[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (9)

ބޭރު ތެރެއިން ކުރިމަތިވާ ގޮންޖެހުންތައް މަދުކުރެވޭނީ ވަކި މިންވަރަކަށެވެ. އަދި އެކަންކަމުން ކުރާ އަސަރުތައް ކުޑަކުރެވޭނީވެސް ވަކި މިންވަރަކަށެވެ. އެހެންކަމުން އެކިއެކި މަސައްކަތްތަކާއި، ބުރަ މަސްއޫލިއްޔަތުގެ ސަބަބުން ކުދިން ތަރުބިއްޔަތުކުރުމުން އިހުމާލުވެގެން ނުވާނެއެވެ. އެހެންނަމަވެސް، އަހަރެމެންގެ ދަރިން އުޅޭނޫޅޭގޮތް ހުރިހާ ވަގުތެއްގައި އަހަރެމެންނަށް ނުވެސް ބެލޭނެއެވެ. އަދި ފަސާދަތައް އަހަރެމެންނާއި އެހާ ކައިރީގައިވާއިރު، އަދި ވަރަށް ބޮޑަށް ފެތުރިފައިވާއިރު އެކަންކަން ނުހުއްޓުވޭނެއެވެ. އެހެންނަމަވެސް، އެފަދަ ފަސާދަތަކުގެ ނުރައްކަލުން އަހަރެމެންގެ ދަރިން ރައްކާތެރިކުރެވިދާނެއެވެ. އެކުދިންގެ ތަޤުވާވެރިކަން އިތުރުކޮށްގެންނެވެ. އަދި އަބަދުވެސް ﷲ ބައްލަވާވޮޑިގެންވާކަމުގެ އިޙުސާސް އެކުދިންގެ ނަފްސުތަކުގައި އަށަގަންނުވައިގެންނެވެ. އަދި އެކަލާނގެއަށް ސިއްރާއި ފާޅުގައި ކިޔަމަންތެރިވުމަށް ދަސްކޮށްދީގެންނެވެ. އަދި އެކަލާނގެ އަމުރުފުޅުތަކަށް ތަބާވުމަށް އަހައްމިއްޔަތުކަންދީގެންނާއި ނަޙީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަށް މަސައްކަތްކޮށްދީގެންނެވެ.

މިގޮތަށް އެކުދިން ހޭނުވުމަށް، އެކުދިންގެ އެންމެ ކުޑައިރުއްސުރެ ފަށަން ޖެހޭނެއެވެ. އެއްފަހަރު ނުވަތަ ދެފަހަރު އެކުދިން ކައިރީ އެކަމެއްކުރަން ބުނެގެން ނުވަތަ މަނާކޮށްގެން ފުއްދާނުލެވޭނެއެވެ. އަދި ދޭތެރެއަކުން ދޭ ނަޞޭޙަތަކުން ނުވަތަ ފާހަގަކޮށްލާ ކަމަކުންވެސް ނުފުދޭނެއެވެ. އެހެންނަމަވެސް، މިގޮތަށް އެކުދިންގެ އުޅުން ބައްޓަންކުރެވިގެންދާނީ ކޮންމެ ދުވަހަކު އެކުދިންގެ ކަންކަން ހުރިނެތްގޮތް ރަނގަޅަށް ބަލައިގެންނެވެ. ވަރުބަލިކަމެއްނެތި އެކުދިންގެ ކަންކަން ދާގޮތް ރަނގަޅަށް ބަލައިގެންނެވެ.  ސަބަބަކީ ކުޑަކުދިންނަކީ އެކުދިން ކައިރީ ބުނެވޭ ވާހަކަތައް ވަރަށް އަވަހަށް ހަނދާންނެތޭ ބައެކެވެ. އަދި އެކުދިންގެ ނަފްސު ބޭނުންވާ ގޮތަށް ލެނބި، އެކުދިން ބޭނުންވާ ކަންތައްކުރުމުގައި އުޅެން ފަށައެވެ. އެހެންކަމުން، އޯގާތެރިކަމާއެކު އެކުދިންނަށް ހަނދާންކޮށްދޭށެވެ. ކެތްތެރިކަމާއި، ވަރުގަދަ ޢަޒުމާ އެކީ މައިންބަފައިން އެކުދިންގެ ކަންކަން ރަނގަޅަށް ބަލައި ހަދައިފިނަމަ އެކަމުގެ ފޮނި ރަހަ ލިބިގެންދާނެއެވެ.

