ވަޙީ ބާވައިލައްވަން ފެއްޓެވުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އުމުރުފުޅުން ސާޅިސް އަހަރަށް އެޅެން ގާތްވެގެންވެފައިވަނިކޮށް، ކައުނުގެ އެކިއެކި ކަންކަންމަށް ނަޒަރުހިންގަވައި، ވަށައިގެން ފެންނަންހުންނަ ތަކެއްޗާއިމެދު ވިސްނަވައި ފިކުރުކުރެއްވުމުގައި އެކަލޭގެފާނު ގިނަ ވަގުތުތަކެއް ހޭދަކުރައްވަން ފެއްޓެވިއެވެ. އަދި އެދުވަސްވަރު ޤައުމުގެ މީސްތަކުނާއި ވަކިން އެކަހެރިވެ ހުރުމަށް އެކަލޭގެފާނު ލޯބިކުރެއްވެވިއެވެ. އޭގެ ސަބަބުން އެކަލޭގެފާނާއި، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނާއި ދެމެދު ދުރުކަމެއް އުފެދިގެން ދިޔައެވެ. އެގޮތުން ޚުބުޒާއި (ރޮއްޓާއި) ފެން ހިއްޕަވައިގެން ނޫރު ފަރުބަދައިގައި ހުންނަ ޙިރާއޭ ކިޔުނު ހޮހޮޅައަށް އެކަލޭގެފާނު ވަޑައިގަނަވަން ފެއްޓެވިއެވެ. ނޫރު ފަރުބަދައަކީ ގާތްގަނޑަކަށް މައްކާއާއި ދެ މޭލު ދުރުގައި ހުންނަ ފަރުބަދައެކެވެ. އެ ފަރުބަދައިގައި ހުންނަ ޙިރާ ހޮހޮޅައަކީ ވަރަށް ކުޑަ އަދި ތާށިކޮށް ހުންނަ ހޮހޮޅައެކެވެ. ހޮހޮޅައިގެ ދިގުމިނުގައި ހުންނަނީ ހަތަރު މުށެވެ. އަދި ފުޅާމިނުގައި ހުންނަނީ މުށަކާއި މުށެއްގެ ހަތަރުބައިކުޅަ ތިންބައެވެ. އެގޮތުން، ކޮންމެ އަހަރެއްގައިވެސް ރަމަޟާންމަހުގައި އެކަލޭގެފާނު އެ ހޮހޮޅައިގައި ޤާއިމުވެ ހުންނަވާކަމުގައި ވެއެވެ.
ޖާހިލުކަމާއި ބުދަށް އަޅުކަންކުރުމާއި ތަފާތު ޚުރާފާތްތަކުގެ މަތީގައި، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން އުޅެމުން އެދާގޮތަކީ އެކަލޭގެފާނުގެ ހިއްޕުޅަށް ހަމަޖެހުން ލިއްބައިދޭ ކަމެއްކަމުގައި ނުވެއެވެ. އެހެންކަމުން، ﷲ ތަޢާލާގެ އިރާދަފުޅާއި އެކު އެކަލޭގެފާނު ހުންނެވީ، ޤައުމުގެ މީހުންގެ އެފަދަ ނޭދެވޭ އާދަކާދަތަކާއި މުޅީން ދުރުހެލިވެ ވަޑައިގެންނެވެ. އެހެންނަމަވެސް، އެކަލޭގެފާނުގެ ހިތްޕުޅަށް ހަމަޖެހުން ގެނެސްދޭނެ، ސާފުމަގެއް ނުވަތަ ކަނޑައެޅިފައިވާ މަންހަޖެއް، އޭރަކު އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ފެންނާކަށް ނެތެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން މީސްތަކުންނާއި ދުރުގައި އެކަހެރިވެހުރުން، އިޚްތިޔާރުކުރެއްވުމަކީ، ﷲ ތަޢާލާ އެކަލޭގެފާނަށްޓަކައި