[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަބޫބަކުރު رضي الله عنه

އަބޫބަކުރުގެފާނު އުފަންވެވަޑައިގެންނެވީ މައްކާއަށެވެ. އެކަލޭގެފާނަކީ ޤުރައިޝް ވަންހައިގެ ޤަބީލާއެއް ކަމުގައިވާ އަބޫ ތައިމް ދަރިކޮޅަށް ނިސްބަތްވާ ބޭކަލެކެވެ.

ކޮއްކޮމެންނަށް އެނގޭތަ؟ “އަބޫ ބަކުރު” މިއީ އަބޫބަކުރުގެފާނުގެ އަޞްލު ނަންފުޅެއް ނޫނެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނުގެ ނަންފުޅަކީ ޢަބްދުﷲ އެވެ.

“ޢަބްދުﷲ” ގެ މާނަ ކޮއްކޮމެންނަށް އެނގޭތަ؟ އެއީ “ﷲގެ އަޅާ” އެވެ. އެކަލޭގެފާނުގެ ތެދުވެރިކަމުގެ ސަބަބުން ރަސޫލާ صلى الله عليه وسلم އެކަލޭގެފާނަށް “ޞިއްދީޤު” ގެ ލަޤަބުފުޅު ދެއްވިއެވެ.

އަބޫބަކުރުގެފާނަކީ އިސްލާމްދީން ޤަބޫލުކުރެއްވުމުގެ ކުރިން، މައްކާގެ މީހުންގެ އިޙްތިރާމް ލިބިވަޑައިގެންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ ތަނަވަސް ވިޔަފާރިވެރިއެއްވެސް މެއެވެ.

ކޮއްކޮމެންނަށް އެނގޭތަ؟ އަބޫބަކުރުގެފާނަކީ ރަސޫލާ صلى الله عليه وسلم އަށް ވުރެ ތިން އަހަރު ހަގު ބޭކަލެކެވެ. އެހެންނަމަވެސް އަބަދުވެސް އެދެބޭކަލުން ފެނިވަޑައިގަންނަވަނީ އެކުގައި އުޅުއްވާ ތަނެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ މުޅި ޙަޔާތްޕުޅުގައިވެސް އަބޫބަކުރުގެފާނު ވެވަޑައިގެންނެވީ އެކަލޭގެފާނުގެ އެންމެ ގާތް ޞަޙާބީ ކަމުގައެވެ.

 ރަސޫލާ صلى الله عليه وسلم އެންމެ ފުރަތަމަ އެކަލޭގެފާނުގެ ޢާއިލާގެ މީހުންނާއި އެންމެ ގާތް އެކުވެރިންނަށް ދީނަށް ގޮވައިލެއްވިއެވެ. ބައެއްމީހުން އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލުނުކުރާ މީހުންވެސް ވިއެވެ. މިގޮތުން އަބޫބަކުރުގެފާނު ހިމެނިވަޑައިގެންނެވީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި ބޭފުޅާ ކަމުގައެވެ.

ކޮއްކޮމެންނަށް އެނގޭތަ؟ މިއަދު އަހަރެމެންނަށް އެނގިފައިވާ ދީނުގެ ވަރުގަދަ ޝަޚްޞިއްޔަތުތަކުގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން އިސްލާމްވުމުގެ އެންމެ ބޮޑު ސަބަބެއްކަމުގައިވެފައި ވަނީވެސް އަބޫބަކުރުގެފާނެވެ. މީގެ ތެރޭގައި މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާނުގެފާނާއި، ރަސޫލާ صلى الله عليه وسلم ގެ މުއައްޛިން (ބަންގިގޮވާ މީހާ)، ބިލާލުގެފާނާއި އަދިވެސް، އެތައް ޞަޙާބީބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

ރަސޫލާ صلى الله عليه وسلم ގެ ރަސޫލުކަމުގެ ކުރީކޮޅުގައި އިސްލާމްދީން ޤަބޫލުކުރައްވައިގެން ތިއްބެވި މަދު މީސްކޮޅަށް އެތަކެއް އަނިޔާތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އަބޫބަކުރުގެފާނަށްވެސް މެއެވެ. އެންމެ ފަހުން ﷲ ތަޢާލާ ރަސޫލާ صلى الله عليه وسلم އަށް މަދީނާއަށް ހިޖުރަކުރެއްވުމަށް އެންެގެވުމުން، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ހިޖުރަކުރެއްވުމަށް އިޚްތިޔާރުކުރެއްވި ބޭކަލަކީ އަބޫބަކުރުގެފާނެވެ.

