-
ފަހު ނުކުތާ: އަހުލު ކިތާބީ އަންހެނަކާ ކައިވެނިކުރުމާއި الولاء والبراء އާ ހުރި ގުޅުން
އިސްވެ ބަޔާންވެ ދިޔަ ފަދައިން އަހުލު ކިތާބީ އަންހެނަކާ ކައިވެނިކުރުން އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިވިޔަސް ކޮންމެ ކަމެއްގައިވެސް އިސްކަންދެވި ތަބަޢަވާން ޖެހެނީ އިސްލާމީ އުޞޫލުތަކާއި ޝިޢާރުތަކަށެވެ. އަހުލު ކިތާބީ އަންހެނަކާ ކައިވެނިކުރުން ހުއްދަވެގެންވުމީ އެއްވެސް ޙާލަތެއްގައި އިސްލާމްދީނުގެ ބައެއް ކަންކަން އެއްކިބާ ކުރެވި ބާޠިލު ދީނެއްގެ އުޞޫލުތަކަށް ޖާގަދެވެން އޮތް ޙުއްޖަތެއް ނޫނެވެ. މިފަދަ ކޮންމެ ކަމެއްގައިވެސް ޝަރުޢީ ގޮތުން ފުރިހަމަ މިންގަނޑުތަކެއް ލައްވާފައިވެއެވެ.
މިގޮތުން الولاء والبراء، ﷲ އަށްޓަކައި ލޯބިވުމާއި ﷲ އަށްޓަކައި ނަފްރަތު ކުރުމުގައިވެސް ޞަރީޙަ ފުރިހަމަ މިންގަނޑެއް ވެއެވެ. ޖުމްލަގޮތަކަށް ބަލައިލާނަމަ، ލޯބި ދެ ބަޔަކަށް ބެހެއެވެ. އެއީ ޝަރުޢީ ލޯތްބާއި ޠަބީޢީ ލޯތްބެވެ. ޝަރުޢީ ލޯބީގެ ތެރޭގައި ލޯބިކުރުން ވާޖިބުވެގެންވާ ކަންކަމާއި، ޙަރާމްވެގެންވާ ކަންކަމާއި، ޝިރުކުގެ ތެރެއިންވާ ކަންކަން އެކުލެވެއެވެ. އަދި ޠަބީޢީ ލޯތްބަކީ އިންސާނާ ފިޠުރީ ގޮތުން އެކަންކަމަށް ލޯބިކުރާ ކަންކަމެވެ. އެ ފަދަ ލޯބީގެ މިސާލަކީ ފިނި ބުއިންތަކަށް ލޯބިކުރުން ފަދަ ނުވަތަ މުދަލަށް ލޯބި ކުރުންފަދަ ކަންކަމެވެ. އަދި އޭގެ ތެރޭގައި މައިންބަފައިން ދެކެ ލޯބިވުމާއި ދަރިންނާއި ތިމާގެ މީހުންދެކެވާ ލޯބި އެކުލެވިގެންވެއެވެ. މިފަދަ ލޯތްބަކީ އޭގެ ޒާތުގައި އެކަމަށް އަޖުރެއް އެކުލެވިގެންވާ ކަމެއް ނޫނެވެ. ނަމަވެސް ޠަބީޢީ ލޯބިވެސް މަތިވެރިކުރުމުގައި އިސްލާމް ދިނާއި، އެ ދީނުގެ ޝިޢާރުތަކާއި، ޝަރީޢަތަށް ވުރެ އިސްކަމެއް ދެވޭނަމަ އޭނާ ފާފަވެރިވާނެއެވެ. މީގެ މިސާލަކީ، މުދަލަށް ލޯބިކުރުމުގައި މުދަލުގެ އަޅަކަށްވެ، މުދާ ހޯދާ އެއްކުރުމުގައި ދީނުގެ މިންގަނޑެއް ބެލުމެއް ނެތި އުޅޭ އުޅުމެވެ. ނުވަތަ ﷲ تعالى އަށް ކިޔަމަންވުމަށް ވުރެ ތިމާގެ މައިންބަފައިންނަށް ނުވަތަ ލޯބިވާ އެކުވެރިންނަށް ކިޔަމަންތެރިވުން އިސްކުރެވުމެވެ. ނުވަތަ އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަމުންދާ ފަދައިން ﷲ تعالى ގެ އެންގެވުންތަކާ ޚިލާފުވިޔަސް ތިމާ ހިތްކިޔާ ޕާޓީގެ ނިންމުންތަކަށް ރުހި ޤަބޫލުވުން ފަދަ ކަންކަމެވެ.
