– ކޮވިޑް19 ބަލިމަޑުކަމާއި ގުޅިގެން މިފަހަރުގެ ޙައްޖުގެ އިންތިޒާމުތައް ވަރަށް ތަފާތުވާނެކަމުގެ ޚަބަރު ލިބުން.
– މިއަހަރު ޙައްޖުކުރުމުގެ ނަސީބު ލިބުނު ދިވެއްސެއްގެ ހައިސިއްޔަތުން ޙައްޖުގެ ކަންތައްތައް ކުރިއަށް ދިޔަގޮތް ކިޔައިދިނުމަށް ޤަޞްދުކުރަން.
********************
06 ޖުލައި 2020 (١٥ ذو القعدة ١٤٤١) ހޯމަ
•••••••••••••••••••••••••••••••••••••
– وزارة الحج والعمرة އިން ސަޢުދީ ޢަރަބިއްޔާގައި އުޅޭ އެހެން ޤައުމުތަކުގެ މީހުންގެ ތެރެއިން، ފަރުޟު ޙައްޖު ކޮށްފައިނުވާ މީހުންނަން ޙައްޖުވުމުގެ ފުރުޞަތު ހުޅުވާލި.
-ފުރުޞަތު ލިބެނީ 20-50 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށް ޚަބަރު ލިބުން.
07 ޖުލައި 2020 (١٦ ذو القعدة ١٤٤١) އަންގާރަ
•••••••••••••••••••••••••••••••••••••
– އެޕްލިކޭޝަން ފޯމް ފުރިން.
12 ޖުލައި 2020 (٢١ ذو القعدة ١٤٤١) އާދިއްތަ
•••••••••••••••••••••••••••••••••••••
– މިއަހަރު ޙައްޖައްދާން ހޮވުނު މީހުންގެ ނަންތައް އިޢުލާނުކުރި. އަދި އެރޭ އަޅުގަނޑު ހޮވުނުކަން އެނގުނު الحمد لله.
– އެތައް މިލިއަން މުސްލިމުންނެއްގެ ތެރެއިން މިއަހަރު الله تعالى ގެ ގެކޮޅަށް ގޮސް ޙައްޖުވާން ދިއުމަށް ހޮވުމަކީ ވަރަށް ވެސް ބޮޑު ނިޢުމަތެއް.
– އަދި ހިތަށް އެރީ، الله سبحانه وتعالى އެއިލާހުގެ އަޅަކަށް އެއްޗެއް ދެއްވަން އިރާދަކުރައްވައިފިއްޔާ އެކަމަކާ ދުރަށް ދެވޭނެ ހުރިހާ މަގެއް ބަންދު ކުރައްވައޭ.
– ذو القعدة މަހު 8 ވަނަ ދުވަހުން 13 ވަނަ ދުވަހަށް ކެއުން އިޚްތިޔާރު ކުރަން ހުރުމުން އެރޭ ފޯމުފުރިން.
13 ޖުލައި 2020 (٢٢ ذو القعدة ١٤٤١) ހޯމަ
•••••••••••••••••••••••••••••••••••••
– “Hajj” ޖަހާފައިވާ ނަންބަރަކުން، ޙައްޖަށް ދާން ހޮވިފައިވާކަމަށް ބުނެ ފޯނަށް މެސެޖުކުރި.
16 ޖުލައި 2020 (٢٥ ذو القعدة ١٤٤١) ބުރާސްފަތި
•••••••••••••••••••••••••••••••••••••
– ހެނދުނު ހޭލިއިރު ނަންބަރަކުން ދެފަހަރު ގުޅާފައި އޮތް.
– އެ ނަންބަރަށް ގުޅާފައި އަޅުގަނޑުގެ ނަން ބުނިން. ދެން އެކޮޅުން ބުނީ މިއީ ވުޒާރަތުލް ޙައްޖުންނޭ.
“މަރުޙަބާއޭ ޞަބާޙުވަނީ މިއަހަރު ޙައްޖަށްދާން ހޮވިފަ. މިއަދުން ފެށިގެން ގޭގައި ކަރަންޓީންވޭ.”
ދެން އެކި އެކި ސުވާލުކުރި.
“ޢުމުރުން ކިހާވަރެއް؟ ހަކުރުބަލި ހުރޭތަ؟ ބޮޑު ބައްޔެއް ހުރޭތަ؟ ދާއިމީކޮށް ބޭހެއްކަންތަ؟ ކޮރޯނާ ޖެހުންތަ؟ ޙައްޖަށްދާން ބޭނުންތަ؟”
ދެން ބުނީ ޙައްޖަށް ދާން ޓެސްޓުތައް ހަދަން ގުޅާނެކަމުގައި.
– އޭގެ އިރުގަނޑެއްފަހުން އަނެއްކާވެސް ނަންބަރަކުން ގުޅި، އަދި މިއީ ޙައްޖާއި ބެހޭ ވުޒާރާއިން ކަމުގައި ބުނި. ދެން ވަރަށް ބޮޑަށް ތަހުނިޔާ ކިޔާފައި ކުރިންވެސް ކުރި ސުވާލުތައް ހަމަ ކުރީ.
ވާހަކަ ދެއްކީ ވަރަށް ރީތިކޮށް. އަދި ޙައްޖަށްދާން ދައްކަން ޖެހެނީ ކިހާވަރެއްހޭ އެހުމުން ބުނީ އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހޭނެޔޭ.
އަދި ބުނި 7 ދުވަސް ވަންދެން ކަރަންޓީން ވާންޖެހޭނެޔޭ، އަދި ذي الحجة މަހުގެ 4 ވަނަ ދުވަހުއޭ މައްކާއަށް ދާންޖެހޭނީ، އެކޮޅަށް ގޮސް 4 ދުވަހު ކަރަންޓީންވާން ޖެހޭނެއޭ.
– އެދުވަހު ޢަޞުރު ވަގުތު ވާން ކައިރިވެފައި ވަނިކޮށް ނަންބަރަކުން ގުޅާފައިބުނި ޖާމިޢާ އިސްލާމިއްޔާގެ ކްލިނިކަށް އަންނާށޭ. ދެން ދިޔައިރު އެކި ޤައުމުތަކުގެ ވަރަށް ގިނަ ކުދިން އެތާތިބި.
– އަދި އަޅުގަނޑުގެ ނަން ޖަހާފައިވާ ފޯމެއް ދިން. އެއީ وزارة الصحة ގެ ފޯމެއް. ޙައްޖައްދާ މީހުންގެ މެޑިކަލް ކަންތައްތަކުގެ ފޯމެއް.