ކޮއްކޮމެންނަށް އެނގޭތަ؟ މި ދަތުރުފުޅަކީ މަޖަލުގައި ހޭދަކުރެވޭނެ ދަތުރުފުޅެއް ނޫނެވެ. އެހެނެއްކަމަކު، މި ދަތުރުފުޅަކީ ބިރުވެރިކަމުން ފުރިފައިވި ދަތުރުފުޅެކެވެ.

އެއީ މައްކާގެ މުޝްރިކުން ރަސޫލާ صلى الله عليه وسلم އާއި މުސްލިމުންނާއި ދެކޮޅަށް ރާވަމުން ދިޔަ ރޭވުންތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް، ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ހިޖުރަ ކުރެއްވުމުގެ ހެޔޮ ތަޢުފީޤު އެކަލޭގެފާނަށް ލިބިވަޑައިގެންނެވުމުން،  އެކަލޭގެފާނު އުފާވެރިކަމުން ފުރިގެންދިޔައެވެ. އަދި އުފަލުންގޮސް އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަ ފޭބިއެވެ. މީގެ އިތުރުންވެސް ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ކުރެއްވި އެތައް ހަނގުރާމަތަކެއްގައި އަބޫބަކުރުގެފާނު އެކަލޭގެފާނުގެ އަރިހުގައި ހުންނެވިއެވެ.

އެއް ފަހަރެއްގައި ރަސޫލާ صلى الله عليه وسلم އެންމެހާ މީސްތަކުންގެ އަތުގައިވާ އެއްޗަކުން ޞަދަޤާތްކުރެއްވުމަށް ގޮވައިލެއްވިއެވެ. މި އަޑު އައްސަވާފައި، އަބޫބަކުރުގެފާނު އެކަލޭގެފާނުގެ މިލްކިއްޔާތުގައިވާ އެއްޗެހި ޞަދަޤާތްކުރެއްވުމަށް އަވަސްވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ހުރިހާ މުދަލެއް ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ގެންނެވިއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم އެއްސެވިއެވެ.

“އޭ އަބޫބަކުރުގެފާނެވެ. ކަލޭގެފާނުގެ ޢާއިލާއަށް ކަލޭގެފާނު ބެހެއްޓެވީ ކޮން އެއްޗެއް ހެއްޔެވެ؟” އެކަލޭގެފާނު ޖަވާބުގައި ދެންނެވިއެވެ. “ﷲއާއި އެކަލާނގެ ރަސޫލާއެވެ.” މިކަމުންވެސް އަބޫބަކުރުގެފާނު އިސްލާމްދީނަށާއި ރަސޫލާ صلى الله عليه وسلم އާމެދު ބެހެއްޓެވި އަހައްމިއްޔަތުކަން އެނގިގެންދެއެވެ.

އިސްލާމްދީން ޤަބޫލުކުރެއްވުމުގެ ކުރިންވެސް އަބޫބަކުރުގެފާނު މަޝްހޫރުވެފައިވަނީ ވަރަށް ސާދާ ޝަޚްޞިއްޔަތެއްގެ ވެރި ބޭކަލެއްގެ ގޮތުގައެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅުގައިވެސް، އެކަލޭގެފާނަކީ ފަޤީރު ނިކަމެތިންނަށް އޯގާތެރި ބޭކަލެކެވެ. އެކަލޭގެފާނަކީ ކިތަންމެ ތަނަވަސް ބޭކަލެއްކަމުގައި ވިޔަސް، އެކަލޭގެފާނު ދިރިއުޅުއްވީ ވަރަށް ސާދާ ދިރިއުޅުމެކެވެ. އެކަލޭގެފާނުގެ މުދަލުން ޞަދަޤާތްވެސް ކުރައްވައެވެ. އަދި އަޅުން މިނިވަން ކުރެއްވުމަށާއި އިސްލާމްދީނަށްޓަކައިވެސް އެކަލޭގެފާނުގެ މުދަލުން ހޭދަކުރެއްވިއެވެ.

ރަސޫލާ صلى الله عليه وسلم ގެ މުއައްޛިން، ބިލާލުގެފާނު ކޮއްކޮމެންނަށް އެނގޭތަ؟ ބިލާލުގެފާނުވެސް އަޅުވެތިކަމުގައި ވަނިކޮށް މިނިވަންކުރެއްވީ އަބޫބަކުރުގެފާނެވެ. އެކަލޭގެފާނު ޢާންމުކޮށް ރޭގަނޑުގެ ބައެއްގައި ނަމާދުކޮށް ދުޢާކުރެއްވުމުގައި ހޭދަކުރައްވައެވެ. އެކަލޭގެފާނުގެ ޢާއިލާއާއި އެކީގައި އުޅުއްވާއިރުވެސް، އެކަލޭގެފާނުވެވަޑައިގެންނެވީ ވަރަށް މަޖާ، އޯގާތެރި ބޭކަލެއްކަމުގައެވެ.

