[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ޙަޔާތުން އުފާވެރިކަން ޙާޞިލުކުރައްވާ – 7

ތިބާގެ ގާތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ ކާކު؟

 

ތިބާ ކޮންމެ މީހަކާ މުޢާމަލާތު ކުރާއިރުވެސް އެމީހަކަށް އެމީހަކީ ތިބާގެ ގާތުގައި އެންމެ ލޮބުވެތިކަން ބޮޑު މިހާއޭ ހީވާ ފަދައިން އެމީހަކާ މުޢާމަލާތު ކުރާށެވެ. އޭރުން ތިބާއަކީ މީހުންނާ މުޢާމަލާތުކުރުމުގައި ތަފާތު އެކި ހުނަރުތައް ބޭނުން ކުރުމަށް ކުޅަދާނަމީހަކަށް ވެގެންދާނެއެވެ. މިސާލަކަށް ބަލާނަމަ، ތިބާގެ މަންމަޔާމެދު ކަންތައްކުރާލެއް އޯގާތެރިކަމާއި ލޮބުވެތިކަމުގެ ސަބަބުން، އެމަންމަޔަށް ތިބާ ދުވަހަކުވެސް އެހެން އެއްވެސް މީހަކަށް މިފަދަ މަޑުމައިތިރި ގޮތަކަށް މުޢާމަލާތު ނުކުރެޔޭ ހީވާން ފަށާނެއެވެ.

އަދި ހަމަ އެހެންމެ ތިބާގެ ބައްޕަ، އަންހެނުން، ދަރިން އަދި އެކުގައި މަސައްކަތްކުރާ މީހުންނާ މުޢާމަލާތުކުރުމާ މެދުވެސް މިފަދައިން ބުނެވޭނެއެވެ. އަދި ކިއެއްތަ، ތިބާޔާ އެންމެ ފަހަރަކު ބައްދަލުވި މީހަކާއި މެދުވެސް މެއެވެ. އެއީ ފިހާރައެއްގެ ސޭޓެއްކަމުގައި ވިޔަސް އަދި ޕެޓްރޯލް ސްޓޭޝަނުގައި މަސައްކަތްކުރާ މީހެއްކަމުގައި ވިޔަސްމެއެވެ. ތިބާޔަށް މި އެންމެންނަކީވެސް އެ އެންމެންނަށް ތިބާގެ ގާތުގައި އެންމެ ލޮބުވެތިކަން ބޮޑީ އެމީހެއްކަމަށް އެއްބަސްކުރުވިދާނެއެވެ. ނަމަވެސް އެއީ ހަމައެކަނި ތިބާ އެއިން ކޮންމެ މީހަކާ މުޢާމަލާތުކުރުމުގައިވެސް އެމީހަކީ ތިބާ ގާތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހާއޭ ހީވާ ފަދައިން މުޢާމަލާތުކޮށްފިނަމައެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މިކަމުގެ މާހިރެއްކަމުގައިވިއެވެ.

އެކަލޭގެފަނުގެ ސިޔަރަތަށް ބަލާލައިފި ކޮންމެ މީހަކަށްވެސް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެންނާވެސް މުޢާމަލާތުކުރައްވާ ރީތި އަޚްލާޤާއި ސުލޫކު ފާހަގަވެގެން ދާނެއެވެ. އެކަލޭގެފާނާ ބައްދަލުވި ކޮންމެ މީހަކާވެސް ހިނިތުންވުމާ އުފާވެރިކަމާއެކު މަރުޙަބާކިޔާ އަދި އެމީހަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގާތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ ތިމަންނާއޭ ހީވާފަދަ ގޮތަކަށް އެމީހަކާ މުޢާމަލާތުކުރައްވައެވެ.

އަދި މިފަދައިން އެމީހުންނާ މުޢާމަލާތު ކުރުމުގެ ސަބަބުން އެކަލޭގެފާނަކީ އެއެންމެންގެ ގާތުގައިވެސް އެންމެ ލޮބުވެތިކަން ބޮޑު މީހާ ކަމުގައި ވެގެންދެއެވެ.

 

 

  • ޢަމްރު ބިން ޢާޞް: ޢަރަބިންގެ ތެރޭގައި ހުރި އެންމެ ބުއްދިވެރި ބޭފުޅުންގެ ތެރެއިން ބޭފުޅެއް

 

ޢަމްރު ބިން ޢާޞް رضي الله عنه މަޝްހޫރުވެފައިވަނީ ޢަރަބިންގެ ތެރޭގައިވާ އެންމެ ތޫނުފިލި ހަތަރު ބޭކަލުންގެ ތެރެއިން އެއް ބޭކަލެއްގެ ގޮތުގައެވެ. އެއީ އެކަލޭގެފާނުގެ ޙިކުމަތްތެރިކަމާއި، ވިސްނުންތެރިކަމާއި، ބުއްދިވެރިކަމުގެ ސަބަބުންނެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމަށް ފަހު އެކަލޭގެފާނުގެ ޤައުމުގެ އިސްވެރިޔަކަށް ވެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމާއި ބައްދަލުވާ ކޮންމެ ފަހަރަކުވެސް ހިނިތުންވުމާއި އުފާވެރިކަމާއެކު ރަސޫލާ އެކަލޭގެފާނާ ބައްދަލުކުރެއްވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިށީނދެވަޑައިގެން އިންނެވި މަޖިލީހަކަށް އެކަލޭގެފާނު ވަދެވަޑައިގެންނެވި ކަމުގައިވިޔަސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނަށް ހިނިތުންވުމާއެކު މަރުޙަބާ ކިޔުއްވައެވެ. އަދި އެކަލޭގެފާނު ޢަމްރު ބުން ޢާޞްއަށް ގޮވާލައްވާއިރު އެކަލޭގެފާނު އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ނަމަކުން ގޮވާލައްވައެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދަ ރީތި ގޮތަކަށް ޢަމްރު ބިން ޢާޞް އާއި މެދު ކަންތައްކުރެއްވުމުގެ ސަބަބުން އެކަލޭގެފާނަށް އެކަލޭގެފާނަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑު މީހާކަމުގައި ޔަޤީންކުރެވުނެވެ. އަދި މިކަން ކަށަވަރުކުރުމަށް ޤަސްދުކުރައްވައި އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އިށީނދެވަޑައިގެންނެވިއެވެ.

