އަހުލު ކިތާބީ އަންހެނުންނާ ކައިވެނިކުރުން ހުއްދަވެގެންވުމާއި، އަލްވަލާއު ވަލްބަރާއު ގެ ޢަޤީދާއާ ފުށު އެރުމެއްވޭ ހެއްޔެވެ؟
الولاء والبراء، ﷲ އަށްޓަކައި ލޯބިވުމާއި ﷲ އަށްޓަކައި ނަފްރަތު ކުރުމަކީ ކޮންމެ މުސްލިމެއްގެވެސް ހުންނަން ޖެހޭނެ ޢަޤީދާއެކެވެ. ނަމަވެސް ދުނިޔެ ބަވަނަވެފައިވާ މި ޒަމާނުގައި، ފިކުރީ ހަނގުރާމައިގެ އޮއިވަރުގައި ޖެހި އެތަކެއް މުސްލިމުންނަށް ދަނީ މި އުޞޫލުގެ ޙަޤީޤަތް އޮޅި މަގު ގެއްލެމުންނެވެ. ރާވައިގެން ކުރެވޭ މަސައްކަތްތަކަކުން، ހަރުބީ ކާފަރުންނާވެސް ހިތާ ހިތުގެ ގުޅުން ގާއިމުކުރުމީ އިސްލާމީ މިންގަނޑުކަމަށް ދައްކުވާ މީސްތަކުންނަށްދަނީ އޮޅުވާލެވެމުންނެވެ. “ޓޮލަރެންސް” ގެ ނަމުގައި، މުސްލިމު މުޖުތަމަޢަކަށް ޝިރުކުގެ ނަޖިސް ޢަމަލުތައް ގެނައުމަކީވެސް މައްސަލައެއް ނޫންކަމަށް ވިސްނައިދިނުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ. އަދި އިސްލާމީ ޙުކުމްތަކުން، މިފަދަ ބާޠިލު ވިސްނުންތަކަށް ޙުއްޖަތް ދެއްކެންއޮތްކަމަށް ބަޔަކު މީހުންނަށް ދައްކާ އޮޅުވާލުމަށްޓަކާ، ޝަރުޢީ އެއްވެސް ބުރަދަނެއް ނެތް ތާކުންތާކު ނުޖެހޭ ގިނަ ވާހަކަތަކެއްވެސް މިއަދު މި ދަނީ ދެކެވެމުންނެވެ. ﷲ އާއި އެ އިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ފުރިހަމައަށް އީމާންވެގެން ތިބި މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ލޯބިވާން ޖެހެނީ ކޮން ކަންކަމެއް ދެކެކަން، ކޮން ބަޔެއް ދެކެކަން އަދި ކޮން މިންވަރަކަށް ކިހިނެއްކަން އަޅުގަނޑުމެން ދެނެގަންނަން ޖެހެއެވެ.
މި ގޮތުން އިސްލާމް ދީނުގައި، މުސްލިމު ފިރިހެނުން އަހުލު ކިތާބީ (އެބަހީ: ނަޞާރާ އަދި ޔަހޫދީ) އަންހެނުންނާ ކައިވެނިކުރުން ހުއްދަ ކުރައްވާފައިވުމުގެ މާނައަކީ ނަޞާރާ ދީނާއި ޔަހޫދީ ދީނަށް މުސްލިމުން ރުހި ޤަބޫލުވުން ހެއްޔެވެ؟ އެބައިމީހުންގެ ދީނީ ޝިޢާރުތަކާއި ދީނީ މުނާސަބަތުތަކަށް ލޯބިކޮށް އެކަމުގައި ބައިވެރިވުން ހުއްދަ ވެގެންވުން ހެއްޔެވެ؟ ދެމަފިރިން ދެމެދު ﷲ ތަޢާލާ ލޯތްބާއި ރަޙުމު ލައްވާފައިވުމާއެކު އަހުލު ކިތާބީ އަންހެނުންނާ ކައިވެނިކުރުން ހުއްދަވެގެން ވުމީ އެ ދީނާއި އެ ދީނުގެ އަހުލުވެރިންދެކެ ލޯބިވުމަށް އޮތް ޙުއްޖަތަކަށް ވެދާނެ ހެއްޔެވެ؟ ލޯބިވުންވަނީ ﷲ އަށްޓަކާ ކަމަށްވީ ހިނދު، ނަޞާރާ ނުވަތަ ޔަހޫދީ އަންހެނަކާ ކައިވެނިކޮށްގެން އެ އަންހެނާއާއެކެ ލޯބީގެ ގުޅުން ބޭއްވިދާނެ ހެއްޔެވެ؟ އެފަދަ މީހެއްދެކެ ލޯބި ވުމަކީ الولاء والبراء އާ ޚިލާފު ކަމެއް ހެއްޔެވެ؟
-
ފުރަތަމަ ނުކުތާ: ހިލޭ އަންހެނުންނާއި ފިރިހެނުން މުޢާމަލާތް ކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑު
ކައިވެނީގެ މަޝްވަރާ ކުރެވޭ ހިނދު އަލިއަޅުވާލަން ޖެހޭ ނުކުތާއެއް އެބަ އޮތެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން މުޢާމަލާތު ކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް އިސްލާމްދީނުގައި ވަނީ ބަޔާންކޮށްދީފައެވެ. މިއަދުގެ މުޖުތަމަޢުގައި އާންމުވެފައިވާ ފަދައިން ކައިވެންޏަށް ތައްޔާރުވުމުގެ ނަމުގައި ހިލޭ އަންހެނުންނާއި ފިރިހެނުން އެކަކު އަނެކަކާ ރައްޓެހިވެ، ވާހަކަ ދައްކާ، އެކަހެރި ބައްދަލުވުންތަކުގައި ދުވަސްތައް ހުސްކޮށްލުމީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ﷲ ތަޢާލާ ވަނީ ޒިނޭ ކުރުން ޙަރާމް ކުރައްވާ އަދި އެކަމަށް މަގުފަހިވާނޭ އެންމެހާ ދޮރުތައްވެސް ބަންދު ކުރައްވާފައެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން އެއްވެއުޅުމާއި އެކަހެރި ބައްދަލުވުންތައް ނަޙީ ކުރައްވާފައެވެ. އަދި އަންހެނުން އެބައިމީހުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފާޅު ކުރުމާއި ފުރިހަމައަށް ނިވާނުވެ ތިބުން ފަދަ، ޒުވާން ފިރިހެނުންގެ ޝައުޤުވެރިކަން ދަމައިގަނެ، އެދުންވެރިކަން އިތުރުވެދާނެ ފަދަ ކަންކަންވެސް ވަނީ ޙަރާމް ކުރައްވާފައެވެ. މީގެ ތެރޭގައި ހިލޭ ފިރިހެނަކު ހިލޭ އަންހެނަކާ ޙީލަތްތެރިކަމާއެކު ދައްކާ ވާހަކަ ނުވަތަ ހިލޭ ފިރިހެނެއްގެ ހިތް ދަމައިގަންނަ ފަދަ ގޮތަކަށް އަންހެނަކު ދައްކާ ވާހަކަވެސް ހިމެނެއެވެ. އެއީ ސީދާ ބައްދަލުވެގެން، ނުވަތަ ފޯނު މެދުވެރިކޮށްގެން، ނުވަތަ އެ ނޫންވެސް ވަސީލަތަކުންކަމަށް ވިޔަސްމެއެވެ. ކައިވެންޏެއް ކުރާނަމަ އެކަމުގެ މުޢާމަލާތްތައް ކުރަންވާނީ އެކަމަށް އިސްލާމްދީނުގައި އައިސްފައިވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاءِ ۚ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا [٣٢] وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ﴾ [سورة الأحزاب 32 – 33]
މާނައީ: “އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަ ކަނބަލުން (އެހެން) އަންހެނުންގެ ތެރެއިން އެކަކާވެސް އެއްފަދަ ބަޔަކު ކަމުގައި ނުވެއެވެ. ތިޔަ ކަނބަލުން (ﷲ އަށް) ތަޤުވާވެރި ވެއްޖެނަމައެވެ. ފަހެ ތިޔަ ކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ. (އެއީ) ހިތުގެ ތެރޭގައި (ނިފާޤުކަމުގެ) ބަލިމަޑުކަމެއްހުރި މީހަކު ދަހިވެތިވެދާނެތީއެވެ. އަދި ތިޔަ ކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ. އަދި ތިޔަ ކަނބަލުން، ތިޔަ ކަނބަލުންގެ ގެތަކުގައި ތިބޭށެވެ. އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަ ކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ.”
