[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް)-7

ޚަދީޖާ ރަޟިޔަﷲ ޢަންހާއާ ކައިވެނިފުޅު ބައްލަވައިގެންނެވުން

ޤުރައިޝުންނަކީ ވިޔަފާރީގައި އަރައިހުރި ބައެކެވެ. ޝާމްކަރައާއި އެނޫންވެސް އެކި ރަށްތަކަށް، ފިނިމޫސުމުގައާއި ހޫނު މޫސުމުގައި އެބައިމީހުން ވިޔަފާރި ދަތުރުތަކުގައި ގޮސްއުޅެއެވެ.

ޚަދީޖަތު ބިންތު ޚުވައިލިދު ރަޟިޔަﷲ ޢަންހާ އަކީ، މައްކާގައި ޤަދަރުވެރި މާތް އަންހެން ސާޙިބެކެވެ. އެކަމަނާއަކީ މުދާވެރި މުއްސަނދި ވިޔަފާރިވެރިއެކެވެ. އެކަމަނާގެ މުދަލުން ވިޔަފާރިކުރުމަށްޓަކައި، ވިޔަފާރި ދަތުރުތަކުގައި، އުޖޫރަދީގެން ފިރިހެން ބޭކަލުން ފޮނުއްވައެވެ.

އެގޮތުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ރިވެތި އަޚްލާޤުގެ ޚަބަރު، ޚަދީޖަތުގެފާނަށް ލިބުމުން، އެކަލޭގެފާނުގެ އަރިހަށް މީހަކު ފޮނުއްވިއެވެ. އަދި އެކަމަނާގެ ޚާދިމެއްކަމުގައިވާ މައިސަރާ އާއިއެކު، އެކަމަނާގެ މުދަލާއިގެން ޝާމްކަރައަށް ވިޔަފާރި ދަތުރުތަކުގައި ދިޔުމަށް ހުޝަހެޅުއްވިއެވެ. އަދި އެހެނިހެން ވިޔަފާރިވެރިން އެކަލޭގެފާނަށް ދެއްވާ އުޖޫރައަށްވުރެ ބޮޑު އުޖޫރައެއް ދެއްވާނެކަމަށް ދެންނެވިއެވެ. ދެން އެކަލޭގެފާނު، އެކަމަނާގެ މި ހުޝަހެޅުއްވުން ޤަބޫލުފުޅުކުރައްވައިފިއެވެ. އަދި އެކަމަނާގެ މުދާ ހިއްޕަވައިގެން، މައިސަރާ އާއިއެކު ޝާމްކަރައަށް ވަޑައިގެންފިއެވެ.

ދެންފަހެ، ވިޔަފާރި ދަތުރު ނިންމަވާލެއްވުމަށްފަހު، އެނބުރި މައްކާއަށް ވަޑައިގެންނެވުމުން، ޚަދީޖަތުގެފާނަށް، އެކަމަނާގެ މުދަލުގައި ބަރަކާތް އިތުރުވެފައިވާތީ ފެނިވަޑައިގެން، ހައިރާންކަމެއް ލިބިވަޑައިގެންނެވިއެވެ. އެއީ މީގެކުރިން އެކަމަނާ ދެކެވަޑައިގެންފައި ނުވާ މިންވަރަށް ވިޔަފާރީގެ ފައިދާ، މި ދަތުރުގައި އިތުރުވެފައިވާތީއެވެ. ދެންފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ފެނިވަޑައިގެންނެވި، އަޚްލާޤީ ރިވެތި ޞިފަފުޅުތަކާއި، ފިކުރުފުޅާއި ވިސްނުންފުޅުގެ ސީދާކަމުގެ ވާހަކަތައް ޚަދީޖަތުގެފާނަށް، މައިސަރާ ކިޔައިދިނެވެ.

ޚަދީޖަތުގެފާނާއި ކައިވެނި ބައްލަވައިގެންނެވުމަކީ، ޤުރައިޝުންގެ ބޮޑުންނާއި ވެރީން އެދިއެދި ހުރިކަމެކެވެ. އެގޮތުން އެބައިމީހުން ދިޔައީ ކައިވެންޏަށް އެދި އެކަމަނާއަށް ހުށަހަޅަމުންނެވެ. ނަމަވެސް އެކަމަނާ ގެންދެވީ އެބައިމީހުންގެ އެ ހުށަހެޅުންތަކަށް އިންކާރުކުރައްވަމުންނެވެ.

އެހެންނަމަވެސް، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އެކަމަނާއަށް ފެނިވަޑައިގެންނެވީ، ޙަޔާތުގެ ދަތުރުގައި އެކަމަނާއަށް އެހީތެރިވެދެވޭނެ ހެޔޮ ބައިވެރިއެއްގެ އަޚްލާޤީ ސިފަފުޅުތަކެވެ. އެހެންކަމުން އެކަމަނާ، މި ވާހަކަ އެކަމަނާގެ އެކުވެރިޔާ ނަފީސަތު ބިންތު މުނައްބަހް އަށް ކިޔައިދިނެވެ.

