[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (11)

އޭ މަންމައިންނޭވެ! އޯގާތެރިވުން، އޭގެ ޒާތުގައި ތިމާގެ ބަހުގައި ސާބިތުވުމާ ފުށު ނާރައެވެ. އޯގާތެރިކަމަކީ، ލޯތްބާއި، ބެލެހެއްޓުންތެރިކަމާއި، ދަރިފުޅުގެ ނަފްސު ޤަބޫލުކުރުމާއި، އަދި އޭނާގެ ބޭނުންތަކަށް އިސްކަން ދިނުމެވެ. ސާބިތުވުމަކީ، ކަނޑައެޅިފައިވާ އަމުރުތަކާއި، ނަހީތައް ތަންފީޒުކުރުމެވެ. އޭގެ ބޭނުމަކީ ހެޔޮ ކަންކަމަށާއި، ރަނގަޅު ކަންކަމަށް ދަރިފުޅަށް މަގުދައްކައިދިނުމެވެ. އަދި އޭނާއަށް ގެއްލުން ލިބޭނެ ކަންކަން (ހަށިގަނޑަށާއި، ދީނަށާއި، ޚުލުޤަށް) އޭނާއަށް މަނާކުރުމެވެ. އެހެންކަމުން، މިދެކަމުގައި ފުށު އެރުމެއް ކޮބައި ހެއްޔެވެ؟

މައިންބަފައިންގެ އޯގާތެރިކަން މާމަތިވެގެން ދިއުމުގެ ސަބަބުން، ކުރިމަތިވީ ތިރީގައި މިބަޔާންކުރެވޭ ކަންކަމާއެވެ:

1. ކަންކަމުގައި މާބޮޑަށް ދޫދިނުމާއި، މާ ބޮޑަށް އެކުދިން ބެލެހެއްޓުން: މީގެ މައިގަނޑު ސަބަބަކީ އަހަރެމެން ބޮޑުވިއިރު ކުރިމަތިވި ހަރުކަށިކަމެވެ. އެހެންވެ ދަރިންނާމެދު އެފަދައިން ކަންތައް ކޮށްފިނަ، އެކުދިންނަށް ލިބިދާނެ ގެއްލުމަކަށްޓަކައި އަހަރެމެން ބިރުގަންނަނީއެވެ. ޠަބީޢީ ގޮތުން ކުރިމަތިވާ ދަތި އުނދަގޫތައް އެކުދިން ތަޙައްމަލުކުރަންޖެހުމާމެދުވެސް އަހަރެމެން ބިރުގަނެއެވެ. މިސާލަކަށް؛ ބަނޑުހައިވުމާއި، ނިދި މަދުވުމެވެ. އެހެންވެ، އަހަރެމެން އެކުދިންނަށް ބޭނުންވާ ވަރަށް ވުރެވެސް އިތުރަށް ކާންދެނީއެވެ. ބަނޑުހައި ނުވާނެ ވަރަށް ގިނައިން ކާން ދެނީއެވެ. އަދި އެކުދިން ކަންނެތްކަމާއެކު، ނިދާނެ ވަރަކަށް ނިދަން ދޫކޮށްލަނީއެވެ. އަދި އެކުދިންނަށް ބުރަވެދާނެތީ އެކުދިން ލައްވާ އެއްވެސް ޒިންމާއެއް ނުނަގުވަމެވެ. އަދި އެކުދިން ކުރަންޖެހޭ ހުރިހާ ކަމެއްހެން އެކުދިންގެ ބަދަލުގައި ކުރަނީ އަހަރެމެންނެވެ. އެކުދިންނަށް ބޭނުންވާ ކޮންމެ އެއްޗެއް ގެނެސްދެމެވެ. އަދި އެއްވެސް ބުރައެއް އުފުލަން ނުޖައްސައި، އަރާމުކޮށް އުޅެވޭނެ މަގު ފަހިކޮށްދެމެވެ. އެކުދިންގެ ޚިދުމަތުގައި އަދި އެކުދިންނަށް ކަމެއް ނުކުރެވި ހިނގައި ދާނެތީ އެކަމުގެ ބިރަށް އަހަރެމެންގެ ނިދިން މަހުރޫމުވެ ތިބެމެއެވެ. (ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ހޭލަން ބޭނުން ގަޑި އަމިއްލައަށް އިޚްތިޔާރުކުރެއެވެ. އަދި މަންމަ ހުންނަނީ ދަންވަރު ތިނެއްޖަހާއިރު ކިޔަވަން ބޭނުންވާ ކުއްޖާގެ ގަޑިއަށް ހޭލައްވަން ސަމާލުކަން ދީގެންނެވެ. އަދި ނަމާދަށް ތެދުވަން ބޭނުން ކުއްޖާއަށް ގޮވަން ތައްޔާރަށެވެ. އަދި ސްކޫލަށް ދާގަޑި ކައިރިވީމަ ތެދުވަން ބޭނުން ކުއްޖާއަށް ގޮވައި ހޭލައްވަންވެސް މެއެވެ.) މިއީ ކޮންކަހަލަ ތަރުބިއްޔަތެއް ހެއްޔެވެ؟ އެކުދިންގެ ޒިންމާތަކާއި އަދި އަހަރެމެންގެ އަމިއްލަ ޒިންމާތައް، އަހަރެމެންނަށް އުފުލަން މިޖެހެނީ އަހަރެމެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އަހަރެމެންނަކީވެސް އިންސާނުން ނޫން ހެއްޔެވެ؟  އަހަރެމެންގެ ހިތްވަރާއި ބާރު ހުންނާނީވެސް ވަކި ވަރަކަށް ނޫން ހެއްޔެވެ؟

