[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (7)

ތަރުބިއްޔަތުކުރުމުގައި ކުރިމަތިވާ އުނދަގޫތަކާއި، ބޭރުތެރެއިން ކުރިމަތިވާ ގޮންޖެހުންތައް

މީޑިއާގެ އެކި ވަސީލަތްތަކުގެ ސަބަބުންނާއި، ޓީވީ ޗެނަލްތަކާއި، އިންޓަނެޓުގެ ސަބަބުން، ދަރިން ތަރުބިއްޔަތު ކުރުމުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިވެއެވެ. ބޭރުތެރެއިން ކުރިމަތިވާ މިފަދަ ކަންކަމުން ކުރިމަތިވާ ނުބައި އަސަރުތަކަކީ އެންމެހައި މައިންނާއި ބަފައިންނަށް އެކަންކަން އެނގޭނެ ކަންކަމެވެ. އަދި އެކަންކަމާމެދު އަބަދުމެ ޝަކުވާ ކުރާ ކަންކަމެވެ. އަދި އެމީހުން ދެކޭ ގޮތުގައި މި ޖީލުގެ ކުދިންނަށް އައިސްފައިވާ ނުރަނގަޅު ބަދަލުތަކުގެ އަޞްލަކީ މިއީއެވެ.

ބޭރުތެރެއިން ކުރިމަތި މިވާ އުނދަގޫތައް ކުރިމަތިވަނީ ދެ ސަބަބަކާ ހުރެއެވެ:

އެންމެ ފުރަތަމައަށް: ފަސާދައިގެ ގޮތްތައް ގިނަވެ، މައިންބަފައިން އެމީހުންގެ ދަރިން އެކަންކަމާ ދުރުކުރުވަން ކިތަންމެ މަސައްކަތްކުރިނަމަވެސް ދަރިންނަށް އެކަންކަމަށް ވާސިލުވެވޭނެ މަގު ފަސޭހަވުން. “ފަސާދަ” ކުރާ ކަންކަމަކީ ރިވެތި އަޚުލާޤާއި ސުލޫކާއި ދީންވެރިކަން ފަސާދަކޮށްލާ ކޮންމެ ކަމެކެވެ. އަދި ރިވެތި އުސޫލުތަކާއި، އަޚްލާޤާއި، ދީންވެރިކަން ދޫކޮށްލަން ބާރުއަޅާ ކޮންމެ ކަމަކާއި، ހުޅަނގުގެ ގޮތްތަކަށް ތަބާވެ، ހައްދެއްނެތް މިނިވަންކަމަށް ބާރުއަޅާ ކޮންމެ ކަމެކެވެ.