 މިފަދައިން އަހަރެމެންގެ ޢަމަލުތައް ބެހެއްޓިއްޖެނަމަ، އެކުދިންގެ ކަންކަން ދަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބަލައި ހިސާބުކުރާނެ ބެލެހެއްޓުންތެރި “ފަރާތެއް” އެކުދިންގެ ނަފްސުގެ ތެރޭގައި ހުންނާނެއެވެ. އަދި އެބެލެހެއްޓުންތެރި ފަރާތަކީ އެކުދިންނާއެކު އުޅޭ، އެކުދިން އެފަރާތަކަށް އިޙުތިރާމްކުރާ ފަރާތަކަށްވާނެއެވެ. އަދި އެކުދިންގެ ޢަމަލުތައް ހުންނަގޮތް ބަލާނެކަމުގެ އުއްމީދު އެފަރާތާއިމެދު އޮންނާނެއެވެ. އަދި ﷲއަށް ބިރުވެތިވެ، އެކަލާނގެ ދަރުމައާއި ޘަވާބަށް އެދޭޙާލު އެފަރާތަށް އެކުދިން ބޯލަނބާނެއެވެ. އެހެންކަމުން، އެކުދިންނާއެކު އެހެން ބެލެހެއްޓުންތެރިއެއް ނުހުންނަ އިރެއްގައިވިއަސް، އަދި ފަސާދަތައް އެކުދިންގެ ވަށައިގެން ވިއަސް އެކުދިން އެކަންކަމާ ދުރުހެލިވާނެއެވެ. ތިމާގެ އަމިއްލަ ނަފްސުގެ ތެރޭގައި އެވާ ބެލެހެއްޓުންތެރިކަމުގެ އިޙުސާސަކީ، އެއާއި އެހެން ބެލެހެއްޓުންތެރިއެއް ހުރުމާ އަޅާކިޔޭނެ ކަމެއް ނޫނެވެ. އަދި އެކަން ނެތިއްޖެނަމަ، ކުދިންނަށް ކަންކަން ކުރުމަށް ޖޯޝު ގެނައުމުން ނުވަތަ އިންޒާރު ދިނުމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އަދި ދެވޭ އަދަބަކުން ނުވަތަ ކުރެވޭ މަނަލަކުން ކުރާނެ ފައިދާއެއްވެސް ނޯންނާނެއެވެ. އެހެންކަމުން، އަހަރެމެންގެ ދަރިން ޝުބުހަތަކާއި ކައިރިވުމުން ދުރުހެލިކޮށް ސަލާމަތްކޮށްދޭ ކަމަކީ މިއީއެވެ. އަދި އެއިރުން ޙަރާމްކަންތަކަށް އަރައިގަތުމުންވެސް ސަލާމަތްކޮށްދޭނެއެވެ.

