ދެވަނަ ސަބަބަކީ: ކުއްޖާގެ ވަށައިގެންވާ މާޙައުލުން އެކުއްޖާއަށް ކުރާ ނޭދެވޭ އަސަރެވެ. (ގާތްތިމާގެ މީހުންނާއި، ރަޙުމަތްތެރިންނާއި، އެކުވެރިންނާއި، މަސައްކަތުގެ މާޙައުލުގެ ބައިވެރިންނާއި، މުދައްރިސުން މިބައިގައި ހިމެނެއެވެ.) މިފަދަ މީހުންގެ ފަރާތުން ކުރާ އަސަރުތަކަކީ އެއިން ސަލާމަތްވެ ހުރުމަށް ވަރަށް އުނދަގޫ ކަމެކެވެ. އެއީ މިފަދަ ޙާލަތްތަކުގައި ކުއްޖާ ހުންނާނީ މަންމައާ ދުރުގައެވެ. ދަރިން ކުދިންގެ ރަޙުމަތްތެރިންނާ ސްކޫލުން ބައްދަލުވާ ވަގުތަކީ މަންމަ އެތާނގައި ހުންނާނެ ވަގުތުތަކެއް ނޫނެވެ. އަދި ގިނަ ފަހަރަށް ކަމެއް ހިނގާ ކަން މަންމައަށް އެނގޭއިރު އޮންނާނީ އެކުއްޖާގެ ފިކުރަށާއި، ހިތަށާއި، ސިކުނޑިއަށް އެ އަސަރުކޮށް ނިމިފައެވެ. އޭރުން އެ ނުބައި އަސަރު ފޮހެލުމަކީ ވަރަށް އުނދަގޫކަމަކަށްވާނެއެވެ.
ނުބައި އެކުވެރިއަކީ ދަރިން ފަސާދަކޮށްލާނެ އެންމެ ބޮޑު އެއް ސަބަބެވެ. “އަލްއިޙްޔާއު” މިފޮތުގެ މުއައްލިފް ވިދާޅުވެފައިވެއެވެ. “ކުޑަ ދަރިފުޅު އަދަބުވެރިކުރުވުމުގެ އަޞްލަކީ ނުބައި އެކުވެރިންގެ ކިބައިން އޭނާ ރައްކާތެރިކުރުމެވެ.” އެކުވެރިންގެ ސަބަބުން ކުރާ އަސަރު ވަރަށް ބޮޑެވެ. ކުޑަކުދިންނަކީ ވަރަށް މަޢުޞޫމު ބައެކެވެ. އެކުދިން ހައްލާލައި، އެކުދިން ލައްވާ އެކިކަންކަން ކުރުވަން އެއްބަސްކުރުވުމަކީ ވަރަށް ފަސޭހަކަމެކެވެ. އަދި އެކުދިންގެ މައްޗަށް ބާރުފޯރުވުމަކީވެސް ފަސޭހަކަމެކެވެ. އެކުދިންގެ ވަށައިގެންވާ އެންމެހައި ކަންކަމުން އެކުދިންނަށް އަސަރުކުރެއެވެ. ޓީވީން ދައްކާ އިޝްތިހާރަކުން އެކުދިންގެ ވިސްނުން ބަދަލުކޮށްލަފާނެއެވެ. އަދި އެކުދިންގެ އެދުންތައް ހޭލައްވާލަފާނެއެވެ.
ގިނަ ގޯސްކަންތައް އަންނަނީ އަހަރެމެންނާ އެންމެ ކައިރީގައި އުޅޭ މީހުންގެ ފަރާތުންނެވެ! މިތާނގައި އަހަރެން މިބަޔާންކޮށްދެނީ، އެބައެއްގެ ތެދުވެރިކަމާއިމެދު އެއްވެސް ޝައްކެތްނެތް ބައަކަށް ކުރިމަތިވި ޙާދިޘާއެކެވެ. އެމީހުންގެ ވާހަކައިގެ ތެދުކަމާއިމެދު އެއްވެސް ޝައްކެތްނެތެވެ. މިޙާދިޘާގައި މިވަނީ އަހަރެމެންނަށް މުހިއްމު ވާހަކަތަކެވެ. އަދި އަހަރެން މިކަމާ ގުޅޭގޮތުން ދެކޭގޮތްވެސް ބަޔާންކުރާނަމަވެ. ވާހަކަތަކަކީ އެއަޑު އަހާ މީހުންނަށް އޭގައި ޢިބުރަތްތައް ހިމެނޭ އެއްޗެކެވެ:
-އޭނާ ކިޔައިދިނެވެ. “އަހަރެމެންނަކީ ދީންވެރި އާއިލާއެއްގެ ބަޔަކީމެވެ. ދީނުގެ ރިވެތި އުޞޫލުތަކުގައި ހިފަހައްޓަމެވެ. އަދި އެކަންކަމުގައި ޝައްކު ހިމެނޭ ކަންކަމާ އަހަރެމެން ދުރުވަމެވެ. އަހަރެމެންގެ އަންހެން ދަރިންވެސް ބޮޑުވެގެން އައީ މިގޮތުގެ މަތީންނެވެ. އަދި އަހަރެމެންގެ ޤާބިލުކަން ހުރި މިންވަރުން، އަހަރެމެންނަކީ އެކުދިންނަށް ނަމޫނާއެއްކަމުގައި ވެވޭތޯ ބެލީމެވެ. އެހެންނަމަވެސް، އެއްދުވަހަކު ކުއްލިއަކަށް އަހަރެންނަށް ފެނުނީ ބަގީޗާގެ އެއްކަނުގައި އެކުދިން ސިނގިރެޓު ބޯން ތިއްބައެވެ. އެކުދިން ބުނި