ފުރަތަމަ ހަކުރު ޓެސްޓުކުރީ، ދެން ކޮވިޑް19 އަށް ސާމްޕަލް ނެގީ، ދެން ވެކްސިން ޖެހީ.
– ދެން ބުނީ ބޭނުންވާ ހުރިހާ އެއްޗެއް ހިފައިގެން ކަރަންޓީންވާން ޖާމިޢާގެ 5 ވަނަ ހޮސްޓެލްއަށް ދާށޭ. އެދުވަހު އިރުއޮއްސުމުގެ ކުރިން 5 ވަނަ ހޮސްޓެލްއަށް ވަނިން.
– ރޭގަނޑު ޞިއްޙީ އެހީތެރިޔަކުއައިސް އަޅުގަނޑު އުޅޭ ރޫމް ނަންބަރު ނެގި.
– ޚިދުމަތްތައް ވަރަށް ރަގަޅު ކާއެއްޗެހިވެސް ހަމަ ގަޑިއަށް އާދޭ.
17 ޖުލައި 2020 (٢٦ ذو القعدة ١٤٤١) ހުކުރު
•••••••••••••••••••••••••••••••••••••
– މިނިސްޓްރީ އޮފް ހެލްތުން ކޮވިޑް19 އަށް ނެގެޓިވްކަމަށް ބުނެ، އަޅުގަނޑަށް އެސްއެމްއެސް އެއް ފޮނުވި الحمد لله.
– ޙައްޖު ތަޞްރީޙަށް (ޙައްޖަށް ދިއުމުގެ ހުއްދައަށް) އެދުމަށްވެސް وزارة الحج والعمرة އިން މެސެޖުކުރި. އަދި އެކަމަށް އެދުނިން. 17 – 30 ޖުލައިއާ ދެމެދު ޙައްޖު ތަޞްރީޙަށް ހުށަނާޅައިފިނަމަ ޙައްޖު ކެންސަލްވާނެކަމައްވެސް ބުނެފައިވޭ.
– ފޯނަށް އެޕްލިކޭޝަންތަކެއް އަޅަން ބުނި. އަދި އެ އެޕްލިކޭޝަންތައް ފޯނަނަށް އެޅިން. އެއީ “تطمن” ، “Tabaud” އަދި “توكلنا” މި އެޕްލިކޭޝަންތައް.
18 ޖުލައި 2020 (٢٧ ذو القعدة ١٤٤١) ހޮނިހިރު
•••••••••••••••••••••••••••••••••••••
” -حج 1441 باص 43″ ކިޔާ ވަޓްސްއެޕް ގުރޫޕަކަށް އަޅުގަނޑު އެޑުކުރި އެގުރޫޕުގައި އަޅުގަނޑާއި އެކު ޖުމުލަ 5 ދިވެހިން ތިބި.
– އެގުރޫޕުގެ އެޑްމިން އެކިއެކި މަޢުލޫމާތު ފޮނުވުމަށް އެދެމުން ދިޔަ.
– ދިވެހި ކުދިންގެވެސް ވަޓްސްއަޕް ގުރޫޕެއް ހެދި.
– ކުރިންވެސް އައި ޞިއްޙީ އެހީތެރިޔާ ރޭގަނޑު އައިސް، وزارة الصحة އިން ފޮނުވި މެސެޖު ދެއްކުމަށް ބުނި. ދެން އޭނަ ގެންގުޅޭ ކަރުދާހެއްގައި ކޮވިޑް19އަށް ނެގެޓިވްކަމަށް ލިޔުނު.
20 ޖުލައި 2020 (٢٩ ذو القعدة ١٤٤١) ހޯމަ
•••••••••••••••••••••••••••••••••••••
” -توكلنا” މިގޮތަށް ޖަހާފައިވާ ބޭންޑެއް އަތުގައި އެޅުވި. އަދި އެބޭންޑުގައި އިންނަ ޑިވައިސް ބޫލޫޓޫތުން ފޯނާ ކަނެކްޓްކުރި.
– މައްކާއަށް ދާން ބަސް ހަމަޖައްސަން ގުޅި.
21 ޖުލައި 2020 (٣٠ ذو القعدة ١٤٤١) އަންގާރަ
•••••••••••••••••••••••••••••••••••••
– ކޮވިޑް19 އަށް ކުރިން ޓެސްޓުކޮށްފައި ނަތީޖާ ނުލިބޭ ކުދިންގެ ސާމްޕަލް އަނެއްކާވެސް ނެގި.
– މިއަދު ޙައްޖު ޕާމިޓް ލިބުން. އަދި އެލިޔުން ބަސް 43 ގުރޫޕުގެ އެޑްމިންއަށް ފޮނުވިން.
22 ޖުލައި 2020 (١ ذي الحجة ١٤٤١) ބުދަ
•••••••••••••••••••••••••••••••••••••
– وزارة الحج والعمرة އިން މިއަދު ޕޯސްޓު މެދުވެރިކޮށް ފޮއްޓެއް ފޮނުވި. މިވަގުތު ހުރިތަނެއް ހޯދަން ކުރިން ސަޢުދީ ޕޯސްޓުން މެސެޖުކުރި.
– އެފޮށީގައި ހުރީ: ކުޑަ ދަބަހެއް، ޙައްޖުގެ އަޅުކަމާއިބެހޭ ފޮތެއް، ކުޑަ ދަތް އުނގުޅާ ބޭސްފުޅިއަކާއި ބުރުހެއް، ފުނަލެއް، ނިޔަފަތިކަނޑާ ދައްޗެއް، ކުޑަ ކަތުރެއް، ޝޭވިން ކްރީމް ފުޅިއަކާއި ރޭޒަރެއް، ކުޑަ ސައިބޯންޏެއް، ކުޑަ ސޭމްޕޫ ދެ ޕެކެޓް، މާސްކެއް އަދި ހިލަ އަޅަން ކުޑަ ފޮތި ކޮތަޅެއް.
23 ޖުލައި 2020 (٢ ذي الحجة ١٤٤١) ބުރާސްފަތި
•••••••••••••••••••••••••••••••••••••
– ޖިއްދާއަށް ދާނީ މަތިންކަމާއި، އޭގެ ފަހުގައި ޖިއްދާއިން ބަހުގައި މައްކައަށްދާ ވާހަކަބުނެ وزارة الحج والعمرة އިން ފޯނަށް މެސެޖުކުރި.