 އަހަރެމެންގެ ދަރިންގެ ހިތްތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެ ލޯބިވުން އަށަގެންނުވިއްޖެނަމަ (ﷲއަށް ބިރުވެތިވާ ޙާލު)، އަދި އެކުދިންނަށް ލިބޭނެ، ގުނާ ޢަދަދު ނުކުރެވޭ ނިޢުމަތްތަކުގެ ވާހަކަތައް އެކުދިންނަށް ބުނެދެވިއްޖެނަމަ، ޤަސްތަކާއިނުލައި އަހަރެމެންނަށް އެކުދިންނަށް މިދަސްކޮށްދެވެނީ ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީތަކާ ދުރުހެލިވުމަށެވެ. އަދި މިގޮތަށް އަހަރެމެން ޢަމަލުކުރުމުގެ ސަބަބުން، އަހަރެމެންނަށް އެބިނާކުރެވެނީ އެކުދިންނާއި، ޙަރާމްކަންތަކާ ދެމެދުގައި ވަރުގަދަ ފާރެކެވެ. އޭގެ ސަބަބުން އެކުދިން ﷲ ނަހީކުރައްވާފައިވާ ކަންކަމާ ދުރުހެލިވާނެއެވެ. މަޖުބޫރުވެގެންނެއް ނޫނެވެ. އެހެނަސް އަމިއްލަ ރުހުމުގައި، ﷲގެ ދަރުމައާއި ޘަވާބު އެދިގެންނެވެ. މީގެ ސަބަބުން އެކުދިންގެ ނަފްސުގައި އެއަށަގެންނެވެނީ ތަޤްވާވެރިކަމާއި، ﷲ ގެ ރުއްސެވުން އެދޭ ޙާލު އެކަލާނގެއަށް ބިރުވެތިވުމަށް ހިތްވަރުދޭ ވަރުގަދަ ބާރެކެވެ. އަދި ޙަރާމްކަންތައްތައް އެއްކިބާކޮށް، ރުހުމުގައި ޙަލާލުކަންތައް ކުރުމަށް އެދޭ ބާރެކެވެ.

 އަހަރެންގެ މި ވާހަކަތަކާމެދު އަޖާއިބު ނުވާށެވެ. ނަބީބޭކަލުންނަށްވެސް، މީސްތަކުން ނުބައިކަންކަމާ ދުރުކުރުވެނީ އެބައިމީހުންގެ އީމާންތެރިކަން ވަރުގަދަ ވުމަށްފަހުގައެވެ. އަދި އެބޭކަލުންނަށް ތަބާވާ މީސްތަކުންގެ ނަފްސުތަކުގައި ތަޤްވާވެރިކަމާއި، ﷲއަށް ބިރުވެތިވުން އާލާކޮށްގެންނެވެ. މިކަންކަން މީސްތަކުންގެ ނަފްސުތަކުގައި އަށަގެންފިނަމަ، ފާސިދުކަންކަންތައްތަކާ އެމީހުން ދުރުވާނީ އެމީހުންގެ ނަފްސުން އެކަންކަމާ ދުރުހެލިވުމަށް ބާރުއެޅިވަރަކަށެވެ.