ابن كثير رحمه الله އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ.
“މި އަދަބުތަކަކީ ﷲ ތަޢާލާ، އެ އަދަބުތަކަކައިގެން ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނަށް ކުރައްވަވާފައިވާ އަމުރެކެވެ. އަދި އުންމަތުގެ އަންހެނުންނަށްވަނީ މި ކަންކަމުގައި އެކަނބަލުންނަށް ތަބަޢަވުމެވެ.”
އެހެންކަމުން މުސްލިމު ޒުވާން ފިރިހެނުންނަށް އަމުރުވެވިގެންވަނީ ﷲ އަށް ތަޤުވާވެރިވެ، އެބައިމީހުންގެ ފަރުޖުތަކަށް ރައްކާތެރިވެ ބެލުންތައް ތިރި ކުރުމެވެ. އަދި ނުބައި ފާހިޝް ވާހަކަތައް ދެއްކުމުން ދުރުހެލިވުމެވެ. އެއީ ދުލުން ބުނެވޭ ބަހަކުން ނަމަވެސް ނުވަތަ ލިޔެފައި ފޮނުވޭ މެސެޖަކުން ނަމަވެސްމެއެވެ. އަދި ހަމަ އެފަދައިން މުސްލިމު އަންހެން ކަނބަލުންނަށްވެސް އަމުރުވެވިގެންވަނީ ޢިއްފަތްތެރިކަމަށް ރައްކާތެރިވެ، ޒީނަތްތެރިކަން ފާޅުވާނޭހެން ފިރިހެނުން ކުރި މައްޗަށް ނިކުމެ ނޫޅުމަށާއި، ފުރިހަމައަށް ނިވާނުވެ އުޅޭ ބަޔެއްކަމުގައި ނުވުމަށެވެ.
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم ((صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا)) [رواه أحمد ومسلم في الصحيح]
أبو هريرة رضي الله عنه އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ނަރަކަވަންތަ ވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ. އޭގެ ތެރެއިން އެއް ބަޔަކީ، އެބައިމީހުންގެ އަތުގައި ގެރީގެ ނިގޫފަދަ ޗާބޫކުތަކެއްވާ ބަޔެކެވެ. އެބައިމީހުން، މީސްތަކުންގެ ގައިގައި އެއިން ތަޅާނެއެވެ. އަދި އަނެއް ބަޔަކީ، ހެދުންލިޔަސް އޮރިޔާމުންވާ އަންހެނުންތަކެކެވެ. އެބައިމީހުންގެ ފަރާތަށް ފިރިހެނުން ލަންބުވާ، ޚުދު އެބައިމީހުން ފިރިހެނުންގެ ފަރާތަށް ލެނބިގެންވާ އަންހެނުންތަކެކެވެ. އެބައިމީހުންގެ ބޮލުގެ އިސްތަށިގަނޑު ޖަމަލުގެ ގޮށްގަނޑު ފަދައިން އެއް ފަރާތަށް ލެނބިފައި ހުންނާނެވެ. އެބައިމީހުން ސުވަރުގެއަށް ނުވަންނަ ހުއްޓެވެ. އަދި އެބައިމީހުން ސުވަރުގޭގެ މީރުވަސްވެސް ނުދެކޭނެއެވެ. ހަމަކަށަވަރުން، އެ ތަނުގެ މީރުވަސް އެވެނި މިވެނި ރާސްތާގެ ދުރުމިނަށް ހުންނާނެއެވެ.”
އެހެންކަމުން ފިރިހެނުންނާއި އަންހެނުން، ﷲ ތަޢާލާ އާއި އެ އިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ފުރިހަމައަށް ކިޔަމަންތެރިވެ، ދުނިޔޭގެ އެދުންތަކުން އެއްކިބާވެ، ފިތުނަތަކާއި ޝުބުހަތަކުން ދުރުހެލިވުން އެބައިމީހުނަށް ހެޔޮކަންބޮޑެވެ. އަދި އެ ކަމުން އެބައިމީހުންގެ ހިތްތައް ޠާހިރުކޮށްދެއެވެ. އަމިއްލަ ނަފްސުތަކާއި މުޖުތަމަޢުއަށް އެގޮތް ހެޔޮކަން ބޮޑެވެ.
މަރްޖިޢު: ما حكم مراسلة الفتيات للفتيان
= ނުނިމޭ =