ابن قيم رحمه الله ވިދާޅުވެފައިވެއެވެ.
“ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް الصحيح ގައި ޘާބިތުވެގެން އައިސްފައިވެއެވެ.
((لا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ)) [رواه مسلم برقم: 70 – (44)]
މާނައީ: “އެމީހެއްގެ ބައްޕައާއި ދަރިއާއި އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނުދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް (ފުރިހަމައަށް) އީމާންވީ ކަމުގައި ނުވެއެވެ.”
މި ޙަދީޘްގައި 3 ވައްތަރެއްގެ ލޯތްބެއް ޒިކުރު ކުރެވިފައި އެބަ ވެއެވެ. އެހެނީ ލޯތްބަކީ އެއް ގޮތަކުންނަމަ، ތިމާގެ ބައްޕައަށް ކުރާ ލޯބި ފަދައިން، ތިމާ އެމީހަކަށް ކުރާ ޤަދަރަކާއި ޢިއްޒަތެއްގެ ސަބަބުން ވެވޭ ލޯތްބެވެ. ނުވަތަ ދަރިއަށް އޮންނަ ފަދައިން ކުލުނާއި ރަޙުމުގެ މައްޗައް ބިނާވެގެންވާ އެއްޗެކެވެ. ނުވަތަ އިންސާނުންގެ މެދުގައި އޮންނަ ހިތްހެޔޮކަންފަދަ ރިވެތި ސިފަތަކުގެ ފުރިހަމަކަމަށް ބިނާވެގެން އެއްބަޔަކު އަނެއްބަޔަކާމެދު ވެވޭ ލޯތްބެވެ. މި ހުރިހާ ލޯތްބަކަށްވުރެ ބޮޑަށް ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމަށް ދާންދެން އޭނާގެ އީމާންކަން ފުރިހަމަވީ ކަމުގައި ނުވެއެވެ.”
[جلاء الأفهام ( 1 / 391 ، 392 )]
ދެމަފިރިންގެ ދެމެދުގައި އޮންނަ ލޯތްބަކީވެސް މިފަދަ ޠަބީޢީ ލޯތްބެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ މި މައުޟޫޢަށް މިކަމުން ފުރިހަމަ ޖަވާބެއް އެބަ ލިބެއެވެ. އެހެނީ ދެމަފިރިން ދެމެދު ޠަބީޢީ ގޮތުން އޮންނަ ލޯތްބެއްގެ ސަބަބުން އެ އަންހެނާއާ މެދު ޝަރުޢީ ލޯތްބެއް އޮތުން ލާޒިމެއް ނުކުރެއެވެ. އޭނާ ތަބަޢަވަނީ ބާޠިލު ދީނަކަށްކަމުން އެ ދީނަށް ނަފުރަތުކޮށް ނުރުހުންތެރިވުމާ އެކުވެސް އެއީ ތިމާގެ އަނބިމީހާއަށް ވީތީ އަނބިމީހާގެ ހައިސިއްޔަތުން ލޯބިވެވިދާނެއެވެ. އިންސާނާ އޭނާގެ ޠަބިއްޔަތުގައިވެސް އޭނާގެ މައިންބަފައިންނާއި ދަރިންނާއި އަނބިންދެކެ ލޯބިވުން ލައްވާފައިވުމާއެކުވެސް، ޢާއިލީ ގޮތުން ކިތަންމެ ގާތް މީހަކަށް ވިޔަސް އިސްލާމްދީނާއި ޢަދާވާތްތެރި ޙަރުބީ ކާފަރުންނަށް ލޯބިކުރުން ވަނީ ނަޙީކުރައްވާފައެވެ.
ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
﴿لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَـٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَـٰئِكَ حِزْبُ اللَّـهِ ۚ أَلَا إِنَّ حِزْبَ اللَّـهِ هُمُ الْمُفْلِحُونَ﴾ [سورة المجادلة 22]
މާނައީ: “ﷲ އާއި، އާޚިރަތްދުވަހަށް އީމާންވާ މީހުންނީ، ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކު ކަމުގައިވާތީ ތިބާ ނުދެކޭނެއެވެ. އެއުރެންނީ، އެބައިމީހުންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިންކަމުގައިވިޔަސް، ނުވަތަ އަޚުންކަމުގައިވިޔަސް، ނުވަތަ ގާތްތިމާގެ މީހުންކަމުގައިވީ ނަމަވެސްމެއެވެ. އެބައިމީހުންނީ، އެބައިމީހުންގެ ހިތްތަކުގައި އެ އިލާހުގެ އީމާންކަން ލިޔުއްވިމީހުންނެވެ. އަދި އެ އިލާހުގެ ޙަޟްރަތުން ލިބިގެންވާ ރޫހަކުން، އެބައިމީހުނަށް ގަދަކަން ދެއްވި މީހުނެވެ. އަދި އެތާނުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެ އިލާހު އެބައިމީހުން ވައްދަވާނެއެވެ. އެތާންގައި އެބައިމީހުން ދެމިތިބެނިވި ގޮތުގައެވެ. ﷲ އެބައިމީހުނަށް ރުއްސެވިއެވެ. އަދި އެބައިމީހުން އެ އިލާހާމެދު ރުހިގެންވެއެވެ. އެބައިމީހުންނީ ﷲ ގެ ޖަމާޢަތެވެ. ހަމަކަށަވަރުން، ﷲ ގެ ޖަމާޢަތުގެ މީހުންނީ ފަލާޙުލިބިގެންވާ މީހުންނެވެ.”
އަދި ހަމަ އެހެންމެ، މީހަކަށް ކުޅަދާނަވެގެންނުވާ ވަރުގެ ތަކުލީފެއް ނުޖެއްސެވުމަކީ ޝަރުޢީ ޤަވާއިދުތަކުގެ ތެރެއިން ޤަވާއިދެކެވެ. އެހެންކަމުން ޠަބީޢީ ގޮތުން ވެވޭ ލޯތްބާއި ދީނީ ގޮތުން ޝަރުޢު ކުރައްވާފައިވާ ލޯބި ފަރަޤުކޮށް ތަފާތު ކުރެވިދާނެއެވެ. އެފަދައިން ލޯބި މިންކުރުމަށް އިންސާނުންނަށް ކުޅަދާނަވެގެންވާނެއެވެ.
މިގޮތުން އިބްރާހީމް عليه السلام އާއި އެކަލޭގެފާނަށް ތަބަޢަވީ މުއުމިނުންގެ މިސާލަށް ބަލާލަމާ ހިނގާށެވެ. އެކަލޭގެފާނާއި އެކަލޭގެފާނާއެކު އީމާންވެ ތިބި މީހުން، ﷲ އަށް ކާފަރުވެ އުރެދުންތެރިވި މީހުންނަށް ނުރުހުންތެރިވިއެވެ. އެ ކާފަރުވީ މީހުންނީ އެބައިމީހުންގެ ގާތްތިމާގެ މީހުންނަށް ވީތީ، އެ ދެމެދު އޮތް ޠަބީޢީ ލޯތްބާ އެކުވެސް، އެއްކައުވަންތަ އިލާހަށް އުރެދި، ޝިރުކުގެ މަތީ ދެމި ތިބުމުން އެ މީހުންނާމެދު ނުރުހުންތެރިވިއެވެ. ސެކިއުލަރ ވިސްނުމުގެ އަހުލުވެރިން ފަތުރާ ފަދައިން “ޓޮލަރެންސް” ގެ ނަމުގައި، ޝިރުކުގެ އަމަލުތަކަށްވެސް ޖާގަދެވެން ޖެހޭނެކަމުގައި ދެކި، ރުހިގެން ތިބިއްޔަކީ ނޫނެވެ.