24 ޖުލައި 2020 (٣ ذي الحجة ١٤٤١) ހުކުރު
•••••••••••••••••••••••••••••••••••••
-މަދީނާއިން ފްލައިޓް ނައްޓާލާ ގަޑިއަކީ ހެނދުނު 7 ޖަހާއިރުކަމަށް “حج 1441 باص 43” ވަޓްސްއެޕް ގުރޫޕުގެ އެޑްމިން އެންގި. އަދި ފުރާ ހުރިހާ އެންމެންގެ ލިސްޓެއް ފޮނުވި.
– ނިދީ ފޮއްޓަށް އެއްޗިހި އަޅާ ފޮށި ތައްޔާރުކޮށްފައި.
25 ޖުލައި 2020 (٤ ذي الحجة ١٤٤١) ހޮނިހިރު
•••••••••••••••••••••••••••••••••••••
– ދަންވަރު 3 ޖަހަން އުޅެނިކޮށް ހޭލެވުނީ ޞިއްޙީ އެހީތެރިޔާ ދޮރުތަކުގައި ތަޅާ އަޑަށް އަދި އަޅުގަނޑުމެން ދޮރުގަވެސް ޖަހާފައި ބުނި “މައްކާ މައްކާ” އޭ، ބަސް އައިއްސިޔޭ، އަވަސްކުރާށޭ.
– ގާތްގަނޑަކަށް3:23 ގައި ފަސްވަނަ ހޮސްޓެލުގެ ކުރިމަތިން ޖާމިޢާ ބަހުގައި މަދީނާ އެއާރޕޯޓަށް ނައްޓާލައިފި، 3:45 ހާއިރު އެއާރޕޯޓަށް ދެވިއްޖެ.
– އެއާރޕޯޓުގައި ވެސް ޙައްޖަށް ފުރާމީހުންގެ ކަންތައްތައް ބަލަހައްޓަން މީހަކު ހުރި، އޭނާވެސް ވަރަށް ރަނގަޅު އަދި ދިޔައީ ހުރިހާ ކަމެއްވެސް ޙައްލު ކުރަމުން.
– ޖިއްދާއަށް ދެވުނުއިރު އެއާރޕޯޓުގައި وزارة الحج والعمرة ގެ ޖެކެޓު ލައިގެން ތިބި ވަރަށް ގިނަ މީހުން ތިބި، އަދި މަރުޙަބާ ކިޔާ ހެދި.
– ކެމެރާކުރާ ވަރަށް ގިނަ މީހުންނާއި ނޫސްވެރިންވެސް ތިބި، އަދި އެމީހުން އެމަންޒަރުތައް ނަގަމުންދިޔަ.
-އެއާރޕޯޓު ލިފްޓުން ފޭބިއިރު ކޮންމެ ބަޔާކާ އެކުވެސް މީހަކު އަރާފައި ވަރަށް ތަހުނިޔާ ކިޔާ އަދި ދުރުދުރުގައި ތިބުމަށް ނަޞޭޙަތްތެރިވި، އަދި ދުރުދުރުގައި ތިބެވޭނެ ގޮތަށް ލިފްޓުގައި ސްޓިކާ ހިއްޕާފައި ހުރި.
– އެއާރޕޯޓު ބޭރުގައި ވަރަށް ގިނަ ޢަދަދެއްގެ ބަސްތައް ތައްޔާރަށް އޮތް.
– ބަހުގައި ޞިއްޙީ އެހީތެރިޔަކު ހުރި، އެންމެންގެ ހުންބެލި، އަންގިއާއި މާސްކުވެސް ދިން އަދި ކޮންމެ ސީޓެއްގައިވެސް ގިފްޓު ޕެކެއް އޮތް.
– ފްލައިޓުގައިވެސް ބަހުގައިވެސް ތިބީ ދުރުދުރުގައި.
– މީހަކު ބަހަށް އަރާފައި ނަމާއި އިޤާމާ ނަންބަރު ނޯޓުކުރި، އަދި ޙައްޖު ވުމުގެ ހުއްދަ އޮތްތޯ ޗެކުކުރި.
– މައްކާއަށް އައިއިރު ބަސްތަކުގެ ކުރިއާއި ފަހަތުންވެސް ޕޮލިސް ވެހިކަލްތައް އައި.
– ބަސްތައް އައިސް މަޑުކުރީ “FOUR POINTS BY SHERATON” ކިޔާ ހޮޓަލެއް ކައިރިއަށް.
– މީހަކު ބަހަށް އަރާފައި ކާޑެއްދިން، ކޮންމެ މީހެއްގެވެސް ނަމާއި ދާންޖެހޭ ރޫމު ނަންބަރު އެ ކާޑުގެ ބޭރުގައި ލިޔެފައިވޭ. އަދި އޭގެ އެތެރޭގައި ރޫމުގެ ކާޑު އޮތް.
– ހޮޓަލުން އަޅުގަނޑުމެންނަށް މަރުޙަބާކި.
– ނޫސްވެރިން ކެމެރާކޮށް މީހުންނާއި އިންޓަވިޔުކުރަމުންދިޔަ.
– ލިފްޓަށް އަރައިގެން ރޫމާއި ހަމައަށް މީހަކުއައި، ދޮރުހުޅުވައިދީ ކާޑުޖަހައި ރޫމު ދިއްލައިދިން، އަދި ރޫމުން ނުނިކުމެ ހުރުމަށާއި ކާއެއްޗިހި ގެނެސްދޭނެކަމަށް ބުނި.
– ހޮޓާ ވަރަށް ފުރިހަމަ، ވަރަށް ރީތި ما شاء الله، ކޮންމެ މީހަކަށްވެސް ހަމަ ވަކިން ކޮޓަރިއެއް ހުރި އަދި ބޭނުންވާ ހުރިހާ އެއްޗެއް ހުރި.
“ދުނިޔޭގެ ރަސްކަލެއްގެ މެހެމާންދާރީ މިހާ ފުރިހަމަވާއިރު، ރަސްރަސްކަލުންގެ ރަސްވަންތަ އިލާހުގެ މެހެމާންދާރީ އަދި ކިހާ ފުރިހަމަ ވާނެބާއޭ” ހިތަށް އެރި.
– މޭޒުމަތީގައި އިޙުރާމު ބާއްވާފައި އޮތް.
-އަތުގައި އަޅާފައި އޮތް ބޭންޑު ކަނެކްޓް ނުކުރިޔަސް އެންމެ ރަނގަޅުކަމަށް ބުނި، އެއީ ކަރަންޓީންގައި ތިބިކަން ޔަޤީންކުރުމަށް ކަނެކްޓްކުރުވި އެއްޗެއްކަމުގައި ބުނި.
