މާތްވެގެންވާ ސުންނަތުން އަވައްޓެރިން:
އަވައްޓެރިންގެ ޙައްޤުތައް:
ތަފްޞީލީކޮށް ބުނާނަމަ އަވައްޓެރިންގެ ޙައްޤުތައް ވަރަށް ގިނައެވެ. އެހެންނަމަވެސް މި ހުރިހާ ޙައްޤެއްވެސް ޖުމްލަކޮށް ބިނާވެފައިވަނީ ހަތަރު އަސްލެއްގެ މައްޗަށެވެ. އެއީ:
(1) އުނދަގޫކުރުމާއި ގެއްލުންދިނުމުން މަނާވެގަތުން.
އަވައްޓެރިންނަށް ކަމޭހިތުމާއި އޯގާތެރިވުމުގެ މާތްކަން އިސްވެ ބަޔާންވެ ހިނގައްޖެއެވެ. ވުމާއިއެކު އެމީހުންނަށް ދަތިކޮށް، ނުހޮރުއްޕާންކޮށް، ދުއްތުރާކުރުމަކީ އެމީހުންގެ ޙައްޤުގައި ކުރެވޭ އުނދަގުލެކެވެ. ޙައްޤަކާނުލައި އުނދަގޫ ކުރުމަކީ ޙަރާމްކަމެކެވެ. ވުމާއެކު ގެއްލުންދިނުން އެއަށްވުރެ ބޮޑުވެގެންވެއެވެ.
މާތްﷲ ރުއްސުންލެއްވި أَبُوْ شُرَيْح ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއވިއެވެ. ((وَالله لَا يُؤْمِنُ، وَالله لَا يُؤْمِنُ، وَالله لَا يُؤْمِنُ)) މާނައީ: “މާތްﷲ ގަންދީ ހުވާކޮށް ޙަދީޘްކުރައްވަމެވެ. އެމީހެއްގެ އީމާންކަށް ފުރިހަމަ ނުވެއެވެ. މާތްﷲ ގަންދީ ހުވާކޮށް ޙަދީޘްކުރައްވަމެވެ. އެމީހެއްގެ އީމާންކަށް ފުރިހަމަ ނުވެއެވެ. މާތްﷲ ގަންދީ ހުވާކޮށް ޙަދީޘްކުރައްވަމެވެ. އެމީހެއްގެ އީމާންކަށް ފުރިހަމަ ނުވެއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކާކުގެ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ((الَّذِيْ لَا يَأْمَنُ جَارُهُ بَوَايِقَهُ)) މާނައީ: “އެއީ އެމީހެއްގެ އުނދަގުލުން އަވަށްޓެރިޔާ ސަލާމަތް ނުވާ މީހާއެވެ.”([1])
އަވައްޓެރިންނަށް އުނދަގޫކުރުމަކީ ސުވަރުގެއިން މަޙުރޫމްވެގެންދާ ކަމެކެވެ. މާތްﷲ ރުއްސުންލެއްވި أَبُوْ هُرَيْرَة ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((لَا يَدْخُلُ الجَنَّةَ مَنْ لَا يَأْمَنُ جَارُهُ بَوَائِقَهُ)) މާނައީ: “އެމީހެއްގެ އުނދަގުލުން އަވަށްޓެރިޔާ ސަލާމަތް ނުވާ މީހާ ސުވަރުގެ ނުވަންނަހުއްޓެވެ.”([2])
ވުމާއެކު، ﷲއާއި އާޚިރަތް ދުވަހަށް ފުރިހަމައަށް އީމާންވާމީހަކު އޭނަގެ އަވަށްޓެރިޔާއަށް އުނދަގޫނުކުރާނެއެވެ. މާތްﷲ ރުއްސުންލެއްވި أَبُوْ هُرَيْرَة ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއވިއެވެ. ((مَنْ كَانَ يُؤْمِنُ بِالله وَاليَوْمِ الآخِرِ فَلاَ يُؤْذِ جَارَهُ)) މާނައީ: “މާތް ﷲއަށާއި އާޚިރަތް ދުވަހަށް ފުރިހަމަޔަށް އީމާންވާ މީހާ އޭނާގެ އަވަށްޓެރިޔާއަށް އުނދަގޫ ނުކުރާހުއްޓެވެ.”([3])
ކިތަންމެ ހެޔޮޢަމަލެއް ކުރާމީހަކަށްވިނަމަވެސް އަވަށްޓެރިޔާއަށް އުނދަގޫކުރާނަމަ އޭނާއަކީ ނަރަކަވަންތަވެރިއެކެވެ. މާތްﷲ ރުއްސުންލެއްވި أَبُوْ هُرَيْرَة ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވުނެވެ. “އޭ ﷲގެ ރަސޫލާއެވެ! ހަމަކަށަވަރުން (މިވެނި) އަންހެނަކީ ރޭއަޅުކަންކޮށް، ރޯދަ ހިފައި، ހެޔޮކަންތައްތައް ކުރުމާއި ސުންނަތްތަކަށް ރައްކާތެރިވާ އަންހެނެކެވެ. އަދި (އޭނަ) އޭނަގެ ދުލުން އަވައްޓެރިންއަށް އުނދަގޫކުރާ މީހެކެވެ؟” ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((لَا خَيْرَ فِيْهَا، هِيَ مِنْ أَهْلِ النَّارِ)) މާނައީ: “އެ އަންހެންމީހާކުރި އެއްވެސް ކަމަކުން ހެޔޮކަމެއްނުވެއެވެ. އޭނައަކީ ނަރަކައިގެ އަހުލުވެރިއެވެ.” އެބޭކަލުން (އެހެނީ: އަޞްޙާބުބޭކަލުން) ދެންނެވިއެވެ. “އަދި (މިވެނި) އަންހެނަކީ ހަމައެކަނި ފަރުޟުނަމާދުތައް ކޮށް، ޗީޒްކޮޅަކުން ޞަދަޤާތްކޮށް، އެއްވެސް މީހަކަށް އުނދަގުލެއްނުކުރާ މީހެކެވެ؟” ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((هِيَ مِنْ أَهْلِ الجَنَّةِ)) މާނައީ: “އޭނައަކީ ސުވަރުގޭގެ އަހުލުވެރިއެކެވެ.”
