އާޚިރަތް ދުވަހަށް އީމާންވުން
އާޚިރަތް ދުވަހަކީ ޤިޔާމަތްދުވަހެވެ. އެއީ ހިސާބުބެއްލެވުމަށާއި ޖަޒާދެއްވުމަށް ﷲ ތަޢާލާ ދެވަނަފަހަރަށް މީސްތަކުން ދިރުއްވައި މަޙްޝަރުގެ މައިދާނަށް ފޮނުއްވާ ދުވަހެވެ. އެދުވަހަށް އާޚިރަތް ދުވަހޭ ކިޔުނީ އެއަށްފަހުގައި ދެން އެހެން ދުވަހެއް ނުވާކަމަށްޓަކައެވެ. އެއީ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވައްދަވައި ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވައްދަވާ ދުވަހެވެ. ކޮންމެ މީހަކުވެސް ސުވަރުގޭގައި ނުވަތަ ނަރަކައިގައި ދާއިމީ ގޮތެއްގައި ދެމިތިބޭނެއެވެ.
ﷲ ތަޢާލާގެ ވަޙިބަސްފުޅުގައިވެއެވެ. : ” وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَالْمَلآئِكَةِ وَالْكِتَابِ وَالنَّبِيِّينَ ” – البقرة 177 – މާނަ : ” ނަމަވެސް ހެޔޮކަމަކީ ހަމައެކަނި އިރުމަތީފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރުމެއްނޫނެވެ. ނަމަވެސް ހެޔޮކަންތައްކުރާ މީހަކީ ﷲ އަށާއި ، އާޚިރަތްދުވަހަށާއި މަލާއިކަތުންނަށާއި ބާވާލެއްވި ފޮތްތަކަށާއި ނަބީންނަށާއި ، މި އެންމެހާ ފަރާތްތަކަށް އީމާންވެއްޖެމީހާއެވެ. “
އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ” الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ” – البقرة 3 – މާނަ : ” އެބައިމީހުންނަކީ ޣައިބަށް އީމާންވާ އަދި ނަމާދު ޤާއިމުކުރާ އަދި ތިމަންއިލާހު އެބައިމީހުންނަށް ދެއްވާފައިވާ ތަކެތިން ހޭދަކޮށް އުޅޭމީހުންނެވެ. “
އާޚިރަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ 5 ވަނަ ރުކުނެވެ. އާޚިރަތް ދުވަސް ދޮގުކޮށްފި މީހަކު ކާފިރު ވެއްޖެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ” زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى اللَّـهِ يَسِيرٌ ” سورة التغابن 7 މާނަ : ” ކާފިރުވިމީހުން، އެއުރެން އަލުން ދިރުއްވައި ނުފޮނުއްވާނޭކަމަށް ހީކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވާހުށްޓެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންކުރި ޢަމަލުތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އަންގަވާހުށްޓެވެ. އަދި އެކަންތަކަކީ، ﷲ އަށް ދާދިފަސޭހަ ކަމެކެވެ. “
އާޚިރަތް ދުވަހަށް އީމާންވުމުގައި އެކުލެވިގެންވާ ކަންތައްތައް:
1 – ހިސާބު ބެއްލެވުމާއި ޖަޒާދެއްވާނެކަމަށް އީމާންވާންޖެހެއެވެ. މީސްތަކުންގެ ޢަމަލުތަށް ޤިޔާމަތްދުވަހުގައި ﷲ ތަޢާލާ ޙިސާބުކުރައްވައި އަދި އެބައިމީހުންގެ ޢަމަލުތަކާއި އެއްގޮތްވާގޮތުގެ މަތިން ޖަޒާދެއްވައެވެ. ހެޔޮ ޢަމަލުތަކަށް ހެޔޮ ޖަޒާއެވެ. އަދި ނުބައި ޢަމަލުތަކަށް ނުބައި ޖަޒާއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ. ” إِنَّ إِلَيْنَا إِيَابَهُمْ ﴿٢٥﴾ ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴿٢٦﴾ ” سورة الغاشية މާނާ : ” ހަމަކަށަވަރުން އެބައިމީހުން އެނބުރި އައުންވަނީ ތިމަން އިލާހުގެ ހަޟްރަތަށެވެ. އަދި އެބައިމީހުންގެ ޙިސާބުބެއްލެވުންވަނީވެސް ހަމަކަށަވަރުން ތިމަން އިލާހަށެވެ. “
2 – ސުވަރުގެއާއި ނަރަކަ އަށް އީމާންވުން. އެދެތަނަކީ ދާއިމީ ޙަޔާތް ވޭތުކުރާނޭ ދެތަނެވެ. ﷲ ތަޢާލާ އަށް ކިޔަމަންތެރިވެ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އެކު އީމާންވީ އަޅުންނަށް އެއިލާހު ވަޢުދުކުރައްވާފައިވާތަނަކީ ސުވަރުގެއެވެ. އަދި އެއިލާހަށް އުރެދޭ އަޅުންނަށް ، ކާފިރުންނަށާއި އީމާންކަމުގައި ތެދުވެރިނުވި މުނާފިޤުންނަށް، އެއިލާހު ވަޢުދުކުރައްވާފައިވާ ތަނަކީ ނަރަކައެވެ.
