-
ދެވަނަ ނުކުތާ: އަހުލުކިތާބީ އަންހެނަކާ ކައިވެނިކުރުން ހުއްދަވަނީ ކޮން ޝަރުޠުތަކަކާއެކު؟
އަހުލު ކިތާބީ އަންހެނުންނާ ކައިވެނި ކުރުމުގެ މައުޟޫޢުއަށް ނަޒަރު ހިންގާލާއިރު އެފަދަ އަންހެނަކާ ކައިވެނިކުރުން ހުއްދަވެގެންވަނީ ކޮން ޝަރުޠުތަކަކާ އެކުގައިކަން އަޅުގަނޑުމެން ދެނެގަންނަން ޖެހެއެވެ. އަހުލު ކިތާބީ (ނަޞާރާ ނުވަތަ ޔަހޫދީ) އަންހެނުން ފިޔަވާ އެހެން ކާފަރު އަންހެނުންނާ ކައިވެނި ކުރުން މުސްލިމުންނަށް ހުއްދަވެގެން ނުވެއެވެ. މިކަމުގައި ބައެއް މީހުނަށް ގެންގުޅެވޭ ގޯސް ތަސައްވުރަކީ، އެމެރިކާ ނުވަތަ ޔޫރަޕުގެ ޤައުމެއްގައި އުޅޭ ކޮންމެ މީހަކީ ނަޞާރާދީނުގެ އަންހެނެއް ކަމުގައި ދެކުމެވެ. ނުވަތަ ޔަހޫދީ އާއިލާއަކާއެކު ދިރިއުޅޭ ކޮންމެ އަންހެނަކީ ޔަހޫދީއެއް ކަމުގައި ދެކުމެވެ. މިއީ ގޯސް ވިސްނުމެކެވެ. އެހެނީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުއިންވެސް އެކަމެއްގެ ކުލަވަރު ފެންނަމުންދާ ފަދައިން، ނަމުން މުސްލިމު ނަމަވެސް ވިސްނުމާއި ޤަބޫލުކުރުމުގައި ޢަލްމާނީ (ސެކިއުލާރ) ވިސްނުމުގެ މީހުން އެބަ އުޅެއެވެ. އަދި މާއްދިއްޔަތައް ހުސްވެފައިވާ (ކޮމިއުނިސްޓް) ވިސްނުމުގެ މީހުންވެސް ބައެއް މުސްލިމު މުޖުތަމަޢުތަކުގައިވެސް އުޅެއެވެ. ޙަޤީޤަތަކީ ކާފިރު ޤައުމުތަކުގައި މިފަދަ ފިކުރުތައް ގިނަވެފައި އޭގެ އަސަރު ގަދައެވެ. އަދި ހަމައެކަނި ރަމްޒީ ގޮތުން، އެ މީހަކު ދިރިއުޅޭ ޤައުމެއްގެ މީހުންގެ ދީނުގެ އަހުލުވެރިޔެއްކަމަށް ބުނާ، ނަމަވެސް އެބައިމީހުންގެ ދިރިއުޅުމުން އެކަމުގެ ކުޑަވެސް ކަންފުޅެއް ނުފެންނަ މީހުންވެސް ބައިވަރެވެ. އެހެންކަމުން ޣައިރު މުސްލިމު އަންހެނަކާ ކައިވެނި ކުރަން ގަސްތުކުރާ މީހާ، އަންނަނިވި ޝަރުޠުތައް އެ އަންހެނެއްގެ ކިބައިގައި ފުރިހަމަވޭތޯ ބަލަންވާނެއެވެ.
- އެ އަންހެނަކީ އަހުލު ކިތާބީ (ނަޞާރާ ނުވަތަ ޔަހޫދީ) އަންހެނަކަށް ވާންވާނެއެވެ. އެއީ މަގު ފުރެދިފައިވާ ދީންތަކުގެ ތެރެއިން ދީނެއް ނަމަވެސް، އެ ދީނުގެ މިންގަނޑުތަކަށް ތަބަޢަވާ މީހެއްކަމުގައި ވާންވާނެއެވެ. އެހެނީ ކާފަރުންގެ ތެރެއިން، މުސްލިމު ފިރިހެނުންނަށް ކައިވެނިކުރުން ހުއްދަވެގެންވާ ބަޔަކީ އެއީއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ.
﴿وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ وَالْمُحْصَنَاتُ مِنَ الْمُؤْمِنَاتِ وَالْمُحْصَنَاتُ مِنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَافِحِينَ وَلَا مُتَّخِذِي أَخْدَانٍ﴾ [سورة المائدة 5]
މާނައީ: “އަދި ފޮތް ލިބުނު މީހުންގެ ކާނާވެސް ތިޔަބައިމީހުނަށް ޙަލާލުވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެއުރެންނަށް ޙަލާލުވެގެންވެއެވެ. ޢިއްފަތްތެރި މުއުމިނު އަންހެނުންނާއި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ޢިއްފަތްތެރި އަންހެނުން ތިޔަބައިމީހުންނަށް ޙަލާލުވެގެންވެއެވެ. އެކަނބަލުންގެ ރަން ތިޔަބައިމީހުން އެކަނބަލުންނަށް ދީފިނަމައެވެ. ކައިވެނީގެ ޢިއްފަތްތެރިކަން ހޯދާ ބަޔެއްގެ ގޮތުގައެވެ. ޒިނޭ ކުރާ ބަޔެއްގެ ގޮތަކު ނޫނެވެ. ސިއްރުން ޒިނޭކުރާ އެކުވެރި އަންހެނުން ގެންގުޅޭ ބަޔެއްގެ ގޮތުގައެއްވެސް ނޫނެވެ.”
