ ވަށައިގެން އޭނާގެ ދަރިވަރުން ޖަމާވެފައިވެއެވެ. އެއް ދަރިވަރަކު އޭނާއާއި ސަލާމްކުރާ ކަމުގައިވާނަމަ، އަނެއް ދަރިވަރަކު އޭނާގެ ހެޔޮ ނަސޭޙަތެއް އަޑުއިވޭތޯ މަސައްކަތްކުރަމުން ގެންދެއެވެ. އަދި ތިންވަނަ ދަރިވަރެއް އޭނާއަށް ކުރިމަތިވެފައިވާ މައްސަލައެއް އެ އުސްތާޛަކަށް ކިޔާދެމުން ދެއެވެ. އޭނާއަށް ޚާއްސަކުރެވިފައިވާ ކޮޓަރިކޮޅުގައި (އޮފީހުގައި) ހަމަޖެހިލުމަށް ފަހު ދަރިވަރުންނަށް އެ ކޮޓަރިކޮޅަށް ވަނުމުގެ ހުއްދަ ދެއްވައިފިކަމުގައި ވާނަމަ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އެ ކޮޓަރިކޮޅު އޭނާއާއި އެކުގައި ވުމަށް ލޯބިކުރާ ދަރިވަރުންތަކުން ފުރެއެވެ.

މިއާއި ޚިލާފަށް އެހެން ޓީޗަރެއް ސްކޫލު ނިންމާލާފައި ދަނީ އެކަންޏެވެ. އަދި މިސްކިތުން ނިމިގެންވެސް ދަނީ އެކަންޏެވެ. ހިނިތުންވުމަކާއި އެކުގައި އޭނާއާއި ސަލާމްކުރާކަށް އެއްވެސް ދަރިވަރަކު ނާދެއެވެ. އަދި ކިއެއް ހެއްޔެވެ؟ އެއްވެސް ދަރިވަރަކު އޭނާގެ ގާތަށް އެ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޝަކުވާތައް ކުރާކަށް އަދި އެ އުސްތާޛެއްގެ ހެޔޮ ނަޞޭޙަތެއްގެ ދަހިވެތިކަމުގައެއްވެސް އައިސް ނޫޅެއެވެ. އޭނާއަށް ޚާއްސަވެފައިވާ ކޮޓަރިކޮޅު (އޮފީސް) އިރުއަރާ އޮއްސިއްޖައުމަށް ދާންދެން ހުޅުވާފައި ބެހެއްޓިކަމުގައި ވިޔަސް، އެ ކޮޓަރިކޮޅަށް ވަންނާނޭ ދަރިވަރަކު ނުވެއެވެ. ކީއްވެ ހެއްޔެވެ؟ މީހުންނާ މުޢާމަލާތްކުރުމުގެ ހުނަރުގެ ސަބަބުންނެވެ.

ވަކި މީހެއް ޙަލަޤާއަކަށް ވަދެއްޖެނަމަ މީސްތަކުން އޭނާއާއި ބައްދަލުވުމުން އުފާފާޅުކޮށް ހަދައެވެ. ކޮންމެ މީހެއްވެސް ބޭނުންވަނީ އޭނާ ގާތުގައި އިށީނުމަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

އެހެން މީހެއް ވަންނައިރު މީހުން އެއްވެސް އިޙްސާސެއް ނެތި އޭނާއާއި ދިމާލަށް ބޯ ޖަހާލައެވެ. އެއީވެސް ހަމައެކަނި ޘަޤާފަތަށް ބޯލަނބާ، އިޙްތިރާމް ކުރުމަށްޓަކައެވެ. އޭނާ އިށީނުމަށް ތަންކޮޅެއް ހޯދައެވެ. ނަމަވެސް އޭނާ އިށީންނަން ޖާގަކޮޅެއް ހުސްކޮށްދޭން އުޅޭ މީހަކު އޭނާޔަކަށް ނުފެނެއެވެ. ކީއްވެ ބާވައެވެ؟ އެއީ މީހުންގެ ހިތްތައް ދަމައިގަތުމާއި އެހެންމީހުންނަށް އަސަރު ފޯރުވުމުގެ ހުނަރެވެ.