ޢަމްރު ބިން ޢާސް ސުވާލު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނުގެ ގާތުގައި އެންމެ ލޮބުވެތިކަން ބޮޑީ ކާކު ހެއްޔެވެ؟”

އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޖަވާބުދެއްވިއެވެ. “ޢާއިޝާއެވެ.”

ޢަމްރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ނޫނެކެވެ. މިދަންނަވަނީ ފިރިހެނުންގެ ތެރެއިންނެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނުގެ ޢާއިލާގެ ބޭރުންނެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އެކަމަނާގެ ބައްޕާފުޅެވެ.”

ޢަމްރު ދެންނެވިއެވެ. “ދެން ކާކުތޯއެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހެވެ.”

ޢަމްރު ދެންނެވިއެވެ. “ދެން ކާކުތޯއެވެ؟”

ދެންވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެހެން އެކި އެކި އަޞްޙާބު ބޭކަލުންގެ ނަންތައް ދަންނަވަން ފެއްޓެވިއެވެ. “މިވެނި ބޭކަލަކަށް ފަހު މިވެނިބޭކަލެކެވެ.” މިފަދައިން އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގެންނެވި ބޭކަލުންނާއި ދީނަށްޓަކައި ބޮޑެތި ޤުރުބާނީތައް ވެވަޑައިގެންނެވި ބޭކަލުންގެ ނަންތައް ދަންނަވަމުން ގެންދެވިއެވެ.

ޢަމްރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. “ދެން އެ ހިސާބުން ތިމަން ކަލޭގެފާނު ހަނު ހުންނެވީމެވެ. އެއީ  އެބޭކަލުންގެ ތެރެއިން އެންމެ ފަހުމީހެއްކަމުގައި ތިމަންކަލޭގެފާނު ވެދާނެކަމުގެ ބިރަށްޓަކައެވެ.” [1]

މި ޙާދިޘާގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަމްރު ރަޟިޔަﷲ ޢަންހުއާ މުޢާމަލާތުކުރެއްވުމުގައި ބޭނުންކުރެއްވި ހުނަރުތަކުން އެކަލޭގެފާނުގެ ހިތްޕުޅު ފަތަޙަކުރެއްވި ގޮތް ފާހަގަކުރައްވާށެވެ. މީގެ އިތުރުންވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިސްތަކުންނާއި މުޢާމަލާތްކުރެއްވުމުގައި މުޖުތަމަޢުގައި އެބޭބޭކަލުންގެ މަޤާމަށްވެސް ރިޢާޔަތްކުރެއްވިއެވެ. ބައެއް ފަހަރު އެކަލޭގެފާނު ކުރަން ހުންނަވާ ކަމެއް ހުއްޓާލެއްވުމަށް ފަހުގައިވެސް އެހެން ބޭބޭކަލުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށްޓަކައި ވަޑައިގަންނަވައެވެ. އެއީ އެކަލޭގެފާނުގެ ހިތްޕުޅުގައި އެބޭކަލުންނަށްވާ ޤަދަރާއި ލޯބި އެބޭކަލުންނަށް އިޙުސާސްކޮށްދެއްވުމަށްޓަކައެވެ.

 

 

  • ރަސްކަލެއްގެ ވާހަކަ

 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅުގައި އިސްލާމީ ފުތޫޙާތު ފުޅާވެ، އިސްލާމް ދީން ފެތުރެން ފެށުމުން އެކަލޭގެފާނު ތަފާތު އެކި ޤަބީލާތަކަށް ދީނަށް ގޮވާލެއްވުމަށްޓަކައި ސަފީރުން ފޮނުއްވަން ފެއްޓެވިއެވެ. ބައެއް ފަހަރު ޙާލަތު ދިމާ ކުރާގޮތުން ހަނގުރާމަވެރި ލަޝްކަރުތައްވެސް ބައެއް ޤަބީލާތަކަށް ފޮނުއްވަން ޖެހިވަޑައަގަންނަވައެވެ. މީގެ ތެރެއިން އެއް ޤަބީލާއަކީ “ޠައްޔިއު” ޤަބީލާއެވެ. ޢަދިއްޔު ބިން ޙާތިމް އައްޠާއީ އަކީ ރަސްކަލެއްގެ ދަރި ރަސްކަލެކެވެ.

ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޠައްޔިއު ޤަބީލާއަށް ލަޝްކަރެއް ފޮނުވުމުން ޢަދިއްޔުގެފާނު ހަނގުރާމައިން ފިއްލެވުމަށް ފަހު ސީރިޔާގެ ބިންތަކުގައި ރޯމަނުންގެ ރައްކާތެރިކަން ހޯއްދެވިއެވެ. ޠައްޔިއު ޤަބީލާގައި އެވަގުތު ރަސްކަލެއް ނެތުމާއި ހަނގުރާމަވެރި ލަޝްކަރެއް ނެތުމުގެ ސަބަބުން މުސްލިމުންގެ ލަޝްކަރަށް ޠައްޔިއުގެ ބިންތައް ފަތަޙަކުރުން ދާދި ފަސޭހަވެގެން ދިޔައެވެ. މިއާއެކުވެސް ހަނގުރާމައިގެ މައިދާނުގައި މުސްލިމުން ތިބީ ޖޯޝާއެކުއެވެ. އެމީހުންގެ ލަނޑުދަނޑިއަކީ މުސްލިމުންނާ ދެކޮޅަށް ޢަދިއްޔުގެފާނުގެ ޤައުމުގެ މީހުން ރޭވި ރޭވުންތައް ނާކާމިޔާބު ކޮށްލައި މުސްލިމުންގެ ބާރު އެމީހުންނަށް ދެއްކުމެވެ.

މި ހަނގުރާމާގައި މުސްލިމުން، ޢަދިއްޔުގެފާނުގެ ޤަބީލާގެ މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރިއެވެ. އަދި އަސީރުންގެ ތެރޭގައި އެކަލޭގެފާނުގެ ދައްތާފުޅުވެސް ހިމެނިވަޑައިގަތެވެ. ހަނގުރާމަޔަށް ފަހު އަސީރުން ގޮވައިގެން މަދީނާޔާ ދިމާލަށް މުސްލިމުން މިޞްރާބު ޖެހިއެވެ. އަދި މަދީނާޔަށް ދެވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ޢަދިއްޔުގެފާނު ހަނގުރާމައިން ފިއްލަވައިގެން ސީރިޔައަށް ވަޑައިގަތް ޚަބަރު ދެއްވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިކަމާ ވަރަށް ބޮޑަށް ޙައިރާންފުޅު ވެވަޑައިގަތެވެ. ރަސްކަލަކަށް އޭނާގެ ދީނާއި އަހުލުން ދޫކޮށް ފިލައިގެން ދެވޭނީ ކޮންފަދައަކުން ހެއްޔެވެ؟

ކޮންމެއަކަސް އެވަގުތު ޢަދިއްޔުގެފާނާއި ހަމަޔަށް ވާޞިލުވެވޭނެ އެއްވެސް ގޮތެއް މުސްލިމުންނަކަށް ނެތެވެ. އެހެނަސް ސީރިޔާގެ ބިމުގައި އުޅުމަށް ދަތިވެ އެކަލޭގެފާނަށް ހިތްހަމަޖެހުން ނުލިބުމުގެ ސަބަބުން ޢަރަބިކަރަޔަށް އެނބުރި ދިއުން ނޫންގޮތެއް ނެތިއްޖެއެވެ. އަދި އެއަށް ފަހު މަދީނާއަށްގޮސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ބައްދުލުކޮށް ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަންނަންވެސް އެކަލޭގެފާނަށް މަޖުބޫރިވިއެވެ. (ބުނެވޭ ގޮތުގައި ސީރިޔާއަށް ވަޑައިގެން ޢަދިއްޔުގެފާނާއިގެން ޢަރަބިކަރަޔަށް ވަޑައިގެންނެވީ އެކަލޭގެފާނުގެ ދައްތާފުޅެވެ.)

މިވާހަކަ ކިޔައިދެމުން ޢަދިއްޔުގެފާނު ވިދާޅުވިއެވެ. “އަހުރެންނަށް ވުރެ ބޮޑަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ނަފްރަތު ކުރި މީހަކު މުޅި ޢަރަބިކަރައިގައިވެސް ނުހުންނާނެއެވެ. އަހުރެންނަކީ ކުރީގައި ނަޞާރާދީނުގެ މީހެކެވެ. އަދި އަހުރެންގެ ޤައުމުގެ މީހުންނަށް ރަސްކަލެކެވެ. އަހުރެން އެކަލޭގެފާނަށް ނަފްރަތުކޮށް އަހުރެންގެ ޤައުމުގެ މީހުން ދޫކޮށް ރޫމްގެ ޤައިސަރުގެ ގާތަށް ދިޔައިމެވެ. ނަމަވެސް އެތަނުގައި ހުރުމަށްވެސް އަހުރެން ނުރުހުނެވެ. އެހިނދު އަހުރެން އަހުރެންގެ ނަފްސަށް ބުނީމެވެ. އަހުރެން އެކަލޭގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނަކީ ދޮގުވެރިއެއްކަމުގައި ވެއްޖެނަމަ އެކަލޭގެފާނަކަށް އަހުރެންނަކަށް ގޯނާއެއް ނުކުރެވޭނެއެވެ. އަދި އެކަލޭގެފާނަކީ ތެދުވެރިއެއްކަމުގައި ވެއްޖެނަމަ، އަހުރެންނަށް އެނގޭނެއެވެ. މިހެން ހިތަށް އަރާ އެކަލޭގެފާނުގެ އަރިހަށް ދިޔުމަށް ނިންމީމެވެ.”