އަދި މުލްޙިދުން(އެތީސްޓުން)ނާއި މަޖޫސީންނާއި ބުދިސްޓުންގެ ތެރެއިންވާ އަންހެނުންނާ ކައިވެނި ކުރުން ހުއްދަވެގެން ނުވެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَلَا تَنكِحُوا الْمُشْرِكَاتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ﴾ [سورة البقرة 221]
މާނައީ: “ﷲ އަށް ޝިރުކުކުރާ އަންހެނުންނާ ތިޔަބައިމީހުން ކައިވެނި ނުކުރާށެވެ. އެކަނބަލުން އީމާންވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުން ހިތާވާ ކަމުގައިވިޔަސް ހަމަކަށަވަރުން މުއުމިނު އަޅު އަންހެނަކުވެސް، މުޝްރިކު އަންހެނަކަށްވުރެ މާހެޔޮކަން ބޮޑެވެ.”
- އެ އަންހެނާ ވާންވާނީ ޒިނޭ ކުރުމާއި ހިލޭ ފިރިހެނުންނާއެކު ފާޙިޝް ގުޅުންތައް ނުބާއްވާ ޢިއްފަތްތެރި އަންހެނެއް ކަމުގައެވެ. އެހެނީ އިސްވެ ބަޔާންކުރެވިފައިވާ ފަދައިން سُورَةُ المَائِدَة ގެ 5 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ
﴿وَالْمُحْصَنَاتُ مِنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ﴾
(މާނައީ: ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން ޢިއްފަތްތެރި އަންހެނުން…) މިފަދައިންނެވެ.
- ކައިވެނީގައި ގޮތް ނިންމާ އިސް ފަރާތެއް ކަމުގައި ވާންވާނީ މުސްލިމު ފިރިހެނާއެވެ. އެހެންކަމުން ފައްޅިއެއްގައި ކައިވެނި ކުރުން ފަދަ ޝަރުޠެއް ކުރެވިފައި އޮވެގެން ނުވާނެއެވެ. ނުވަތަ ދަރިން، އަންހެން މީހާގެ ދީނަށް ތަބަޢަކުރުވުންފަދަ ކަމެއް ކުރެވިގެން ނުވާނެއެވެ. އަދި އެއްވެސް ޙާލަތެއްގައި އިސްލާމްދީނުގެ މައްޗަށް އެ އަންހެނާގެ ދީން އިސްކުރެވިގެން ނުވާނެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَلَن يَجْعَلَ اللَّـهُ لِلْكَافِرِينَ عَلَى الْمُؤْمِنِينَ سَبِيلًا﴾ [سورة النساء 141]
މާނައީ: “އަދި މުއުމިނުންގެ މައްޗަށް ކާފަރުންނަކަށް އެއްވެސް މަގެއް ﷲ ނުލައްވައެވެ.”
މުސްލިމު ޤައުމެއްގެ މުސްލިމު ފިރިހެނަކު، ހުޅަނގުގެ ޤައުމެއްގެ އަހުލު ކިތާބީ އަންހެނަކާ ކައިވެނިކޮށްގެން، އެ އަންހެން މީހާގެ ޤައުމުގައި ދިރިއުޅެނީނަމަ މި ޝަރުޠު ފުރިހަމަވުމަކީ ނާދިރުކަމެކެވެ. އެހެނީ، އެފަދަ ޙާލަތެއްގައި އެ މީހުންގެ ކަންކަން ހަމަޖެހި ހިނގަމުންދާނީ އެ ކާފިރު ޤައުމެއްގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުންނެވެ. އަދި ދަރީންގެ ކަންކަމުގައިވެސް ގޮތް ކަނޑައަޅާނީ އެ ޤައުމެއްގެ ސަރުކާރުންނެވެ. އަދި އެ އަންހެން މީހާގެ ނުރުހުމުގައި ފިރިހެން މީހާ އޭނާގެ ދަރީން ގޮވައިގެން މުސްލިމު ޤައުމަކަށް ދާން ގަސްތުކޮށްފި ނަމަވެސް އެންމެހާ މުއައްސަސާތަކަކުންވެސް މަސައްކަތް ކުރާނެ ކަމަށް ޤަބޫލުކުރެވެނީ އެ އަންހެން މީހާގެ ދިފާއުގައެވެ. އެހެންކަމަށް ވަނީނަމަ، މުސްލިމު ފިރިހެން މީހާއަށް، ޢާއިލާ ބަލަހައްޓާ، ގޮތްކިޔުމުގެ ފުރިހަމަ ބާރު ލިބިގެން ނުދެއެވެ.
އިސްލާމްދީނުގައި އަހުލު ކިތާބީ އަންހެނުންނާ ކައިވެނި ކުރުން ހުއްދަވެގެން ވީނަމަވެސް ދީނުގައި ބޮޑަށް ބާރު އަޅުއްވަނީ ދީންވެރި މުސްލިމު އަންހެނަކާ ކައިވެނި ކުރުމަށެވެ. އެހެނީ އިސްލާމް ދީނުގައި ދެމަފިރިންގެ ޙަޔާތަކީ ޢިއްފަތްތެރިކަމާއި، ބެލުންތައް ތިރިކުރުމާއި، ގެއާއި ދަރިން ރައްކާތެރިކޮށް ބެލެހެއްޓުންފަދަ އެންމެހާ ކަންކަން ހިމެނިގެންވާ ފުރިހަމަ ޝާމިލު ދިރިއުޅުމެކެވެ. ދީންވެރި މުސްލިމު އަންހެނަކާ އެކުގައި މެނުވީ މިފަދަ އެންމެހާ ކަންކަން ހާސިލުނުކުރެވޭނެއެވެ.
މަރްޖިޢު: هل يتزوج نصرانية من عرب إسرائيل ؟
= ނުނިމޭ =