އަދި އިމާމް އަޙުމަދުގެ ރިވާޔަތުގައި ވަނީ: ((لَا تُؤَذِّيْ بِلِسَانِهَا جِيْرَانِهَا)) މާނައީ: “އޭނައަކީ އޭނަގެ ދުލުން އަވައްޓެރިންއަށް އުނދަގޫކުރާ މީހެއްނޫނެވެ.”([4])
އަވަށްޓެރިޔާއަށް އުނދަގޫކުރުމަކީ މީސްތަކުންގެ ލަޢުނަތް ލިބޭ ކަމަކަށް ވެދާނެއެވެ. މާތްﷲ ރުއްސުންލެއްވި أَبُوْ هُرَيْرَة ގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް މީހަކު އައިސް އޭނަގެ އަވަށްޓެރިޔާގެ ޝަކުވާ ދެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((اذْهَبْ فَاصْبِرْ)) މާނައީ: “ތިބާ ގެއަށްދާށެވެ. އަދި އަވަށްޓެރިޔާ ކުރާ ކަންކަމަށް ކެތްތެރިވާށެވެ. (އެހެނީ: އޭނަ ތިބާއަށް ކުރާ އުނދަގޫ ފަހަރުގައި ހުއްޓާލަފާނެއެވެ.)” އޭގެ ފަހުން ދެތިންފަހަރު (އަވައްޓެރިޔާ އުނދަގޫކުރާތީ ޝަކުވާޔާގެން) އައުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((اذْهَبْ فَاطْرَحْ مَتَاعَكَ فِي الطَّرِيقِ)) މާނައީ: “ތިބާ ގެއަށްގޮސް ގޭގައިވާ ތަކެތި މަގުމައްޗަށް (އެހެނީ:ހިނގާތަނަށް) އުކާލާށެވެ.” ދެންފަހެ، އޭނަ ގެއަށްގޮސް އެތަކެތި މަގުމައްޗަށް އުކާލި ހިނދު މީސްތަކުން އޭނައާ ސުވާލުކުރުމުން އޭނަ، އޭނާގެ އަވަށްޓެރިޔާގެ ވާހަކަ ކިޔައިދިނެވެ. އެހިނދު މީސްތަކުން އޭނާގެ އަވަށްޓެރިޔާ (ކޮށްއުޅުން ކަންތަކުގެ ސަބަބުން) ﷲގެ ލަޢުނަތް ލެއްވުމާއި، އެކަލާނގެ އޭނައަށް މިވެނިކަމެއް އަދި އެވެނިކަމެއް ޖެއްސެވުމަށް އެދެމުންދިޔައެވެ. އަވައްޓެރިޔާއަށް އެތަން ފެނުނު ހިނދު އައިސްބުންޏެވެ. “ތިބާ އެނބުރި ގެއަށް ވަންނާށެވެ. ތިބާ ނުރުހޭ އެއްވެސްކަމެން ތިމަންގެ ފަރާތަކުން ދެން ނުފެންނާނެއެވެ.”([5])
_________________
[1] رواه البخاري (6016).
[2] رواه مسلم (46).
[3] رواه البخاري (6018) ومسلم (47).
[4] رواه أحمد (2/440) ، والبخاري في الأدب الممرد (119) ، وصححه الحاكم (4/166) ، ووافقه الذهبي.
[5] أخرجه أبو داود (5153) واللفظ له، وحسنه الألباني ، وأبو يعلى (6630)، وابن حبان (520) باختلاف يسير.