މިއީ “މަންޡޫމަތުލް ޤަވާއިދުލް ފިޤްހިއްޔާ” ނުވަތަ ފިޤުހުގެ ޤަވައިދުތަކުގެ މައްޗަށް ލިޔެފައިވާ ޅެންބައިތުތަކެއްގެ މައްޗަށް އެކުލެވޭ ކުރުފޮތެކެވެ. މިފޮތް ލިޔުއްވާފައިވަނީ މަޝްހޫރު ތަފްސީރު ފޮތެއްކަމުގައިވާ تيسير الكريم الرحمن في تفسير كلام المنان (މަޝްހޫރު ނަމުން تفسير السعدي) ލިޔުއްވި الشيخ عبد الرحمن بن ناصر السعدي -رحمه الله- އެވެ.
މިފޮތަކީ ފިޤުހީ ޤަވާޢިދުތައް ހިމެނޭގޮތަށް ލިޔެއްވާފައިވާ ފޮތެއްކަމުގައިވިޔަސް މިފޮތުގައި އުޞޫލުލް ފިޤުހުގެ ބައެއް ޤަވާޢިދުތައް ހިމެނިފައިވެއެވެ. އެހެނަސް ގިނައީ ފިޤުހީ ޤަވާޢިދުތަކެވެ. މުޞައްނިފު މިފޮތް ލިޔުއްވާފައިވަނީ ޅެންބައިތުތަކެއްގެ ގޮތުގައެވެ. އެއީ 49 ޅެން ބައިތެވެ. މިލިޔުމުގައި ވާނީ މިޅެންބައިތުތަކުގެ ޖުމްލަ މާނައެވެ. އަދި ބައެއް ޅެންބައިތުތައް އިތުރަށް ތަފްޞީލުކުރުމަށްޓަކައި ފުޓްނޯޓުގައި އިތުރު ތަފްސީލު ބަޔާންކޮށްދީފައި ވާނެއެވެ. ދުޢާއަކީ މި ލިޔުމަކީ ކިޔުންތެރިންނަށް ފައިދާކުރަނިވި ލިޔުމެއްކަމުގައި ލެއްވުމެވެ.
منظومة القواعد الفقهية للسعدي
- الحـمــدُ للـــهِ العـــليِّ الأَرْفَــقِ … وجَــامِــعِ الأَشْـيــاءِ وَالمُـفَــرِّقِ
އެންމެ މަތިވެރި އެންމެ އޯގާވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ ހުރިހާ އެއްޗެއް އެއްކުރައްވާ އަދި ވަކިކުރައްވާ ފަރާތެވެ.
2 . ذِي النِّـعَـمِ الواسِعَـةِ الْغَـزِيـــرَه … والحِـكَــمِ البـاهِــرَةِ الكَـثـيـــرَه
އެކަލާނގެއީ ތަނަވަސް ނިޢުމަތްތަކުގެވެރި އިލާހެވެ. އަދި އެކަލާނގެއީ ޙިކުމަތްވަންތަ އިލާހެވެ. އަދި އިންސާނާގެ ބުއްދިއަށް ނަގައިނުގަނެވޭހާ ގިނަގުނަ ޙިކުމަތުގެ ވެރި އިލާހެވެ.
3. ثُــمَّ الصَّــلاةُ مـعْ سَــلامٍ دَائــمِ … عَـلى الـرَّسـولِ القُرَشِـيِّ الخاتـَمِ
އެއަށްފަހު ރަސޫލުކަމާއި ނަބީކަން ޚަތިމްކުރެއްވި ޤުރައިޝްވަންހަޔަށް ނިސްބަތްވެވަޑައިގެންވާ އެންމެފަހުގެ ރަސޫލާ މުޙައްމަދު (صلى الله عليه وسلم) އަށް ދާއިމަށް ދެމިގެންދާ ޞަލަވާތާއި ސަލާމް ހުއްޓެވެ.
4 . وَآلِــهِ وصَـحــبِـــــهِ الأَبـْـــرارِ … الحـائِــزِي مَـراتِـبَ الفَــخَـــارِ
އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި ޝަރަފުވެރިކަން ހޯދި އެކަލޭގެފާނުގެ މާތް ހެޔޮ ޞަޙާބީންވެސް ޝާމިލުކުރަމެވެ.
