[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (2)

ދަރިން ތަރުބިއްޔަތުގެ މަސައްކަތް އުނދަގޫ ކަމަކަށް ބަދަލުކުރުވާ އެކިއެކި ހުރަސްތަކާއި، ގޮންޖެހުންތައް

ދަރިންތަރުބިއްޔަތުކުރުމަކީ އެކަމުގައި ދަތި އުނދަގޫކަން އެކުލެވޭ ކަމެކެވެ. އެއީ ބައެއްމީހުން ހީކުރާ ފަދައިން އެމަސައްކަތްކުރުމުން އެކަނި ކުރިމަތިވާ ދަތި އުނދަގޫ ކަމެއް ނޫނެވެ. މިކަމަކީ އުނދަގޫ ކަމެއްކަމަށް ތިބާ އިންކާރު ނުކުރިނަމަހީވެސް އަދި އެއީ ބޮޑު މަސްއޫލިއްޔަތެއް ކަމަށް ޤަބޫލުކުރާއިރުވެސް، މިކަމުގައި ކުރިމަތިވާ ދަތި އުނދަގޫތައް އެކި ދިމަ ދިމާއިން ކުރިމަތިވެއެވެ. ބައެއްފަހަރު އެއީ މީހުން ހީވެސް ނުކުރާ ސަބަބުތަކާ ހެދިއެވެ. އަދި ތަރުބަވީ ފޮތްތަކުގައިވެސް ބަޔާންކުރެވިފައި ނުވާ ސަބަބުތަކާ ހެދިއެވެ. ބައެއްފަހަރު، ގޭތެރޭގެ މާޙައުލުންނެވެ. އަނެއް ބައިފަހަރު ބޭރުންނެވެ.

މީގެ ތެރެއިން އެންމެ މައިގަނޑު ސަބަބަކީ، އެސަބަބާއި ތަރުބިއްޔަތާ ސީދާ ގުޅުމެއް ނެތް ކަމެކެވެ. އެހެނަސް ތަރުބިއްޔަތުކުރުމާއި، ނުސީދާކޮށް ވަނީ މިކަން ގުޅިލާމެހިފައެވެ. ސަބަބަކީ އެކަމަކީ މައިމީހާއަށް އެކަމުގެ ސަބަބުން ނުރަގަޅު އަސަރުކުރުވާ، އަދި އޭގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުބައި އަސަރުކުރުވާ ކަމަކަށް ވާތީއެވެ. އެހެންކަމުން ސީދާ ގުޅުމެއް ނެތްނަމަވެސް، އެކަންކަމަށް ބާރު ލިބި އަދި އެކަންކަމުން ނުބައި އަސަރު ތަރުބިއްޔަތުކުރުމުގެ މަސައްކަތަށް ކުރެއެވެ.

ތަރުބިއްޔަތުކުރުމަކީ އެކަމުގައި އުޅޭ މީހާގެ ނަފްސާއި ސިކުނޑީގެ ހަމަޖެހުމާއި، ފުރިހަމަކަމަށް ވަރަށް ބޭނުން ޖެހޭ ކަމެކެވެ. ކުއްލިއަކަށް ކުރިމަތިވާ މައްސަލަތަކާއި، ދަތި އުނދަގޫތަކާއި ގޮންޖެހުންތައް އައިސް އަހަރެމެންނާއި ކުރިމަތިވާއިރު، އެކަން (ނަފްސާއި ސިކުނޑީގެ ހަމަޖެހުން) އެހެންވީމާ ހުންނާނެ ހެއްޔެވެ؟ ތަރުބިއްޔަތުކުރުމުގެ މަސައްކަތުގެ މައްޗަށް އަމިއްލަ ބާރު ފޯރުވުމަށް ދަތިވާ ސަބަބަކީ މިއީއެވެ. އަދި މިއީ މުރައްބީން (ތަރުބިއްޔަތުކުރާ މީހުން) އެކަމެއް ދެކެ އެންމެ ބިރުވެތި ވާ ކަންކަމެވެ.

