[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް)-8

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތަނަވަސް ވިސްނުންފުޅާއި ބުއްދިފުޅުގެ ފުރިހަމަކަން

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެ ވަޑައިގެންނެވިތާ ތިރީސްފަސްވަނަ އަހަރުގައި، ކަޢުބާ އަލުން ބިނާކުރުމުގެ މަސައްކަތް ޤުރައިޝުން ފެށިއެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ނަބީކަމާއިގެން ފޮނުއްވުމުގެ ފަސް އަހަރުކުރިން، ބާރުގަދަ ފެނުގެ ސައިލެއް ކަޢުބާގެ ސަރަހައްދަށް އައެވެ. އޭގެ ސަބަބުން މައްކާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންގޮސް، ކަޢުބާ އަރިއަޅާލައި ވެއްޓުމާއި ގާތްވިއެވެ. ޤުރައިޝުންގެ ގާތުގައި ކަޢުބާއަށް ދެވިފައިވާ ޤަދަރާއި މަޤާމުގެ ސަބަބުން، ކަޢުބާ އަލުން ބިނާކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭކަމެއް ކަމުގައި އެމީހުން ދެކުނެވެ.  އިސްމާޢީލް ޢަލައިހިއްސަލާމްގެ ދުވަސްވަރުނެ ފެށިގެން ކަޢުބާ ހުރީ ނުވަ މުށުގެ އުސްމިނަށެވެ. އަދި ކަޢުބާގެ ފުރާޅެއްވެސް ނުހުރެއެވެ. އޭގެ ސަބަބުން ކަޢުބާގެ އެތެރޭގައިވާ ޚަޒާނާއިން ވަގުން ވައްކަން ކުރަމުން ދިޔައެވެ.

ކަޢުބާ އަލުން ބިނާކުރުމުގައި، ރަނގަޅު ގޮތުގައި ހޯދާފައިވާ ތަކެތި ނޫނީ ބޭނުން ނުކުރުމަށް އެމީހުން އިއްތިފާޤުވިއެވެ. އެގޮތުން އެމީހުން ނިންމީ ރިބާގެ މުޢާމަލާތުންނާއި އަނިޔާވެރިކަމާއިއެކު އެއްވެސް މީހެއްގެ އަތުން ހޯދާފައިވާ އެއްޗެއް އެކަމުގައި ބޭނުން ނުކުރުމަށެވެ.

ކަޢުބާ އަލުން ބިނާކުރުމަށްޓަކައި، ކަޢުބާގެ ފާރުތައް ތަޅާލުމަށް އެމީހުން އެންމެ ފުރަތަމަ ޖެހިލުންވިއެވެ. އެއީ އޭގެ ސަބަބުން އެމީހުންނަށް ނުބައެއް ކުރިމަތިވެދާނެކަމަށް ޤަބޫލުކުރެވިގެންނެވެ. ނަމަވެސް އަލްވަލީދު ބުން މުޣީރާ އަލްމަޚްޒޫމީ، ކޯރާޑީ ނެގުމަށްފަހު ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. މި މަސައްކަތުގައި ހެވެއް ނޫނީ އަހަރެމެން ނޭދެމެވެ. އެއަށްފަހު ކަޢުބާގެ ދެރުކުނާއި (ޙަޖަރުލްއަސްވަދު ހުންނަ ރުކުނާއި ރުކުނުލްޔަމާނީއާ) ވީދިމާއިން ފާރު ތަޅަން ފެށިއެވެ. ދެން އަލްވަލީދު ބުން މުޣީރާއަށް އެއްވެސް ނުބައެއް ނުވަތަ ގެއްލުމެއް ކުރިމަތިނުވާކަން އެނގުމުން، އޭގެ އަނެއްދުވަހު، އެހެން މީހުންވެސް ފާރުތައް ތެޅުމުގެ މަސައްކަތް ފެށިއެވެ. އަދި އިބްރާހީމް ޢަލައިހިއްސަލާމް އެޅުއްވި ބިންގަލާއި ހަމައަށް ފޯރަންދެން އެމީހުން އެމަސައްކަތް ކުރިޔަށް ގެންދިޔައެވެ.