“އަހުރެންނަށް މަދީނާއަށް ހަމަ ދެވުމާއެކު، މީސްތަކުން” މިއީ ޢަދިއްޔު ބިން ޙާތިމް އޭ މިއީ ޢަދިއްޔު ބިން ޙާތިމް އޭ” ގޮވަން ފެށިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމާ ހަމަޔަށް ދެވެންދެން އަހުރެން ކުރިއަށް ދިޔައީމެވެ. އެކަލޭގެފާނާ ބައްދަލުވި ހިނދު އެކެލޭގެފާނު ސުވާލުދެންނެވިއެވެ. “ތިޔައީ ޢަދިއްޔު ބުން ޙާތިމް ހެއްޔެވެ؟”

އަހުރެން ޖަވާބު ދިނީމެވެ. “ޢަދިއްޔު ބުން ޙާތިމް”އެވެ.” ޢަދިއްޔުގެފާނު އެކަލޭގެފާނުގެ އަރިހަށް އައުމުން އެކަލޭގެފާނު ނުހަނު އުފާފުޅުކުރައްވާ އެކަލޭގެފާނަށް މަރުޙަބާ ދެންނެވިއެވެ. އޭގެ ކުރީގައި މުސްލިމުންނާ ހަނގުރާމަކޮށް، މައިދާނުން ފިލާ، އިސްލާމް ދީނަށް އެހާމެ ނަފްރަތުކޮށް ނަޞާރާއިންގެ ހިމާޔަށް ހޯދާފައިވި ނަމަވެސް އެކަލޭގެފާނު ޢަދިއްޔުގެފާނާ ބައްދަލުކުރެއްވީ ހިނިތުންވުމާ އެކުގައެވެ.

އަދި އެކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. ޢަދިއްޔުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމާއާ އެއް ހަމައެއްގައި ހިންގަވާފައި ވަޑައިގެންނެވިއިރު އިޙުސާސް ކުރެވެމުން ދިޔައީ އެ ދެބޭކަލުންނަކީ ހުރިހާ ގޮތަކުންވެސް އެއްފަދަ ދެބޭކަލުން ކަމުގައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ މަދީނާއާއި މަދީނާގެ ރަށްބޭރުގެ ވެރިޔާ ކަމުގައިވާއިރު އެކަލޭގެފާނަކީ ޠައްޔިއުގެ ފަރުބަދަތަކާއި އޭގެ ރަށްބޭރުގެ ވެރިޔާއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ބާވާލެއްވުނު ދީނަކަށް: އެބަހީ: އިސްލާމްދީނަށް، ތަބާވާ ފަދައިން ޢަދިއްޔުގެފާނަކީވެސް ބާވާލެއްވުނު ދީނަކަށް: އެބަހީ: ނަޞާރާދީނަށް، ތަބާވާބޭކަލެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަތްޕުޅުގައި ބާވާލެއްވިގެންވާ ފޮތެއް: އެބަހީ: ޤުރުއާންވާ ފަދައިން އެކަލޭގެފާނުގެ އަތްޕުޅުގައިވެސް ބާވާލެއްވިގެންވާ ފޮތެއް: އެބަހީ: އިންޖީލް ވެއެވެ. އެހެންކަމުން އެކަލޭގެފާނުގެ ނަޒަރުގައި އެ ދެ ބޭކަލުންގެ ދެމެދުގައި އާރާއި ބާރު އަދި އަސްކަރީ ކުޅަދާނަކަން ފިޔަވައި އިތުރު އެއްވެސް ފަރަޤެއް ނުވެއެވެ.

ކޮންމެއަކަސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ޢަދިއްޔު ބިން ޙާތިމް އެކަލޭގެފާނުގެ ގެކޮޅަށް ހިންގަވާފައި ވަޑައިގަތް މަގުމަތިގައި ތިން ކަމެއް ހިނގާދިޔައެވެ.

ފުރަތަމަކަމަކަށް އަންހެނަކު އެ ދެ ބޭކަލުންނާއި އަރާހަމަކޮށް ގޮވާލެއްވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑަށް އެހީތެރިވެދެއްވާށެވެ.” އެހިނދެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަދިއްޔުގެފާނުގެ އަތްޕުޅުން ދޫކޮށްލެއްވުމަށް ފަހު އެ އަންހެންމީހާގެ ޙާޖަތަކީ ކޮބައިތޯ އަޑު އެއްސެވުމަށް ވަޑައިގެންނެވިއެވެ. އޭގެ ކުރީގައިވެސް އެތައް އެތައް ރަސްރަސްކަލުންނާއި އެތައް ލީޑަރުންނެއްގެ އުޅުމާއި މީސްތަކުންނާ މެދު ކަންތައް ކުރާގޮތް ދެކިލައްވާފައި ހުންނެވި ޢަދިއްޔުގެފާނަށް މިމަންޒަރު ފެނިވަޑައިގަތުމުން އެރަސްރަސްކަލުންގެ އުޅުމާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢަމަލުތައް ހުންނެވި ގޮތާއި އަޅައިކިޔުއްވަން ފެއްޓެވިއެވެ. މިކަމާމެދު ވިސްނަން ހުންނެވުމަށް ފަހު ޢަދިއްޔުގެފާނު ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. މިއީ ރަސްރަސްކަލުންގެ އަޚްލާޤެއް ނޫނެވެ. އެހެނެއްކަމަކު، ނަބީބޭކަލުންގެ އަޚްލާޤެވެ.”