ޞަޙާބީ ބޭކަލުންގެ ޢަޒުމްވަރުގަދަވެ، ހެޔޮކަންކަމުގައި އެބޭކަލުންގެ އިސްނެންގެވުން މަތިވި ވަރަކަށް އެބޭކަލުން އަވަސްވެވަޑައިގަތީ ޙަރާމްކަންކަމަކީ ކޮބައިކަން ދެނެގަތުމަށެވެ. އެއީ ނޭނގިތިބެ، ޙަރާމްކަންކަމަށް އަރައިގަނެވިދާނެ ކަމުގެ ބިރަށްޓަކައެވެ. އެބޭކަލުންގެ ހިތްތިރިކަން ހުރި މިންވަރަކީ، އެބޭކަލުން، އެކަންކަމެއްގައި އެއްވެސް މައްސަލައެއް ނެތް ކަންކަންވެސް ނުކޮށް ދޫކުރެއްވިއެވެ. އެއީ ނޭނގި ނަމަވެސް، މައްސަލަހުރި ކަންކަން ކުރެވިދާނެކަމުގެ ބިރަށްޓަކައެވެ. އަދި ދީނުގެ ޙުކުމްތަކާބެހޭ ގޮތުން ސުވާލުކޮށް އުޅުއްވިއެވެ. އަދި އެބޭކަލުންގެ ކުޅަދާނަކަން ހުރި ވަރަކުން، ހުރިހާ ކަމެއްގައި އެންމެ ފުރިހަމައަށް ކަންކަން ކުރައްވަން މަސައްކަތްކުރެއްވިއެވެ. އަދި ކަމަކަށް އަމުރުކުރެވިފައިވާ އާޔަތެއް ބާވައިލެއްވިއްޖެނަމަ، އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، އަދި ދެކޮޅު ހެއްދެވުމަކާނުލައި އެކަންކަމަށް ވަގުތުން ވަގުތަށް ތަބާވެވަޑައިގެންނެވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން، އެންމެ ހެޔޮ ޢަމަލުތަކާބެހޭގޮތުން ސުވާލުކުރައްވައެވެ. އެހެންކަމުން މިފަދަ ނަތީޖާއަކަށް އަހަރެމެން އެދޭނަމަ، އަހަރެމެންނަށް އޮތީ މިފަދައިން ނަތީޖާ ނެރެވެން ދިމާވި ސަބަބުތަކުގައި ހިފުމެވެ. އަދި އަހަރެމެންގެ ދަރިންގެ ކަންކަން އިސްލާހުވާނެ އޮތް ހަމައެކަނި މަގަކީ އެކުދިން ތަޤުވާވެރިކަމުގެ މަތީގައި ބޮޑުކުރުމެވެ. މިފަރުވާ (ދީންވެރިކަން ނުވަތަ ތަޤުވާވެރިކަން) ގެ ސަބަބުން އަހަރެމެންގެ ކުދިން ފާސިދުކަންކަމުގައި ޖެހި، އޭގެ ނުބައި އަސަރުކުރުމުން ރައްކާތެރިކޮށްދޭނެއެވެ. އަދި ނޭނގި ތިއްބާ ފާޙިޝްކަންކަމަށް އެލިބޭ ދަޢުވަތުތަކަށް އިޖާބަދިނުމުންވެސް ދުރުކޮށްދޭނެއެވެ. އަދި މިހާރު ކުރިމަތިވަމުންދާ އަދި މުސްތަޤުބަލުގައި ކުރިމަތިވާނެ އެތައްއެތައް މައްސަލަތަކުން އަހަރެމެން ދުރުކޮށްދޭނެއެވެ. މިފަރުވާއަކީ ދޮގުހެދުމާއި، މަކަރު ހެދުމާއި، ވައްކަންކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ސީދާ މަގުން އެއްކިބާވެގެން ދިއުންފަދަ ހުރިހާ ނުބައިކަންކަމާ ދެކޮޅު، އަދި އެކަންކަން ފަތުރާ އެންމެހައި ކަންކަމަކާއި، ވަސީލަތްތަކާއިވެސް ދެކޮޅު ފަރުވާއެކެވެ. އެތައް ބަޔަކު ވަނީ މިފަރުވާ ބޭނުންކޮށް އޭގެ ފޮނި ތަޖުރިބާކޮށްފައެވެ. އަދި އެމީހުންނަށް ފެނިގެން ދިއައީ ވަރަށް ވެސް އުފާވެރި އަޖާއިބުވަނިވި ނަތީޖާއެކެވެ. ތިރީގައި މިބަޔާންކޮށްލަނީ އަހަރެންނަށް ތަޖުރިބާކުރެވުނު ޙާދިޘާތަކެކެވެ:

  • އަހަރެމެން އެއްފަހަރަކު ޔޫރަޕުގެ ޤައުމަކަށް ދިޔައީމެވެ. އެފަހަރު އަހަރެންގެ ހަ އަހަރުގެ ދަރިފުޅު އެތަނުން އެއްޗެއް ކާން އަދި ބޯންވެސް ދެކޮޅު ހެދިއެވެ. އަދި އެމެޓާތަކުގައި ހިމެނޭ ޖެލަޓީން ނެގިފައިވަނީ ކޮން އެއްޗަކުންކަން ބަޔާންކުރެވިފައި ނުވާ މެޓާ ފަދަ ތަކެތި ކެއުމުންވެސް މަނާވެގަތެވެ. (އެއީ އޫރު ނުވަތަ ޙަލާލު ގޮތުގައި ކަތިނުލެވި ހުރި ޖަނަވާރެއްގެ ތެޔޮ ބޭނުންކޮށްފައި ހުރެދާނެ ކަމުގެ ބިރަށެވެ.)
  • ދިހަ އަހަރުގެ ދަރިފުޅު މަނާވެގަތީ އޭނާއަށް ވަރަށް ކަމުދާ ކޮމްޕިއުޓަރު ގޭމްތައް ގަތުމުންނެވެ. އެއީ އޭގެ ބޭރުގައި އައުރަ ނިވާނުކޮށް ތިބި އަންހެން ުދިންގެ ތަސްވީރު ހުރުމުންނެވެ.
  • އަހަރެންގެ އަވައްޓެރިއެއްގެ ފިރިހެން ދަރިފުޅަށް، އޭނާ މަތީ ތަޢުލީމު ޙާސިލުކުރަން ލިބުނު ހިލޭ ފުރުޞަތު ދޫކޮށްލީ އޭނާގެ ދީނަށާއި އަޚުލާޤަށް ކުރިމަތިވެދާނެ ނުބައިކަމަކަށް ބިރުވެތިވެގެންނެވެ. އެ ފުރުޞަތު ލިބުނީ ފަސާދަތައް ގިނަ ކަމަށް މަޝްހޫރު ޤައުމަކުންނެވެ.

އެހެންކަމުން، މިފަދަ އުފާވެރި، ހިތްހަމަޖެހޭ ނަތީޖާތައް ނެރުމަށްޓަކައި، ވަރުބަލިވާ ވަރަށް ގަދައަޅައި މަސައްކަތްކުރުން ޙައްޤު ނޫންތޯއެވެ؟! ދުނިޔޭގައި، ފަސާދައާއި ގޯސްކަންކަމުން ދުރުހެލިވުމަކީ އެދެވިގެންވާ ރިވެތި އަދި އިޙުތިރާމް ލިބިގެންވާ އަދަބުތަކެކެވެ. އަދި އާޚިރަތުގައި އެކަމުން ލިބެން އޮތީ ސުވަރުގެއެވެ.

މިއިން އެނގިގެން ދަނީ ޙައްލު މިވަނީ އެންމެ ކަމެއްގައި ކަމެވެ. އެކަމުން ދުރުވެގެން ނުވާނެއެވެ. ނަޖާވުން އޮތީވެސް އެކަމުގައެވެ. އަދި އެކަމުން ނޫނީ، މިފަދަ ފަސާދަތަކުން އަހަރެމެންގެ ދަރިން ޙިމާޔަތްކުރެވެންވެސް ނެތެވެ. އެކަމަކީ: ރަނގަޅު ޢަގީދާއާއި، އީމާންކަން އެކުދިންގެ ހިތްތަކުގައި ބިންވަޅު ނަގުވައި، އެކުދިންގެ އެތެރެފުށުން އެކުދިން ޙިމާޔަތް ކުރުމެވެ. އަދި ޝަރީޢަތުގެ ހުރިހާ ކަންކަން ރަނގަޅަށް އެކުދިންނަށް އެނގުމެވެ. އަދި ޙަލާލުކަންކަމާއި ޙަރާމްކަންކަން އެނގި، ފަހަނައަޅައި ނުދާން ޖެހޭ މިންގަނޑުތަކަކީ ކޮބައިކަން އެކުދިންނަށް އެނގުމެވެ. އަދި ޝުބުހަތްތަކަކީ ކޮބައިކަންވެސް އެކުދިންނަށް އެނގުމެވެ. އަދި އެއަށްފަހު، އެކުދިންގެ ޒަމީރު ވަރުގަދަކޮށް، ތަޤުވާވެރިކަމާއި، ނުބައިކަންކަން މަނާކުރާނެ އީމާނީ ބާރު ވަރުގަދަކުރުމެވެ.

