[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (6)

4. އަހަރެމެންގެ ދަރިންނަށް، އަހަރެމެން ކުޑައިރު އެއުމުރުގައި ނޭނގޭ އެތައް ކަމެއް، އެކުދިންނަށް އެނގޭ ކަމާމެދު އަހަރެން އިންކާރުނުކުރަމެވެ. އެކުދިން މިއަދު ބޭރުގެ އެކި ބަސްބަހަށް ވަރަށް ފަރިތައެވެ. އަދި ޓެކްނޮލޮޖީއާއި، އަދި ކޮންމެ ދާއިރާއަކުން ނެރޭ އެންމެ ފަހުގެ ވަޞީލަތްތައް އެކުދިންނަށް އެނގެއެވެ. ކުޅިވަރުގެ ދުނިޔޭގެ އެންމެހައި ކަންކަމާއި، ކާރުތަކާއި ބެހޭ އެންމެހައި ކަންކަންވެސް އެކުދިންނަށް ނޭގި ނުހުރެއެވެ. އެހެނަސް، އެކުދިންނަށް ޢަރަބި ބަސް ރަގަޅަށް ނޭގެއެވެ. އަދި ޙަލާލުކަންކަމާއި، ޙަރާމްކަންކަމާއި، އަޅުކަންކުރާނެ އެންމެ ރަގަޅުގޮތް އެކުދިންނަކަށް ނޭގެއެވެ. އަދި އިސްލާމީ އުއްމަތް ތަޙައްމަލުކުރަމުންދާ ދަތިތަކާއި އުނދަގޫތައް ނޭނގެއެވެ. ސުކޫލުގެ ފޮތްތަކުންނާއި، އެކުދިން ޚާއްސަވާ ދާއިރާއަކާއި ބެހޭ ކަންކަން ފިޔަވައި އިތުރު ކަމެއް އެކުދިންނަކަށް ނޭނގެއެވެ. މިއުނި ކަމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ބައެއް މަޢުލޫމާތުތަކަކީ މިކަންކަމަށްވުރެ މާ މުހިއްމުކަންކަމަށްވެފައި، އެކަންކަމަކީ ކޮންމެ ފަރުދަކަށްވެސް އެނގެން ޖެހޭނެ ކަންކަން ކަމަށްވާތީއެވެ.

5. މިއަދުގެ ޖީލުގެ ކުދިން، އެކުދިންގެ އަހުލުންނަށް އިތުބާރުކުރަން ޖެހޭ ވަރަށް އިތުބާރު ނުކުރެއެވެ. އަދި އެމީހުންނަށް ޝުކުރުވެރިއެއްވެސް ނުވެއެވެ. ވަރަށް ގިނަ މައިންބަފައިން، އެމީހުންގެ ގާތްތިމާގެމީހުން، އެމީހުންގެ ދަރިންގެ ތަރުބިއްޔަތުކުރުމުގެ ތެރެއަށް ވަނުމާއި، އެކުދިންނަށް ނަސޭޙަތް ދިނުން މަނާކުރެއެވެ. އަދި ކާފައާއި މާމަގެ ދައުރު އެއްކޮށް އުނިކޮށްލައެވެ. މިހެންވުމުން، ކޮންމެ އާއިލާއެއް އުޅެނީ އެހެން މީހުންނާ ވަކިންނެވެ. އަދި އާއިލާގެ އެހެންމީހުންނަށް ޒިޔާރަތްކުރުން މަދުވެއެވެ. އޭގެ ސަބަބުން ހުރިހާ އާއިލާއެއްގެ އެންމެ އިސް، އަދި އެންމެ ބަސްވިކޭ މީހެއްގެ ދައުރެއް ނޯވެއެވެ. މީގެ ސަބަބުން، އާއިލާގައި ދަރިންނަށްޓަކައި ހުރީ ކާކުތޯއެވެ؟ އެކުދިން ނަމޫނާއަކަށް ބަލާނީ ކާކުތޯއެވެ؟ އަދި ކަމެއް ކުރިމަތިވެއްޖެނަމަ އެހީއަށް އެދި ދާނީ ކާކު ކައިރިއަށްތޯއެވެ؟ އަދި މަޝްވަރާ ހޯދާނީ ކާކުގެ ފަރާތުންތޯއެވެ؟