އެކަމަށް މިސާލު ޖައްސަވާ ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
﴿ قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّـهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّـهِ وَحْدَهُ ﴾ [سورة الممتحنة 4]
މާނައީ: “އިބްރާހީމްގެފާނާއި، އަދި އެކަލޭގެފާނާ އެކުގައިވީ މީހުންގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވާކަން ކަށަވަރެވެ. އެއީ އެއުރެން، އެއުރެންގެ ޤައުމަށް ބުނި ހިނދެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނާއި، ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރިއްޔަވެގެންވަމެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން އިންކާރު ކުރަމެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދައްޓަކާ ފާޅުވެފައެވެ. އެއްކައުވަންތަ ﷲ އަށް ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެނެވެ.”
ހަމަ އެފަދައިން، އަޅުގަނޑުމެންގެ ނަބިއްޔާ صل الله عليه وسلم، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބު ދެކެ ލޯބިވެލެއްވިކަން ﷲ تعالى ގެ ވަޙީބަސްފުޅުން ސާބިތުވެއެވެ. އެއީ އަބޫ ޠާލިބު ކާފަރުކަންމަތީ ދެމިހުރުމުންވެސް މެއެވެ.
الشيخ صالح الفوزان – حفظه الله – ވިދާޅުވެފައިވެއެވެ.
“އަބޫ ޠާލިބުއާ ގުޅޭ ގޮތުން ﷲ تعالى ވަޙީ ބާއްވާލައްވާފައިވެއެވެ.
﴿ إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ ﴾ [سورة القصص 56]
(إِنَّكَ) (ހަމަކަށަވަރުން ކަލޭގެފާނަށް) އެބަހީ ރަސޫލާއަށް،
(لَا تَهْدِي) ހިދާޔަތް ނުދެއްކެވޭނެއެވެ.
(مَنْ أَحْبَبْتَ) (ކަލޭގެފާނު ލޯބިވެވަޑައިގަންނަވާހާ މީހަކަށް) އެބަހީ: ގާތްތިމާގެ މީހުންނާއި އަދި ބޮޑުބޭބެ ހިމެނޭހެން ލޯބިވެވަޑައިގަންނަވާ މީހުންނެވެ.
މިތަނުގައި ލޯބީގެ މުރާދަކީ ޠަބީޢީ ލޯތްބެވެ. ޝަރުޢީ ލޯތްބެއް ނޫނެވެ. ތިމާއާ އެންމެ ގާތްތިމާގެ މީހުންގެ ތެރެއިން މީހެއް ނަމަވެސް، މުޝްރިކަކާމެދު ޝަރުޢީ ލޯބި ބޭއްވުން ހުއްދަވެގެން ނުވެއެވެ. ﷲ تعالى ވަޙިކުރައްވާފައިވެއެވެ.
﴿لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ﴾ [سورة المجادلة 22]
މާނައީ: “ﷲ އާއި، އާޚިރަތްދުވަހަށް އީމާންވާ މީހުންނީ، ﷲ އާއި އެ އިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކު ކަމުގައިވާތީ ތިބާ ނުދެކޭނެއެވެ. އެއުރެންނީ، އެބައިމީހުންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިންކަމުގައިވިޔަސް، ނުވަތަ އަޚުންކަމުގައިވިޔަސް، ނުވަތަ ގާތްތިމާގެ މީހުންކަމުގައިވީ ނަމަވެސްމެއެވެ.”
އެހެންކަމުން ޝަރުޢީ ލޯބިވުން ހުއްދަވެގެން ނުވެއެވެ. އަދި ޠަބީޢީ ލޯބި ދީނީ ކަންކަމުގެ ތެރޭގައި ހިމެނިގެން ނުވެއެވެ.”
[إعانة المستفيد بشرح كتاب التوحيد ( 1 / 356 )]
الشيخ عبد الرحمن البرَّاك – حفظه الله – މި މައްސަލައާ ގުޅޭގޮތުން ދެއްވާފައިވާ ޝާމިލު ޖަވާބެއްގައި ވިދާޅުވެފައިވެއެވެ.
“ލޯބި ބެހިގެންވަނީ ދެބަޔަށެވެ. (ފުރަތަމަ ބަޔަކީ) އިންސާނާ އޭނާގެ އަނބިމީހާއާއި، ބައްޕައާއި، ދަރިއާއި، މުދާދެކެވާ ލޯބި ފަދަ، ޠަބީޢީ ލޯތްބެވެ. ﷲ تعالى އެކަން ޒިކުރު ކުރައްވާ ވަޙީކުރައްވާފައިވެއެވެ.
﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴾ [سورة الروم 21]
މާނައީ: “ތިޔަބައިމީހުންނަށްޓަކައި، ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެ އިލާހުގެ ކުޅަދުންވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”
އަދި (ދެވަނަ ބަޔަކީ) ﷲ އާއި އެ އިލާހުގެ ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުމާއި ޢަމަލުތަކާއި ބަސްތަކާއި މީސްތަކުންގެ ތެރެއިން އެ ބަޔެއްދެކެ ﷲ އާއި އެ އިލާހުގެ ރަސޫލާ صلى الله عليه وسلم ލޯބި ކުރެއްވި ކަންކަންދެކެ ލޯބިވުންފަދަ، ޝަރުޢީ ލޯތްބެވެ.
ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
﴿فَسَوْفَ يَأْتِي اللَّـهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ﴾ [سورة المائدة 54]
މާނައީ: “ފަހެ އެ އިލާހު އެބަޔަކު ދެކެ ލޯބޮވެވޮޑިގެންވާ އަދި އެބަޔަކު އެ އިލާހުދެކެ ލޯބިވާ ބަޔަކު ﷲ ގެންނަވާނެތެވެ.”
އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވެވިއެވެ.
((مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ…)) [رواه مسلم برقم: 66 – (2586)]
މާނައީ: “އެއް މުއުމިނަކު އަނެއް މުއުމިނަކަށް ކަމޭހިތުމާއި، އޯގާތެރިވުމާއި، އަޅައިލުމުގައި، އެބައިމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ.”
އަދި މިއިން އެއް ވައްތަރެއްގެ ލޯބިވުމަކީ އަނެއް ވައްތަރުގެ ލޯބިވުމަށް ލާޒިމުކުރާ ކަމެއް ނޫނެވެ. މާނައަކީ: ދީނީގޮތުން ނުރުހުންތެރިކަމެއް އޮތުމާއެކުވެސް ޠަބީޢީގޮތުން ލޯތްބެއް މީހަކާމެދު އޮވެދާނެއެވެ. މިސާލަކަށް މުޝްރިކު މައިންބަފައިންނާމެދު އޮންނަ ލޯތްބެވެ. ހަމަކަށަވަރުން ﷲ އަށްޓަކާ އެމީހުންނާމެދު ނުރުހުންތެރިވާން ޖެހެއެވެ. ނަމަވެސް އެއީ އެމީހުންނާމެދު ޠަބީޢީ ގޮތުން އޮންނަ ލޯބި ނަފީވާކަމެއް ނޫނެވެ. އެހެނީ އިންސާނާ ހައްދަވާފައިވަނީ އޭނާގެ މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާމެދު ލޯބި އުފެދޭ ފަދައިންނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم، އެކަލޭގެފާނުގެ ގާތްތިމާގެ މީހުންގެ ތެރެއިން އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު ދެކެ ލޯބިވެލެއްވި ފަދައިންނެވެ. ބޮޑުބޭބޭފުޅު ކާފަރުކަންމަތީ ހުރުމާއެކުވެސްމެވެ. ﷲ تعالى ވަޙީކުރެއްވެވިއެވެ.
﴿إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ﴾ [سورة القصص 56]
މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނު ލޯބިވެވަޑައިގަންނަވާހާ މީހަކަށް ކަލޭގެފާނަކަށް ހިދާޔަތެއް ނުދެއްކެވޭނެއެވެ. އެހެނެއްކަމަކު ﷲ، އެ އިލާހު އިރާދަކުރެއްވި އަޅަކަށް ހިދާޔަތް ދައްކަވައެވެ.”