ގޮތުގައި އެކުދިން އެކަންކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެނަސް އަހަރެންނަށް ރޭކާވެސް ނުލައެވެ. މިކުދިންނަށް މިނުބައި އާދަ ދަސްވީ އަހަރެންގެ ދައްތަގެ އަންހެން ދަރިފުޅުގެ ކިބައިންނެވެ. އޭނާ ސިނގިރެޓު ބޯން ފެށީ އޭނާގެ ބޮޑުބޭބެ އެކަންކުރާތީ ކޮޕީކުރުމުގެ ގޮތުންނެވެ. އެއަށްފަހު، އެކަން އެއީ ރިވެތި ކަމަކަށް އޭނާއަށް ވީއެވެ. އަދި އަހަރެންނަށް އެނގުނު ގޮތުގައި، އަހަރެމެންގެ ދަރިންނާއެކީ މިހެން ހޭދަކުރާ ވަގުތުތަކުގައި، ދައްތަގެ ދަރިފުޅު އުޅުނީ ބުރުގާ އެޅުމަކީ ވާޖިބެއް ނޫންކަމަށް އަހަރެމެންގެ ދަރިންނަށް ވިސްނައިދިނުމުގައެވެ. އަދި އަޅާއަށް އަޅުކަންތަކުގައިވެސް އިޚުތިޔާރު އެބައޮތެވެ. ބޭނުންވީމަ ނަމާދުކޮށްފައި، ބޭނުންވީމަ ނުކުރަންވީއެވެ. ނުކުރިނަމަވެސް ﷲ ފާފަފުއްސަވާދެއްވާނެއެވެ. އެއީ އެކަލާނގެއަކީ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހުކަމުގައިވާތީއެވެ. އަދި ޤިޔާމަތްދުވަހުގައި އަޅާއާމެދު ހިސާބު ބެއްލެވޭނީ އޭނާގެ ހިތުގައިވި އީމާންކަމުގެ މައްޗަށް ކަމަށެވެ. އަދި ޢަމަލުތަކުގެ މައްޗަށް ނޫންކަމަށެވެ. އަދި އެއީ އިސްލާމްދީނުގައިވާ ޙައްޤު ގޮތް ކަމެވެ…މިހެންގޮސް މިފަދަ ނުބައި ފިކުރުތަކެވެ.”
-އަހަރެންގެ ރަޙުމަތްތެރިއަކު ބުންޏެވެ. “ﷲ އަހަރެންނަށް ރިޒުޤުކުރެއްވީ އުފެދުމުގައިވެސް ވަރަށް ހެޔޮލަފާ ކުއްޖެކެވެ. އޭނާ ދޮގެއް ނަހަދައެވެ. މަކަރެއް ނަހަދައެވެ. މިކަންކަންވީ އެދަރިފުޅަކީ ﷲއަށް ބިރުވެތިވާ ކުއްޖަކަށް ހެދުމަށް ފަސޭހަވި ކަމަކަށެވެ. އަދި އެދަރިފުޅު ބޮޑުވަމުންއައީ ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ. ޙަލާލުކަންކަމާއި ޙަރާމްކަން އެނގިފައި ހުރި ކުއްޖެއްގެ ގޮތުގައެވެ. އެއަށްފަހު، އަހަރެންގެ ދަރިފުޅު އިތުރަށް ރައްކާތެރިކަން ދިނުމަށްޓަކައި ވަރަށް މޮޅު ސްކޫލަކަށް ވައްދައިފީމެވެ. އެތަންވީ އެދަރިފުޅު ފަސާދައިގެ ތެރެއަށް ހުށަހެޅެން މެދުވެރިވި ސަބަބަށެވެ. އެތަނުން ދަރިފުޅަށް ފެނިގެން ދިއައީ މަކަރުހެދުމާއި، ދޮގު ހެދުމެވެ. އޭނާއަށް ވުރެ ކަންނެތްކުދިން މޮޅުވަމުން އައީ މަކަރު ހަދައިގެންނެވެ. މިކަމުގެ ޝަކުވާ ޓީޗަރުންނަށާއި، ޕްރިންސިޕަލަށްވެސް ހުށަހެޅިއެވެ. އެހެންނަމަވެސް، އެމީހުން ތިބީ އެކަންކަން ނުފެންނަ ކަންކަމަށް ހަދައިގެންނެވެ. ނުސީދާގޮތުން އެފަދަ ކަންކަމަށް ހިތްވަރުދީގެންނެވެ. އެއީ މޮޅަށް ފާސްވާ ކުދިންގެ އަދަދު ގިނަވާތީއެވެ! އަހަރެންގެ ދަރިފުޅު ގަދައަޅައި މޮޅުވުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އޭނާއަށް އެކަމުގައި ކާމިޔާބެއް ނުވިއެވެ. އެގޮތަށް އެތައް ފަހަރަކު މަސައްކަތްކޮށް ނާކާމިޔާބުވުމުން އޭނާވެސް އެހެންކުދިންގެ މަކަރުހެދުމުގައި ބައިވެރިވާން ނިންމިއެވެ. އެއީ އޭނާގެ ހުރި ފެންވަރާއި ހުނަރު ދެއްކެން އޮތް ހަމައެކަނި މަގަކީ އެއީ ކަމުގައިވީތީއެވެ!”