ގިނަ ކުދިންނަކީ އެކުދިން ނަމޫނާއަކަށް ބަލާނެ ފަރާތެއް ނެތް، އަދި އެކުދިން އެމީހެއްގެ ކިބައިން މަދަދަށް އެދޭނެ މީހެއް ނެތް ކުދިންނެވެ. އަދި އެކުދިންނަކީ އެހެންމީހުންގެ ބަހަށް ވަރަށް އަވަހަށް ހެއްލިގެންދާ ކުދިންނެވެ. ފިތުނަތަކާއި، ހެއްލުންތެރިކުރުވާ ކަންކަމުގެ ކުރިމަތީގައި އެކުދިންގެ ނަފްސުތައް ވަރަށް ބަލިކައްޓެވެ. އަދި އެކުދިންގެ އެކުވެރިން އެކުދިން ކައިރީ ގޯސް ކަމެއް ކުރަން ބުނުމުން އެކުވެރިންނާއި ދެކޮޅު ހަދާކަށް މިކުދިންނަށް ނުކެރެއެވެ. އެހެންވެ، މިކުދިން ރަގަޅުކަންތައް ކުރުން ދޫކޮށްލައި، ނުބައިކަންކަމުގެ މަގުން ހިނގަން ފަށައެވެ. އަދި މިކުދިންގެ ފިކުރު ތަޣައްޔަރުވެ، އުޅުންވެސް ގޯސްވެދެއެވެ.

6. މިއަދުގެ ޖީލު އެންމެ އިސްކަންދޭ ކަމަކީ ތަޢުލީމީ ސެޓުފިކެޓު ޙާސިލުކުރުމާއި، ވަޒީފާއެއް ހޯދުމެވެ. އަދި ފައިސާ ހޯދުމެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ އަރާމުގައި ދިރިއުޅެ، ހިތްފުރޭ ވަރަށް ފައިސާ ޚަރަދުކޮށް، މުއްސަނދިންގެ ދިރިއުޅުން އުޅުމަށެވެ. މިއީ އެކުދިންގެ ދިރިއުޅުމުގެ މަޤްޞަދެވެ. އަދި އެކުދިންގެ އެންމެ ބޮޑު އުއްމީދެވެ. އިންސާނިއްޔަތަށްޓަކައި އެއްޗެއް ދިއްކޮށްލުމަށް، ނުވަތަ ފައިދާކުރާނެ ޚިދުމަތެއްދިނުމަށް ނުވަތަ އާ އީޖާދެއް ކުރުމަށް ވިސްނަނީ މީގެ ތެރެއިން މަދު ކުއްޖެކެވެ.

މިޒަމާނުގެ ބައެއް ކުދިންގެ ހެދުން އެޅުން ހުރިގޮތަށް ބަލާލައިފިނަމަ، އެކަމުން، އެކުދިންނާމެދު ދައްކުވައިދެނީ އެހާ ރަގަޅު ތަސައްވުރެއް ނޫނެވެ. އެކުދިން ލައި އުޅެނީ ތުނި އަދި ގަޔަށް ބާރު އަލިގަދަ ކުލަތަކުގެ ހެދުމެވެ. ފިރިހެންކުދިން އެކުދިންގެ އިސްތަށިގަނޑު ދިގުކޮށް، އަތުގައި ކެވެލިފަދަ ތަކެތި އަޅައެވެ!

ކުރީ ޖީލުތަކާއި މިޖީލުގެ ކުދިންގެ މެދުގައި ތަފާތުވެފައިވާ ކަންކަމަކީ މިއީއެވެ… މިހުރިހާ ކަމަކީވެސް ނުރަނގަޅު ބަދަލުތަކެވެ. (މިހުރިހާ ކަމެއް ހިނގައި ދާއިރު) އެކުދިން ތަރުބިއްޔަތުކުރާ މީހުން ކޮބައިތޯއެވެ؟ މިފަދަ ނިކަމެތި އަދި ހިތާމަވެރި ޙާލަތަކަށް މިޖީލުގެ ކަންކަން ދިޔައިރު ތިޔަބައިމީހުން ކޮބައިތޯއެވެ؟ އެކުދިންގެ އުޅުމަށް ބަދަލު އަންނަކަމުގެ ނިޝާންތައް ފާހަގަ ނުވީ ހެއްޔެވެ؟ އެކަންކަން އިޞްލާޙު ނުކުރީ ކީއްވެ ހެއްޔެވެ؟ އެއްދުވަސްވަރެއްގައި އެކުދިންނަކީ ކުޑަކުދިން ނޫން ހެއްޔެވެ؟ އެދުވަސްވަރުގައި އެކުދިންގެ އުޅުން ބަދަލުކޮށް ރަނގަޅު މަގުދައްކައި ނުދެން ހެއްޔެވެ؟