ތަދްބީރުކުރެއްވެވި ގޮތެވެ. ދިރިއުޅުމުގެ ތަފާތު މައްސަލަތަކުންނާއި، އެނޫންވެސް އެކަލޭގެފާނުގެ މަޝްޣޫލު ކުރުވާނެފަދަ ދުނިޔެވީ އެންމެހައި ކަންކަމުން ދުރުހެލިވެ ވަޑައިގެން ހުންނެވުން، އެކަލޭގެފާނު އިޚްތިޔާރުކުރެއްވެވި ހިސާބަކީ، އެކަލޭގެފާނުގެ ޙަޔާތްޕުޅު ބޮޑު ބަދަލަކަށް މިސްރާބުޖެހި ހިސާބެވެ. އެއީ އެކަލޭގެފާނަށްޓަކައި އިންތިޒާރު ކުރަމުން އަންނަ ބޮޑުކަމަށްޓަކައި ވެވޭ ތައްޔާރީއެއްގެ ފެށުމެވެ. ބޮޑުވެގެންވާ އަމާނާތެއް އުފުލުމުގެ ތައްޔާރީއަކަށް އެކަން ވެގެން ދިޔުމަށްޓަކައެވެ. އެއީ، އޭގެ ސަބަބުން ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށްޓަކައި، އެކަލޭގެފާނުގެ ހިތްޕުޅު މަޝްޣޫލުވެގެން ނުދިޔުމަށްޓަކައެވެ.
ﷲ ތަޢާލާ އެކަލޭގެފާނަށްޓަކައި މިފަދައިން މެދުވެރިކުރެއްވެވީ، އެކަލޭގެފާނާއި، އިސްލާމްދީނުގެ ރިސާލަތު ހަވާލުކުރެއްވެވުމުގެ ތިން އަހަރު ކުރިންނެވެ.
އެކަލޭގެފާނުގެ އުމުރުފުޅުން ބަރާބަރު ސާޅީސް އަހަރުފުޅު ފުރިހަމަވީތަނާ، ނަބީކަމުގެ ފެށުމުގެ ޢަލާމާތްތައް ފާޅުވާން ފެށިއެވެ. އެގޮތުން މައްކާގައި އޮންނަ ހިލައެއް، އެކަލޭގެފާނު އެހިލައިގެ ކައިރިން ވަޑައިގަންނަވާ ކޮންމެ ފަހަރަކު، އެކަލޭގެފާނާއި ސަލާމްކުރައްވާކަމުގައި ވެއެވެ. އަދި އޭގެ އިތުރުން އެކަލޭގެފާނަށް ތެދު ހުވަފެންފުޅުތައް ފެނިވަޑައިގަންނަވަން ފެއްޓެވިއެވެ. ފަތިހުގެ އަލިކަން ފަދައިން، ފެނިވަޑައިގަންނަވާ ހުވަފެންފުޅުތައް ޙަޤީޤަތަކަށް ނުވާގޮތަކަށް އެކަލޭގެފާނަކަށް ހުވަފެންފުޅެއް ފެނިވަޑައެއްނުގަންނަވައެވެ. މިގޮތުގައި ހަމަސްދުވަސް ހޭދަވެގެން ދިޔައެވެ. އެކަލޭގެފާނު، ޙިރާ ހޮހޮޅައިގައި، އެކަހެރިވެހުންނަވަމުން ގެންދަވާތާ ތިންވަނަ އަހަރުގެ ރަމަޟާންމަހުގައި، ބިމުގެ އަހުލުވެރިންނަށް، ﷲ ތަޢާލާ، އެއިލާހުގެ ރަޙްމަތާއި ހިދާޔަށް ބާވައިލެއްވުމަށް އިރާދަކުރައްވައި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަބީކަމުގެ މަތިވެރި ޝަރަފު ދެއްވަވައިފިއެވެ. އަދި ޤުރުއާންގެ އާޔަތްތަކާއިގެން ޖިބްރީލް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އަރިހަށް ފޮނުއްވެވިއެވެ.
-ނުނިމޭ-
މަޞްދަރު: “السيرة النبوية للأطفال والناشئة” لمسعد حسين محمد