26 ޖުލައި 2020 (٥ ذي الحجة ١٤٤١) އާދިއްތަ
•••••••••••••••••••••••••••••••••••••
– މިފަހަރު ޙައްޖަށް ދާ ދިވެހި 5 ކުދިން އެކަކު އަނެއްކަކަށް ތަޢާރަފްވެ ދިމާވެލަން ޒޫމް އިން ބައްދަލުވުމެއް ބޭއްވި.
– އަދި ޙައްޖާއި ބެހޭ ވާހަކަތައް ދައްކަން އަދިވެސް ބައްދަލުވުމެއް ބާއްވާނެކަމަށް ބުނި.
27 ޖުލައި 2020 (٦ ذي الحجة ١٤٤١) ހޯމަ
•••••••••••••••••••••••••••••••••••••
– ޞިއްޙީ އެހީތެރިޔަކު މިރޭ ކޮވިޑް19 އަށް ސާމްޕަލް ނަގަން އައި.
– މިއަދު ހަވީރު وزارة الصحة ގެ ފަރާތުން ޙައްޖުގައި ސަމާލުކަންދޭންވީ ކަންކަމާއި ބެހޭގޮތުން ޒޫމް އިން ބައްދަކުވުމެއް ބޭއްވި، މާސްކު އެޅުމަށާއި ގައިދުރުކުރުމަށާއި ހޭންޑް ސެނެޓައިޒާ ބޭނުން ކޮށް، ގިނައިން އަތް ދޮވުމަށް ނަޞޭޙަތްތެރިވި.
– މިރޭ العربية ނޫސް ޗެނަލުން ގެނެސްދިން ޕްރޮގްރާމެއްގައި ޙައްޖުގައި މީހުން ތިބޭނެގޮތް ދައްކައިދިން. މީހުން ތިބޭނީ ގުރޫޕުތަކަށް ބަހާފައި ކަމަށާއި މިނާގައާއި ޢަރަފާތުގައާއި ޠަވާފުކުރާއިރު އަދި ހިލައުކާއިރުވެސް އެންމެން ތިބޭނީ ދުރުދުރުގައި ކަމަށް ބުނި.
28 ޖުލައި 2020 (٧ ذي الحجة ١٤٤١) އަންގާރަ
•••••••••••••••••••••••••••••••••••••
– ދިވެހި ޙައްޖުވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ޒޫމްއިން ބޭއްވި، އަދި ޙައްޖާބެހޭ ކަންކަމުގައި ސުވާލުކޮށް މަޝްވަރާކުރެވުނު.
-ކޮވިޑް19އަށް ނެގެޓިވްކަމަށް ބުނެ މިރޭ وزارة الصحة އިން މެސެޖުކުރި، الحمد لله.
– މިރޭ 3 ޖަހާއިރު ހޭލައިގެން ތައްޔާރުވެގެން ތިބުމަށް އެންގި، އަދި ހޮޓަލުން މީޤާތަށް ދާނީ އިޙްރާމް އަޅައިގެން، ފޮށި ހިފައިގެން ކަމަށް އެންގި.
– ބަހުގައި އިންނަން ޖެހޭ ސީޓު އެންމެންނަށް އެންގި.
– މިނާއަށްގޮސް ހުންނަންޖެހޭ ރޫމުގެ ނަންބަރާއި ބެޑު ނަމްބަރުވެސް މެސެޖުކުރި.
29 ޖުލައި 2020 (٨ ذي الحجة ١٤٤١) ބުދަ
•••••••••••••••••••••••••••••••••••••
– ފަތިސް ނަމާދު ކުރިން އެމީހަކު އަރަން ހަމަޖެހިފައިވާ ބަހަށް ފޮށި އެރުވުމަށް އެންގި، ބަސްތައްވަނީ ޒޯންތަކަކަށް ބަހާފައި، އަޅުގަނޑު މިއީ ޒޯން 43.
– ބޭރަށް ނުކުންއިރު މުޅި މަގު ފުރެންދެން އެއްފަޅިއެއްގައި ކައިރިކައިރީގައި ވަރަށް ގިނަ ޕޮލިހުން ތިބި، އެތަކެއް ޕޮލިސް ވެހިކަލަކާއި އެންބިއުލެންސާއި އަދިވެސް އެހެން ކާރުތައް ޙަރަކާތްތެރިވަމުން ދިޔަ، މުޅި ސަރަޙައްދުގައި ވަނީ ނޫކުލައާއި ރަތްކުލައިގެ އަލި.
– ބަހުގައި ފޮށި ބަހައްޓާފައި ނަމާދުކޮށްގެން އަންނަން ބުނި.
– އަޅުގަނޑު އިންނަންޖެހޭ ގޮނޑީގައި އަޅުގަނޑުގެ ނަންހިއްޕާފައި ހުރި، އަދި އަޅުގަނޑުގެ ފޮޓޯއާއި ނަމާއި ޤައުމު ލިޔެފައިވާ، ކަރުގައި އަޅުވާގޮތަށް ހަދާފައިވާ ކާޑެއް އޮތް. އަދި މުޞައްލައަކާއި މާސްކާއި ސެނެޓެއިޒާ ފުޅިއަކާއި ކުޑައަކާއި މިސްވާކެއް ހިމެނޭ ކޮނޑުގައި އަޅުވާކަހަލަ ކޮތަޅެއް އޮތް، އަދި ބޮޑު ޓިޝޫ ބޮނޑިއަކާއި ބްރެކްފާސްޓު ހުރި.
– އެންމެން ތިބީ ދުރުދުރުގައި، ދިވެހި 5 ޙައްޖުވެރިން ތިބީ އެއްބަހެއްގައި.
– ޞިއްޙީ އެހީތެރިޔާ އައިސް ހުންބަލައި އިރުޝާދުތައް ދިން، އަދި ބަހުގެ މުޝްރިފުވެސް ނަޞޭޙަތްދީ ޙައްޖުގެ އަޅުކަން ފުރިހަމަ ގޮތުގައި ރަނގަޅަށް އަދާކުރުމަށް ނަސޭޙަތްތެރިވި، އަދި ސަޢުޔު ކުރާނީ ޠަވާފުލް ޤުދޫމާއި އެއްކޮއްކަމަށް ބުނި.
– ބަސްތައް ތަރުތީބުން ނައްޓާލީ މީޤާތާއި ދިމާލަށް، ޖުމްލަ 60 ވަރަކަށް ބަސް ހިމެނޭ.
