[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުފަންވާ ކުއްޖާގެ ޙުކުމްތަކާ ގުޅޭ 43 ފައިދާ – 1

بسم الله الرحمن الرحيم

 

الحمد لله رب العالمين. والصلاة والسلام على مبعوث رحمة للعالمين. نبينا محمد وعلى آله وصحبه أجمعين. ومن تبعهم بإحسان إلى يوم الدين. وبعد:

 

މިއީ އަލަށް އުފަންވާ ކުދިންނާ ގުޅޭ ޙުކުމްތައް އެކުލެވޭ 43 ފައިދާއެއްގެ މައްޗަށް އައްޝައިޚް މުޙައްމަދު ޞާލިޙު އަލް މުނައްޖިދު حفظه الله تعالى ލިޔުއްވާފައިވާ “43 فائدة في أحكام المولود” މިފޮތުގެ ދިވެހި ތަރުޖަމާއެވެ.

އައްޝައިޚް މުޙައްމަދު ޞާލިހު އަލްމުނައްޖިދު حفظه الله تعالى އަކީ އިސްލާމްދީނުގެ ޢިލްމު ފެތުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ތަފާތު ވީޑިއޯ ޕްރޮގްރާމްގެ އިތުރުން، ތަފާތު އެތައް މައުޟޫތަކަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ދީނީ ސުވާލުތައް އެތައް ބަހަކުން ގެނެސްދޭ islamqa.info ވެބްސައިޓުގެ ޖެނެރަލް ސުޕަވައިޒަރެވެ.

 

މިފޮތުގައި ވަރަށް ކުރުގޮތަކަށް ބަޔާންކޮށްދީފައިވާނީ ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވުމަށް ފަހު އެކުއްޖާގެ ބެލެނިވެރިން އެކުއްޖާއަށްޓަކައި އަދާކޮށްދިނުމަށް އިސްލާމްދީނުގައި އަންގަވައިދެއްވާފައިވާ ބައެއް ކަންތައްތަކެވެ. މިކަންތައްތަކަކީ ޢާންމުކޮށް ކޮންމެ މީހަކަށްވެސް އެނގެންޖެހޭ މަޢުލޫމާތުތަކެކެވެ. މިފޮތުގައިވާ ފައިދާތަކުގެ ތެރޭގައި:

  1. ދަރިންގެ ނިޢުމަތަކީ ކިހާ މަތިވެރި ނިޢުމަތެއްކަމާއި، އިސްލާމްދީނުގައި އެކުދީންނަށް ރިޢާޔަތްކުރާ މިންވަރާ އަދި އެ ކުދީންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ މިންވަރު އެނގިގެންދާނެއެވެ.
  2. ކުއްޖާގެ ތަރުބިއްޔަތަށްޓަކައި ކުއްޖާއަށް ޞާލިޙް މަންމައެއް ހޯދައި ދިނުމާއި އެކުއްޖާ ދުނިޔެއަށް އުފަންވުމުން ދީނުގައި އަންގަވާފައިވާ ގޮތަށް އުފާފާޅުކުރުމާ އަދި މައިންބަފައިންގެ މައްޗަށްވާ އެންމެ ބޮޑު ޙައްޤަކީ ހެޔޮލަފާ ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތުކުރުންކަން އެނގިގެންދާނެއެވެ.
  3. އެއަށްފަހު ކުއްޖާގެ މައްޗަށް އަދާކޮށްދެންޖެހޭ ޝަރުޢީ ކަންތައްތަކުގެ ފިޤުހީ ޙުކުމްތައް ކުރުގޮތަކަށް ބަޔާންކޮށްފައިވާނެއެވެ. އެގޮތުން ތަހްނިޔާ ކިޔުމާއި، ތަޙްނީކު ކުރުމަކީ ކޮބާކަމާއި، ޢަޤީޤާ ކަތިލުމާއި، ނަންކިޔުމާއި، ބޯބޭލުމާއި ، ޚިތާނުކުރުމާއި ބެހޭގޮތުން މިފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

 

ދުޢާއަކީ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މިކުޑަކުޑަ ފޮތުގެ މަންފާ ޙާޞިލުވުމެވެ. އަދި ޝަރުޢީ ޢިލްމު އުނގެނި އެޢިލްމަށް ޢަމަލުކުރުމުގެ ތައުފީޤު ﷲތަޢާލާ އަޅަމެންނަށް މިންވަރުކޮށްދެއްވުމެވެ. آمين

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.

ޢީސާ ޙުނައިނު

(29 ޝައްވާލު 1441ހ. – 21 ޖޫން 2020)

 


 

الحمد لله والصلاة والسلام على رسول الله.

ޙަމްދުހުރީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުޢާކުރަނީ އެކަލާނގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށެވެ.

އެއަށްފަހު ލިޔަމެވެ. މިއީ އަލަށް އުފަންވާ ކުދިންނާއި ގުޅޭ ޙުކުމްތައް ބަޔާންކުރުމަށްޓަކައި ޚުލާޞާގޮތަކަށް އެކުލަވާލާފައިވާ ޢިލްމީ ފައިދާތަކެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާކުރަނީ މި ފޮތަކީ ފައިދާ ޙާޞިލުކުރެވޭ ފޮތެއްކަމުގައި ލެއްވުމެވެ. އަދި މިފޮތް މީސްތަކުންނަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވާ އެންމެންނަށް ހެޔޮޖަޒާ ދެއްވުމެވެ.