ޓީވީންނާއި، ފިލްމުތަކުންނާއި، ޗެނަލްތަކުން ދައްކާ އެއްޗެހިން ލިބޭ ގެއްލުންތަކުގެ ވާހަކައިން އިންޒާރުދޭ ލިޔުންތަކާއި، އަޑުތައް ނުހަނު ގިނައެވެ. ޙަޤީޤަތަކީ، މި ތަކެތިން ލިބޭ ގެއްލުންތަކަކީ، ހަމައެކަނި މަތީގައި ބަޔާންވެ ދިޔަ ކަންކަން އެކަންޏެއް ނޫނެވެ. އެފަދައިން ކަން އޮތްނަމަ މި މައްސަލަ އެހާ ހައްސާސީ ކަމަކަށް ނުވެ، އަދި އެކަމުން ނުކުންނަ ނޭދެވޭ އަސަރުތައްވެސް ކުޑަކުރެވިދާނެއެވެ. ސެޓެލައިޓު ޗެނަލްތަކަކީ ޓީވީ ހުޅުވާފައި ނިއްވާލުމުން އެއިން ފެންނަ އެއްޗެހި ކޮންޓްރޯލުކުރެވޭނެ އެއްޗެކެވެ. އަދި އޭގެ ބައެއް ޕްރޮގްރާމްތައްވެސް ނުބެލޭ ގޮތް ހެދިދާނެއެވެ. އަދި ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމުގައި އޭގެ ބޭނުންވެސް ހިފިދާނެއެވެ. އެހެންނަމަވެސް، އެހުރިހާ އެއްޗެއް ބޭނުންކުރެވެނީ ގޯސްކަންކަމާއި ފާޙިޝްކަންކަން ފެތުރުމަށެވެ. (ކޮމްޕިއުޓަރާއި، ފޮތްތަކާއި، ފޯނާއި، މަގުމަތީގައި ހުންނަ އިޝްތިހާރު ބޯޑުތައް ފަދައިންނެވެ.) ފަސާދައިގެ ގޮތްތައް ގިނަވެ، އެގޮތްތައް މިވަނީ އަހަރެމެން ވަށާލާފައެވެ. އަހަރެމެންގެ ދިރިއުޅުމުގެ އެކި ދިމަދިމާލުގައި މިފަދަ ކަންކަންވަނީ އެކުލެވިފައެވެ. އަހަރެމެންނަށް އެކަންކަން ވަކިކޮށް ދެނެގަންނަންވެސް ނޭނގެއެވެ. އެހެންކަމުން އެފަދަ ކަންކަމުން އަހަރެމެންގެ ދަރިންނަށް ކުރާ ނުބައި އަސަރުތަކުން ސަލާމަތްވެވޭނެ މަގެއްވެސް ނެތެވެ. އޭގެ ގޮތްތަކާއި، މިންވަރުވެސް ވަނީ ވަރަށް އިތުރުވެފައެވެ. އެހެންކަމުން، އެކަންކަން ހުއްޓުވައި، އެކަމުން ދުރުހެލިވުމަކީ ވަރަށްވެސް އުނދަގޫކަމެކެވެ. މިކަންކަމާ އަޅާނުލާ ދޫކޮށްލުމުގެ ސަބަބުންނާއި، އެކަންކަމަށް އަހަރެމެންގެ ލަގަންދޫކޮށްލުމުގެ ސަބަބުން އެކަންކަން މުޖުތަމަޢުގެ ތެރޭގައި ކުރިއަރައި، ގިނަވެ، އަދި ފެތުރުމަށްވަނީ މެދުވެރިވެފައެވެ. މީގެ ސަބަބުން ތަފާތު އެތައް ފާސިދުކަންކަން އަހަރެމެންގެ ތެރޭގައި ފެތުރި، އަދި އޭގެ އަސަރުތައް އަހަރެމެންގެ ތެރެއަށް މިއަދު މިވަނީ ފެތުރިފައެވެ. އަދި ނުބައި ކަންކަމާއި، މުންކަރާތްތައް މިވަނީ ޢާއްމުވެފައެވެ. މިކަންކަން މަދަރުސާތަކުގެ ތެރޭގައިވެސް ހިމެނެނީއެވެ. މަގުމަތީގައިވެސް މެއެވެ. ބާޒާރުގައިވެސްމެއެވެ. ހަމައެކަނި މިކަންކަން ހިމެނެނީ ޓީވީ ޗެނަލްތަކާއި އިންޓަނެޓުގައި އެކަންޏެއްނޫނެވެ.

އަހަރެމެންގެ އާއްމު ދިރިއުޅުމުގައި ހިނގާ ކަންތައްތަކުން، ވަރަށް ގިނަ ފަސާދައިގެ މަގުތައް ހިމެނިފައިވާކަން އެނގިގެން އެބަދެއެވެ. އަދި އެކަމުން ކުރާ ނުރަނގަޅު އަސަރުތަކުގެ ވަރުގަދަކަން ދޭހަވެގެން އެބަދެއެވެ. އެހެންކަމުން، މިކަންކަމާ ދެކޮޅަށް ތެދުވެ، އަދި އަހަރެމެންގެ ކުދިން މިކަންކަމުން ޙިމާޔަތްކުރަން ވަރަށް ގަދައަށް މަސައްކަތްކުރަން އެބަޖެހެއެވެ. މިފަދަ ފަސާދަތަކަށް ދަރިވަރުން ހުށަހެޅޭ މިންވަރު ގިނަވުމުގެ ސަބަބުން، އެކުދިންގެ އަޤީދާއާމެދު ޝައްކު އުފެދި، އަދި ބާޠިލު ގޮތްތަކުގައި އެކުދިން ޖެހިގެން ދެއެވެ. އަދި އިސްލާމްދީނަކީ މިޒަމާނަށް ނުފެތޭ ދީނެއްކަމަށް ޤަބޫލުކުރެއެވެ. އަދި މިދީނުގެ ދައުރު މިހާރު ކެނޑިފައިވާކަމަށްވެސް އެފަދަ ކުދިން ޤަބޫލުކުރެއެވެ. ނޫނީ ދީނާއި ދިރިއުޅުމާ ވަކިކުރަންޖެހޭ ކަމަށް ޤަބޫލުކުރެއެވެ. އެހެންކަމުން، ދީނީ ކަންކަން ދޫކޮށް، އެކުދިން އެ ޤަބޫލުކުރާ އުޞޫލުތަކާއި ފިކުރުތަކަށް ވަކާލާތުކުރާ ބަޔަކަށް އެކުދިންވެދެއެވެ.