އަހަރެމެން، އަހަރެމެންގެ ދަރިން ބޮޑެތި މިކުރަނީ، އެކުދިން އަހަރެމެންގެ މައްޗަށް ބަރޯސާވުމަށެވެ. އަދި އަމިއްލަ އެދުން ބޮޑު ކަމުގެ މައްޗަށެވެ. ކުދިން އަރާމުގައި ބައިތިއްބާފައި، ހުރިހާ ކުދިންގެ ހުރިހާ ކަމެއް މަންމަ ކުރުމަކީ ޢަދުލުވެރި ގޮތެއް ނޫނެވެ. ކޮންމެ ކުއްޖަކަށްވެސް  ޒިންމާތަކެއް ވެއެވެ. މާތް ﷲ އަހަރެމެންނަށް ދަރިން ދެއްވައި، އަދި އަހަރެމެންނަށް އިޙުސާންތެރިވުމަށް އެކުދިންނަށް އަމުރުކުރެއްވިއެވެ. އެކަމަކު، މިއަދު މިފެންނަނީ އެއާޔަތުގައި އަންގަވާފައިވާ ގޮތާ އިދިކޮޅަށް ކަންތައް ވަމުން ދާތަނެވެ. ދަރިންނަށް ކިޔަމަންތެރިވެ ހެޔޮކޮށް ހިތާ ބަޔަކީ އަހަރެމެންނެވެ. އެއީ ދަރިންގެ ރުހުން ހޯދުމަށްޓަކައެވެ.

އަހަރެމެންގެ އޯގާތެރިކަން ހައްދުން ބޭރުވެގެން ދިއުމުގެ ސަބަބުން އެކަން ބަދަލުވެފައި މިވަނީ އަހަރެމެންނާއި އިދިކޮޅަށެވެ. އަހަރެމެންގެ ދަރިންވެފައި މިވަނީ އަހަރެމެންނަށް ޝުކުރު ނުކުރާ އަދި އަހަރެމެންވާ ޤުރުބާނީތަކަށް ޝުކުރުވެރިނުވާ ބަޔަކަށެވެ. އަދި މިގޮތަށް ކަން އޮވެމެ، އެކުދިން އަހަރެމެންގެ ކިބައިން އިތުރު ކަންކަމަށް އެދެއެވެ! މިގޮތަށް އެކުދިން ތަރުބިއްޔަތު ކުރުމުގެ ސަބަބުން، އެކުދިންގެ ކިބައިގައި އަނެކާގެ އިޙުސާސްތަކަށް ރިއާޔަތްކުރުމުގެ ވިސްނުމެއް ނުހުރެއެވެ. (މީގެ ތެރޭގައި ތިޔަ މަންމަގެ އިހުސާސްތަކަށް އިހުތިރާމް ނުކުރުން ވެސް ހިމެނެއެވެ.) އެހެންކަމުން ތިބާއަށްޓަކައި، އެކުދިންގެ އަރާމު އުޅުން ދޫކޮށް ބުރައެއް/އުނދަގުލެއް އެކުދިން ނުއުފުލައެވެ. “އޭނާގެ އުފަލަށްޓަކައި ތިބާގެ ބުރައުފުލުން” ވެގެންދާނީ ބޭކާރު ކަމަކަށެވެ. އަދި އޭނާ ތިބާގެ ވަރުބަލިކަމަށް ކުޑަވެސް ފަރުވާލެއް ނުބަހައްޓާނެއެވެ. އަދި އޭނާގެ ކިބައިން ދެކޮޅުވެރިކަމާއި، ޒުވާބުކުރުމާއި، ތިބާއަށްޓަކައި ވަފާތެރިކަން ނެތުން ފެނިގެން ދިއުން އޮންނާނީ ވަރަށް ކައިރީގައެވެ.