ދެން ކަޢުބާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އެމީހުން، ކަޢުބާގެ އެކިބައިތަކުގެ މަސައްކަތް އެކި ޤަބީލާތަކަށް ބަހައިލިއެވެ. ކޮންމެ ޤަބީލާއެއްވެސް އެބަޔަކަށް ޚާއްސަ ކުރެވިފައިވާ ބައި ބިނާކުރަމުން ގެންދާގޮތަށެވެ. އަދި ކޮންމެ ޤަބީލާއެއްވެސް އެބަޔަކު ބޭނުންވާ މިންވަރަށް ހިލަ އެއްކޮށް ޖަމާކުރުމަށްފަހު، ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދެން ބިނާކުރަމުންގޮސް، ޙަޖަރުލް އަސްވަދު ބަހައްޓަން ޖެހޭ ހިސާބަށް ފޯރައިފިއެވެ. އަދި ޙަޖަރުލް އަސްވަދު ބެހެއްޓުމުގެ ޝަރަފު ލިބިގަންނާނީ ކޮންބަޔެއްތޯ އާއި އަދި ކާކުތޯ އާއިމެދުގައި ޤަބީލާތަކުގެ މެދުގައި ދެބަސްވުން އުފެދިގެން ދިޔައެވެ. މި ދެބަސްވުމާއި އަރައިރުން ބޮޑުވެގެން ގޮސް ސާޅީސް ރެއަށް ދިގުދެމިގެން ދިޔައެވެ. އަދި މިކަމުގެ ސަބަބުން ޙަރަމް ތެރޭގައި ބޮޑު ހަނގުރާމައެއް ފެށިގެން ނުދިޔައީ ކިރިޔާއެވެ. ކަންތައްތައް މިހާހިސާބަށް ގޮސްފައިވަނިކޮށް، އެމީހުންގެ މެދުގައި އުފެދިފައިވާ ދެބަސްވުން ހައްލުވެދާނޭ ފަދަ ހުށަހެޅުމެއް، އަބޫ އުމައްޔާ ބުން އަލްމުޣީރާ ހުށަހަޅުއްވައިފިއެވެ. އެއީ މިސްކިތުގެ ދޮރުން އެންމެ ފުރަތަމަ އެމީހުންގެ ތެރެއަށް ވަދެގެން އަންނަ މީހަކު، އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލައިގައި ޚުކުމެއް ކުރުމަށެވެ. ދެން އެންމެންވެސް މި ހުށަހެޅުމަށް ރުހި ޤަބޫލުވެއްޖެއެވެ. ދެން އެމީހުން އެގޮތުގައި ތިއްބާ، ﷲ ތަޢާލާ އިރާދަފުޅާއިއެކު އެންމެ ފުރަތަމަ މިސްކިތުގެ ދޮރުން އެމީހުންގެ ތެރެއަށް ވަދެ ވަޑައިގެންނެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ދެން އެކަލޭގެފާނު ވަޑައިގަންނަވާތަން ފެނުމުން އެންމެން ގޮވަން ފަށައިފިއެވެ. އެއަންނަނީ އަލްއަމީން އެވެ. އެއަންނަނީ މުޙައްމަދެވެ. އަހަރެމެން އެކަލޭގެފާނާއި މެދުގައި ރުހިއްޖައީމެވެ. އަދި އެކަލޭގެފާނު އެމީހުން ތިބި ތަނާއި ހަމައަށް ވަޑައިގެންނެވުމުން، އެމީހުންގެ މެދުގައި އުފެދިފައިވާ މައްސަލައިގެ ޚަބަރު އެކަލޭގެނަށް ދެއްވައިފިއެވެ. ދެން އެކަލޭގެފާނު އެމީހުންގެ ކިބައިން އެދުނީ ރިދާއެއް (ހަށިގަނޑުގެ މަތީބައި ނިވާކުރުމަށް ބޭނުންކުރާ ފޮށައެއް/ފޮތިގަނޑެއް) ގެނައުމަށެވެ. އަދި ރިދާ ގެނައުމުން ރިދާ ފަތުރައިލެއްވުމަށްފަހުގައި، އޭގެ މެދުގައި ހަޖަރުލް އަސަވަދު ބާއްވަވައިފިއެވެ. އަދި ރިދާގެ ވަށައިގެން ހިފައި އުފުލައިލުމަށް ޤަބީލާތަކުގެ ބޮޑުންގެ ކިބައިން އެކަލޭގެފާނު އެދިވަޑައިގެންނެވިއެވެ. އަދި ޙަޖަރުލް އަސްވަދު ބަހައްޓަންޖެހޭ ހިސާބަށް، އުފުލުމުން، އެކަލޭގެފާނުގެ އަތްޕުޅުން، ޙަޖަރުލް އަސްވަދު ނެންގެވުމަށްފަހުގައި، އެ ބަހައްޓަން ޖެހޭތަނުގައި ބަހައްޓަވައިފިއެވެ. އަދި އެމީހުންގެ މެދުގައި އުފެދުނު ދެބަސްވުމަށް، އެކަލޭގެފާނު މި ގެނެސްދެއްވި ޙައްލަކީ ޙިކުމަތްތެރި އެންމެންވެސް ރުހުނު ޙައްލަކަށް ވެގެން ދިޔައެވެ.

ކަޢުބާ ބިނާކުރުމުގެ މަސައްކަތް ކުރުމަށް އެމީހުން ހޯދާފައިވާ ރަނގަޅު ތަކެތި، ކަޢުބާ އެއްކޮށް ބިނާކުރުމަށް ފުދޭވަރަށް އެމީހުން އަތުގައި ނެތުމުގެ ސަބަބުން، ކަޢުބާގެ އުތުރު ފަރާތުން ހަ މުށުގެ މިންވަރު، (ކަޢުބާގެ ބައެއް ނަމަވެސް) ބިނާގެ ބައެއްގެ ނުހިމަނައި އެމީހުން ދޫކޮށްލިއެވެ. އެއީ މިހާރު އަލްޙިޖްރު އޭ ކިޔާ ހިސާބެވެ. އަދި ކަޢުބާގެ ދޮރުގެ ތިރިން ބިމުން މައްޗަށް ވަކި މިންވަރަކަށް ރާނައި އުސްކުރިއެވެ. އެއީ އެމީހުން ބޭނުންވާ ބަޔަކު މެނުވީ، އެހެންމީހަކު ކަޢުބާގެ ތެރެއަށް ވަދެ ނުހެދުމަށްޓަކައެވެ. އަދި ކަޢުބާގެ ފާރުތައް ރާނަމުންގޮސް ފަނަރަ މުށަށް އުސްކުރެވުމުން، ހަ ތަނބު ޖަހައި ފުރާޅު ހަރުކޮށް ހިޔާކޮށް ނިންމައިފިއެވެ.

 

-ނުނިމޭ-

މަޞްދަރު: “السيرة النبوية للأطفال والناشئة” لمسعد حسين محمد