 މުއައްލިފު

އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު

 


 

  1. ދަރިންނަކީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. އަދި މަތިވެރިވެގެންވާ އިޙްސާންތެރިކަމެކެވެ. އަދި ބޮޑުވެގެންވާ ހިބަކޮށްދިނުމެކެވެ. އޭގެ ސަބަބުން އަޅާ ﷲއަށް ޝުކުރުވެރިވުމާއި ހެޔޮގޮތުގައި ބެލެހެއްޓުމާއި ރައްކާތެރިވުން ވާޖިބުވެގެންވާ ބޮޑު ނިޢުމަތެކެވެ. އެކުދީންނަކީ ހިތްތަކުގެ މޭވާތަކެވެ. ބުރަކަށިތަކުގެ ތަނބުތަކެވެ. އަދި ދުނިޔަވީ ޙަޔާތުގެ ޒީނަތްތެރިކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ

(ٱلۡمَالُ وَٱلۡبَنُونَ زِینَةُ ٱلۡحَیَوٰةِ ٱلدُّنۡیَا) [ސޫރަތުލް ކަހްފު 46] 

މާނަ: މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.

އަދި ރަޙްމާނުވަންތަ ﷲ ތަޢާލާ އިޚްތިޔާރުކުރައްވާފައިވާ އަޅުތަކުންގެ ދުޢާގައިވަނީ މިފަދައިންނެވެ.

(رَبَّنَا هَبۡ لَنَا مِنۡ أَزۡوَ ٰ⁠جِنَا وَذُرِّیَّـٰتِنَا قُرَّةَ أَعۡیُنࣲ وَٱجۡعَلۡنَا لِلۡمُتَّقِینَ إِمَامًا) [ސޫރަތުލް ފުރްޤާން 74]

މާނަ: އަޅަމެންގެ ރައްބެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!

 

2. ޙައްޤުތަކާއި، ޖަމްޢިއްޔާތަކާއި، އިދާރާތްތަކާއި، ދުނިޔަވީ ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރިން އިސްލާމްދީނުގައިވަނީ ތުއްތުކުއްޖާގެ ޙައްޤުތައް ކަނޑައަޅައި ނިންމަވައިފައެވެ. ޙަދީޘެއްގައި އައިސްފައިވެއެވެ:

((وَإِنَّ لِوَلَدِكَ عَلَيْكَ حَقًّا)) [1]

މާނަ: “ތިބާގެ ދަރިފުޅަށްޓަކައި ތިބާގެ މައްޗަށް ހައްޤެއްވެއެވެ.”

 އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((كُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ، … وَالرَّجُلُ فِي أَهْلِهِ رَاعٍ، وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالْمَرْأَةُ فِي بَيْتِ زَوْجِهَا رَاعِيَةٌ، وَهِيَ مَسْئُولَةٌ عَنْ رَعِيَّتِهَا))[2]

މާނަ:ކޮންމެމީހަކީ ބެލެހެއްޓުންތެރިއެކެވެ. ކޮންމެ ބެލެހެއްޓުންތެރިޔަކާއި އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ބެހޭގޮތުން (ޤިޔާމަތްދުވަހުގައި) ސުވާލުކުރެވޭނެއެވެ… ފިރިހެނާއަކީ އޭނާގެ އަހުލުވެރިންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އެކަނބުލޭގެ ބެލުމުގެ ދަށުގައިވާ ކަންކަމާއި ބެހޭގޮތުން ސުވާލުކުރެވޭނެއެވެ.

 އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((إِنَّ اللهَ ساَئِلٌ كُلَّ رَاعٍ عَماَّ اسْتَرْعاَهُ أَحَفِظَ ذَلِكَ أَمْ ضَيّعَ؟ حَتَّي يُسْأَلَ الرَّجُلُ عَنْ أَهْلِ بَيْتِهِ))[3]

މާނަ: “ހަމަކަށަވަރުން ﷲ ތަޢާލާ ކޮންމެ ބެލެހެއްޓުންތެރިޔަކާ އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއި ބެހޭގޮތުން ސުވާލުކުރައްވާނެއެވެ. ތިބާ އެފަރާތްތަކާމެދު ރައްކާތެރިވީމު ހެއްޔެވެ؟ ނުވަތަ އެފަރާތްތަކާމެދު އިހުމާލުވިން ހެއްޔެވެ؟ ފިރިމީހާ އޭނާގެ އަހުލުވެރިންނާމެދު ކަންތައްކުރި ގޮތާ ބެހޭގޮތުންވެސް ސުވާލުކުރެވުމަށް ދާންދެނެވެ.”

 


 

[1]  رواه مسلم (1159)

[2]  رواه البخاري (2409) , ومسلم (1829)

[3]  رواه النسائي في الكبرى (9173) , وصححه الألباني

 

މިލިޔުމުގެ އެހެންބައިތައް