[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (5)

ކުރީގެ ޖީލުތަކާއި މިޖީލުގެ ކުދިންނާ ހުރި ތަފާތަކީ ކޮބާ؟

މި ޖީލުގެ ކުދިންގެ ނުކިޔަމަންތެރިކަމާއި، ބޯނުލެނބުމާއި، މިކުދިން ބެލެހެއްޓުން ކުރީގެ ޖީލުތަކުގެ ކުދިންނަށްވުރެ އުނދަގޫކަމަށް ވަރަށް ގިނަ މީހުން ޝަކުވާކުރެއެވެ. މީގެ ސަބަބެއްކަމުގައި މީހުން މިދެކެނީ، އެއީ އެކުދިންގެ ތޫނުފިލިކަމާއި، މޮޅުކަމުން ދިމާވާ ކަމެއްކަމަށެވެ. އެހެންނަމަވެސް، މިއީ ޙަޤީޤަތެއް ނޫނެވެ.

މީގެ އަސްލު ސަބަބަކީ ކޮބައިތޯ ބެލުމަށްޓަކައި، މިޖީލުގެ ކުދިންގެ ކިބައިން އެންމެ ބޮޑަށް ފާޅުވެ ފެންނަން ހުރި ސިފަތަކަށް ރަގަޅަށް ބަލާލަމާ ހިނގާށެވެ:

1. އެކުދިންގެ ކިބައިގައި ރިވެތި އުސޫލުތައް ނެތުމާއި، މީހުންނަށް އިޙުތިރާމް ނުކުރުމާއި، ދީންވެރިކަން ނެތުމާއި، ތަޤުވާވެރިކަން ނެތުމާއި، ލަދުވެތިކަން ނެތުމާއި، އެކުދިންގެ ތެރޭގައި ހަޑިހުތުރު ކަންކަން ފާޅުކަންބޮޑު ގޮތެއްގައި ޢާއްމުވެފައިވުމާއި، ހަމައެކަނި ތިމާގެ އަމިއްލަ  ނަފްސާއިމެދު ވިސްނުމާއި، އަނެކާގެ ޙާލާއިމެދު އަޅާނުލުމާއި، ފަރުވާކުޑަކަމާއި، ވަގުތު ބޭކާރުކުރުމާއި، ނަފްސުގެ ފުދުންތެރިކަން ނެތިދިއުން ހިމެނެއެވެ. ގިނަ ކުދިން، އެކުދިންގެ މައިންބަފައިންގެ މާލީ ޙާލަތު ހުރިނެތް ގޮތަށް ބަލާލުމެއްނެތި، އެމީހުންގެ ކިބައިން ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް އެދެއެވެ. މައިންބަފައިންނަށް ދަތި ޙާލެއް ކުރިމަތިވެއްޖެނަމަ، މިކުދިން، އެމީހުންނަށް އެހީވުމަށް ނުވިސްނައެވެ. ނުވަތަ އެމީހުންނާއެކީ އެ ދަތިކަން ތަޙައްމަލުކުރުމުގެ ވިސްނުމެއްވެސް ނުހުރެއެވެ.

