26- ދަރިން ރައްކާތެރިކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި އަބަދާ އަބަދުމެ ދުޢާކުރުން
މަރިޔަމްގެފާނުގެ ވިހެއުމުން، އެކަމަނާގެ މަންމާފުޅު ވިދާޅުވި ވާހަކަ ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވޭއެވެ.
﴿ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ ﴾ [1]
މާނައީ: ”ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް މަރިޔަމް އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިތާނާގެ ކިބައިން އެ ދަރިކަނބަލުންނާއި އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށް އެދި އިބަރަސްކަލާނގެ ޙަޟްރަތަށް ދަންނަވަމެވެ.”
ފަހެ (އެކަމަނާގެ ދުޢާފުޅުގެ) ނަތީޖާއަކީ މިއެވެ.
﴿ فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا ﴾ [2]
މާނައީ: ”ފަހެ އެކަމަނާގެ ރައްބުގެ ރިވެތިވެގެންވާ ޤަބޫލުކުރެއްވުމަކުން އެކަމަނާ ޤަބޫލު ކުރައްވައިފިއެވެ. އަދި ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ.”
((عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ “ إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ،
މާނައީ: އިބްނު ޢައްބާސް رضى الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ.[3] އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަސަނުގެފާނަށާއި ޙުސައިނުގެފާނަށް، ރައްކާތެރިކަން ދެއްވުމަށް އެދި، (ﷲގެ ޙަޟްރަތުގައި) މިކަލިމަފުޅުން ދަންނަވާކަމުގައިވިއެވެ.
އަދި ޙަދީޘްކުރެއްވިއެވެ.
”ހަމަކަށަވަރުން ތިޔަދެކަލުންގެ ބަފާކަލުން މި ކަލިމަފުޅުން،އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނަށް ރައްކާތެރިކަން ދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދަންނަވާކަމުގައިވިއެވެ.
أَعُوذُ بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ ”. [4]
ﷲގެ ފުރިހަމަ ކަލިމަފުޅުތަކުގެ ޛަރީޢާއިން، އެންމެހާ ޝައިތާނުންނާއި، އެންމެހާ ވިހަލާ ސޫފިތަކާއި، އެންމެހާ އެސްފީނާ ލޮލެއްގެ ކިބައިން ތިޔަ ދެކަލުން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.”
27- ގެއިން ނުކުންނައިރު ﷲގެ މަތިން ހަނދުމަކުޅައުމާ އަދި އެއިލާހަށް ވަކީލުކުރުން
عن أنس بن مالك رضي الله عنه أن النبي صلي الله عليه وسلم قال: ((إِذَا خَرَجَ الرَّجُلُ مِنْ بَيْتِهِ فَقَالَ: [5]
މާނައީ: މީހަކު އޭނާގެ ގެއިން ނުކުންނަ ހިނދު ފަހެ އޭނާ މިފަދައިން ކިޔައިފިނަމަ ދަންނައެވެ.
بِسْمِ اللَّهِ، تَوَكَّلْتُ عَلَى اللهِ، لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ
”ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެ. އަހުރެން ﷲއާ ވަކީލުކޮށްފީމެވެ. އަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް ﷲގެ ޙަޟްރަތުން މެނުވީ ނުވެއެވެ.”
فَيُقَالُ لَهُ: حَسْبُكَ قَدْ هُدِيْتَ، وَكُفِيْتَ وَوُقِيْتَ، فَيَتَنَحَّى لَهُ الشَّيْطَانُ فَيَقُولُ لَهُ شَيْطَانٌ آخَرُ:كَيْفَ لَكَ بِرَجُلٍ قَدْ هُدِىَ وَكُفِىَ وَوُقِىَ؟
(މި ދުޢާ) ކިޔައިފިނަމަ އެހިނދު އޭނާއަށް ބުނެވޭނެއެވެ. ”ތިބާއަށް ފުދިއްޖެއެވެ. ހަމަކަށަވަރުން ތިބާއަށް ހިދާޔަތު ލިބި، ފުދި އަދި ރައްކާތެރިކުރެވިއްޖެއެވެ .”ފަހެ އޭނާއާ ޝައިޠާނާ ދިމާކުރުމުން އެހެން ޝައިޠާނަކު އެޝައިޠާނާއަށް ބުނެއެވެ .”ހިދާޔަތުލިބިގެންވާ، ފުދިގެންވާ އަދި ރައްކާތެރިކުރެވިގެންވާ މީހަކާ ކަލެއަށް ގޯނާކުރެވޭނީ ކިހިނަކުން ހެއްޔެވެ؟”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] آل عمران 36
[2] آل عمران 37
[3] رواه البخاري : (3371)
[4] رواه البخاري: (3371)
[5] رواه أبو داود (5095)