-
ރެޑިކަލިޒަމްގެ ވިސްނުމުގައި ފެމިނިޒަމް މާނަކުރެވޭ ގޮތްތައް
ރެޑިކަލިޒަމްއަކީ މުޖުތަމަޢެއްގައި އަށަގަނެފައިވާ ފިކުރީ، ސިޔާސީ، އިޤްޠިޞާދީ އަދި އިޖުތިމާޢީ ވިސްނުންތައް، އެއާ ދުރު ވިސްނުމަކަށް ބަދަލުކުރުމަށް މަސައްކަތްކުރާ ސިޔާސީ ފިކުރެކެވެ.
ރެޑިކަލިސްޓް ވިސްނުމުގައި ފެމިނިޒަމްގެ ތަޢުރީފު ބިނާވެގެން އަންނަނީ ވިސްނުމުގެ އައު ވައްޓަފާޅިއަކުންނެވެ. އަދި ތާރީޚުގެ ތެރެއިން ފިރިހެނުންނާއި އަންހެނުންނާ ދެމެދުގައިވާ ގުޅުން ފަހުމުކުރުމުގައި ގެންގުޅެނީ އެހެން ނަޒަރިއްޔާތަކާ ތަފާތު އުސްލޫބެކެވެ. އަދި މުޖުތްމަޢު ބިނާކުރުމާއި މިންތީގެ ހަމަހަމަކަމުގެ ވާހަކަތައް ދައުރުވަނީ ފިރިހެނުން އިސްސަފުގައި ތިބެ ހިންގާ ނިޒާމު (patriarchal system) ގެ ވަށައިންނެވެ. އެހެންކަމުން އެ ނިޒާމުގެ އަސާސްތަކަށް ބަދަލު ގެނައުމަށް އަމާޒުކުރެއެވެ. އަދި އަންހެނުންނަށް އެބައިމީހުންގެ ހަށިގަނޑުގެ މިލްކުވެރިކަމާއި އެ ހައްޓަށް އަމުރުހިންގުމުގެ ބާރު އަނބުރާ އަންހެނުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރެއެވެ.[1] އެގޮތުން ރެޑިކަލިސްޓް ވިސްނުމުގައި އަންނަނިވި ގޮތްތަކަށް ފެމިނިޒަމް މާނަކުރެވެއެވެ.
[ފެމިނިޒަމަކީ އިޖުތިމާޢީ ބާރެކެވެ. އަދި އެކަން ބިނާވެގެންވަނީ ދެ ޖިންސުގެ މީހުން، ޘަޤާފީ، އިޤްޠިޞާދީ އަދި ސިޔާސީގޮތުން ތަފާތު ފަންތިތަކަށް ބަހާ ކޮންމެ މުޖުތަމަޢެއްގައި އަންހެނުން ވަޒަންކުރެވެނީ ފިރިހެނުންނަށް ވުރެ ދަށްކޮށްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމުގެ މައްޗަށެވެ. އަދި އަންހެނުންނަށް އަމިއްލަ އިޚްތިޔާރުގައި، ޖަމާޢީ މަސައްކަތުން އަންހެނުންގެ ޙާލަތު ބަދަލުކުރެވިދާނެކަމަށް ދެކޭ ދެކުމަށްވެސް މިކަން ބިނާވެއެވެ.][2]
އަދި ބެލް ހޫކްސް މިފަދައިން ތަޢުރީފު ގެނެސްފައިވެއެވެ. [ޖިންސީ ގޮތުންނާއި ނަސްލީ ގޮތުން އަދި ފަންތީގެ ގޮތުން ހުޅަނގުގެ ޘަޤާފަތުގައި އަށަގަނެފައިވާ ބާރުވެރިކަމުގެ ޤަބޫލުކުރުން ނައްތާލުމަށް ކުރެވޭ މަސައްކަތެކެވެ.][3]
ކްރިސް ވީޑަން (Chris Weedon)ގެ ތަޢުރީފުގައި ފެމިނިޒަމަކީ، [ފިރިހެނުންނާއި އަންހެނުންނާ ދެމެދުގައިވާ ގުޅުމުގައި އެކުލެވޭ ބާރުވެރިކަމުގެ މީޒާން ބަދަލުކޮށްލުމަށް މަސައްކަތްކުރާ ސިޔާސަތެކެވެ.][4]
އަދި ޖެކް ޑެރިޑާ (Jacques Derrida) އަންނަނިވި ގޮތަށް ފެމިނިޒަމްގެ ތަޢުރީފު ގެނެސްފައިވެއެވެ. [އަންހެނުން ފިރިހެނުންނާ އެއްފަދަވުމަށް އަދި ޙަޤީޤަތާއި ޢިލްމު އަދި ޒާތީ އިހުސާސްތަކުން އެއްކިބާވެ ހުރެ ޙަޤީޤަތަށް ބެލުމަށް ވަކާލާތުކުރާ، ކަންކަމަކީ ދޮގު ނުކުރެވޭނެ ޙަޤީޤަތްކަމަށް ސާބިތުކޮށްދޭން ޖެހޭ ފަލްސަފާވެރިން (dogmatic philosophers) ފަދައިންވުމަށް އެދި އަންހެނުން މަސައްކަތް ކުރާ މަގުތަކެވެ.][5]
މިގޮތުން މި ވިސްނުމުގައި ފެމިނިޒަމް ސިފަވެގެން މި ދަނީ އަންހެނުންގެ ޙާލަތު އަދި ފިރިހެނުންނާ ދެމެދު އޮންނަ ގުޅުން ބަދަލު ކުރުމަށްޓަކާ އަނިޔާވެރިވުމާއި ހައްދުފަހަނަ އަޅައިދިއުމުގެ ސިފަތަކުންނެވެ. ޒިކުރު ކުރެވިދިޔަ ތަޢުރީފުތަކުން މިކަން ސާފުވެ ބަޔާންވެގެންދެއެވެ. އަދި އެބައިމީހުންގެ ލަނޑުދަނޑިތަކާއި މިސްރާބަށް އެޅޭ ކޮންމެ ހުރަހަކާ ދެކޮޅުވެރިވެ ހަނގުރާމަ ކުރެއެވެ. ސިފަވެގެން މި ދަނީ ފެމިނިޒަމް ބަދަލުވަމުން އައިސް މިހާރު އޮތް ޙާލަތެވެ.
=ނުނިމޭ=
[1] الأسس الفلسفية للفكر النسوي الغربي / مدخل إلى الفكر النسائي الغربي المعاصر
[2] Feminisms: A Reader, by Maggie Humm
[3] Feminist Theory, by Wendy Kolmar and Frances Bartkowski
[4] المرأة في الفكر الإسلامي المعاصر، للشيخ محمد شبستري وآخرين
[5] Cambridge Encyclopedia of Literature