ދަތި އުނދަގުލޭ އަހަރެން މިބުނަނީ ތަރުބިއްޔަތުކުރުމުގެ މަސައްކަތުގައި ޠަބީޢީ ގޮތުން ހިމެނޭ އުނދަގޫތަކާއި މަސްއޫލިއްޔަތުތަކަށެވެ. އަދި މިކަމުގައި ކުރިމަތިވާ ހުރަސްތަކޭ ބުނެވޭ ބަހުގެ މާނައަކީ، ތަރުބިއްޔަތުކުރުމުގެ މަސައްކަތަށް މިބުނަނީ، ތަރުބިއްޔަތުގެ މައިދާނުގައި މަސައްކަތްކުރާއިރު، އަލަށް ކުރިމަތިވާ ކަންކަމާއި، ބައެއް ޙާލަތްތަކަށެވެ. އަދި ގޮންޖެހުންތަކޭ މިބުނެވެނީ އިންސާނާއަށް ނަފްސާނީ ގޮތުން ކުރިމަތިވާ ހިތްނުތަނަވަސްވުމާއި، އުދާސްތަކަށެވެ. އޭގެ ސަބަބުން މިމަސައްކަތް، އިތުރަށް ބުރަވެގެން ދެއެވެ. އުނދަގުލަކަށް ފަހު އުނދަގުލެއް ކުރިމަތި ވެއެވެ.

މިއީ މި މައިދާނުގައި، އަހަރެންނަށް ވެސް ކުރިމަތިވީ ގޮތެވެ. އެހެންނޫންނަމަ، އަހަރެން ދެކޭ ގޮތުގައި، ބޭރުން ކިތަންމެ ގިނަ އުނދަގޫތަކެއް ކުރިމަތިވިއަސް، ތަރުބިއްޔަތު ކުރުމަކީ ނަފްސަށް ހަމަޖެހުން ލިބި، ހިތް އުފާކޮށްދޭ ކަމަކަށް ވެގެންދާނެއެވެ. އެހެންކަމުން ތިރީގައި މިބަޔާންކޮށްލަނީ، ތަރުބިއްޔަތުކުރުން ބުރައަކަށްވެ، އެކަން ފަސާދަވާން މެދުވެރިވާ، ސީދާ ތަރުބިއްޔަތާ ގުޅިފައި ނުހުންނަ ކަންކަމެވެ.

1- މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ގިނަވުން

ދިރިއުޅުމުގެ ޙާލަތު ދަށްވެ، މައިންގެ އުއްމީދުތައް އިތުރުވުމުގެ ސަބަބުން ފިރިންނާއެކު އާމްދަނީ ހޯދުމުގައި މައިން ބައިވެރިވެއެވެ. އަދި ދިރިއުޅުން ފާގަތިކުރުމަށްޓަކައި، މިނޫން އެހެނިހެން ކަންކަމުގައިވެސް އެމީހުން ބައިވެރިވާން ފަށައިފިއެވެ. އެހެންވުމުގެ ސަބަބުން އެމީހުންގެ މަސްއޫލިއްޔަތުތައް އިހުނަށްވުރެ ގިނަވެއްޖެއެވެ. (ކުރީގައި ހުރި ކަންކަންތައް ވެސް ގިނަ ޙާލުގައެވެ.) ތިރީގައި މިބަލާލަނީ އޭގެ ތަފްޞީލަށެވެ.

މަންމައަކީ ވެސް އިންސާނަކަށްވީތީ، އެހެން އިންސާނުންނެކޭ އެއްފަދައިން، ޟަރޫރީ ގޮތުން ބޭނުން ކަންކަން ހުންނާނެއެވެ. އެކަންކަން ޙާޞިލުކުރަން ވަގުތު ދޭންޖެހޭ، އަދި ވިސްނުން އެކަމަކަށް ހުސްކުރަންޖެހޭ އޭނާ ޝައުޤުވެރިވާ ކަންކަން ހުންނާނެއެވެ. އަދި އެބަޔަކަށް ޒިޔާރަތްކުރަން އޭނާ ބޭނުންވާ، އަދި ގުޅައިގެން ވާހަކަ ދައްކަން ބޭނުން ރަޙުމަތްތެރިންވެސް އޭނާގެ ތިބޭނެއެވެ.