މިއީ ބޭރު ތެރެއިން ކުރިމަތިވާ ކަންކަމެވެ.  އަހަރެން ވާނީ މިކަމަށް އަލިއަޅުވާލައި، މިކަމުން ރައްކާތެރިވާނެ ގޮތްތައް ބަޔާންކޮށްދީފައެވެ. އެއީ ދަރިންގެ ކުރިމަތީގައި، މައިންބަފައިންގެ ބަސް ނުވިކޭ ސަބަބެއްކަމުގައި މައިންބަފައިން ދައްކަނީ މިކަންކަމުގައި ވާތީއެވެ.

އެހެނަސް، އިތުރު ވާހަކައެއް ބުނެލަން އަހަރެން ބޭނުމެވެ. ވަރަށް ރަނގަޅަށް ކަނުލައި އަޑުއަހާށެވެ: މީޑިއާގެ އެކި ވަސީލަތްތަކާއި، ކޭބަލް ޓީވީއާއި، އިންޓަނެޓަކީ ނުރައްކާތެރި ތަކެއްޗެވެ. އަދި އަހަރެމެންގެ ދަރިންނަށް އެތަކެތިން ވަރަށް ނުބައި އަސަރުތައް ކުރެއެވެ. އެހެންނަމަވެސް، މިކަންކަމަކީ ގޭގެތެރެއިން ކުރިމަތިވާ ކަންކަން ކަމުގައިވާތީ، މިކަންކަމާ ދެކޮޅަށް މަސައްކަތްކޮށް، މިއިން ކުރާ އަސަރުތައް ކުޑަކުރުމަކީ ފަސޭހަކަމެކެވެ. މައިންބަފައިން މަސައްކަތްކޮށްފިނަމަ އޭގެ މައްޗަށް ބާރުފޯރުވައި، އެކަން ވަކި ޙައްދެއްގައި ހިފެހެއްޓުމަކީ ކުރެވިދާނެ ކަމެކެވެ.

އަހަރެމެންގެ ދަރިން، އެކުދިންގެ ސުލޫކާއި، އާދަތައް ދަސްކުރަނީ ގޭތެރޭގެ މާހައުލުންނެވެ. އަދި ގާތްތިމާގެ މީހުންނާއި، މުދައްރިސުންގެ ކިބައިންނާއި، އަދި މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ކިބައިންނެވެ. އެމީހުންނަކީ، އެމީހުންގެ ވަށައިގެންވާ ޘަޤާފަތުން އެކުދިންގެ މައްޗަށް އަސަރުކުރުވާ ބައެކެވެ. އެމީހުންގެ އާދަތަކާއި، ޤަބޫލުކުރުންތަކާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތްތަކާއި، ވަށައިގެންވާ މާހައުލުން، އެކުދިންގެ އަޤީދާއާއި، ޤަބޫލުކުރުންތަކާއި، ފިކުރުތަކާއި، އުއްމީދުތަކާއި، ލަނޑުދަނޑިތަކާއި، ޝަޚުޞިއްޔަތު ބިނާކުރުމުގައި ވަރަށް ބޮޑު އަސަރެއް ކުރުވާ ބައެކެވެ. ގިނަ ޙާލަތްތަކުގައި ކުދިންގެ ވަށައިގެން މިވާ މާޙައުލަކީ އެކުދިންނަށް އެއިން ނުބައި އަސަރުކުރާ ތަނެކެވެ.

