ޝަޤީޤުލްބަލްޚީ ރަޙިމަހުﷲ އަކީ، ޙާތިމުލްއަޞައްމުގެ އުސްތާޛެވެ. ޒުހުދުވެރި ތަޤްވާވެރި ބޭފުޅެކެވެ. މަޝްހޫރު ތާބިޢީ އިބްރާހީމް ބްނު އަދްހަމް އާއެކު އުޅުއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 194 ވަނަ އަހަރުއެވެ.([1])
ޙާތިމުލްއަޞައްމު ރަޙިމަހުﷲ އަކީ، ޒުހުދުވެރިކަމުގައި މަޝްހޫރުވެފައިވާ ބޭފުޅެކެވެ. އެކަލޭގެފާނުގެ ޒުހުދުވެރިކަމާއި ޙިކުމަތްތެރިކަމުގެ ސަބަބުން އެކަލޭގެފާނަކީ މި އުންމަތުގެ ލުޤްމާނު ކަމުގައި ބުނެވުނެވެ. ޙާތިމް ރަޙިމަހުﷲ އަވަހާރަވީ ހިޖުރައިން 237 ވަނަ އަހަރުއެވެ. އެކަލޭގެފާނުގެ އުސްތާޛު ޝަޤީޤުގެ އަރިހުގައި ޢިލްމު އުނގެނުމަށްޓަކައި ގާތްގަނޑަކަށް 30 އަހަރު އުޅުއްވިކަމުގައި ވެއެވެ.([2])
މި ދެ ބޭފުޅުންގެ މެދުގައި ހިނގާފައިވާ ޢިބްރަތްތެރި މަޝްހޫރު ޙާދިޘާއެއް، އިބްނު ޤުދާމާ އަލްމަޤްދިސީ އެކަލޭގެފާނުގެ ފޮތް “مُخْتَصَرُ مِنْهَاجِ القَاصِدِين” ގައި([3]) ގެންނަވާފައި ވެއެވެ.
ޝަޤީޤުލްބަލްޚީ ރަޙިމަހުﷲ ގެ އަރިހުން ރިވާވެގެންވެއެވެ. އެއް ދުވަހެއްގައި އެކަލޭގެފާނުގެ ދަރިވަރު ޙާތިމުލްއަޞައްމަށް ވިދާޅުވިއެވެ. ތިބާ ނުހަނު ގިނަ ދުވަހު ތިމަންނައާ އެކު އުޅެފީމު ނޫން ހެއްޔެވެ! ތިމަންގެ ގާތުން ތިބާއަށް ދަސްވީ ކޮން އެއްޗެއް ހެއްޔެވެ؟
އެހިނދު ޙާތިމް ދެންނެވިއެވެ. އަހަރެންނަށް ކަލޭގެފާނުގެ އަރިހުން ދަސްވީ އަށް ކަމެކެވެ.
ފުރަތަމައީ: ﷲ ގެ ޚަލްޤުތަކުންނަށް ބަލައިލުމުން އަހަރެންނަށް ފެނުނީ، ކޮންމެ މީހަކަށްވެސް އޭނާ ލޯބިވާ ފަރާތެއް ވާތަނެވެ. އެހެނަސް އޭނާ ކައްވަޅަށް ފޯރުމާއެކު، އެ ލޯބިވާ ފަރާތް އޭނާޔާ ވަކިވެ ދެއެވެ. ދެން އަހަރެން، ހެޔޮ ޢަމަލަކީ އަހަރެންގެ ލޯބިވެރިޔާކަމުގައި ހެދީމެވެ. އެއީ އަހަރެންނާއެކު ޤަބުރުގައި ވުމަށް އެދިގެނެވެ.
ދެވަނައީ: އަހަރެން ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅަށް ބެލީމެވެ.
﴿وَنَهَى النَّفْسَ عَنِ الْهَوَىٰ﴾ [النازعات: 40]
(މާނައީ: އެމީހެއްގެ ނަފްސު ނުބައި އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ.)
ދެން އަހަރެން، ހަވާ ނަފްސުގެ އެދުންތަކުން ދުރުވެ ރައްކާތެރިވުމަށް ގަދައަޅައި މަސައްކަތް ކުރީމެވެ. ﷲ އަށް ކިޔަމަންތެރިވުމުގެ މައްޗަށް އަހަރެންގެ ނަފްސު ޘާބިތުވެއްޖައުމަށް ދާންދެނެވެ.
ތިންވަނައީ: ކޮންމެ މީހާކުވެސް އެމީހެއްގެ އަތުގައިވާ އެންމެ އަގުބޮޑު އެއްޗެއް ފޮރުވައި ރައްކާތެރި ކުރާތީ އަހަރެން ދުށީމެވެ. އެހެންކަމުން އަހަރެން ﷲ ގެ މި ވަޙީ ބަސްފުޅަށް ބެލީމެވެ.
