37- ހެޔޮފޯރުކޮށްދިނުމުގެ ސަބަބުން ގެއްލުމާއި ހަލާކުން މީހާ ސަލާމަތްވޭ
فعن أنس بن مالك رضي الله عنه قال: (المَعْرُوفُ إِلَى النَّاسِ يَقِي صَاحِبَهَا مَصَارِعَ السُّوءِ، وَالْآفَاتِ، وَالْهَلَكَاتِ، وَأَهْلُ الْمَعْرُوفِ فِي الدُّنْيَا هُمْ أَهْلُ الْمَعْرُوفِ فِي الْآخِرَةِ ) [1]
މާނައީ: އަނަސް ބިން މާލިކު رضى الله عنه ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ، ”ހެޔޮފޯރުކޮށްދިނުމުގެ ސަބަބުން ގެއްލުމާއި ހަލާކުން މީހާ ސަލާމަތްވެދެތެވެ. ދުނިޔޭގައި ހެޔޮފޯރުކޮށްދޭ މީހުންވާނީ އާޚިރަތުގެ ހެޔޮލިބޭނޭ މީހުންކަމުގައެވެ.”
38- ޞަދަޤާތަކީ ބަލާއާއި މުޞީބާތް ދުރުކޮށްދޭ ސަބަބެއް
قال النبي صلى الله عليه وسلم : (وَالصَّدَقَةُ خَفِيًّا تُطْفِئُ غَضَبَ الرَّبِّ) [2]
މާނައީ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ސިއްރުން ކުރާ ޞަދަޤާތް، ރައްބުގެ ކޯފާ ނިވާލައެވެ.”
އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
وقال صلى الله عليه وسلم : (دَاوُوا مَرْضَاكُمْ بِالصَّدَقَةِ) [3]
މާނައީ: ”ތިޔަބައީމިހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާކުރާށެވެ.”
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ. [4] ‘‘ޞަދާޤާތްކުރުމުގައި އެތަކެއް ފައިދާތަކާއި މަންފާތަކެއް އެކުލެވިގެންވެއެވެ. އެހުރިހާކަމެއް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވެއެވެ. އޭގެ ތެރޭގައި ގެއްލުމާއި ހަލާކުން ސަލާމަތްވުމާއި، އަނިޔާވެރިޔާގެ އަނިޔާފަދަ ބަލާ މުސީބާތްތަކުން ދުރުކުރެއްވުން ހިމެނެއެވެ. އޭގެ އިތުރަށް ފާފަފުއްސެވުމާއި މުދާ ރައްކާތެރިކޮށްދެއްވުމާއި ރިޒްޤު ތަނަވަސްކޮށް ދެއްވުމާއި ހިތް އުފާކޮށްދެއްވެވުމާއި ﷲ އާއި މެދުގައި އޮންނަ ޔަޤީންކަން އިތުރުވެ އެކަލާނގެއާއި މެދުގައި ހެޔޮކޮށް ވިސްނުމުގެ ތައުފީޤު ދެއްވުން ހިމެނެއެވެ.”
39- ޙަރާމް އަދި ފާސިދު ނުބައި އެއްޗެހި ކެއުމުން ދުރުހެލިވުން
﴿حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّـهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَن تَسْتَقْسِمُوا بِالْأَزْلَامِ ۚ ذَٰلِكُمْ فِسْقٌ﴾ [5]
މާނައީ: ”މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އޫރުމަހާއި، اللَّه ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުންޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް حرام ކުރައްވާފައިވެއެވެ. (މިތަކެތީގެ ތެރެއިން ފުރާނަހުއްޓައި އެއެއްޗެއް އަތުޖެހި شرعى ހަމައިގެ މަތިން) ތިޔަބައިމީހުން ކަތިލި އެއްޗެއް މެނުވީއެވެ. އަދި ބުދުތަކުގެ ނަންމައްޗަށް ކަތިލާ ތަކެއްޗާއި، أزلام މެދުވެރިކޮށްގެން ތިޔަބައިމީހުންގެ نصيب ހުރިގޮތާއި، ކަންތަކުގެ ރަނގަޅުގޮތް ބަލައިހެދުންވެސް، ތިޔަބައިމީހުންގެ މައްޗަށް حرام ކުރައްވާފައިވެއެވެ. ފަހެ، އެކަންތައްތަކަކީ، فاسق ކަމުގެ ޢަމަލުތަކެކެވެ.”
އަދިވެސް ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
﴿ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ ﴾ [6]
މާނައީ: ”އަދި ރަނގަޅު ތަކެތި އެއުރެންނަށް حلال ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرام ކުރައްވަތެވެ.”
وقال ابن مسعود رضي الله عنه: (إِنَّ اللهَ لَمْ يَجْعَلْ شِفَاءَكُمْ فِيمَا حَرَّمَ عَلَيْكُمْ) [7]
މާނައީ: އިބްނު މަސްޢޫދު رضى الله عنه ވިދާޅުވިއެވެ. ”ﷲ އެކަލާނގެ ޙަރާމްކުރެއްވި އެއްޗެއްގައި ޝިފާލައްވާފައި ނުވެއެވެ.”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] رواه الحاكم في مستدركه: (429)
[2] الطبراني في الأوسط: (6086)
[3] رواه البيهقي في السنن الكبري: (6593)
[4] عدة الصابرين وذخيرة الشاكرين: (1/490)
[5] المائدة: 3
[6] الأعراف 157
[7] رواه البخاري معلقا, كتاب الأشربة, باب شرب الحلوي و العسسل: (7/110