– ބަސްތަކުގެ ކުރިންނާއި ފަހަތުން ޕޮލިސް ވެހިކަލްތައް އައި، ނޫސްވެރިންވެސް އައި.
– ހުރިހާ ބަސްތަކެއްގެ މުޝްރިފުން ވާހަކަދެއްކޭނެހެން ވޯކިޓޯކީއިން ވަނީ ގުޅާލާފައި.
– ބަހުގައި ހުރި ޓީވީއިން ޙައްޖުގެ އަޅުކަން އަދާކުރަން ޖެހޭ ގޮތް ދައްކަމުންދޭ.
– މީޤާތަށް (قرن المنازل) އަށް ދެވުމުން ނިޔަތްގަނެ ތަލްބިޔާ ކިޔުމަށް ބުނި.
– ބަހުގެ މުޝްރިފާއި ޞިއްޙީ އެހީތެރިޔާ އައިސް ތިބީ ޙައްޖުވާ ގޮތަކަށް ނޫން. އެމީހުން ތިބީ އަޅުގަނޑުމެންގެ ޚިދުމަތުގައި.
– މަސްޖިދުލް ޙަރާމަށް އާދެވުމުން ފާޚާނާއަށް ދާންބޭނުންވާ މީހުން ފޭބި، އެންމެންވެސް ތިބީ ދުރުދުރުގައި ސަފަކަށް އެތުރިގެން، ނިންމާފައި އައީ ބަހަށް.
– ތަރުތީބުން ފަހަރަކު ބަހެއްގެ މީހުން މިސްކިތަށް ވެއްދި.
– މިސްކިތުގައިވަނީ ރޮނގު ކުރަހާ، ބަސް ނަންބަރާއި ޒޯން ނަންބަރު ޖަހައިގެން ދާންޖެހޭ ގޮތް ލިޔެ ސްޓިކާ ހިއްޕާފައި، އަދި ޠަވާފުކުރާ ތަނަށް ދިޔުމުގެ ކުރިން، މިސްކިތުގައި މަޑުކޮށްގެން ތިބުމަށް ބުނި. މިސްކިތުގެ ފާރުތަކުގައިވެސް ވަނީ ޒޯން ނަންބަރު ޖަހާ ބޯޑުތައް ހިއްޕާފައި، އަދި މީހުން ތިބޭނޭ ތަންތަން ފާހަގަކޮށް ދުރުދުރުގައިވަނީ ސްޓިކާހިއްޕާފައި، ކޮންމެ ސްޓިކާއެއް ކައިރީގައިވެސް ޒަމްޒަމްފެން ބަހައްޓާފައި ހުރި، އަދި ފެން ބަހާ މީހުންވެސް އުޅޭ.
– ޠަވާފު ކުރާތަނަށް ގެންދަނީވެސް ބަސްތަކުގެ ތަރުތީބުން، ފަހަރަކު ބައެއް. ކޮންމެ ބަހެއްގެވެސް މުޝްރިފު ހުންނަނީ ބަސް ނަންބަރު އަންގައިދޭ ދިދައެއް ހިފައިގެން.
– ފުރަތަމަ ގެންދިޔައީ އަންހެން ބޭފުޅުން، އެއީ ކަޢުބާއާއި އެންމެ ކައިރިއަށް.
– ޠަވާފު ކުރާތަނުގަވެސް ބަސްތަކުގެ ނަންބަރުޖަހާ ސްޓިކާ ހިއްޕާފައިވަނީ.
– ކަޢުބާވަށާ 14 ބުރަށް މީހުން އެތުރިގެން ތިބި، އަޅުގަނޑު ހުރީ 13 ވަނަ ބުރުގައި.
– އެއްވެސް މީހަކަށް ކަޢުބާއާއި ކައިރިއަކަށް ނުދެވޭ، އަތެއްވެސް ނުލެވޭ، އެތަންވަނީ ބެރިކޭޑްޖަހާ ބަންދުކޮށްފައި.
– ޠަވާފުކުރަން ފެށީ އެންމެން އެއްކޮށް، އެންމެން ތިބީ ދުރުދުރުގައި، ސަފުގެ ކުރީގައި ދިދަ ހިފައިގެން މުޝްރިފު ހުރި.
– ޞިއްޙީ އެހީތެރިން ތިބީ ދެސަފު ދޭތެރޭގައި. އެމީހުންވެސް އަޅުގަނޑުމެންނާ އެކު ޠަވާފުކުރަމުން ދިޔަ.
– ޠަވާފުކުރީ ކުޑަ ނަގައިގެން، ނިމޭ މީހުން މަޤާމު އިބްރާހީމް ފަހަތުގައި ނަމާދުކުރޭ، އެތަނުގައިވެސް ދުރުދުރުގައި ސްޓިކާ ހިއްޕާފައި ހުރި.
– އަޅުގަނޑުމެން ނިމުންއިރު ވަރަށް ގިނަ މީހުން ނަމާދުކުރަން ތިބި، އެކި މީހުން މަޤާމު އިބްރާހީމް ފަހަތުގައި ނޫނަސް އެކި ފަރާތްތަކުގައި ނަމާދުކުރަން ތިބި، އަޅުގަނޑު ނަމާދު ކުރީ މަޤާމު އިބްރާހީމް ފަހަތުން ޖާގައެއް ލިބުމުން.
– ސަޢުޔުކުރަން ދިޔައިރުވެސްވަނީ ލައިންދަމާ ސްޓިކާ ހިއްޕާފައި ހުރި. ކުރީގައި ހުރީ މުޝްރިފު. ޞިއްޙީ އެހީތެރިން ކައިރީގައި އުޅޭ.
– ޞަފާ ފަރުބަދަ އަދި މަރުވާ ފަރުބަދަ ކައިރީގައިވެސް ގިނައިރު މަޑެއް ނުކުރެވޭ، މަޑުކޮށްފިއްޔާ ޕޮލިހުން އައިސް ދާންބުނޭ، ބައެއް މީހުން ކުޑަކޮށް މަޑުކުރޭ، އަޅުގަނޑުވެސް ދުޢާކުރަން ކުޑަކޮށް މަޑުކުރިން.
– ސަޢުޔުކޮށް ނިމިގެން މިސްކިތުން ނިކުތީވެސް ފަހަރަކު ބަޔަކު، ސަފުސަފަށް ދުރުދުރުގައި ތިބެގެން.
– ދެން ބަހަށް އަރައިގެން އައީ މިނާއަށް.
– މިނާގައި މަޑުކޮށްގެން ތިބީ އެތަނުގައި ހަދާފައި ހުންނަ ޢިމާރާތެއްގައި. އެތަނުގައި 6 ޢިމާރާތް ހުރި.