﴿مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ اللَّـهِ بَاقٍ﴾ [النحل: 96]
(މާނައީ: ތިޔަބައިމީހުންގެ އަތުގައިވާ ހުރިހާ އެއްޗެއް ހުސްވެ ނެތި ހިނގައިދާނެއެވެ. އަދި اللَّه ގެ ޙަޟްރަތުގައިވާ އެއްޗެއް ދެމިހުންނާނެއެވެ.)
ދެން އަހަރެންނަށް އަގުބޮޑު ކޮންމެ އެއްޗެއް ލިބުމާއެކު، ﷲ ގެ ޙަޟްރަތުގައި އެއެއްޗެއް ރައްކާކުރަމެވެ. އެއީ އަހަރެންނަށްޓަކައި އެ އެއްޗެއް ދެމި އޮތުމަށްޓަކައެވެ. (އެބަހީ: އެއެއްޗެއް ﷲ ގެ މަގުގައި ހޭދަކުރަމެވެ.)
ހަތަރުވަނައީ: މީސްތަކުން މުދަލާއި، ޙަސަބާއި، ޝަރަފުވެރިކަމަށް ރުޖޫޢަވާތަން އަހަރެން ދުށީމެވެ. އެހެނަސް އެއީ އެއްވެސް އެއްޗެއް ނޫނެވެ. އަހަރެން ﷲ ގެ މި ވަޙީ ބަސްފުޅަށް ބެލީމެވެ.
﴿إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ﴾ [الحجرات: 13]
(މާނައީ: ހަމަކަށަވަރުން، اللَّه ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ.)
ދެން އަހަރެން، ﷲ ގެ ޙަޟްރަތުގައި މާތްކަންބޮޑުވެގެންވާ މީހަކަށްވުމަށްޓަކައި، ތަޤްވާވެރިވުމަށް މަސައްކަތްކުރީމެވެ.
ފަސްވަނައީ: މީސްތަކުން އެއްބަޔަކު އަނެއް ބަޔަކަށް، ޙަސަދަވެރިވާތީ އަހަރެންނަށް ފެނުނެވެ. ދެންފަހެ، އަހަރެން ﷲ ގެ މި ވަޙީ ބަސްފުޅަށް ބެލީމެވެ.
﴿نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ﴾ [الزخرف: 32]
(މާނައީ: އެއުރެންގެމެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ.)
ދެން އަހަރެން ޙަސަދަވެރިކަން ދޫކޮށްލީމެވެ.
ހަވަނައީ: މީސްތަކުން އެއްބަޔަކު އަނެއް ބަޔަކަށް، ޢަދާވާތްތެރިވެފައި ވާތީ އަހަރެން ދުށީމެވެ. ދެން ﷲ ތަޢާލާގެ މި ވަޙީބަސްފުޅު އަހަރެންނަށް ފެނުނެވެ.
﴿إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا﴾ [فاطر: 6]
(މާނައީ: ހަމަކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިއެކެވެ. ފަހެ، އެ ޝައިޠާނާއީ، ޢަދާވާތްތެރިއަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ!)
ދެންފަހެ، އަހަރެން މީސްތަކުންނަށް ޢަދާވާތްތެރިވުން ދޫކޮށްލީމެވެ. އަދި އަހަރެންގެ ޢަދުއްވަކީ ޝައިޠާނާކަމުގައި ހެދީމެވެ.
ހަތްވަނައީ: އަހަރެންނަށް ފެނުނީ، މީސްތަކުން އެބައިމީހުންގެ ނަފްސުތައް ރިޒްޤު ހޯދުމުގައި ވަރުބަލިކުރާތަނެވެ. އަހަރެން ﷲ ތަޢާލާގެ މި ބަސްފުޅަށް ބެލީމެވެ.
﴿وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا﴾ [هود: 6]
(މާނައީ: ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه ރިޒްޤު ނުދެއްވާ އެއްވެސް އެއްޗެއް ނުވެއެވެ.)
ދެން، އެއިލާހަށް އަހަރެން އަދާކުރަން ޖެހޭ ކަންކަމާއިގެން އަހަރެން މަޝްޣޫލުވީމެވެ. އަދި އެއިލާހުގެ ޙަޟްރަތުން އަހަރެންނަށް ލިބެންވީ ބައި، އެއިލާހުގެ ޙަޟްރަތަށް ދޫކޮށްލީމެވެ.
އަށްވަނައީ: އަހަރެންނަށް ފެނުނީ މީސްތަކުން އެބައިމީހުންގެ ވިޔަފާރިއަށާއި، މަސައްކަތަށާ އަދި އެބައިމީހުންގެ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވަކީލުކުރާތަނެވެ. ދެން ފަހެ، އަހަރެން، ﷲ ތަޢާލާއަށް ވަކީލު ކުރީމެވެ.
[1] سير أعلام النبلاء للذهبي (ج9/ص313)، مؤسسة الرسالة، الطبعة الثالثة (1405هـ – 1985م).
[2] سير أعلام النبلاء للذهبي (ج11/ص484).
[3] مختصر منهاج القاصدين لابن قدامة المقدسي (ص24)، مكتَبَةُ دَارِ البَيَانْ، دمشق (1398هـ – 1978م).