އޭ މައިމީހާއެވެ! ދަރިއަކު ލިބިފައި އެބަހުރި ހެއްޔެވެ؟ އެހެންކަމުގައި ވާނަމަ، އެކުއްޖާއަށްޓަކައި ތިބާ އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރާށެވެ. އޭގެ ތެރެއިން އެންމެ މުހިއްމުކަމަކީ އެކުއްޖާ، ދީންމަތީގައި ތަރުބިއްޔަތުކުރުމެވެ. އަދި ރިވެތި އަޚުލާޤުމަތީގައިވެސް މެއެވެ. އަދި ފަސާދަތަކުން އެކުއްޖާ ޙިމާޔަތްކުރުމެވެ..

ތިބާ ދެކޭ ގޮތުގައި ތިބާގެ ދަރިންގެ ޙަޔާތުގައި ތިބާގެ ދައުރަކީ ކޮބައި ހެއްޔެވެ؟ ތިބާގެ ބަނޑުގައި އެކުދިން އުފުލުން ހެއްޔެވެ؟ އެކުދިންނަށް ގާތުން ކިރު ދިނުން ހެއްޔެވެ؟ އެކުދިން ފެންވަރުވާ، ރީތިކޮށް އެއަށްފަހު، ކިޔަވައިދިނުން ހެއްޔެވެ؟ މިއީ ހަމައެކަނި ތިބާގެ ދައުރު ހެއްޔެވެ؟! އެހެންކަމުގައިވާނަމަ، ތިޔައީ ހާދަހާވާ ނުބައި ވަޒީފާއެކެވެ! ދަރިން ތަރުބިއްޔަތު ކުރުމަކީ ނިކަމެތި ދެރަ ކަމެއްކަމުގައި މީހުން ދެކެން މެދުވެރިވި ސަބަބަކީ މިއީ އެވެ. އަދި އަންހެނުން ގެއިން ބޭރަށް ނިކުމެ، މަސައްކަތުގެ މައިދާނަށް ނިކުންނަން މެދުވެރިވި ސަބަބަކީވެސް މިއެވެ!

ޚާދިމުން ކުރާ މަސައްކަތްކުރުމަށާއި، މަދަރުސާތަކުން ކުރާ މަސައްކަތްކުރަން ތިބާ ގޭގައި ހުރުމަކީ މުރޫއަތްތެރިގޮތެއްވެސް ނޫނެވެ. މިއީ ތިބާގެ އެންމެ އިސް ދައުރެއް ނޫނެވެ. ތިބާގެ ދައުރަކީ މިއަށްވުރެ މާބޮޑު، އަދި މަތިވެރި ދައުރެކެވެ. އެއީ މިދުނިޔޭގެ ޙަޔާތުގައިވާ އެންމެ މަތިވެރި ދައުރެވެ. ތިބާއަކީ އިންސާނެއް ބިނާކުރާ މީހެކެވެ. ތިރީގައި މިބަޔާންކުރެވޭ ކަންކަމަކީ ތިބާއަށް އެކަންކަމުން ދުރުހެލިވެ ހުރެވޭނެ ކަންކަމެއް ނޫނެވެ. ދަރިންނަށް ތަރުބިއްޔަތު ދިނުމާއި، އެކުދިންނަށް ރަނގަޅު ގޮތާއި މަގު ދައްކައިދިނުމެވެ. އެކުދިންގެ ހުންނަ ކުށްތައް އިޞްލާޙުކުރުމެވެ. ފަސާދައިންނާ، އަދި ފަސާދަކުރުން އެކުދިންނަށް މަނާކުރުމެވެ…. މުޖުތަމަޢު އިސްލާޙުވެ، ކުރިއަރައިދާނީ ތިބާ އެކަމުގައި (ދަރިން ތަރުބިއްޔަތުކުރުމުގައި) ގަދަ އަޅައި ކުރާ މަސައްކަތާއި، އެކަމަށް ހުސްވެ ހުންނަ މިންވަރަކަށް ބިނާކޮށެވެ. އެހެންކަމުން، ތިބާގެ މިދައުރާމެދު އިހުމާލުވަނީ ކީއްވެ ހެއްޔެވެ؟ އެކުދިންގެ ފިކުރުތައް ރަނގަޅުމަގަށް ބަދަލުކޮށް، އަދި ރިވެތި އަދަބުތައް އެކުދިންގެ ކިބައިގައި އަށަގަންނުވައި، މުޖުތަމައު ތަހުޒީބުކޮށް، އެމުޖުތަމައުގެ އަފްރާދުންގެ ކުރިއެރުވޭނީ ތިބާއަށް އެކަންޏެވެ.