ނަމަވެސް، ކޮއްކޮމެންނަށް އެނގޭތަ؟ ރަސޫލާ صلى الله عليه وسلم ގެ އެންމެ ފަހު ނޭވާ ދޫކޮށްލި ހިނދު އެކަލޭގެފާނުގެ އެންމެ ގާތް އެކުވެރިޔާ، އަބޫބަކުރުގެފާނު އެކަލޭގެފާނުގެ އަރިހުގައެއް ނެތެވެ. ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގެންނެވި ޚަބަރު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަބޫބަކުރުގެފާނު އަވަސްވެވަޑައިގެންނެވިއެވެ.

ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގެންނެވުމުން މުސްލިމުންގެ ކަންތައް ބަލަހައްޓަވާ ލީޑަރެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހުނެވެ. މި މަޤާމަށް އެންމެ ޤާބިލު ބޭފުޅަކީ އަބޫބަކުރުގެފާނުކަމަށް އެންމެންވެސް އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މުސްލިމުންގެ ފުރަތަމަ ޚަލީފާކަމުގައި އަބޫބަކުރުގެފާނު އައްޔަންކުރެއްވުނެވެ.

ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގެންނެވި ޚަބަރު ފެތުރެން ފެށުމުން ބައެއް ޤަބީލާތަކުގެ މީހުން ޒަކާތް ނެރުމަށް ދެކޮޅުހަދަން ފެށިއެވެ. އަދި ރަސޫލުކަމަށް ދަޢުވާކުރާ ބަޔަކުވެސް މީސްތަކުންގެ ތެރެއިން ފާޅުވިއެވެ. މީގެ އިތުރުންވެސް، ރޯމަނުންނާއި ފާރިސީންގެ ވަރުގަދަ ލަޝްކަރުތައް، މަދީނާގައި އުފެދެމުން އައި އިސްލާމީ ދަޢުލަތަށް ގޮންޖަހަން ފެށިއެވެ.

ޒަކާތް ނުދޭން އުޅޭ މީހުންނަށް ލުޔެއް ދިނުމަށް ބައެއް ބޭކަލުން އަބޫބަކުރުގެފާނަށް، ގޮވައިލެއްވިއެވެ. ނަމަވެސް އަބޫބަކުރުގެ އެކަމަށް ދެކޮޅުހެއްދިއެވެ. އަދި ނަމާދު ވާޖިބުވާ ފަދައިން ޒަކާތްނެރުމަކީވެސް ވާޖިބެއްކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ޒަކާތްނެރުމަށް ދެކޮޅު ހެދި ޤަބީލާތަކުގެ މީހުންނާ އަބޫބަކުރުގެފާނު ހަނގުރާމަ ކުރެއްވިއެވެ. އަދި އެއަށް ފަހު، ރަސޫލުކަމަށް ދަޢުވާ ކުރި މީހުންނާވެސް ހަނގުރާމަ ކުރެއްވިއެވެ.

ރޯމަނުންނާއި ފާރިސީންގެ ގޮންޖެހުންތަކަކީ ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައިވެސް މުސްލިމުން ކުރިމަތިލާން ޖެހިފައިވި ކަމެކެވެ. އެހެންކަމުން ރަސޫލާ صلى الله عليه وسلم ވަނީ އެމީހުންނާއި ދެކޮޅަށް ނުކުންނާނެ ލަޝްކަރެއް ތައްޔާރު ކުރައްވާފައެވެ. މި ލަޝްކަރުގެ ލީޑަރެއްގެ ގޮތުގައި އެކަލޭގެފާނު ހަމަޖެއްސެވީ އުސާމާ رضي الله عنه އެވެ. ރަސޫލާ صلى الله عليه وسلم ސުވަރުގެވަޑައިގެންނެވުމުން އެ ލަޝްކަރު ރޯމަނުންނާއި ފާރިސީންނާއި ދެކޮޅަށް ހަނގުރާމަ ކުރަން ފޮނުވާނީތޯ ނުވަތަ މަދީނާ ދިފާޢުކުރުމަށް އެ ލަޝްކަރު މަޑުކުރުވާނީތޯ ސުވާލުކުރެވެން ފެށުނެވެ. ރަސޫލާ صلى الله عليه وسلم އަމުރު ކުރެއްވި ފަދައިން އުސާމާ رضي الله عنه ގެ ލަޝްކަރު ރޯމަނުންނާއި ފާރިސީންނާއި ދެކޮޅަށް ފޮނުއްވަން އަބޫބަކުރުގެފާނު އެންގެވިއެވެ. އަދި ހަނގުރާމަކުރުމުގައި ޢަމަލުތައް ބަހައްޓާނެ ގޮތްތައް އެކަލޭގެފާނު އުސާމާ رضي الله عنه އަށް ކިޔައިދެއްވިއެވެ.