އެކި ކުދިންނަށް އެކި މީހުންގެ ސަބަބުން އަސަރު ފޯރާނީ އެކި ވަރަށެވެ. ވަކި ފަރުދެއްގެ ކިބައިން އަނެކުންނަށް އަސަރުކުރަނީ އެއްވަރަކަށް ނޫނެވެ. އެކުދިންގެ ހިތުގައި މީހަކަށް ކުރާ އިތުބާރު ބޮޑުވެއްޖެނަމަ އޭނާގެ ކިބައިން އަސަރުކުރާލެއް ބޮޑުވާނެއެވެ. މީހަކާ ބައްދަލުވެ، ފެނިދެނިވެ އުޅޭ މިންވަރު އިތުރުވެއްޖެނަމަ އެމީހެއްގެ ފުށުން ކުރާ އަސަރު ބޮޑުވާނެއެވެ. ހެޔޮ ވިސްނޭ މައިންބަފައިން އެމީހުންގެ ދަރިންގެ އިތުބާރު ހޯދައި، އަދި އެކުދިންނަށްޓަކައި އެންމެ ފުރިހަމަ ނަމޫނާއަށް ވާން މަސައްކަތްކުރާނެއެވެ. އަދި އެކުދިންނަށް ރަނގަޅު ރަޙުމަތްތެރިން ހޯދައިދޭނެއެވެ. އަދި ވިސްނޭ ރަނގަޅު މުދައްރިސުންނާއި ގުޅުވާނެއެވެ. އޭރުން މައިންބަފައިންނަކީ (އަދި އެމީހުން އިތުބާރުކުރާ މީހުންނަކީ) އެމީހުންގެ ދަރިންގެ މައްޗަށް އެންމެ ބޮޑު އަސަރުކުރާ މީހުންނަށް ވެގެންދާނެއެވެ. އަދި އެހެނިހެން ކަންކަމުން އެކުދިންނަށް ކުރާ ނުބައި އަސަރު ކުޑަކޮށްދޭނެއެވެ.

އާނއެކެވެ. އެދަރިންނަށް ހެޔޮ އަސަރުކުރުވުމުގައި އެންމެ ބޮޑު ބާރެއް ލިބިފައި އޮތީ ތިޔަ މައިންބަފައިންނަށެވެ. އެހެންކަމުން ބޭރުތެރެއިން ކުރިމަތި މިވާ ކަންކަމަކީ (ޚަބަރު ފަތުރާ ވަސީލަތްތަކާއި، ކޭބަލް ޓީވީއާއި އިންޓަނެޓު ފަދަ) ދެވަނަ ދަރަޖައިގައި ހިމެނޭ ކަންކަމެވެ. އަދި މީހުން އެދަޢުވާ ކުރާ ގޮތަށް (ދަރިންނަށް ބޮޑު ބަދަލެއް އައުމުގެ ސިއްރަކީ މިފަދަ ކަންކަންކަން ކަމުގައި) މިކަންކަމަށް ބާރު އޮތް ކަމަށް އަހަރެން ނުދެކެމެވެ. މިފަދަ ކަންކަމުގެ ސަބަބުން ދަރިން ފަސާދައިގެ ތެރެއަށް ހުށަހެޅެނީ މައިންބަފައިން އެކަމަށް މަގު ކޮށައިދިނީމައެވެ. އޭގެ ސަބަބުން މިކަންކަން އެކުދިންގެ ޙަޔާތުގެ ތެރެއަށް ވަދެ، ކުދިންގެ ނަފްސުގެ ކިބައިގައިވާ އުނި ކަންކަމުގެ އެހީގައި އޭގެއިން ނުބައި އަސަރުތައް ފޯރުވަން ފެށީއެވެ. އަދި އަހަރެމެން މިއަދު މިދެކޭ ނަތީޖާއާ ހަމައަށް އަހަރެމެން ވާޞިލުކޮށްދިނީއެވެ.

ދެން، ދަރިންނަށް، އެކަންކަމުން ނުބައި އަސަރުތައް މެދުވެރިވަނީ ކޮންކޮން ކަމަކުންތޯއެވެ؟ މިޖީލުގެ ކުދިންނަށް މިހާ ބޮޑު ބަދަލެއް އައީ ކޮން ސަބަބަކާ ހުރެތޯއެވެ؟ އަދި އެދަރިންގެ ކުރިމަތީގައި މައިންބަފައިންގެ ބަސްނުވިކެން މެދުވެރިވީ ކީއްވެތޯއެވެ؟

މިސުވާލުތަކުގެ ޖަވާބު ކުރިއަށް ހުރި ޞަފްޙާތަކުން ލިބިގެންދާނެއެވެ.

**                 **                **

____________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!