މަތީގައި ދެންނެވުނު ކަންތައްތަކުގެ ސަބަބުން މައިންނަށް ވަރަށް އަސަރުކުރެއެވެ. އެކުދިންގެ ކިބައިގައި މިފަދަ ނުރަގަޅު ސިފަތައް ހުރުމާއެކުވެސް، އެމައިންނަށް ޤަބޫލުކުރެވިފައި އޮންނަ ގޮތުގައި މި ޖީލުގެ ކުދިންނަކީ ވަރަށް މޮޅު، ވިސްނުންތޫނު ބައެކެވެ. އަދި އެ މައިން އެކުދިންނާމެދު ފަޚުރުވެރިވެއެވެ. އަދި އެކުދިން މައިންބަފައިން ކުރިމަތީގައި އެދައްކާ ދެކޮޅުވެރިކަމަކީ އެކުދިންގެ ޝަޚުޞިއްޔަތުގެ ވަރުގަދަކަން ކަމަށް ދެކެއެވެ. އަދި ބޯހަރުކަމަކީ ބާރުގަދަކަން ކަމަށް ދެކެއެވެ. އަދި ގޮތްދޫނުކުރުމަކީ އެކުދިންގެ ސާބިތުކަން ކަމަށް ދެކެއެވެ. އަދި ގޯސް އަދި ހަޑި ހުތުރުކަމެއް ކުރަން ކެރުމަކީ ފިރިހެންވަންތަކަން ކަމަށް ދެކެއެވެ. ބައްޕައިންނަށްވުރެ މަތީގައި ތިބުމަކީ ވިސްނުންތޫނުކަން ކަމަށް ދެކެއެވެ. އެކުދިން ބޭކާރުގޮތުގައި މަގުމަތީގައި ތިބޭ ތިބުމަކީ އެކުދިންގެ ދިރިއުޅުމުގެ އެކި ތަޖުރިބާތަކާއި ހުނަރުވެރިކަން އިތުރުވާ ކަންކަން ކަމަށް ދެކެއެވެ. އެމައިން އެދެކޭ ގޮތާމެދު އަހަރެން ދެބަސްވަމެވެ. އަދި އެ ނުރަނގަޅު ކަންކަން ސިފަކުރުމަށް އެބޭނުންކުރާ ލަފްޒުތަކާ އަހަރެން އެއްބަހެއް ނުވަމެވެ. ދަރިންގެ އެ ޢަމަލުތައް (ހަޑިހުތުރުކަމާއި، ބޯހަރުކަމާއި، ދެކޮޅުވެރިކަން) އޭގެ އަސްލު މާނައަށް ރުޖޫޢަކުރަންވީއެވެ. މި ސިފަތަކަކީ އިސްލާމީ ސިފަތަކެއް ނޫނެވެ. އަދި މި ސިފަތަކަކީ އިޞްލާޙުކުރުވަންޖެހޭ ކަންކަމެވެ.

މިއަދުގެ ކުދިންނަކީ ސާބިތު، ރިވެތި ސިފައެއް ނެތް، އަދި ތަހުޒީބުކަމެއް ނެތް ކުދިންތަކެކެވެ. މިއީ އެކުދިން ކުށްވެރިކުރަން ބުނާ ބަހެއް ނޫނެވެ. މިއީ އެހެން ޖީލުތަކާ އަޅާބަލާއިރު، މި ޖީލުގައި، އެންމެ ބޮޑަށް ބަދަލު އައިސްފައިވާ ކަންތަކެވެ.

2. އަހަރެން ދެކޭ ގޮތުގައި މި ޖީލުގެ ކުދިންނަކީ ހުރިހާ ކަމެއް ކުރުމުގައިވެސް، އެކަމަށް އެންމެ މުނާސަބު ވަޤުތަށް މަޑުނުކޮށް، އަވަސްއަރުވާލައިގެން ކަންކުރާ ކުދިންނެވެ. މިސާލަކަށް: ކުޑަ އަންހެންކުދިން މިވަނީ ނަލަވެ ޒީނަތްތެރިވުމުގައި ވަރަށް ކުރީގައެވެ. އަދި މޭކަޕްކޮށް،  ބޮޑެތި މީހުން އަޅާ ކަހަލަ ހެދުން އަޅައެވެ. އަދި ބޮޑެތި އަންހެނުންނާއި، މީހުންނާ އިނދެގެން އުޅޭ އަންހެނުންގެ އުޅުން ހުންނަ ގޮތަށް އެކުދިންގެ އުޅުން ބަހައްޓައެވެ. އަދި އެ އަންހެނުންގެ މަޖިލިސްތަކުގައި، އޭނާގެ ޚިޔާލު ފާޅުކުރުމަށްޓަކައި، އޭނާގެ މަންމަގެ ވާހަކަ މެދުކަނޑާލައެވެ. އަދި ފިރިހެންކުދިން އެކުދިންނަށް ޚާއްސަ ފޯނާއި، ލެޕްޓޮޕް ގެންގުޅެއެވެ. އަދި އެކުދިން ދުއްވަނީ މައިންބަފައިންގެ ކާރެވެ. އަދި މިކުދިން، މިކުދިންގެ މައިންބަފައިންނަށް އެކިއެކި ކަންކަން ކުރުމަށް އަމުރުކޮށް މަނާކުރެއެވެ. އަދި ހިތަށް އެރީމަ އެމީހުންނަށް އެއްޗެހި ދީ، ނުވަތަ ނުދީވެސް ހިފަހައްޓައެވެ. މައިންބަފައިންނަށް އަމުރުކުރަނީ މިކުދިންނެވެ.