ހަނގުރާމަކުރާއިރު މުސްކުޅީންނާއި އަންހެނުންނާއި ކުޑަކުދިން ޤަތުލު ނުކުރުމަށް އެކަލޭގެފާނު އެންގެވިއެވެ. އަދި ކަދުރު ރުއްތަކަށް ގެއްލުން ނުދިނުމާއި، މޭވާ އަޅާ ގަސްތައް ނުކެނޑުމަށްވެސް އެންގެވިއެވެ. އަދި ކާނާއަށްޓަކާ މެނުވީ ނަޢަމް ސޫފިތައް (ގެރި، ބަކަރި، ޖަމަލު ފަދަ އެއްޗެހި) ޤަތުލު ނުކުރުމަށްވެސް އެންގެވިއެވެ.

ކޮއްކޮމެންނަށް އެނގޭތަ؟ ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރުގައި ޤުރުއާން އެކީ އެއްފޮތެއްގެ ގޮތުގައި ލިޔެވިފައެއް ނުވެއެވެ. އެހެނެއްކަމަކު، އެދުވަސްވަރު މީސްތަކުން ޤުރުއާން އެކިގޮތްތައް ރައްކާކުރެއްވިއެވެ. އެދުވަސްވަރުގެ މީހުންނަކީ ހިތުދަސްކުރުމުގެ ބާރު ވަރަށް ގަދަ ބައެކެވެ. މިހެންވުމުގެ ސަބަބުން އެމީހުން ޤުރުއާން ހިތުދަސްކުރެއްވިއެވެ. އަދި، ގަސްގަހުގެ އޮށީގައްޔާއި، ކަދުރު ރުކުގެ އޮށީގައްޔާއި އަދި ހިލައާއި މިފަދަ އެހެނިހެން އެއްޗެހީގައިވެސް އެމީހުން ޤުރުއާން ލިޔެ އުޅުނެވެ.

އަދި، އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ޚިލާފަތުގައި، މި ހުރިހާ އެއްޗެއް އެއްކުރައްވާ، އެންމެ ފުރަތަމަ ޤުރުއާން އެކީ އެއް ފޮތެއްގެ ގޮތުގައި ލިޔުއްވިއެވެ. އެއީ ޔަމާމާ ހަނގުރާމާގައި ޤުރުއާން ހިތުދަސް އެތައް ބޭކަލަކު ޝަހީދުވެވަޑައިގެންނެވުމުން، ޤުރުއާން ނެތި ހިނގައިދާނެކަމުގެ ބިރަށްޓަކައެވެ.

އަބޫބަކުރުގެފާނު އަވަހާރަވީ ހިޖުރައިން 13 ވަނަ އަހަރު، ޖުމާދުލް އާޚިރާ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 63 އަހަރެވެ.  އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައެވެ.

 ކޮއްކޮމެންނަށް އެނގޭތަ؟ އަބޫބަކުރުގެފާނު މުސްލިމުންގެ ޚަލީފާކަމުގައި އެހާ ގިނަ ދުވަހު އުޅުއްވާފައެއް ނުވެއެވެ. އެކަލޭގެފާނު ޚަލީފާކަން ކުރެއްވީ އެންމެ 27 މަހުގެ މުއްދަތަށެވެ. ނަމަވެސް މި ކުރު މުއްދަތުގައިވެސް، އަބޫބަކުރުގެފާނު ވަނީ އިސްލާމީ ދަޢުލަތަށާއި މުސްލިމުންނަށް ގިނަގުނަ ކަންތަކެއްގައި އެހީތެރިވެދެއްވާފައެވެ.

ﷲ ތަޢާލާ އެކަލޭގެފާނުގެ ޢަމަލުފުޅުތަކަށް ހެޔޮ ޖަޒާދެއްވާ، ސުވަރުގޭގެ މަތިވެރި ދަރަޖަތައް އެކަލޭގެފާނަށް މިންވަރު ކުރައްވާށި! އާމީން.