  އެ އަންހެން މީހާޔަށް އެހީތެރިކަން ބޭނުންވި ކަންތައްކޮށް ދެއްވުމަށް ފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަދިއްޔުގެފާނުގެ ގާތަށް އެނބުރި ވަޑައިގެން އެ ދެ ބޭކަލުންގެ ދަތުރުފުޅު ކުރިޔަށް ގެންދެވިއެވެ. ހިސާބަކަށް ދެވުނުތަނާ އަނެއްކާވެސް އެހެން މީހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމާ ހަމަޔަށް އައެވެ. މިފަހަރު އައީ ފިރިހެނެކެވެ. އޭނާ އައިސް އެކަލޭގެފާނުގެ އަރިހުގައި ދެންނެވީ ކީކޭތޯއެވެ؟ އޭނާ ދެންނެވީ މިފަދައިންތޯއެވެ؟ “އޭ ﷲގެ ރަސޫލާއޭ އަހުރެންގެ އަތުގައި ގިނަޢަދަދެއްގެ މުދާ އެބަހުއްޓެވެ. އަދި އޭގެން ބައެއް ފަޤީރުންނަށް ދޭން އަހުރެން ބޭނުމެވެ.” ނުވަތަ އޭނާ ބުނީ މިހެން ތޯއެވެ؟ “އަހުރެންގެ ދަނޑުން ގޮވާން ކަނޑާ އެއިން ބައެއް އިތުރުވެފައި އެބަހުއްޓޭ އެމޭވާތަކަށް އަހުރެން ހަދަންވީ ކިހިނެތް ތޯއެވެ؟”

 އެމީހާ މިދެންނެވި ފަދަ ސުވާލެއް ކުޅަ ނަމަ ފަހަރުގަ ޢަދިއްޔުގެފާނަށް މުސްލިމުންނަކީ މުއްސަނދި މުދާގިނަ ބައެއްކަމުގައި ހީފުޅުވީހެވެ.

ނަމަވެސް މީގެ ބަދަލުގައި އެމީހާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ބަނޑުހައި ހޫނުކަމާ ފަޤީރުކަމުގެ ޝަކުވާ އަހުރެން ކަލޭގެފާނަށް ދަންނަވަމެވެ.” އެމީހާޔަށް އޭނާއާއި އޭނާގެ ދަރިންގެ ބަނޑުފުރާނަ މުއްތިކުރެވޭނެ އެއްވެސް ފަދައެއް ހަމަ ނެތީއެވެ. އަދި އޭނާގެ ވަށައިގެންވާ މުސްލިމުންވެސް ދިރިއުޅެމުން ދިޔައީ ކިރިޔާ ހައިހޫނު ފިލާވަރަށް ފުދިގެންކަމުން އޭނާޔަށް އެހީތެރިވުމަށް އެމީހުންވެސް ނުކުޅެދުންތެރިވިއެވެ. އެމީހާ މިސުވާލުކުރިއިރު ޢަދިއްޔުގެފާނު ހުންނެވީ އަޑުއައްސަވާށެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވ ވަސައްލަމް އޭނާއަށް ޖަވާބެއްދެއްވުމުން އޭނާ ދިޔައެވެ.

މި ދެ ބޭކަލުންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގެކޮޅާ ހަމަޔަށް ނުދެވެނީސް ތިންވަނަ މީހަކު އެކަލޭގެފާނާއި ބައްދަލުކުރުމަށް އައެވެ. އޭނާ ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. މަގުފޭރޭ މީހުންގެ ޝަކުވާ އަހުރެން ކަލޭފާނަށް ދަންނަވަމެވެ.”  ޔަޢުނީ “އޭ ﷲގެ ރަސޫލާއެވެ. އަހަރެމެންގެ ވަށައިގެން ގިނަޢަދަދެއްގެ ކާފަރުންނާއި މަގުފޭރޭމީހުން ތިބުމުގެ ސަބަބުން ސަލާމަތްކަމާއެކު އަމާންކާމާއެކު މަދީނާގެ ފާރުތަކުން ބޭރަކަށް ނުދެވެއެވެ.” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިމީހާއަށްވެސް މަދު ބަސްކޮޅަކުން ޖަވާބުދެއްވުމަށް ފަހު ކުރިއަށް ވަޑައިގެންނެވިއެވެ.  ޢަދިއްޔުގެފާނު އެކަލޭގެފާނަށް މިފެނިވަޑައިގެންނެވި މަންޒަރު ތަކާއި އެއްސެވި އަޑުތަކާމެދު ވިސްނައިވަޑައިގަންނަވަން ފެއްޓެވިއެވެ. ޚުދު އެކަލޭގެފާނަކީވެސް އެކަލޭގެފާނުގެ ޤައުމުގެ މީހުން ޤަދަރުކުރާ ބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނަށް ޙަމަލާދޭން އިންތިޒާރުގައި ޢަދުއްވުންތަކެއް ނެތެވެ. މުސްލިމުންނަކީ މިހާ ބަލިކަށި ފަޤީރުބަޔަކަށް ވީހިނދުވެސް މިހާގިނަ ބަޔަކު މިދީން ޤަބޫލުކުރަމުން މިދަނީ ކީއްވެގެން ބާވައެވެ؟

