35- ބަލިތަކުން ރައްކާތެރިވުމަށް ފިތުރަތުގެ ސާފުތާހިރުކަމުގެ ތެރެއިން ހިމެނިގެންވާ ކަންތަކަށް ފަރުވާތެރިވުން
عن عائشة رضي الله عنها قالت: قال رسول الله صلى الله عليه وسلم : ”عَشْرٌ مِنَ الْفِطْرَةِ: قَصُّ الشَّارِبِ، وَإِعْفَاءُ اللِّحْيَةِ، وَالسِّوَاكُ، وَاسْتِنْشَاقُ الْمَاءِ، وَقَصُّ الْأَظْفَارِ، وَغَسْلُ الْبَرَاجِمِ، وَنَتْفُ الْإِبِطِ، وَحَلْقُ الْعَانَةِ، وَانْتِقَاصُ المَاءِ ” [1]
މާނައީ: ޢާއިޝާ رضى الله عنها ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ”ދިހަކަމެއް ވަނީ ފިޠުރަތުގެ ތެރެއިންނެވެ. (އެއީ) މަތިމަސްކުރުކުރުމާއި، ތުނބުޅި ދޫކޮށްލުމާއި، ދަތްއުނގުޅުމާއި، ނޭފަތަށް ފެންލުމާއި، ނިޔަފަތި ކެނޑުމާއި އިނގިލީގެ ހުޅުތަށް ރީއްޗަށް ދޮވެ ސާފުކުރުމާއި ކިހިލިފަތީގެ އިސްތަށިތައް އުފުރުމާއި، ލަދުވެތި ގުނަވަނުގެ އިސްތަށިތައް ބޭލުމާ އަދި ފާހާނާކޮށްގެން ފެނުން އިސްތިންޖާކުރުމެވެ.”
36- ތެލިތަށީގެ މަތިޖެހުމާއި ފެންކަންވާރު ނުވަތަ ފުޅިފަދަ ތަކެތީގެ މަތި ބާރުކުރުން
عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما قال: قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: “ غَطُّوا الإِنَاءَ وَأَوْكُوا السِّقَاءَ فَإِنَّ فِي السَّنَةِ لَيْلَةً يَنْزِلُ فِيهَا وَبَاءٌ لاَ يَمُرُّ بِإِنَاءٍ لَيْسَ عَلَيْهِ غِطَاءٌ أَوْ سِقَاءٍ لَيْسَ عَلَيْهِ وِكَاءٌ إِلاَّ نَزَلَ فِيهِ مِنْ ذَلِكَ الْوَبَاءِ ” [2]
މާނައީ: ޖާބިރު ބިން ޢަބްދި ﷲ رضى الله عنهما ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު ތިމަން އެހީމެވެ. “ތިޔަބައިމީހުން ތެލިތަށީގެ މަތިޖަހާށެވެ. އަދި ފެންކަންވާރުގެ މަތި ބާރުކުރާށެވެ. ހަމަކަށަވަރުން އަހަރުގެ ރޭތަކުގެ ތެރެއިން ރެޔެއްގައި ވަބާއެއް ފައިބައެވެ. އެ ތެލިތަށީގައި މަތިޖަހާފައި ނުވާ ތެލިތައްޓަށް ނުވަތަ އޭގެ މަތިބާރުކޮށްފައި ނުވާ ފެންކަންވާރަކަށް އެވަބާ ނުފައިބާ ނުދާނެއެވެ.”
وعنه رضي الله عنه قال: قَالَ رَسُولُ اللَّهِ صلى الله عليه وسلم: “إِذَا كَانَ جُنْحُ اللَّيْلِ – أَوْ أَمْسَيْتُمْ – فَكُفُّوا صِبْيَانَكُمْ فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ فَإِذَا ذَهَبَ سَاعَةٌ مِنَ اللَّيْلِ فَخَلُّوهُمْ وَأَغْلِقُوا الأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا وَأَطْفِئُوا مَصَابِيحَكُمْ.” [3]
މާނައީ: އަދިވެސް ޖާބިރު رضى الله عنه ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”އިރުއޮއްސޭ ވަގުތު ވުމުން ތިޔަބައިމީހުންގެ ކުޑަކުދިން ބޭރަށް ނިކުތިޔަ ނުދީ ހިފައްޓާށެވެ. އެހެނީ ހަމަކަށަވަރުން ޝައިތާނުންތައް ފެތުރިގަންނަނީ އެވަގުތުގައެވެ. ފަހެ ރޭގަނޑުން ބަޔެއް ގޮއްސިކަމުގައި ވާނަމަ އެކުދިން ދޫކޮށްލާށެވެ. އަދި ދޮރުތައް ލައްޕާށެވެ. އަދި ﷲ ގެ އިސްމުފުޅު ޒިކުރުކުރާށެވެ. [4] އެހެނީ ހަމަކަށަވަރުން ލައްޕާފައިވާ ދޮރެއް ޝައިތާނާ ނުހުޅުވާނެތެވެ. އަދި ﷲ ގެ އިސްމުފުޅު ޒިކުރުކުރުމާއި އެކު ފެންފުޅި ކަންވާރުފަދަ ތަކެތީގެ މަތިބާރުކުރާށެވެ. އަދި ތެލިތަށީގެ މަތިޖަހާށެވެ. އެއްޗެއް އޭގެ މަތީގައި ބާއްވައިގެން ކަމުގައިވިޔަސްމެއެވެ. އަދި ފުޅިބައްތިތައް ނިވާލާށެވެ.”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] رواه المسلم: (261)
[2] رواه المسلم (2014)
[3] متفق عليه
[4] މުރާދަކީ ބިސްމި ކިޔުމެވެ. ބިސްމި ކިޔާފައި ދޮރު ލައްޕައިފިނަމަ، އެ ދޮރެއް ޝައިތާނާއަށް ނުހުޅުވޭނެއެވެ.