– އަޅުގަނޑު ހުރީ އެތަނުން 5 ވަނަ ޢިމާރާތުގެ 9 ވަނަ ފަންގިފިލާގައި.
– އަޅުގަނޑާއި އެކު އަޅުގަނޑުގެ ރޫމުގައި އިތުރު 3 މީހަކު ތިބި.
– ކޮންމެ މީހަކަށްވެސް އެނދަކާއި ބޮޑު ގޮނޑިއެއް ހުރި.
– އަޅުގަނޑު ހުންނަންޖެހޭ ތަނުގައި އަޅުގަނޑުގެ ނަންޖަހާފައިވޭ.
– ކޮންމެ މީހަކަށްވެސް ބިސްކޯދާއި ކޮފީއާއި ސައި ހުރި. އަދި މާސްކު ފޮއްޓަކާއި ޓިޝޫ ފޮއްޓަކާއި މުޞައްލައެއްވެސް ބާއްވާފައި އޮތް، އެންމެން ބޭނުންކުރަން ބޮޑު ސެނިޓައިޒާ ފުޅިއަކާއި ފެންކައްކާ ކުރައެއް ހުރި، އެއީ ވަރަށް ބޮޑު ރޫމެއް، ދެ ފާޚާނައާއި ޓީވިއަކާއި ސްޕީކަރެއް ހުރި، އެސްޕީކަރުން ހުރީ ތަކުބީރު ޖަހާފައި، އަދި އެތަނުގައި ފްރިޖެއް ހުރި، އެފްރިޖް ފުރެންދެން ހުރީ އެކިވައްތަރުގެ ޖޫހާއި ޔޯގަޓާއި ފެން އަޅާފައި،
– ކުޑަދޮރުން ބޭރު ބަލާލުމުން، މިނާގައި ހަދާފައިވާ ޓެންޓުތައް ވަރަށް ރީއްޗަށް މަތިން ފެނޭ.
– وزارة الثقافة ގެ ފަރާތުން ޙައްޖުވެރިންނަން ޓީވީން ޕޮރޮގްރާމުތައް ގެނެސްދޭ، އެމީހުންވެސް ތިބީ މިތަނުން ޢިމާރާތެއްގައި.
– އެކިއެކި ސުވާލުކޮށް އިނާމު ހޯދާ ޕްރޮގްރާމުތައް ވެސް ކުރިޔަށްގެން ދިޔަ.
“Hajj Smart ID” -ކިޔާ އެޕްލިކޭޝަންއެއް ފޯނަށް އަޅަން ބުނި، އެ އެޕްލިކޭޝްނުން ޙައްޖުގެ ކަންކަމުގެ މަޢުލޫމާތު ބެލޭ، އަދި ދުވަހުގެ ޝެޑިއުލްއާއި މީލް އޯޑަރު ކުރެވެންވެސް ހުރޭ.
30 ޖުލައި 2020 (٩ ذي الحجة ١٤٤١) ބުރާސްފަތި
•••••••••••••••••••••••••••••••••••••
– 11 ޖެހުމުގެ ކުރިން ޢަރަފާތަށް ދިޔައިން.
– މަގުތަކުގައި ވަނީ ބަސްތައް ދާންޖެހޭ ގޮތުގެ ބޯޑުތައް ހަރުކޮށްފައި.
– ނަމިރާ މިސްކިތުގައި ވަނީ ޒޯންތައް އަންގައިދޭ ބޯޑުތައް ހަރުކޮށްފައި. މިސްކިތައް ވަނީ ސަފުސަފަށް.
– ސަފުސަފަށް ވާގޮތަށް ކާޕެޓު އަޅާ، ދުރުދުރުގައި ކޮންމެ މީހަކުވެސް އިށިއިންނާނެތަން ފާހަގަކޮށް ސްޓިކާ ހިއްޕާފައި ހުރި.
– ކޮންމެ މީހަކަށްވެސް ކޮތަޅެއް ބާއްވާފައި އޮތް، މިފަހަރުގެ ޙައްޖުގެ ލޯގޯ ޖަހާފައިވާ މުޞައްލައަކާއި މާސްކާއި ސެނެޓައިޒާ ފުޅިއެއް އެ ކޮތަޅުގައި އޮތް.
– ފާޚާނައަށް ދާން މިސްކިތުން ނުކުމެވެނީ ނަންނޯޓު ކޮށްފައި، އަލުން މިސްކިތަށް ވަނީމައި އެނަން ކަނޑާލާ، އެކަންތައް ކުރަން ތިބީވެސް ސިފައިން.
– ޞިއްޙީ އެހީތެރިން ދެ ސަފު ދެމެދުގައި ދިޔައީ ހިނގަމުން، މާސްކު އެޅުމަށާއި މާސްކު ބަދަލުކުރުމަށް ބުނި.
– ޚުޠުބާ އަޑުއަހާ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޤަޞްރުކޮށް ޖަމްޢުކޮށް ކުރުމަށްފަހު ދެން ދިޔައީ جبل الرحمة ކައިރީގައި ހަދާފައި ހުރި ޓެންޓުތަކަކަށް.
– ކޮންމެ ބަހަކަށްވެސް ޓެންޓެއްވާގޮތަށް މުޅި ސަރަހައްދުވަނީ ޒޯންތަކަށް ބަހާފައި. ޓެންޓުތައްވަނީ ހިޔާކޮށް، ބަންދުކޮށް އޭސީކޮށްފައި.
– ކޮންމެ މީހަކަށްވެސް އެނދަށް ބަދަލުކޮށްލެވޭ ގޮތަށް ހަދާފައިވާ ބޮޑު ގޮނޑިއެއް ހުރި، އަދި ކޮންމެ ގޮނޑިއެއްގައިވެސް އެމީހެއްގެ ނަންޖަހާފައި ހުރި، ކަރަންޓު ނެގޭގޮތަށް ކޮންމެ ގޮނޑިއެއްގައި ހުރި، ބާލީހަކާއި ރަޖައެއް އޮތް، ކޮންމެ ގޮނޑިއެއް ކައިރީގައި ކުނިއަޅާ ޑަސްޕިނަކާއި ކުޑަ މޭޒެއް ހުރި، އެ މޭޒުމަތީގައި ޓިޝޫ ފޮއްޓަކާއި، ސައި ގިރާނެ ތައްޓާއި ކޮފީއާއި ސައިޕެކެޓާއި ހަކުރާއި ސަމުސަލާއި ބިސްކޯދު ހިމެނޭ ޕްލާސްޓިކު ފޮއްޓެއް ހުރި، ހޫނުފެން ލިބެންހުރި، ޖޫހާއި ދަޅާއި ފެން އަޅާފައިވާ ބޮޑު ފްރިޖެއް ހުރި.