5. اِعْلَـمْ هُـدِيـتَ أَنَّ أفـضـلَ الْمِنَـنْ … عِلمٌ يُزيـلُ الشَّـكَّ عَنْـكَ وَالـدَّرَنْ
ތިބާއަށް ތެދުމަގު ދައްކަވާށިއެވެ. ތިބާ ދެނެގަންނާށެވެ. އެންމެ ބޮޑު ނިޢުމަތަކީ ޝުބުހަތަކުންނާއި ޝަހުވަތްތަކުން ތިބާ ރައްކާތެރިކޮށްދޭނެ ފައިދާކުރަނިވި ޝަރުޢީ ޢިލްމެވެ.
6 . وَيَكْشِـفُ الحـقَّ لِـذِي القُــلُـوبِ … وَيُوصِـلُ العَبْـدَ إِلـى المطْلُـــوبِ
އަދި ޢިލްމުގެ ސަބަބުން ހިތްތަކުގެ އަހުލުވެރިންނަށް ތެދުމަގު ބަޔާންވެގެންދެއެވެ. އަދި އިންސާނާއަށް ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް މަގުދައްކައެވެ.
7 فَاحْـرِصْ عـلى فَهْمِـكَ للقَواعِـدِ … جَـامِـعَـةِ المَسَــائِــلِ الشَّــــوارِدِ
ފިޤުހީ ތަފާތު މައްސަލަތައް ޝާމިލުވާ މިޤަވައިދުތައް ދެނެގަތުމަށް ތިބާ އަވަސްވެގަންނާށެވެ.
8 لِتَـرْتَقِي في العِلْـمِ خَيْـرَ مُرتَـقَــى … وتَقْتَفِـي سُبْـلَ الَّـذِي قَــدْ وُفِّقَــا
އެއީ ތިބާ ޢިލްމުގައި ހެޔޮގޮތުގައި ކުރިއަރައިގެން ދިއުމަށެވެ. އަދި ﷲ ތަޢާލާ ތައުފީޤު ދެއްވި ޢިލްމުވެރިންގެ މަގަށް ތިބާ ތަބާވުމަށެވެ.
9 وَهَــذِهِ قَـواعِـــدٌ نَـظَـمْـتُـهـــا … مِنْ كُتْبِ أَهْلِ الْعِلْمِ قَـدْ حَصَّلْتُهـا
މިއީ އަޅުގަނޑަށް ލިބިފައިވާ ޢިލްމުވެރިންގެ ފޮތްތަކުން ނަގައިގެން، ޅެންބައިތުތަކެއްގެ ގޮތުގައި ލިޔެވިފައިވާ ޤަވާޢިދުތަކެކެވެ.
10 جَـزاهُـمُ المَــوْلَى عَـظِيـمَ الأَجْــرِ … وَالْعَـفْــوَ مَــعْ غُفْـرانِــهِ وَالْبِــرِّ
އެ ހުރިހާ ޢިލްމުވެރިންނަށް ﷲ ތަޢާލާގެ ޢަފޫކުރުމާއި ފާފަ ފުއްސެވުން ލައްވާ، ހެޔޮ ޖަޒާއާއި މަތިވެރި އަޖުރު ދެއްވާ، ޘަވާބު އިތުރުކުރައްވާނދޭވެ.