ކުޑަކުއްޖާއަށް ޙަޟާނާތުގެ ޙައްޤު ދެއްވީ އެކުއްޖާއަށް ރަނގަޅު ގޮތް ދައްކައިދީ، އެކުއްޖާއަށް އުނގަންނައިދޭނެ ބޮޑު މީހެއްގެ ބެލެހެއްޓުމުގެ ދަށުގައި އެކުއްޖާ ލެހެއްޓެވުމަށެވެ. އަދި އެކަމުގައި ގޮންޖެހުންތަކާއި، ދަތިއުނދަގޫތަކާއި، ފަސާދަތައް ލެއްވީ، އެކުއްޖާ ތަރުބިއްޔަތުކުރާ މީހާގެ ކެތްތެރިކަން އިމްތިޙާނުކުރައްވައި، އަދި އެ އުނދަގޫތަކުން އަރައިގަތުގަމަށް އޭނާގެ ހުރި ޤާބިލުކަން އިމްތިޙާނުކުރެއްވުމަށްޓަކައެވެ. އޭ މަންމައެވެ! ތިބާގެ ހުރި ހުނަރާއި، ތިބާގެ ޤާބިލުކަން އެނގިގެންދާނީ މިފަދަ ވަގުތުތަކުގައެވެ. މިއަދު، ތަޢުލީމު ޙާޞިލުކުރުމުގައާއި، ކިޔަވައިދިނުމުގައްޔާއި، ވަޒީފާ އަދާކުރުމުގައި ވަރަށް ގިނަ އަންހެނުން ކާމިޔާބު ހޯދައިފިއެވެ. އަދި ފައިސާ އެއްކޮށް، މަޝްހޫރުކަންވެސް އެމީހުންނަށް ލިބިފައިވެއެވެ. އެހެންނަމަވެސް، އެމީހުންގެ ދަރިންނަކީ ދީންވެރި، އަޚުލާޤު ރަނގަޅު، އަދި ހުނަރުވެރި އަދި މޮޅު ކުއްޖަކަށް ހެދުމުގައި ކާމިޔާބު ހޯދާފައިވަނީ ވަރަށް މަދު އަންހެނެކެވެ. އެހެންކަމުން، ތިބާގެ ކުޑަދަރިފުޅަކީ ދީންވެރި، ބުއްދިވެރި، އަދި އުފެއްދުންތެރި މީހަކަށް ހެދުމަށްޓަކައި މި ގޮންޖެހުން ޤަބޫލުކޮށް، އެކަން ޙާސިލުކުރުމުގައި ގަދައަޅައި، ތިބާގެ ހުރި ފަންނުވެރިކަން ދައްކާށެވެ.

***********************

ދެން ތިބާ ބުނެފާނެއެވެ. މިޖީލުގެ ކުދިންނަށް މިއައި ބަދަލުތަކަކީ އަހަރެންގެ ސަބަބުން އައި ބަދަލުތަކެއް ނޫނެވެ. އެހެނަސް އެއީ، މީޑިއާގެ އެކި ވަސީލަތްތަކުގެ ސަބަބުންނާއި، އެކި ޗެނަލްތަކާއި، އިންޓަނެޓުގެ ސަބަބުންނާއި، ދުނިޔެ ބަވަނަވުމުގެ ސަބަބުން އައި ބަދަލުތަކެވެ. މިކަންކަމަކީ އަހަރެމެންގެ ދަރިން ފަސާދަކޮށް، އަހަރެމެންގެ އަތްދަށުން އެކުދިން ބީވެ ދިއުމަށް މެދުވެރިވި ސަބަބެވެ. މިކަންކަމުގެ ކުރިމަތީގައި، އަހަރެމެން މައިން މިވަނީ ބަލިކަށިވެ ނިކަމެތިވެފައެވެ. އަދި މިކަންކަމުން އަހަރެމެންނަށް ރައްކާތެރިވެވޭނެ ގޮތެއް ނެތެވެ.

މިއީ ކޮންމެ މައެއް ދައްކަމުންދާ ޙުއްޖަތެވެ! މިއަށް ދޭނެ ޖަވާބުވެސް އަހަރެންގެ އަތުގައި އެބައޮތެވެ. އަހަރެންނާއި އެކު (ފޮތްކިޔުމުގައި) ކުރިއަށް ދަމާ ހިނގާށެވެ.

*********************

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!