މަންމަ އަކީ އަންބެކެވެ. އެހެންކަމުން އަންބެއްގެ ގޮތުން އޭނާ އަދާކުރަންޖެހޭ ވާޖިބުތައް ހުންނާނެއެވެ. އަދި އެއީ ކުޑަ ކަންކަމެއް ނޫނެވެ. މިގޮތުން ފިރިމީހާއަށްޓަކައި ޒީނަތްތެރިވުމާއި، އޭނާއަށް އަހައްމިއްޔަތުކަން ދޭން ޖެހެއެވެ. އަދި އޭނާގެ ކެއުމާއި، ބުއިމާ މިފަދަ ކަންތައް ތައްޔާރުކޮށްދޭންޖެހެއެވެ. އަދި އޭނާގެ ހެދުން ތައްޔާރުކޮށްފައި ބަހައްޓަން ޖެހެއެވެ. އަދި އޭނާގެ މަސައްކަތުގެ ވަގުތުތަކާއި، އޭނާގެ ނިދުމުގެ ކަންތައް ބަލަހައްޓަން ޖެހެއެވެ. އަދި އޭނާއާއެކު ވަގުތު ހޭދަކުރުމާއި، ހިތްހަމަޖައްސައި، ވާހަކަދައްކާލަން ވަގުތުވެސް ހޭދަކުރަންޖެހެއެވެ.

މަންމައަކީ ގޭގެ ބެލެހެއްޓުންތެރިއެކެވެ. މިގޮތުން ގޭތެރެ ސާފުކުރުމާއި، ތަރުތީބުކުރުމާއި، ހެދުން ދޮވެ އިސްތިރިކުރުމާއި، ކެއްކުމާއި، ކާން ހެދުމާއި، މިފަދަ ކަންތައް ކުރަން ޖެހެއެވެ. އަދި ލިބޭ ދަޢުވަތުތަކަށް ދިއުމަށް ތައްޔާރުވުމާއި، ދަތުރު ތަކަށް ނުވަތަ ޕިކުނިކު ދިއުން ފަދަ ކަންކަމަށް ތައްޔާރުވާން ޖެހެއެވެ.

މަންމައަކީ ދަރިންތަކެއްގެ މައެކެވެ. އެހެންކަމުން، މާއްދީ ގޮތުންނާއި، މަޢުނަވީ ގޮތުން އެކުދިންނަށް އަޅާލާ ބަލަހައްޓަން އޭނާއަށް ޖެހެއެވެ. އަދި އެކުދިންނަށްޓަކައި ހޭލައި ހުންނަން ޖެހުމާއި، އެކުދިންގެ އެކި އެކި ބޭނުންތައް ފުއްދައި ދިނުމާއި، އެކުދިންނަށް ހެދުން ގަތުމާއި، މަދްރަސީ ކަންކަމާއި ގުޅޭ އެންމެހައި ކަންތައްތައް ވެސް ކުރަންޖެހެއެވެ.

މަންމައަކީ އަންހެން ދަރިއެކެވެ. އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތަން ޖެހެއެވެ. އަދި އެދެމީހުންނަށް ޒިޔާރަތްކޮށް، އެދެމީހުންގެ ޙާލު އަހުވާލު ބަލައި، އެދެމީހުންގެ ހިތްހަމަ ޖައްސައިދޭންޖެހެއެވެ. އަދި އެދެމީހުންނަށް އެހީތެރިވެދީ، ބަލިވެއްޖެނަމަ އެމީހުން ބަލަހައްޓައި ފަރުވާ ދޭންޖެހެއެވެ.