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ޢަދިއްޔު ބިން ޙާތިމް އާއި ދެބޭކަލުން އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެން އެތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެގެކޮޅުގެ އެ ތެރޭގައި ހުރީ އެންމެ ބާލީސްކޮޅެއް ޢަދިއްޔުގެފާނަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން އެކަލޭގެފާނު އިށީނދެވަޑައިގެންނެވުމަށްޓަކައި އެކަލޭގެފާނު ދެއްކެވިއެވެ. “މިބާލީސްކޮޅު ނަގައި މީގައި އިށީންނާށެވެ.” ނަމަވެސް ޢަދިއްޔުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް އެބާލީސްކޮޅު އަނބުރާ ދެއްވުމަށްފަހު ދެންނެވިއެވެ. “ނޫނެކެވެ. ކަލޭގެފާނު މީގައި އިށީންނަވާށެވެ.” ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. “ނޫނެކެވެ. ތިބާ މީގައި އިށީންނަވާށެވެ.” ދެން ޢަދިއްޔުގެފާނު އެކަލޭގެފާނު ޙަދީޘްކުރެއްވިގޮތަށް ކަންތައް ކުރެއްވިއެވެ.

 

 

  • ހުރަސްތައް ނައްތަވާލައްވަން ފެއްޓެވުން

 

 އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަދިއްޔުގެފާނާއި އިސްލާމްދީނާއި ދެމެދުގައިވާ ހުރިހާ ހުރަސްތަކެއް ވަކިވަކިން ނައްތާލައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ ޢަދިއްޔުއެވެ. އިސްލާމްދީން ޤަބޫލުކުރައްވާށެވެ. އޭރުން ތިބާ ރައްކާތެރިވާނެއެވެ.”

ޢަދިއްޔު ބިން ޙާތިމް ދެންނެވިއެވެ. “އަހުރެންގެ ދީނެއް ވެއެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނަށް ވުރެ ބޮޑަށް ކަލޭގެފާނުގެ ދީނާ ބެހޭގޮތުން ތިމަންކަލޭގަފާނު ދެނެވަޑައިގަންނަވަމެވެ.”

ޢަދިއްޔުގެފާނު ދެންނެވިއެވެ. “ތިމަންކަލޭގަފާނުގެ ދީން ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “އާދޭހެވެ. ކަލޭގެފާނުވަނީ ރަކޫސިއްޔާ ތެރެއިން ނޫންތޯއެވެ؟”

ރަކޫސިއްޔާއަކީ މަޖޫސީންގެ ބައެއް ބައިތައް ހިމެނިފައިވާ ނަޞާރާދީނުގެ މަޛްހަބެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަރިހުގައި “ކަލޭގެފާނަކީ ނަޞާރާއެއް ނޫންތޯއެވެ.” ޙަދީޘްކުރެއްވުމުގެ ބަދަލުގައި މިހެން ޙަދީޘްކުރެއްވީ އެކަލޭގެފާނުގެ ކިބައިގައިވާ ޤަބޫލުކުރުވުމުގެ ހުނަރުގެ ސަބަބުންނެވެ. މިފަދައިން ޙަދީޘްކުރެއްވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ޢަދިއްޔުއަކީ ނަޞާރާއެއްކަން ހާމަކޮށްދެއްވުމުގެ އިތުރުން އެއަށްވުރެ ތަޚްސީސްކޮށް އެކަން އަންގައި ދެވުނީއެވެ.

މިއީ މިސާލަކަށް ތިބާ ޔޫރަޕުގެ ޤައުމަކަށް ދިޔުމުން، އެތަނުން މީހަކު ތިބާގާތުގައި “ތިބާ ނަޞާރާދީނަށް ވަންނަންވީ ނޫންހެއްޔެވެ؟ “ބުނުމުން ތިބާ ” ތިމަންނާގެ ދީނެއްވެޔޭ” ބުނެފިނަމަ، ދެން އެމީހަކު ތިބާގާތުގައި “ތިބާއަކީ މުސްލިމެއް ނޫންހެއްޔެވެ؟” ނުވަތަ “ތިބާއަކީ ސުންނީއެއް ނޫންހެއްޔެވެ؟” އެހުމުގެ ބަދަލުގައި “ތިބާއަކީ ޝާފިޢީއެއްތޯ ނުވަތަ ޙަންބަލީއެއްތޯ” އެހުމެވެ. މީފަދައިން ސުވާލުކުރުމުން އެމީހަކަށް ތިބާގެ ދީނާ ބެހޭގޮތުން ފުދޭވަރެއްގެ ޢިލްމެއް ހުރިކަން ހާމަވެގެން ދާނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަދިއްޔުއަށް މިފަދައިން ޙަދީޘްކުރެއްވުމުގެ ޙިކުމަތަކީވެސް މިއީއެވެ.

ޢަދިއްޔު ޖަވާބުގައި ދެންނެވިއެވެ. “އާދޭހެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ހަނގުރާމައެއްކޮށްފިނަމަ ޣަނީމާމުދަލުގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި ކަލޭގެފާނު ނުނަންގަވަމު ތޯއެވެ؟”

ޢަދިއްޔުގެފާނު ދެންނެވިއެވެ.” އާދޭހެވެ. ނަގަމެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.” މިއީ ކަލޭގެފާނުގެ މަޛްހަބުގައި ޙަރާމްކަމެކެވެ.”