މުއުމިނުންގެ ގޮވެތީގެ ވާހަބަޔާންކޮށްދެއްވަމުން މިފަދައިން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ هُمْ خَيْرُ الْبَرِيَّةِ ﴿٧﴾ جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ ﴿٨﴾ سورة البينة ” މާނަ: ” ހަމަކަށަވަރުން، އީމާންވެ ޞާލިޙުޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، އެއުރެންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ޢަދުންއެވެ ކިއުނު ސުވަރުގެތަކެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. ﷲ އެއުރެންނަށް ރުހިވޮޑިގެންވެތެވެ. އަދި އެއުރެން އެކަލާނގެ (ދެއްވި نعمة) އަށް ރުހިގެންވެތެވެ. އެ نعمة ލިބޭހުށީ، އެމީހާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވި މީހަކަށެވެ. “
ކާފިރުވީ މީހުންގެ ގޮވެތީގެ ވާހަކަ ﷲ ތަޢާލާ މި އާޔަތުގައި ބަޔާންކޮށްދެއްވާފައިވެއެވެ. ” وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ ﴿١٣١﴾ ” سورة آل عمران މާނަ : ” އަދި، ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ، ކާފިރުންންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ. “
އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ. ” إِنَّ اللَّـهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا ﴿٦٤﴾ خَالِدِينَ فِيهَا أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا ﴿٦٥﴾“ سورة الأحزاب މާނަ: ” ހަމަކަށަވަރުން، ﷲ ތަޢާލާ ކާފިރުންނަށް ލަޢުނަތް ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ. (64) އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ ނަޞްރުދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ. “
މަރުވުމަށްފަހު ވާނޭކަމަށް މާތްނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ އެންމެހާ ކަންކަަމަށް އީމާންވުމަކީވެސް އާޚިރަތްދުވަހަށް އީމާންވުމާއި ގުޅިފައިވާ ކަންކަމެވެ. އެގޮތުން :
1 – ޤަބުރުގެ ފިތުނަ : ވަޅުލެވުމަށްފަހު އޭނަގެ ރައްބާއި ދީނާއި ނަބިއްޔާއާއި ބެހޭގޮތުން ކުރިމަތިވާ ސަވާލުތައް.
2 – ޤަބުރުގެ ޢަޒާބާއި ނިޢުމަތް: އެގޮތުން އީމާންކަމުގައި ތެދުވެރިވީ އިޚްލާޞްތެރި މުއުމިނު އަޅުންނަށްޓަކައި އޭނަގެ ލޮލުގެ ފެނުން ހުސްވާހިސާބަށް ކައްވަޅު ތަނަވަސްކުރެވޭނެއެވެ. އަދި ނުކިޔަމަންތެރި ކާފިރު އަޅުންނަށް އޭނަގެ އެއްކަށިގަނޑު އަނެއް ކަށިގަނޑުގެ ތެރެއަށް ވަދެގެންދާ މިންވަރަށް ކައްވަޅު އޭނައަށްޓަކައި ނުތަނަވަސްކުރެއްވޭނެއެެވެ.
އާޚިރަތް ދުވަހަށް އީމާންވުމުން ލިބޭ ބައެއް ފައިދާ:
- ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހެޔޮޢަމަލުތައް އަދާކުރުމަށް ބޭނުންވުމާއި އެކަމަށް އަވަސްވެގަތުމާއި އަދި ހެޔޮ ޢަމަލެއް ނުކުރެވިދާނެ ކަމަށްޓަކައި ދެރަވެ ހިތާމަކުރުން.
- ﷲ ތަޢާލާއަށް އުރެދެވިދާނެކަމަށް ބިރުވެތިވުން.
- ދުނިޔެއިން މުއުމިނު އަޅާއަށް ގެއްލިގެންދާ އެއްޗަކާއިމެދު މާޔޫސްނުވުން އަދި އާޚިރަތުގެ ދާއިމީ ނިޢުމަތްތަކަށް އުއްމީދުކުރުން.
– ނުނިމޭ – ( ދެން އޮތް ބައިގައި އިންޝާﷲ މިންވަރަށް އީމާންވުމާއި ބެހޭގޮތުން ގެނެސްދެވޭތޯ ބަލާނަމެވެ.)