އެހެންކަމުން، މިކަމާއި މެދު ހުޝިޔާރުވާށެވެ! އަދި ތިބާއަށް ކަންތައްތައް ކުރެވޭ ގޮތާއި މެދު ވިސްނާށެވެ: ތިބާގެ ދަރިފުޅު ލައްވައި ކަންކަމުގެ ޒިންމާ ނެގުވުމުގައި މައްސަލައެއް ކޮބައިބާއެވެ؟ އޭނާ ކަމެއް ކުރަން މަސައްކަތްކޮށް އެކަން ކާމިޔާބުކޮށްފިނަމަ، އެކަމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ އެއީ ތިބާއަށާއި އޭނާއަށް ލިބޭ ފަޚުރެއް ނޫން ހެއްޔެވެ؟ މިޝަރަފު ލިބިގަތުމުން، ތިބާގެ އަމިއްލަ ނަފްސު މަހުރޫމުކުރަނީ ކީއްވެ ހެއްޔެވެ؟ މިސާލަކަށް؛ އެދަރިފުޅު މަސައްކަތްކޮށް އެކަމުގެ ބުރަ އުފުލައި، ވޭން އިހުސާސްކުރީއެވެ. އެކަމުގައި ގެއްލުމެއް ކޮބައި ހެއްޔެވެ؟ ދުނިޔެއަކީ އެތާނގައި ހިތާމައާއި، ދަތި އުނދަގޫތަކާއި، ކަންކަން ކުރުމުގައި ގަދައަޅައި މަސައްކަތްކުރުން ހިމެނޭ ތަނެކެވެ. ކަންކަމުގައި ކާމިޔާބުވުމަށްޓަކައި އުނދަގުލާއި ކުރިމަތިލާންޖެހޭ ތަނެކެވެ.

2- ކުދިންދެކެ ވާ ލޯތްބާއި، އެކުދިންނަށްޓަކައިވާ ރަޙުމަތުގެ ސަބަބުން، އަހަރެމެންނަށް ކުރިމަތިވާ ބޮޑެތި ހިތާމަތައް އެކުދިންނަށް ވަންހަނާކޮށް، އެކުދިންގެ އެހީއަށް ނޭދުން. މިގޮތަށް ކަންތައްކޮށް، ބޭކާރު ކުދިކުދި ކަންކަމުގައި އެކުދިން ބައިވެރިކުރުން ހިމެނެއެވެ. ދަރިފުޅަށް، އޭނާގެ ބައްޕަގެ ބައްޔާބެހޭ ގޮތުން އެނގުމުން، ނުވަތަ ބައްޕަގެ ކުންފުނި ބަނގުރޫޓުވެއްޖެކަން އެންގުމުން ކުރިމަތިވާނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ތިޔަ މައިންބަފައިންނާއެކު، އެދަރިފުޅުވެސް އެކަންކަން ތަޙައްމަލުކުރުމުގައި ބައިވެރިކުރުވާށެވެ. އޭރުން އެކުއްޖާއަށް ވިސްނި ތަޞައްރަފު ފުދޭނެއެވެ. އޭރުން އޭނާއަކީވެސް އާއިލާގެ ފަރުދެއްގެ ގޮތުގައި ހިމެނޭނެއެވެ. އަދި އެކުދިން އާއިލާއަށް ކުރިމަތިވާ ކަންކަމަށް އަހައްމިއްޔަތު ދިޔަ ދޭށެވެ. އޭރުން އޭނާ އާއިލާއިން ވަކިވެ ނުގަންނާނެއެވެ. އަދި މައިންބަފައިންގެ ކިޔަމަންތެރިކަމުގެ ދަށުން ބީވެގެނެއްވެސް ނުދާނެއެވެ.

ތިބާ ޚަބަރުތައްވެސް އަޑުއަހާށެވެ. އަދި ދަރިފުޅުވެސް ތިބާއާއެކު ޚަބަރު އަޑުއަހަން ބަހައްޓާށެވެ. ގޭގެ އަހުލުންގެ މައްސަލަތަކާއި، އަވައްޓެރިންގެ ޙާލަތާއި، މުސްލިމުންނާއި އެންމެހައި މީހުންގެ ޙާލަތާބެހޭ ގޮތުން ވާހަކަ ދައްކާށެވެ. ތެދުވެރިންނަށް ރައްކާތެރިކަން ލިބޭ، އަދި ތަޤުވާވެރިންނަށް ސަލާމަތްކަން ލިބޭތަން ދައްކުވައިދޭ، ޙަޤީޤީ އަޞްލު ޙާދިޘާތަކުގެ ވާހަކަތައް ދަރިފުޅަށް ކިޔައިދޭށެވެ. އަދި ދަތި އުނދަގޫތަކަށްފަހު ލުއިފަސޭހަކަން ލިބޭތަން ދައްކުވައިދޭ ވާހަކަތައް ކިޔައިދޭށެވެ. އޭރުން އެދަރިފުޅުގެ ބުއްދިއާއި ފިކުރު ކުރިއަރައި، ފުރިހަމަވެ، ބޭކާރު ކަންކަން ދޫކުރާނެއެވެ. އަދި މީހުންގެ އިޙުސާސްތަކަށް އޭނާ ރިއާޔަތްކުރާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކަމާއި ދޭތެރޭވެސް އޭނާ ފިކުރު ހިންގާނެއެވެ.

______________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!