މަންމައަކީ ޅީ ދަރިފުޅެކެވެ. އަދި ބޮޑުދައިތައެކެވެ. އަދި އަވައްޓެރިއެކެވެ. އަދި ރަޙުމަތްތެރިއެކެވެ. އަދި އެއިން ކޮންމެކަމަކީ އޭނާ މަސްއޫލުވާންޖެހޭ ކަންކަމެވެ. އޭނާ ބަލިމީހާއަށް ޒިޔާރަތްކުރެއެވެ. އަދި މުޞީބާތްކުރިމަތިވެފައިވާ މީހާއަށް އޯގާތެރިވެ، އޭނާއަށް ހަމްދަރުދީވެއެވެ. އަދި ހިތާމަތައް ކުރިމަތިވެފައިވާ މީހާގެ އުނދަގޫތައް ލުއިކޮށްދޭން މަސައްކަތްކުރެއެވެ. އަދި ބޭނުންޖެހިފައިވާ މީހާއަށް އެހީތެރިވެއެވެ.

މަންމައަކީ މުޖުތަމަޢުގެ ފަރުދެކެވެ. އެހެންކަމުން، ކޮންމެވެސް ވަރަކަށް މުޖުތަމަޢުގެ ކަންކަމުގައި އޭނާ ބައިވެރިވާނެއެވެ. އެއީ މީހުންނަށް އެހީވާ އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެގެން ނުވަތަ ދަރުސްތައް އަޑުއަހަން ގޮސްގެން ނުވަތަ ﷲގެ މަގަށް ދައުވަތު ދިނުމުގެ ރޮނގުން ވިއަސްމެއެވެ.

މަންމައިންގެ ތެރޭގައި މުދައްރިސުންނާއި، މުވައްޒަފުންނާއި، ޑޮކްޓަރުންނާއި، އިންޖިނިއަރުންވެސް ހިމެނެއެވެ. ދުވަހުގެ ނުވަ ވަރަކަށް ގަޑިއިރު އެމީހުން މަސައްކަތުގައި ހޭދަވެގެންދެއެވެ. އެހެންކަމުން، ނިދުމަށާއި، ކެއުމަށާއި، ދިރިއުޅުމުގެ ޟަރޫރީ ކަންކަމަށް ހޭދަކުރަން ލިބެނީ ދިހަ ވަރަކަށް ގަޑިއިރެވެ. އެހެންކަމުން މަތީގައި މިދެންނެވުނު ދައުރުތައް އަދާކުރުމަށް (ފިރިމީހާއާއި، ދަރިންނާއި، އަދި ރަޙިމުގެ ގުޅުން ގާއިމްކުރުމަށާއި، ބަލިމީހަކަށް ޒިޔާރަތްކުރުން ފަދަ) ކަންކަމަށް މިލިބެނީ ދެން ބާކީ އޮންނަ ވަގުތު ކޮޅެކެވެ. އަދި މީގެ އިތުރަށް މައިމީހާގެ ހުނަރުތައް ތަރައްޤީކުރުމަށާއި، ފޮތާއި މަޖައްލާ ފަދަ ތަކެތި ކިއުމަށްވެސް ވަގުތު ބޭނުންވެއެވެ. އެހެނަސް މިހުރިހާ ކަމެއް ކުރަން މިވަގުތު ކޮޅު ފުދޭ ހެއްޔެވެ؟!

އެހެންކަމުން، މައިމީހާއަށް މަސައްކަތުން ސަލާމަތްވެ ހުރެވޭނެ ހުސްވަގުތެއް ލިބޭ ހެއްޔެވެ؟ މިހުރިހާ ކަމެއް ކުރަމުން މިއިން ކޮންމެ ކަމެއްކުރުމުގައި އެންމެ ފުރިހަމައަށް އެކަން ކޮށް އެކަމުގައި ކާމިޔާބު ހާސިލުކުރާނީ ކިހިނެތް ހެއްޔެވެ؟