ދެން ފަހެ، ޚަދީޖަތުގެފާނު ކައިވެނިފުޅު ބައްލަވައިގެންނެވުމަށް ބޭނުންފުޅުވާ ވާހަކައާއި އަދި އެކަމާއި މެދު އެކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތަކާއި ބެހޭގޮތުން، ނަފީސާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މަޝްވަރާކުރެއްވިއެވެ. އަދި، މި ހުށަހެޅުއްވުން ޤަބޫލުފުޅުކުރައްވައި، ޚަދީޖަތުގެފާނާއި ކައިވެނިފުޅު ބައްލަވައިގެންނެވުމަށް އެކަލޭގެފާނު ރުހިވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ބޮޑުބޭބެއިންނާއި މިވާހަކަތައް ހިއްސާކުރެއްވިއެވެ.

އެއަށްފަހު، އެކަލޭގެފާނުގެ ބޮޑުބޭބެއިން، ޚަދީޖަތުގެފާނުގެ ބޮޑުބޭބެގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި މިކަމުގައި ދެފަރާތުގެ އާއިލާގެ ރުހުން އޮތްކަން ހާމަކުރައްވައިފިއެވެ. ދެންފަހެ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޚާދީޖަތުގެފާނުގެ ކައިވެނީގެ ޢަޤުދު ކުރައްވައިފިއެވެ. ކައިވެނީގެ ޢަޤުދުގެ މަޖްލީހަށް ބަނީހާޝިމް ޤަބީލާގެ މީހުންނާއި މުޟަރު ޤަބީލާގެ ބޮޑުން ހާޒިރުވިއެވެ. މި ކައިވަނިފުޅު ކުރެއްވުނީ، އެކަލޭގެފާނު ޝާމްކަރައިން އެނބުރި ވަޑައިގެންނެވިތާ ދެމަސްދުވަސް ފަހުންނެވެ.

ކައިވެނި ބައްލަވައިގެންވި އިރު ޚަދީޖަތުގެފާނުގެ އުމުރުފުޅަކީ ސާޅީސް އަހަރެވެ. އެކަމަނާއަކީ، މުދަލުގެގޮތުންނާއި، ނަސަބުގެ ގޮތުންނާއި އަދި ވިސްނުންފުޅުގެ ގޮތުންވެސް ޤުރައިޝުންގެ ތެރޭގައި އަރައިހުންނެވި ކަނބަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވީ ޚަދީޖަތުގެފާނާއި އެވެ. އެކަމަނާ ދުނިޔޭގައި ހުންނަވަނިކޮށް އެކަލޭގެފާނު އެހެން އެއްވެސް ކައިވެނިފުޅެއް ކުރައްވާފައެއް ނުވެއެވެ. އެކަލޭގެފާނުގެ ދަރިދަރިކަލުންގެ ތެރެއިން އިބްރާހީމް ފިޔަވައި، އެހެން ހުރިހާ ދަރިދަރިކަލުންވެސް ލިބިވަޑައިގެންނެވީ ޚަދީޖަތުގެފާނުގެ ކިބައިންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޚަދީޖަތުގެފާނުގެ ކިބައިން ލިބިވަޑައިގެންނެވި ދަރިދަރިކަލުންނަކީ، އެންމެފުރަތަމަ އަލްޤާސިމްއެވެ. ދެން ޒައިނަބްއެވެ. ދެން ރުޤައްޔާއެވެ. ދެން އުއްމުކުލްޘޫމްއެވެ. ދެން ފާޠިމާއެވެ. އަދި އެއަށްފަހު ޢަބްދުﷲ އެވެ. ޢަބްދުﷲ އަށް އައްޠައްޔިބު އަދި އައްޠާހިރުގެ ލަޤަބުން މުޚާޠަބުކުރެވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފިރިހެން ދަރިދަރިކަލުން ކަމުގައިވާ އަލްޤާސިމް އާއި ޢަބްދުﷲ އާއި އިބްރާހީމް ވަނީ ތުއްޕުޅު އުމުރުފުޅުގައި އަވަހާރަވެފައެވެ. ނަމަވެސް، އެކަލޭގެފާނުގެ ހުރިހައި އަންހެން ދަރިދަރި ކަނބަލުންވެސް، އިސްލާމްދީނުގެ ރިސާލަތު ދެކެވަޑައިގެން އިސްލާމްވެ ވަޑައިގެންނެވިއެވެ. އަދި މަދީނާއަށް ހިޖްރަކުރެއްވެވިއެވެ. ނަމަވެސް، ފާޠިމާ ރަޟިޔަﷲ ޢަންހާ ފިޔަވައި، އެހެން ހުރިހައި ދަރިދަރިކަނބަލުންވެސް ވަނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އަވަހާރަވެފައެވެ. ފާޠިމާ ރަޟިޔަﷲ ޢަންހާ އަވަހާރަވެފައިވަނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެ ވަޑައިގެންނެވިތާ ހަމަސްދުވަސް ފަހުންނެވެ.

 

-ނުނިމޭ-

މަޞްދަރު: “السيرة النبوية للأطفال والناشئة” لمسعد حسين محمد