އެހެންކަމުން، ފަސާދަތަކުގެ ބާވަތްތަކާއި ވައްތަރުތައް ގިނަވުމުގެ ސަބަބުންނާއި، އަދި އެކަންކަމުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށާއި، އެކަންކަން ހުއްޓުވުމަށް އުނދަގޫވުމުގެ ސަބަބުން، އަހަރެމެންގެ ދަރިން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. އަދި މިކަންކަމަކީ އާދައިގެ ކަންކަންކަމުގައި ހީވާ ހިސާބަށް މިވަނީ ފެތުރި ޢާއްމުވެފައެވެ. މިއަދު އަހަރެމެންގެ ބައެއް ދަރިން މުންކަރާތްތަކަށް އަރައިގަންނަމުންދާއިރު ތިބާ ނުދެކެމު ހެއްޔެވެ؟ އެކަންކަން މަނާކޮށްފިނަމަ އެކުދިން މި ޢިބާރާތްތައް ތަކުރާރުކުރެއެވެ: “މިކަންކުރުމުގައި މައްސަލައަކީ ކޮބައި ހެއްޔެވެ؟”، “މިއީ އެންމެން ކުރާކަންކަމެވެ.”، “ޒަމާން މިވަނީ ބަދަލުވެފައެވެ.”، “މިކަންކުރުމުން ދޭހަކޮށްދެނީ ކުރިއެރުމާއި، ތަރައްޤީއެވެ.”، “މިކަންތައް/ ގޮތްތަކަކީ ބީރައްޓެހި ކަންކަމެއް ނޫނެވެ.”….

މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މި ޒަމާނަކީ ހުރިހާ މީޑިއާގެ ވަސީލަތްތަކެއް ބޭނުންކޮށްގެން ވަރަށް ގިނަ ނުބައި އަދި ފާސިދުކަންކަން ފަތުރާ ޒަމާނެކެވެ. އަދި ގިނަ ފަހަރަށް އަހަރެމެންނަށް މިހުރިހާ ވަސީލަތެއް ނުވެސް އެނގެއެވެ. (އިންޓަނެޓާއި، ޓީވީ ޗެނަލްތަކަކީ އޭގެއިން ބައެއް ވަސީލަތްތައްކަން އަހަރެމެންނަށް އެނގެއެވެ.) އަދި މީގެއިން އެންމެ ކަންބޮޑުވާ ކަމަކީ މާދަމާ އަހަރެމެން ކުރިމަތިލާންޖެހޭނީ ކޮން ގޮންޖެހުމަކާކަމެއް އަހަރެމެންނަށް ނޭނގޭކަމެވެ. އަދި މުސްތަޤުބަލުގައި އަހަރެމެން، އެއާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހޭނީ ކޮން ވަސީލަތަކާ ދެކޮޅަށް ކަންވެސް ނޭނގެއެވެ. އަދި ފާސިދުކަންކަން ފެތުރުމަށްޓަކައި އަލަށް ބޭނުންކުރެވިގެންދާނީ ކޮން އާލާތްތަކެއްކަންވެސް އަހަރެމެންނަށް ނޭނގެއެވެ.

_________________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!