އަދި މައިންނަށް ކުރިމަތިވާ އެންމެ ބޮޑު މުޞީބާތުގެ ތެރޭގައި ބައްޕައިންގެ މަސައްކަތުގެ ބުރަކަން ހިމެނެއެވެ. ތަކެތީގެ އަގުބޮޑުވުމުންނާއި، ވަޒީފާތައް މަދުވުން އިތުރުވުމުގެ ސަބަބުން ކުރިމަތިވާ މާއްދީ ބުރަހެލިކަން އެޅިފައިވަނީ ފިރިހެނުންގެ ކޮނޑުގައެވެ. އެހެންވެ، ވަރަށް ގިނަ ފިރިހެނުން އެމީހުންގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް އާދެވެނީ ވަރަށް ލަހުންނެވެ. އެނޫނީ އެމީހުން ދެތިން ތަނެއްގައި މަސައްކަތްކުރެއެވެ.  އޭގެ ސަބަބުން، އެމީހުން ގެއަށް އަންނައިރު ތިބެނީ ވަރަށް ވަރުބަލިވެފައެވެ. އެހެންވެ، އެމީހުން އެމީހުންގެ ކުދިން ތަރުބިއްޔަތު ނުކުރެއެވެ. އަދި އެކުދިންނަށް އިރުޝާދު ދީވެސް ނަހަދައެވެ. އަދި އެމީހުންގެ ދަރިންގެ ޙާލަތާއި ބެހޭ ގޮތުން އެއްވެސް ކަމެއް އެމީހުންނަކަށް ނޭނގެއެވެ.

މަންމައާއި ބައްޕަ ތިބެމެ، ތަރުބިއްޔަތުކުރުމުގައި އެމީހުންގެ ޙިއްސާ ނެތިއްޖެނަމަ، ދެން ދަރިން ތަރުބިއްޔަތުކުރާނީ ކާކު ހެއްޔެވެ؟

2- އަރާމުކޮށްލާނެ ނުވަތަ މަސައްކަތުން އުޒުރުވެރިވެ އެކަހެރިވެލާނެ ފުރުޞަތެއް ނުލިބުން

މަންމަ ކޮންމެ ދުވަހަކު ހުންނަނީ ބިރުވެރިކަމެއް ނުވަތަ ހާސްކަމެއްގެ ތެރޭގައެވެ. މުޅި ދުވަސް އޭނާ ހޭދަކުރަނީ ދަރިންގެ ކަންކަމުގައެވެ. އަދި އެކުދިންގެ ބޭނުންތައް ފުރިހަމަ ކޮށްދީ، އެކުދިން އެދޭ ކަންކަން ފުރިހަމަކޮށް ދިނުމަށް ވަކި ވަގުތެއް ކަނޑައެޅުމަށްފަހު، އޭނާ ޝައުޤުވެރިވާ ކަންކަން ކޮށްލެވޭކަށް ނޯވެއެވެ. އެކުދިން ތިބެނީ ހަތަރުދަމު އޭނާގެ ކައިރީގައެވެ. ކުއްލިއަކަށް ކުދިންނަށް ކަމެއްވެއްޖެނަމަ އޭނާއަށް މަޖުބޫރުވަނީ އޭނާގެ ނިދިން މަހުރޫމުވެލާށެވެ. ނުވަތަ ގެއަށް އައިސް ހުރި މެހެމާނާ ކައިރިން މާފަށް އެދި އޭނާއާ ވަކިވެލާށެވެ. (މިސާލަކަށް: ދަރިފުޅު ތައްޓެއް ތަޅާލުން ނުވަތަ އިނގިއްޔެއް ކަނޑައިގެން ދިއުން ފަދަ ކަމެއް ކުރިމަތިވުމުންނެވެ. ނުވަތަ ގަސް އިންދާފަ އިން ވަށި ވެއްޓި، ކާޕެޓު މައްޗަށް ވެލިތައް އެޅިއްޖެނަމައެވެ.)