11 وَنِيَّتُنا شَــرْطٌ لِـسَـائِــر الْعَـمَـــلْ … بِهَــا الصَّـلاحُ وَالفَسَــادُ لِلْعَـمَـلْ
ނިޔަތަކީ ހުރިހާ ޢަމަލެއްވެސް ސައްޙަވުމުގެ ޝަރުތެކެވެ. އަދި ޢަމަލުތައް ޞައްޙަވުމާއި ފަސާދުވުންވެސް ގުޅިފައިވަނީ ނިޔަތާއެވެ. [1]
12 الدِّيــنُ مَـبْـنِــيٌّ عَـلَى المَصـالِــحِ … فـي جَـلْبِـهَـا وَالـدَّرْءِ لِلْقَبـائِــحِ
ދީން ބިނާވެފައި ވަނީ މަސްލަޙަތު ލިބިގަތުމަށާއި ފަސާދަ (ނުވަތަ ގެއްލުން) ދުރުކުރުމަށެވެ. [2]
= ނުނިމޭ =
[1] އަޅުކަން ދެބަޔަކަށް ބެހެއެވެ. އެއީ އަމުރު ކުރެވިފައިވާ ކަންތައްތަކާއި ނަހީ ކުރެވިފައިވާ ކަންތައްތަކެވެ. ނަމާދާއި ރޯދައާއި ޒަކާތާއި ޞަދަގާތް ދިނުންފަދަ އަމަލުތައް ޞައްޙަވުމާއި ޘަވާބު ލިބުން ގުޅިފައިވަނީ ނިޔަތާއެވެ. ޒިނޭ ކުރުމާއި ވައްކަން ކުރުމާއި ފޭރުންފަދަ ނުބައި ޢަމަލުތައް ދޫކޮށްލުމަށް ވަނީ އިސްލާމް ދީނުގައި އަމުރު ކުރައްވާފައެވެ. މިފަދަ ކަންކަމުން މީހާ ދުރުވުމުން މަޤްސަދު ޙާސިލްވީއެވެ. ނަމަވެސް އެކަންތައްތަކުން ދުރުވިކަމަށްޓަކައި ޘަވާބު ލިބޭނީ ﷲ އަށް ބިރުވެތިވެ ކުއްތަންވުމަށްޓަކައި ދޫކޮށްލިނަމައެވެ.
ނިޔަތުގެ ސަބަބުން ޢާންމު ދިރިއުޅުމުގައި ކޮށްއުޅޭ ވަރަށް ގިނަ ކަންތައްތައް ޘަވާބު ލިބޭ ކަންތައްތަކަށް ބަދަލުކޮށްލެވިދާނެއެވެ. އެގޮތުން ކައިބޮއެ ހަދަނީ އަޅުކަމުގައި މުރާލިވުމުގެ ނިޔަތުގައިކަމަށް ވާނަމަ އޭނާގެ ކެއިން ބުއިމަށްވެސް ޘަވާބު ލިބޭނެއެވެ.
[2] މަޞްލަޙަތަކީ ޝަރުޢުގެ މަޤްޞަދުތަކެވެ. އެއީ ދީން، ބުއްދި، ފުރާނަ، ނަސަބު އަދި މުދާ ރައްކާތެރިކޮށްދޭ ކޮންމެ ކަމެކެވެ. ނުވަތަ ޝަރުޢުގައި އެއީ މަޞްލަޙަތެއްކަމަށް ބެލެވޭ ކޮންމެ ކަމެކެވެ. ދީނުގައި ކަމެއް އަމުރުކުރައްވާފައިވަނީ އަދި ނަހީ ކުރައްވާފައިވަނީވެސް އަޅުތަކުންގެ މަޞްލަޙަތަށްޓަކައެވެ. މީސްތަކުންނަށް ދީން އުނގަންނައި ދިނުމާއި، އަޅުކަން ކުރުމަށް ބާރުއެޅުމާއި އަދި ދީން ބަދަލު ކޮށް މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ކަނޑައަޅާފައިވަނީވެސް ދީން ރައްކާތެރިކުމަށެވެ. އަދި ހެޔޮ ރަނގަޅު ތަކެތި ކެއުމަށާއި ނުޙައްޤުން މީހަކު މަރައިފި މީހަކަށް މަރުގެ އަދަބު ކަނޑައެޅިފައިވަނީވެސް މީސްތަކުންގެ ނަފްސު ނުވަތަ ފުރާނަ ރައްކާތެރިކުރުމަށެވެ. ކައިވެނިކުރުމަށާއި ޒިނޭ ކުރުމާއި ޤަޛްފު ކުރުމަށް ދީނުގައި ޙައްދުތައް ކަނޑައަޅުއްވާފައިވަނީ ނަސަބާއި ނަސްލު ޙިމާޔަތްކުރުމަށެވެ. މުދަލުން ޙަލާލު ގޮތުގައި ވިޔަފާރި ކުރުމަށް ދީނުގައި ހުއްދަދެއްވާފައިވަނީ އަދި ވައްކަން ކުރުމާއި މުދާ ފޭރުމާއި ވިޔަފާރީގައި މަކަރު ހެދުން ދީނުގައި މަނާކުރައްވާފއިވަނީ މުދާ ރައްކާތެރިކުރުމަށެވެ.