އަދިވެސް އޭނާ ބުންޏެވެ. “އަހަރެންގެ ދަރިފުޅަށް ޢައުރަ ނިވާނުކުރާ އަންހެނުންގެ ފޮޓޯތައް ފެނުނީ ސްކޫލުގެ މާޙައުލުގެ ތެރެއިންނެވެ. އަދި އެފަދަ މަންޒަރުތައް ހިމެނޭ މަޖައްލާތައް ފެނުނީވެސް އެތަނުންނެވެ. ކުދިން އެފަދަ ތަކެތި ހިފައިގެން ސްކޫލަށް އައިސް އެބަލަން އެއްވެގެން ތިބެއެވެ. އަދި އެފޮޓޯތަކަށް އެންމެ ރީތި ކޮމެންޓު ދެވެނީ ކާކަށްތޯ ބަލައެވެ. ހަޑި އަދި ފާޙިޝް ބަސްތަކާއި، އެފަދަ ޖޯކުތައް އެކަކު އަނެކަކަށް ކިޔައިދީ ހަދައެވެ. އަދި އެކުދިންގެ ލޯބީގެ ގުޅުންތަކުގެ ވާހަކަތައް ތަފުސީލުކޮށް ކިޔައިދެއެވެ. އަދި އެކަކު އަނެކަކާ ނަމްބަރުތައް ބަދަލުކުރެއެވެ… މިހުރިހާ ކަމެއްގެ ސަބަބުން އަހަރެންގެ ދަރިފުޅު ހުރީ ހައިރާންވެފައެވެ. އޭނާ ހީކޮށްގެންހުރީ އަހަރެމެންގެ މި މުޖުތަމަޢަކީ ވަރަށް ރައްކާތެރިވެފައިވާ މުޖުތަމަޢެއްކަމަށެވެ. އެއިން ކުއްޖެއްގެ ފުށުން ދަރިފުޅަށް މިފަދަ ކަމަކާ ކުރިމަތިލާންޖެހިއްޖެނަމަ އޭނާ އެކަންކަމާ ދުރުހެލިވެއެވެ. އަދި ލަދުވެތިވެއެވެ. އަދި އެފަދަ ކުދިންނަށް އޭނާ ނަސޭޙަތްވެސް ދިނެވެ. އެހެންނަމަވެސް އާޚިރު ނަތީޖާއަކަށްވީ މުންކަރާތް ފަތުރާ ކުދިންނަށް ކާމިޔާބު ލިބި، ފާޙިޝްކަންތައްތައް ބޮޑަށް ފެތުރުމެވެ. އަދި އަހަރެންގެ ދަރިފުޅާ ދެކޮޅަށް އެންމެން ބައިވެރިވުމެވެ. އަދި އަހަރެންގެ ދަރިފުޅު އެކަނި، ބާކީ ކޮށްލެވިފައިވާ ކުއްޖެއްގެ ގޮތުގައި ވުމެވެ.”
މިހުންނަނީ ރަޙުމަތްތެރިންގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. އެހެންކަމުން މިފަދަ ނުބައި އަސަރުތަކާއި ދެކޮޅަށް މަސައްކަތްކުރާނެ ގޮތަކާމެދު ތިބާ ހުށަހަޅަނީ ކޮންކޮން ކަންތައްތަކެއްތޯއެވެ؟ އަހަރެމެންގެ ދަރިންގެ ގާތްތިމާގެ މީހުންނާއި، ރަޙުމަތްތެރިންނަށް ޒިޔާރަތްކުރުމަށް، އެކުދިންނަށް މަނާކުރަންވީތޯއެވެ؟ އެކުދިން ސްކޫލަށް ދިއުން މަނާކުރަންވީތޯއެވެ؟ މުޖުތަމަޢާއި ވަކިވެ، ބާޒާރުތަކަށްވެސް ނުގޮސް ތިބެންވީތޯއެވެ؟ ރޭޑިޔޯތަކުން އިވޭ ޚަބަރުތައް އަޑު ނާހަންވީތޯއެވެ؟ ނޫސް މަޖައްލާތަކާއި، ކޮމްޕިއުޓަރާއި، ފޯނުތައްވެސް ބޭނުންކުރުން ހުއްޓާލަންވީތޯއެވެ؟
______________________