މަންމަ ދަރިންގެ ޚިދުމަތުގައި ސައުވީސް ގަޑިއިރު ހޭދަކުރެއެވެ. އަދި އެކަމުން އެއްކިބާވެވެން އަދި އުޒުރުވެރިވެވޭކަށް ވެސް ނޯވެއެވެ. އެކުދިންނަށް އަޅާލައި، އެކުދިންގެ ކަންކަން ބެލެހެއްޓުމަށް އެތައް ގަޑިއިރަކާއި، ވަރަށް ބުރަ މަސައްކަތާއި، ހިތްވަރު ބޭނުންވެއެވެ. އަދި އަބަދުވެސް އެކުދިން ބަލިވެއެވެ. އަދި އެކުދިން ކޮންމެ ތަނަކަށް ވެސް ހޮޑުލާފާނެއެވެ. އޭރުން އެކުރިމަތިވީ އަނެއްކާ އިތުރު ބުރައެކެވެ. ރޭގަނޑުވުމުން އެކުދިންގެ ގައިގައި އަޅާ ވޭން އިތުރުވެއެވެ. އެހެންކަމުން މަންމަ ހުންނަނީ އެކުދިންނަށް ފަރުވާ ދިނުމުގައާއި، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭނާގެ ނިދި ނަގާލާފައެވެ. އަދި އެކުދިން ދުވާލެއްގެ މައްޗަށް ހަވަރަކަށް ފަހަރު ނެޕީ ހަޑިކޮށްލާނެއެވެ. އަދި ބަރު އަދި އަގުބޮޑު ގޮދަޑިއަށް ހީސްލައިފާނެއެވެ. ނުވަތަ އެކުދިންގެ އާ، ރީތި ހެދުމަށް އޭގެ ނުބައި ވަހުގެ އަސަރު ފޯރަފާނެއެވެ. އެހެންވެއްޖެއްޔާ އެއީ ދަތި އުނދަގޫ އަނެއް މަސައްކަތްކުރިމަތިވީއެވެ.

އެކުދިން ގޭގެ ތަކެތި ހަލާކު ކުރެއެވެ. އަދި ގޭގެ ސާފުތާހިރުކަމާއި، ތަރުތީބު އެފުށް މިފުށަށް ޖަހާލައެވެ. އެކުދިން މެދުކަނޑާނުލައި ކަންކަމު ކިޔާނެއެވެ. އަދި ހިތަށް ތަދުވާފަދަ ސުވާލުތައް ކުރާނެއެވެ. އަނެއްބައިފަހަރަށް ކުރާ ސުވާލުތަކަކީ ވަރަށް ފުންކޮށް ވިސްނާފައި ނޫނީ ފޮތްތައް މުރާޖަޢާކޮށްފައި ނޫނީ ޖަވާބު ނުދެވޭނެ ފަދަ ސުވާލުތަކެވެ. އަދި އެކުދިންނަށް ބުނެދޭ އަދަބުތަކާއި އަޚުލާޤަށް ތަބައަވުމަށް ވަރަށް ވަގުތު ނަގައެވެ. އަދި އެކުދިންގެ ސުލޫކު ހަމަ މަގަށް އެޅުވުމަކީ، އެކަމަށްޓަކައި ޢިލްމަށާއި، ހުނަރަށާއި، ތަޖުރިބާއަށާއި ކެތްތެރިކަމަށް ބޭނުންވާ ކަމެކެވެ.

މިސާލު ބަހުގައި މިވަނީ ވަރަށް ބޮޑު ތެދެކެވެ. “ހަށިގަނޑެއް ފަނާވެގެން މެނުވީ ކުޑަކުއްޖަކު ބޮޑު ނުވެއެވެ.” މިހެންވެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައެވެ. އަދި އެތައް ޙަދީޘެއްގައި، މަންމަގެ ދަރަޖައިގެ މަތިވެރިކަންވަނީ ބަޔާންކުރައްވާފައެވެ.

މިގޮތަށް މަންމަ އޭނާގެ ނަފްސު މިކަމުގައި ހޭދަކޮށް ޣަރަޤުވެގެންދާން ފެށުމުން، އޭނާގެ ހަމަ ބުއްދި ނުވަތަ ހެޔޮ ވިސްނުމުން އެއްކިބާވެވި، ދަރިން ތަރުބިއްޔަތުކުރުމަށާއި، އެކުދިންނަށް ހެޔޮމަގަށް އިރުޝާދު ދިނުމާއިމެދު ފަރުވާ ކުޑަކުރެވެއެވެ.

____________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!