ބައްޕަޔަކު ގެއަށް ވަންނަތަނުން އޭނާގެ ދަރިން އުފާވެރިކަމާއި އެކީގައި އޭނާއަށް މަރުޙަބާ ކިޔުމަށް ކެތްމަދުވެފައިވާ ޙާލުގައި އަންނަތަން ފެނެއެވެ. ނަމަވެސް އެހެން ބައްޕަޔަކު އޭނާގެ ދަރިން ތިބި ތަނަކަށް ވަނަސް އެ ކުދިން އެ ބައްޕައާއި ދިމާލަށް ބަލައެއްވެސް ނުލައެވެ. މިއީ ދަރިންނާއި މެދު ކަންތައް ބަހައްޓާނެ ގޮތުގެ ހުނަރެވެ.

މި ކަންތައް މިސްކިތާއި ކައިވެނީގެ ހަފްލާތަކާއި މިނޫންވެސް ތަންތަނުގައި ދިރާސާކޮށް ބަލާށެވެ. އެމީހުންގެ ހުނަރުތަކާއި، އެހެނިހެން މީހުންނާ މެދު ކަންތައްކުރާ ގޮތްތަކުގައި އެހެން މީހުންނާ ތަފާތުވެއެވެ. މިކަމަށް ބިނާކޮށް އެހެން މީހުން މި މީހުންނަށް މަރުޙަބާ ކިޔާ، ޢަމަލުތައް ބަހައްޓާ ގޮތްތައް ތަފާތު ވެއެވެ.

އެހެން މީހުންނަށް ނުފޫޒު ފޯރުވާ އެމީހުންގެ ހިތްތައް އަތުލައިގަތުމީ ނުހަނު ފަސޭހަ ކަމެކެވެ. މި ވާހަކަ އަހަރެން މި ދައްކަނީ ކަން އޮތްވަރަށް ވުރެ، އިތުރުކޮށްގެންނެއް ނޫނެވެ. އަހަރެން ވަނީ މިކަން އެތައް ފަހަރެއްގެ މަތިން ތަޖުރިބާކޮށްފައި ވެސް މެއެވެ. އަހަރެންނަށް ފާހަގަކުރެވިފައިވާ ގޮތުގައި ގިނަ މީހުންގެ ހިތްތަކަކީ ވަރަށް އަސާސީ ހުނަރުތަކެއް ބޭނުންކޮށްގެން އަތުލައިގަނެވިދާނެ ހިތްތަކެކެވެ. ވަކި ވަކި އަފުރާދުން އެ ހުނަރުތައް އެމީހުންގެ ނަފްސުތަކުގައި އަށަގެންނެވުމަށް ތެދުވެރިކަމާއި އެކު ގަދައަޅާ މަސައްކަތް ކޮށް، އެ ހުނަރުތައް ފުރިހަމަ ކުރުމަށް މަސައްކަތްކުރާ ކަމުގައި ވާނަމައެވެ.

މީގެ އިތުރުންވެސް، އަހަރެމެން އެހެނިހެން މީހުންނާއި މުޢާމަލާތް ކުރާ ގޮތުގެ ސަބަބުން އެމީހުންނަށް ވެސް އަސަރުތަކެއް ކުރާނެއެވެ. އެކަން އަހަރެމެންނަށް ނޭނގުނު ކަމުގައިވިޔަސް މެއެވެ.

 

 

  • އަހަރެންނާއި ދޮރުވާނާއި ދެމެދު ހިނގާދިޔަ ޙާދިޘާ

 

އެއީ މީގެ ތޭރަ އަހަރު ކުރިންނެވެ. އަސްކަރީ މަދަރުސާއެއްގެ މިސްކިތުގެ އިމާމަކަށް އަހަރެން ޢައްޔަނު ކުރެވުނެވެ. އެ މިސްކިތަށް ދެވެން އޮންނަ މަގުގައި ބޮޑު ދޮރާށްޓެއް ހުރެއެވެ. އަދި އެ ދޮރާށި ހުޅުވާ، ލައްޕަން ޙާއްސަ ދޮރުވާނެއް އެ ދޮރާށި ކައިރީގައި ހުރެއެވެ. އަހަރެންނަށް އެ މިސްކިތަށް ވާޞިލުވެވެނީ އެ ދޮރާށި ފަހަނައަޅާފައެވެ. ކޮންމެ ދުވަހަކުވެސް، އެ ދޮރާށި ފަހަނައަޅާދާ ހިނދު އަހަރެން މި ދޮރުވާނާ ސަލާމްކޮށް، ވަރަށް ހޫނު ހިނިތުންވުމެއް ހަދިޔާ ކޮށްލަމެވެ.