– ގޮނޑިތައް ބަހައްޓާފައި ހުރީ ދުރުދުރުގައި، މުޝްރިފަށާއި ޞިއްޙީ އެހީތެރިޔާއަށްވެސް ގޮނޑިހުރި، އެމީހުންވެސް ތިބީ އަޅުގަނޑުމެންނާ އެއްކޮށް.
– ދުޢާކުރުމުގައާއި ކެއުމާއި ނިދުމުގައި މީހުން އުޅުނު.
– ޢަޞުރު ފަހުން ސަފުސަފަށް ފަހަރަކު ޓެންޓަކުން މީހުން ނެރިގެން ގެންދިޔައީ جبل الرحمة އާއި ވަރަށް ކައިރިއަށް، އެތާހުރީ މިސްކިތުގައި އާންމުކޮށް އިށިއިނދެގެން ނަމާދުކުރާމީހުން ބޭނުންކުރާ ކަހަލަ ގޮނޑިތައް ބަހައްޓާފައި، އަދި އެތަން ވަނީ ޒޯނުތަކަށް ބަހާފައި، އެންމެން ތިބީ ދުރުދުރުގައި،
– ޤިބްލައަށް ކުރިމަތިލައިގެން ދުޢާކުރަން މުޝްރިފުން ދިޔައީ ނަޞޭޙަތްތެރިވަމުން، އަދި އެމީހުންވެސް ދިޔައީ ދުޢާކުރަމުން.
– އެސަރަޙައްދުގައި ފެނާއި ޖޫސް ލިބޭގޮތަށް މޭޒުތައް ހުރި.
– ބޭނުން މީހަކު ފަރުބަދައަށް އަރަން ދާންބުނި، އިރުއޮއްސެން ކައިރިވުމުން ފަރުބަދައިން ފައިބަންބުނި، އެންމެން އައިސް ބަސްތަކަށް އެރި.
– އިރުއޮއްސުމުން ބަސްތައް ނައްޓާލީ މުޒްދަލިފާއާއި ދިމާލަށް.
– މުޒްދަލިފައިގައިވެސް ހުރީ ޢަރަފާތުގައިވެސް ހުރިކަހަލަ އެނދަކަށް ބަދަލުކުރެވޭ ގޮތަށްހުރި ގޮނޑިތަކެއް، އަދި ބާލީހާއި ރަޖައާއި ކުރިން ޢަރަފާތުގައި ހުރި ގޮތަށް ހުރިހާ އެއްޗެއްވެސް ހުރި، ޒޯނުތަކަށް ބަހައި ކޮންމެ ތާކުވެސް ކުލަކުލައިން ދިއްލޭ ބޯޑު ހަރުކޮށްފައި ހުރި، ކޮންމެ ބަހެއްގެ މީހުންވެސް ތިބީ ވަކިން.
– އެތަން ހުރީ ހިޔާނުކޮށް.
– ކޮންމެ މީހަކަށްވެސް ބަންދުކޮށްފައި ހުރި ހިލަ ޕެކެޓެއް ދިން، އެޕެކެޓުގައި ވަރަށް ގިނަ ހިލަ ހުރި.
– ވުޞޫކޮށްގެން ދިޔައީ مسجد المشعر الحرام އަށް، މިސްކިތުގައި ވަނީ ކޮންމެ ބަހެއްގެ މީހުންވެސް ދާންޖެހޭ ގޮތް ލިޔެ ލައިންދަމާ ސްޓިކާ ހިއްޕާފައި، ޒޯންތަކުގެ ބޯޑުތައް ހިއްޕާފައި.
– މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ފަސްކޮށް ޖަމްޢު ޤަޞްރުކޮށް ކުރުމަށްފަހު މިސްކިތުން ނިކުންއިރު ވާރޭވެހޭ.
– މުޅި ސަރަޙައްދުގައި ސިފައިންނާއި ފުލުހުން ދިޔައީ ޙަރަކާތްތެރިވަމުން.
– ވާރެވެހޭތީވެ ބައެއް މީހުން ބަހަށް އެރި.
– އަޅުގަނޑުމެން ތިބީ ގޮނޑިތަކުގައި ކުޑައަޅައިގެން، ވިއްސާރަ ކުޑަކޮށް ތުނިކޮށްލުމުން ރޭގަނޑު ކެއީ.
– ޙައްޖާއި ޢުމުރާގެ ވަޒީރުވެސް އެތަނަން ވަޑައިގެންނެވި.
– އެނދަކަށް ބަދަލުކޮށްލީމައި ގޮދަޑީގެ އަނެއްފަރާތް އެހާ ބޮޑަށް ނުތެމޭތީ މަތީގައި ރަޖާއަޅާފައި ނިދީ، ދަންވަރު އަނެއްކާވެސް ވާރޭވެހޭތީވެ ހޭލެވުން، އެކަމަކު އޭރު އެހާ ބޯކޮށް ނުވެހޭ.
31 ޖުލައި 2020 (١٠ ذي الحجة ١٤٤١) ހުކުރު
•••••••••••••••••••••••••••••••••••••
– ދެން އެންމެންނަށް ފަތިސް ނަމާދަށް ގޮވި.
– ނަމާދު ނިންމާފައި ޛިކުރުކޮށް ދުޢާކުރުމަށް މުޝްރިފު ނަޞޭޙަތްދިން.
– އިރުއެރުމުން ދެން އައީ ބޮޑު ޖަމްރާއަށް ހިލައުކަން، ބަސްތައް ވަކިން ވަކިން ޖަމްރާ ކައިރިއަށް ދިޔައީ.
– ދުރުދުރުގައި ހުރުމަށް ޖަމްރާ ކައިރީގައި ސްޓިކާ ހިއްޕާފައިހުރީ.
– ޖަމްރާ ކައިރީގައިވެސް ސިފައިން ތިބި.
– އެއަށްފަހު ދިޔައީ ޠަވާފުލް އިފާޟާ ކުރަން މައްކާ ޙަރަމްފުޅަށް.
– ކުރިންވެސް ޙަރަމްފުޅަށް ގޮސް ޠަވާފުލް ޤުދޫމްގައި ކަންކަން ކުރިޔަށް ދިޔަގޮތަށް މިފަހަރުވެސް ކަންކަން ކުރިޔަށް ދިޔައީ.