މީގެ އަނެއް މިސާލަކީ: އަހުލު ކިތާބީ އަނބިމީހާއާމެދު އޮންނަ ލޯތްބެވެ. އެހެނީ ހަމަކަށަވަރުން، ޝަރުޢީ ގޮތުން އޭނާގެ ކުފުރަށް ނުރުހުންތެރިވުން ލާޒިމުވެގެން ވެއެވެ. އަދި އެކަމުގެ ސަބަބުން ފިރިމީހާ އާއި އަނބިމީހާއާ ދެމެދު އޮންނަ ލޯބިން ލޯބިވުން މަނާވެގެން ނުވެއެވެ. އެހެންކަމުން އެއް ގޮތަކުން އޭނާދެކެ ލޯބިވެވޭ ހިނދު އަނެއް ގޮތަކުން އޭނާއާ ނުރުހުންތެރި ވެއެވެ. މިފަދަ މިސާލުތައް ބައިވަރެވެ. އަދި ބައެއް ޙާލަތްތަކުގައި ޠަބީޢީ ގޮތުން ނުރުހުންތެރިވެވޭ ކަމެއްގައި ޝަރުޢީ ގޮތުން ލޯބިވުން ޖަމަޢަކުރެވޭ ޙާލަތްތައްވެސް އާދެއެވެ. އޭގެ މިސާލަކީ ޖިހާދެވެ. ޠަބީޢީގޮތުން ފަހަރުގައި އެކަމާ ނުރުހުންތެރި ވެދާނެއެވެ. ނަމަވެސް ﷲ تعالى އެކަމަށް އަމުރުކުރައްވާފައިވާތީއާއި، ދުނިޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން އެކަމުގައި ހުރި ފައިދާތަކާއި ހެޔޮ ނަތީޖާގެ ސަބަބުން އެކަމަށް ލޯބިކުރެވެއެވެ. ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
﴿كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ﴾ [سورة البقرة 216]
މާނައީ: “ހަނގުރާމަކުރުން (ޖިހާދުކުރުން) ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފިއެވެ. އެއީ އެކަމަކީ ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއްކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމެއް ކަމުގައި ވެދާނެއެވެ.”
މީގެ އިތުރު މިސާލަކީ: މުސްލިމަކު، އޭނާއަށް އަނިޔާވެރިވެފައިވާ މުސްލިމު އަޚާއަށްވާ ލޯތްބެވެ. އެހެނީ ހަމަކަށަވަރުން ﷲ އަށްޓަކާ އެ އަޚާދެކެ ލޯބިވެއެވެ. ނަމަވެސް އޭނާއަށް ވެފައިވާ އަނިޔާގެ ސަބަބުން ނުރުހުންތެރިވެއެވެ. އަދި އެހެނެއްކަމަކު، ޠަބީޢީ ގޮތުން ވެވޭ ލޯތްބާއި، ޠަބީޢީ ގޮތުން ވެވޭ ނުރުހުންތެރިކަންވެސް އެއްކަމެއްގައި ޖަމަޢަވެދާނެވެ. އޭގެ މިސާލަކީ ހިތިބޭހެވެ. ބަލިމީހާ އެ ބޭހުގެ ހިތިކަމުން އެއަށް ނުރުހުންތެރިވެދާނެއެވެ. ނަމަވެސް އެއިން ލިބިދޭނެކަމަށް އުންމީދު ކުރާ ފައިދާތަކުގެ ސަބަބުން އެ ބޭނުންކުރެއެވެ.
ހަމަ އެފަދައިން ޝަރުޢީ ގޮތުންވެވޭ ލޯތްބާއި ޝަރުޢީގޮތުން ވެވޭ ނުރުހުންތެރިކަންވެސް ޖަމަޢަވެދާނެއެވެ. އޭގެ މިސާލަކީ ފާސިޤު މުސްލިމެއްގެ މިސާލެވެ. ފަހެ، އީމާންތެރިކަން އޭނާގެ ކިބައިގައި ހުރި މިންވަރަކަށްޓަކާ އޭނާދެކެ ލޯބިވެއެވެ. އަދި އޭނާ ކުރާ ފާފަތަކަށްޓަކާ އޭނާ ދެކެ ނުރުހުންތެރިވެއެވެ.
ބުއްދިވެރިއަކީ އޭނާގެ ލޯބިވުމާއި ނުރުހުންތެރިވުމަށް ޝަރުޢީ މިންގަނޑުން ޙުކުމުކޮށް ހަވާނަފުސުގެ އެދުންތަކުން އެއްކިބާވެ ހުންނަ މީހާއެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ.”
https://ar.islamway.net/fatwa/37773
والله أعلم.
= ނިމުނީ =