ނަމަވެސް، ނަމާދުކޮށް ނިމިގެން އަނބުރާ ގެއަށްދާ ގަޑީގައި ޢާންމު ގޮތެއްގައި އަހަރެންގެ ފޯނު ވާނީ ނަމާދު ކުރަމުން ދިޔަ ގަޑީގައި އައިސްފައިވާ މެސެޖުތަކާއި ފޯނުކޯލުތަކުން ފުރިފައެވެ. އެހެންކަމުން، ގެއަށް އެނބުރިދާ މަގުމަތީގައި އެއްކަލަ ދޮރުވާނު އަހަރެންނަށް ދޮރޯށި ހުޅުވައިދޭ ގަޑީގައި އަހަރެން ހުންނަނީ ފޯނުގައި މަޝްޣޫލުވެގެންނެވެ. މިކަމުގެ ސަބަބުން މި ދޮރުވާނު ފަހަނައަޅާ ދާ ހިނދު، އާދައިގެ މަތިން އަހަރެން އޭނާއާމެދު ކަންތައްކުރާ ފަދައިން އޭނާއަށް ހިނިތުންވެ، ސަލާމްކުރަން ހަނދާން ނެތިދެއެވެ. މިގޮތަށް ކަންތައްވަމުން ދަނިކޮށް، އެއްދުވަހަކު މި ދޮރުވާނު އަހަރެން މަޑުކުރުވުމަށް ފަހު އަހަރެން ގާތު އެއްސެވެ. “އޭ ޝެއިޚެވެ. ޝެއިޚް ތިޔަ ހުންނެވީ އަހަރެންނާ މެދު ހިތްހަމަނުޖެހިފައި ތޯއެވެ؟”

އޭނާގެ މި ސުވާލުގެ ރައްދުގައި އަހަރެން އޭނާ ގާތު އަހާލީމެވެ. “ކިހިނެއްވީ ހެއްޔެވެ؟”
އޭނާ ޖަވާބު ދިނެވެ. “ޝެއިޚް މި ދޮރާށިން ވަދެގެން ދަނީ އަހަރެންނަށް ހިނިތުންވެލާފައެވެ. އަދި ޝެއިޚްގެ މޫނުމަތިން އަހަރެންނަށް ފެންނަނީ އުފާވެރިކަމެވެ. ނަމަވެސް، ޝެއިޚް މި ދޮރާށިން ނުކުންނަ އިރު ޝެއިޚް އަހަރެންނަށް ހިނިތުންވުމެއް ނުދެއެވެ. އަދި ޝެއިޚްގެ މޫނުމަތީގައި އުފާވެރިކަމެއް ވެސް ނުވެއެވެ.”

އަދިވެސް، މި ނިކަމެތި ދޮރުވާނު އޭނާއަށް އަހަރެން، ވަރަށް ކަމުދާ ކަމާ އަދި އަހަރެން ދުށުމަކީ އޭނާ ވަރަށް އުފާވާ ކަމެއްކަމުގައި ހުވާކޮށްފައި ބުންޏެވެ. އަހަރެން އޭނާ ގާތުން މާފަށް އެދުނީމެވެ. އަދި އަހަރެން ދޮރާށިން ނުކުންނަ އިރު ފޯނުގައި މަޝްޣޫލުވެފައިވާ ސަބަބު އޭނާއަށް ކިޔައިދިނީމެވެ.

އެ ކުޑަ ޙާދިޘާއިން އަހަރެންނަށް އެއްކަމެއް އެނގިގެން ދިޔައެވެ. އެއީ އަހަރެމެންގެ ހުނަރުތައް އާދައަކަށް ވެފައިވަނިކޮށް، އަހަރެމެން އެ ހުނަރުތައް ދޫކޮށްލައިފިނަމަ އެހެން މީހުންނަށް އެކަން ފާހަގަވާނޭ ކަމެވެ.

 

އަލިއަޅުވާލުމެއް:

ފައިސާ ހޯދަން މަސައްކަތްކުރުމުގެ ތެރެއިން މީހުން ގެއްލުވާ ނުލާށެވެ.
އެހެނީ މީހުންގެ ހިތްތައް އަތުލައިގަތުމަކީ ފައިސާ ހޯދުމަށް އޮންނަ މަގެކެވެ.

______________________________ 

ތަރުޖަމާކުރީ:

އީނާޝް އިބްރާހީމް

ބިންތު އަޙްމަދު

އުންމު މުޙްސިނު

 

މިއީ ޑރ. މުޙައްމަދު ޢަބްދުލް ރަޙްމާން އަލް ޢަރީފީ ލިޔުއްވާފައިވާ استمتع بحياتك ގެ ތަރުޖަމާއެވެ.