ޢަދިއްޔުގެފާނު ލަދުވެތިވެވަޑައިގެން ހުންނަވާ ދެންނެވިއެވެ. “އާދޭހެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނަށް އިސްލާމްދީން ޤަބޫލުކުރެއްވުން މަނާކުރަނީ ކޮންކަމެއްކަން ތިމަންކަލޭގެފާނު ދެނެވަޑައިގަންނަވަމެވެ. ކަލޭގެފާނަށް ހީފުޅުވެފައި އޮންނަނީ ތިމަންކަލޭގެފާނަށް ތަބާވަނީ ހަމައެކަނި އަނިޔާލިބިފައިވާ ނިކަމެތީން ކަމުގައެވެ. ޢަރަބިން ވަނީ އެބައިމީހުން ދޫކޮށްލާފައެވެ. އޭ ޢަދިއްޔުއެވެ. އަލްޙީރާ (ޢިރާގުގެ ސިޓީއެއް)ގެ ވާހަކަ ކަލޭގެފާނު އަޑުއެއްސެވީމު ތޯއެވެ.”

ޢަދިއްޔުގެފާނު ދެންނެވިއެވެ. “އެތަނެއް ނުދެކެމެވެ. އެކަމަކު އެތަނުގެ ވާހަކަ އަޑުއެހީމެވެ.”

ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވާ ޙަދީޘްކުރައްވަމެވެ. އެއްވެސް ބިރެއް ނެތި އަންހެނަކު އެކަނި އަލްޙީރާއިން ނުކުމެގެން ދަތުރުކޮށްފައި ކަޢުބަތުﷲ ގެފުޅު ކައިރީގައި ޠަވާފުކޮށްފުމަށް ދާންދެން ﷲ ސުބްހާނަހޫ ވަތަޢާލާ މިކަންތައް ފުރިހަމަ ކުރައްވާނެތެވެ.” މާނައީ އެދުވަހުން އަންހެނަކަށް އެކަނި އަލްޙީރާއިން މައްކާއާއި ހަމަޔަށް ދިޔުމަށް އެއްވެސް ޙިމާޔަތްތެރިކަމަކަށް ބޭނުން ނުޖެހޭވަރަށް އިސްލާމްދީން ވަރުގަދަވެގެންދާނެއެވެ. އެތައް ސަތޭކަ ޤަބީލާތަކެއް ފަސްދީ ދަތުރުކުރިކަމުގައި ވީނަމަވެސް އެކަމަނާއަށް ގޯނާކޮށް މުދަލަށް ގެއްލުން ދޭކަށް ހަމަ އެކަކަށްވެސް ނުކުރޭނެއެވެ. އެއީ އެއިރެއްގައި މުސްލިމުންގެ ބާރުވެރިކަމުން އެއްވެސް މުސްލިމަކަށް ގޯނާއެއްކޮށް ގެއްލުމެއް ދީފިނަމަ އެހެން މުސްލިމުން، އަންހެނަކަސް ފިރިހެނަކަސް، އެމީހެއްގެ ދިފާޢަށް އަވަސްވެގަންނާނެކަމުގެ ބިރަށްޓަކައެވެ.

ޢަދިއްޔުގެފާނަށް މިވާހަކަތައް އަޑުއިވުމުން ޚިޔާލުފުޅުގައި މިމަންޒަރު ތަޞައްވުރު ކޮށްލެއްވިއެވެ. އަންހެނަކު ޢިރާގުން ނިކުމެ މައްކާއަށް އަންނަ މަންޒަރެވެ. އެބިމުގެ އުތުރުން އަންނަތަނެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުން ޤާއިމުވެ ތިބި ބިންކަމުގައިވާ ޠައްޔިއުގެ ފަރުބަދަތައް ހުރަސްކޮށް އަންނަ މަންޒަރެވެ.

ޢަދިއްޔުގެފާނު މިކަމާ ވަރަށް ޢަޖައިބުވެވަޑައިގެން އެކަލޭގެފާނުގެ ނަފްސާ މުޚާތަބުކުރައްވާ ވިދާޅުވިއެވެ. “އެހެންކަމުގައި ވަނީނަމަ އަހަރެމެންނާއި އަހަރެމެންގެ ސަހަރުތަކުގައި މަގުފޭރި އުޅޭ މީހުންތައް ހަދާނީ ކިހިނެތް ބާވައެވެ؟”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ތިބާ ކިސްރާ ބިން ހުރްމުޒްގެ ޚަޒާނާތައް ހިފާނެއެވެ.”

ޢަދިއްޔުގެފާނު ސުވާލުކުރެއްވިއެވެ. “އިބްނު ހުރްމުޒްގެ ޚަޒާނާތައް ހެއްޔެވެ؟”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “އާދޭހެވެ. ކިސްރާ ބިން ހުރްމުޒެވެ. ތިބާ އެހުރިހާ މުދަލެއް ﷲގެ މަގުގައި ހޭދަ ކުރާނެއެވެ. އަދި ތިބާގެ ޢުމުރު ދިގުނަމަ މީހަކު އަތްގޮށްޓެއްގެ ފުރެންދެން ރަން ނުވަތަ ރިހިން ޞަދަޤާތްކުރަން އުޅޭތަން ފެންނާނެއެވެ. ނަމަވެސް އޭގައި ހިފާނެ ހަމަ އެއްވެސް މީހަކު ނުވާނެއެވެ.” މާނައީ މީސްތަކުން އަތްމަތި ތަނަވަސްވެ މުދާގިނަވުމުގެ ސަބަބުން މުއްސަނދި މީހަކަށް އޭނާގެ މުދަލުން ޞަދަޤާތްކުރާނޭ ފަޤީރުމީހަކު ނުފެންނާނެއެވެ.

ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަދިއްޔުގެފާނަށް ނަޞޭޙަތްދެއްވާ އާޚިރަތުގެ މަތިން ހަނދުމަކޮށްދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އޭނާޔާ އޭނާގެ ވެރި ރަސްކަލާންގެ އާދެމެދު އެއްވެސް ތަރުޖަމާނަކު ނެތި ބަސްވަޙީކުރައްވާ ދުވަހުން ﷲ ސުބްޙާނަހޫ ވަތަޢާލާއާ ބައްދަލުވާނެއެވެ. އޭނާ އޭނާގެ ކަނާތްފަރާތައް ބަލާނެއެވެ. ނަމަވެސް ނަރަކަ ނޫންތަނެއް އޭނާއަކަށް ނުފެންނާނެއެވެ. އަދި އޭނާ އޭނާގެ ވާތްފަރާތައް ބަލާނެއެވެ. ނަމަވެސް ނަރަކަ ނޫންތަނެއް އޭނާއަކަށް ނުފެންނާނެއެވެ.”

މިހިސާބުން ޢަދިއްޔުގެފާނު ހަމަހިމޭންވެ ވިސްނާވަޑައިގަންނަވަން ފެއްޓެވިއެވެ.

އެހިނދު ޢަދިއްޔުގެފާނު ސިއްސުވާލައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އޭ ޢަދިއްޔުއެވެ. ތިބާޔަށް ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ ފަރާތެއް ނުވެޔޭ ބުނުން މަނާކުރަނީ ކޮންކަމެއްތޯއެވެ؟ ތިބާޔަށް އެކަލާނގެއަށް ވުރެ މަތިވެރި އިލާހެއްވާކަމުގައި އެނގިފައިވަނީތޯއެވެ؟”

ޢަދިއްޔުގެފާނު ވިދާޅުވިއެވެ. “ފަހެ އަހުރެންނަކީ ޝިރުކުދޫކޮށްލައި ތައުޙީދުގައި ހިފާފައިވާ މުސްލިމަކީމެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއް ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ.”

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މޫނުފުޅުން އުފާވެރިކަން ފާޅުވެގެން ދިޔައެވެ.

ޢަދިއްޔު ބިން ޙާތިމް އޭގެ ފަހުން ވިދާޅުވެފައިވެއެވެ. “ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބިރެއްނެތި އަންހެނަކު ޖަމަލަކަށް ސަވާރުވެގެން އިރާގުގެ ޙީރާއިން ނިކުމެގެން އައިސް ކަޢުބާގެ ވަށައިގެން ޠަވާފުކުރަނިކޮށް އަހުރެންނަށް ފެނުނެވެ. އަދި ކިސްރާ ބިން ހުރްމުޒްގެ ޚަޒާނާ ހުޅުވި މީހުންގެ ތެރޭގައި އަހުރެންވެސް ހިމެނުނެވެ. އެފަރާތެއްގެ އަތްޕުޅުގައި އަހުރެންގެ ފުރާނަ ވާފަރާތް ގަންދެއްވާ ބުނަމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފަހުން ވާނެކަމަށް ޙަދީޘްކުރެއްވި ތިންވަނަ ކަންތައްވެސް އެކަލޭގެފާނު ޙަދީޘްކުރެއްވި ގޮތަށް ވެގެންދާނެއެވެ. އެކަލޭގެފާނު އެފަދައިން ޙަދީޘްކުރެއްވީތިވެއެވެ. [2]

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢަދިއްޔުގެފާނަށް މަރުޙަބާ ކިޔުއްވާ މުޚާތަބުކުރެއްވި ގޮތާމެދު ފިކުރު ހިންގަވާލައްވާށެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިކަންތައްތައް ޢަދިއްޔުގެފާނަށް އިޙުސާސް ކުރެއްވޭނެއެވެ. ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ މި ފުރިހަމަ އަޚްލާޤު ޢަދިއްޔުގެފާނު އިސްލާމްވެވަޑައިގެންނެވުމަށް އިތުރު ހިތްވަރަކަށް ވެގެންދިޔަ ގޮތް ބައްލަވާށެވެ. އަޅުގަނޑުމެން އެންމެންވެސް މީހުންނާ މުޢާމަލާތުކުރުމުގައި މިހުނަރުތައް ބޭނުން ކުރާނަމަ، އަޅުގަނޑުމެންނަށްވެސް މީހުންގެ ހިތް ފަތަޙަކުރުމުގައި ކާމިޔާބު ވެގެންދާނެއެވެ.

 

ޚިޔާލެއް:

މަޑުމައިތިރިކަމާއި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރުތައް ބޭނުންކުރުމުން، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ލަނޑުދަނޑިތައް ޙާޞިލުކުރެވޭނެއެވެ.

______________________________ 

ތަރުޖަމާކުރީ:

އީނާޝް އިބްރާހީމް

ބިންތު އަޙްމަދު

އުންމު މުޙްސިނު

 

މިއީ ޑރ. މުޙައްމަދު ޢަބްދުލް ރަޙްމާން އަލް ޢަރީފީ ލިޔުއްވާފައިވާ استمتع بحياتك ގެ ތަރުޖަމާއެވެ.

 

[1] رواه البخاري

[2] رواه مسلم وأحمد