ކަންއޮތް ގޮތަކީ މިގޮތަށް ނަމަވެސް، ދަރިން ލައްވައި މަސްއޫލިއްޔަތު އުފުލުވުމުގައި މައިންބަފައިންވެސް އަވަސް އަރައި ނުގަނެއެވެ. އެކުދިންގެ އުޅުމަށް ބަލާލުމުން ފެންނަނީ މައިންބަފައިންގެ އިހުމާލެވެ. އެކުދިންގެ ކިބައިގައި އިޙުތިރާމުކުރުމާއި ޤަދަރުކުރުން ވަނީ ނެތިފައެވެ. އަދި އެކުދިންނަށް ހެޔޮވިސްނެނީ ފަހުންނެވެ. ކިޔެވުމުގައި މޮޅުވުމަކީ ހަމައެކަނި އަންހެން ކުދިންނަށް ލިބިފައިވާ ނަސީބެއް ކަމުގައި މިވަނީ ވެފައެވެ. ގިނަ ޒުވާން ފިރިހެންކުދިން ކިޔެވުމުގައި ވަރަށް ދަށެވެ. އެމީހުން އަމިއްލައަށް އާމްދަނީ ހޯދަން މަސައްކަތްކުރަން ފަށާލެއް ލަހެވެ. މީގެ ސަބަބުން އެކުދިންގެ ބައްޕައިން އެމީހުންނަށް ޚަރަދުކުރަންޖެހެއެވެ.

3. މި ޖީލުގެ ކުދިންގެ ކިބައިގައި މިހުރި ވިސްނުންތޫނުކަމާއި، ތޫނުފިލިކަމާމެދު އަހަރެން ދެކޮޅެއް ނަހަދަމެވެ. އެހެންނަމަވެސް، މިކަމަކީ އެއްވެސް ކުރިއެރުމެއް، އަދި ތަޖުރިބާ އެތް ނެތްކަމެކެވެ. މިކުދިންގެ ކިބައިގައި ކަންކަމާއި މެދު ފުންކޮށް ވިސްނުމާއި، ޙިކުމަތްތެރިކަމެއް ނެތެވެ.  އެހެންކަމުން، މިކުދިންގެ އުޅުން ހުންނަނީ ވިސްނާ ފިކުރު ކުރުމަކާނުލައި، ކަންކަން ކުރުމަށް އަވަސް އަރައިގަތުމުގެ ވިސްނުމެވެ. މީގެ ސަބަބުން މިކުދިންގެ ކުށްތައް ގިނަވެ، އަދި އެކުދިންނަށް ނާކާމިޔާބާ ކުރިމަތިލާންޖެހޭލެއް އަވަސްވެފައި ގިނައެވެ. އެހެނަސް މިކުދިން ދެކޭ ގޮތުގައި އެހެންމީހުންނަށްވުރެ މިކުދިންގެ ހުނަރުވެރިކަމާއި، އުޅުމާއި ގުޅުމުގައި ހުރި ފެންވަރު މާ މައްޗެވެ.

އަދި މިފަދަ ކުދިންނަށް ތަޢުލީމީ މަތީ ފާސްތައް ލިބުމަކީ މައްސަލަތައް އިތުރަށް ގޯސްވާ ކަމެކެވެ. މީގެ ސަބަބުން މިކުދިން ހީކުރަނީ މިލިބޭ ކަރުދާސްކޮޅުގެ ސަބަބުން މިކުދިންނަކީ އެހެން މީހުންނަށްވުރެ މޮޅު، އަދި ވަރަށް ޚާއްސަ ބައެއް ކަމަށެވެ. އަދި މިފަދަ ކުދިން، ކަންކަމުގެ ޚާއްޞަމީހުންނާއި މާހިރުންގެ މައްޗަށް ބަސްބުނެ ބޮޑާވެގަނެއެވެ.

މިއަދުގެ ކުދިންގެ މިސާލަކީ މޮޅެތި ކޮމްޕިއުޓަރުގެ މިސާލެވެ. ކޮމްޕިއުޓަރުގެ ބޭނުން ހިފުމަށް ބޭނުންވާ ޕްރޮގްރާމް ނާޅައި ހުރި ކޮމްޕިއުޓަރެއްގެ މިސާލެވެ.

________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!