– ދެން އައީ މިނާއަށް، ކުރިންވެސް ތިބި ބިލްޑިންގއަށް.
– ކޮންމެ ޢިމާރާތެއްގެވެސް ތިރީގައި ބޯކޮށާ ތަންތަން ހުރި، ދެން އެއްބަޔަކު ބޯބޭލި އަދި އަނެއްބަޔަކު ބޯކޮށި.
– ދެން އިޙްރާމްބާލާ ފެންވަރައިގެން ހެދުން ލީން.
– މިއަދާ ހަމަޔަށް ކޮންމެ ދުވަހަކުވެސް ދަތުރު ފެށުމުގެ ކުރިން ބަހުގައި އެންމެންގެވެސް ހުންބަލާ.
– ކޮންމެ ދުވަހަކުވެސް ގޫގުލް ފޯމް މެދުވެރިކޮށް ސުވާލެއްކުރޭ.
– އަޅުގަނޑުމެން ކޮޓަރީގައި އުޅޭ ދެމީހުންނަށް ގުރުއަތުން ހޮވިގެން އިނާމުދޭން މިއަދު މުޝްރިފު އައި، އިނާމަކަށް ލިބުނީ މިއަހަރުގެ ޙައްޖު ލޯގޯ ޖަހާފައިވާ ޕަވަރބޭންކެއް.
– މުޝްރިފު ޞިއްޙީ އެހީތެރިޔާއި އެއްކޮށް މިރޭވެސް އައި، އެއްވެސް ބައްޔެއް ނުވަތަ އުނދަގުލެއް ހުރިތޯ ސުވާލުކުރި، އަދި އެންމެންގެ ހުންބެލި.
1 އޯގަސްޓް 2020 (١١ ذي الحجة ١٤٤١) ހޮނިހިރު
•••••••••••••••••••••••••••••••••••••
– މެންދުރު ފަހު ދިޔައީ ޖަމްރާއަށް ހިލައުކަން، ސަފުސަފަށް ދުރުދުރުގައި ތިބެ ހިނގާފައި ދިޔައީ.
– އަޅުގަނޑުމެން ތިބޭ ޢިމާރާތުން ނުކުމެގެން 4 ނުވަތަ 5 ވަރަކަށް މިނެޓުން ދެވިއްޖެ ކުޑަ ޖަމްރާކައިރިއަށް.
– ސެކިޔުރިޓީ ބަލަހައްޓަން މަގުމަތީގަ އާއި ޖަމްރާތައް ކައިރީގައި ސިފައިން ތިބި.
– ޖަމްރާއާއި ކުޑަކޮށް ދުރުގައި ފުރަތަމަ ތިބީ، ހިލަ އުކަން ގެންދަނީ ފަހަރަކު ބަހެއްގެ ނުވަތަ ދެބަހުގެ މީހުން.
– ކުޑަ ޖަމްރާއާއި މެދު ޖަމްރާގެ ކައިރީގައި ދުޢާ ކުރަން ތިބެން ދުރުދުރުގައި ސްޓިކާ ހިއްޕާފައިހުރި.
– މިރޭވެސް ހަދިޔާ ލިބޭ ސުވާލުތަކެއް ޓީވީ މެދުވެރިކޮށް ކުރި.
– މާދެމާރޭ މަދީނާއަށް ފުރާ ފްލައިޓެއް ނެތުމުން، މަދީނާއަށް ދާނީ ބަހުގައި ކަމަށް ބުނި.
2 އޯގަސްޓް 2020 (١٢ ذي الحجة ١٤٤١) އާދިއްތަ
•••••••••••••••••••••••••••••••••••••
– މިއަދު މެންދުރުވުމުގެ ކުރިން ހިލައުކަން ދާން ނުކުތިން.
– އަޅުގަނޑުމެން ހިލައުކީ މެންދުރު ބަންގި ގޮވި ފަހުން.
– ހިލައުކުމުގައި ދެން ކަންތައްތައް ދިޔައީ ކުރިން ދުވަހެކޭވެސް އެއްގޮތަށް.
– ޠަވާފުލް ވަދާޢު ކުރުމަށްޓަކައި ޙަރަމްފުޅަށް ދިޔުމަށް މިނާއިން ނައްޓާލީ ޢަޞުރު ވަގުތުވީ ފަހުން، ޢަޞުރު ނަމާދުކުރީ ޖަމާޢަތް ހަދައިގެން މަސްޖިދުލް ޙަރާމްގައި.
– އޭގެ ފަހުން ޠަވާފުކުރީ، ކުރީގެ ޠަވާފުތަކެކޭވެސް އެއްގޮތަށް ޠަވާފުލް ވަދާޢުވެސް ކުރިޔަށް ދިޔައީ.
– އެއަށްފަހު، މިސްކިތުގައި ތިބީ.
– މަޣްރިބް ނަމާދު ކުރީ މިސްކިތުގައި ކުރެވޭ ޖަމާޢަތާ އެއްކޮށް.
– އޭގެ ފަހުން ޢިޝާނަމާދު ކުރީ ވަކިން ޖަމާޢަތް ހަދައިގެން.
– ދެން ބަހަށް އަރައިގެން އައީ ކުރިންވެސް ތިބި ފޯރޕޮއިންޓްސް ހޮޓެލް ކައިރިއަށް.
– މަދީނާއަށް ދާއިރު އަރަންޖެހޭ ބަސް އަޅުގަނޑަށް އެންގި.
– މަދީއަށްދާ ބަހަށް އަޅުގަނޑުގެ ހުރިހާ ސާމާނެއް ހިފައިގެން ބަދަލުވިން، އެބަހުގައިވެސް އަޅުގަނޑުމެންނާއި ޙަވާލުވެގެން މީހަކު ހުރި.
– ބަސްތައް އައީ ޤުބާ މިސްކިތް ކައިރިއަށް.
– ފަތިސްވުމުގެ ކުރިން ޖާމިޢާއަށް އާދެވުނު، ހަމަ އެބަހުގައި އައީ.
– ޙައްޖު ނިންމާފައިވެސް ކަރަންޓީންވާން ބުނެފައި ވާތީވެ، ޖާމިޢާގެ ފަސްވަނަ ސަކަނުގައި ކަރަންޓީނުވީން.
އަމާންކަމާއި ފުރިހަމަކަމާއެކު މިއަހަރުގެ ޙައްޖު ދަތުރު ނިންމާލެވުނީތީ ﷲ އަށް ޙަމްދުކުރަން.