[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

منظومة القواعد الفقهية 2

  1. فَـإِنْ تَــزاحَــمْ عَـدَدُ المَصـالِــحِ … يُـقــدَّمُ الأَعْــلَى مِـنَ المَصَــالِــحِ

މަސްލަޙަތުތައް ގިނަވެ ފުނިޖެހި (ޖަމްޢު ނުކުރެވޭ ޙާލަތުގައި) އިސްކުރެވޭނީ އެންމެ މަސްލަޙަތު ބޮޑު ކަންތަކެވެ. [1]

 

  1. وَضِـدُّهُ تَـزاحُـمُ الـمَــفَــاسِـــدِ … يُـرْتَـكَـبُ الأَدْنَـى مِـنَ المَفَـاسِـدِ

އަދި މަޞްލަޙަތުގެ އިދިކޮޅު ފަސާދަ ނުވަތަ ނުބައިކަންތައްތައް ގިނަވެ ފުނިޖެހުމުން (އެތަނުން ނުބައިކަމެއް ނުކޮށް ސަލާމަތް ނުވެވޭ ޙާލަތުގައި) އެންމެ ކުޑަ ނުބައިކަން ކުރުމެވެ. (ދެންހުރި ނުބައިކަންތަކުން ދުރުވުމެވެ.) [2]

 

  1. قَــاعِـــدَةُ الشَّريعـــةِ التَّيْسِـيـرُ … فـِي كُـلِّ أَمْــرٍ نَـابَــهُ تَـعْـسِـيــرُ

(ޝަރުޢުގައި އަމުރު ކުރައްވާފައިވާ ކަންތައްތަކުން ކުރުމަށް) އުނދަގޫވާ ކޮންމެ ކަމަކާއި އެކު (އެކަމެއް ކުރާނެ) ފަސޭހަގޮތެއް ލެއްވުމީ އިސްލާމީ ޝަރީޢަތުގެ ޤާޢިދާއެކެވެ. (ނުވަތަ އުޞޫލެކެވެ.) [3]

 

  1. وَلَـيْـسَ وَاجِــبٌ بِـلا اقْــتِــدَارِ … وَلاَ مُـحَـــرَّمٌ مَــعَ اضْــطِـــرارِ

(އަމުރު ކުރައްވާފައިވާ ކަމެއް ކުރުމުގެ) ކުޅަދާނަކަން ނެތިއްޔާ (އެކަން ކުރުން) ވާޖިބެއް ނުވާނެއެވެ. އަދި ޟަރޫރީ ޙާލަތުގައި ޙަރާމްކަމެއް ނުވެއެވެ. (އެޙާލަތުގައި ޙަރާމް ކުރައްވާފައިވާ ކަންތައް ވަކި އުޞޫލެއްގެ މަތިން ހުއްދަވެއެވެ.) [4]

 

  1. وَكُـلُّ مَحْـظُــورٍ مَـعَ الضَّــرُورَهْ … بِقَــدْرِ مَــا تَحْتَــاجُــهُ الضَّــرُورَهْ

ޟަރޫރީ ޙާލަތުގައި ކޮންމެ ޙަރާމްކަމެއްވެސް ހުއްދަވާނީ އެކަމަށް ބޭނުންޖެހިފައިވާ މިންވަރަށެވެ. [5]

 

  1. وَتَرْجِــعُ الْأَحْـكـامُ لِـلْـيَـقِـيـنِ … فَــلَا يُــزِيــلُ الشَّــكُّ لِلْيَـقِـيــنِ

ޙުކުމްތައް ރުޖޫޢަވާނީ ޔަޤީނަށެވެ. ޝައްކުވުމަކުން ޔަޤީންވެފައިވާ ކަމެއް ފިލައެއް ނުދާނެއެވެ. [6]

 

= ނުނިމޭ =


[1]  މެންދުރު ނަމާދު ނުކޮށް ހުއްޓާ މެންދުރު ނަމާދު ކޮށްލެވޭހާ ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ފަތިސްނަމާދު އަދި ނުކުރާކަން ހަނދާންވެއްޖެނަމަ މެންދުރު ނަމާދު ކޮށް ފަހުން ފަތިސްނަމާދު ކުރާނީއެވެ. ސަބަބަކީ ފާއިތުވެފައިވާ ފަތިސްނަމާދު ކުރުމަށް ވުރެ މެންދުރު ނަމާދު، ވަގުތުގައި ކުރުން އައުލާކަން ބޮޑެވެ.

[2]  ކޮޅަށް ހުރެ ނަމާދު ކުރުމުން ނަމާދު ޞައްޙަ  ނުވާވަރަށް އައުރަ ކަޝްފު ވާނަމަ އިށީނދެ އިނދެ ނަމާދު ކުރާނީއެވެ. އެއީ، އައުރަ ކަޝްފުވުމަށް ވުރެ ނަމާދުގައި ކޮޅަށް ހުރުން ދޫކޮށްލުމުގެ ނުބައިކަން ކުޑަވީމައެވެ.

[3]  މިސާލު: އެއް ނަމާދު ވަގުތުން އަނެއް ނަމާދުގެ ވަގުތައް އޮޕަރޭޝަނެއް ކުރިޔަށްދާނަމަ އޮޕަރޭޝަން ކުރުމުގައި އަވަދިނެތި އުޅޭ ޑަކުޓަރުންނާއި ނަރުހުންނަށް 2 ނަމާދު ޖަމްޢުކުރެވިދާނެއެވެ. ޖަމްޢު ކުރެވޭނީ މެންދުރު ނަމާދާއެކު އަޞްރު ނަމާދު އަދި މަޣްރިބު ނަމާދާއި އެކު ޢިޝާ ނަމާދެވެ.

[4]  މިސާލު: ދާއިމީ ބައްޔެއްގެ ސަބަބުން ރޯދަހިފުމަށް ބުރުއަރާފަދަ ގޮތަކަށް ކޮންމެ ދުވަހަކު ގަޑިން ގަޑިއަށް ބޭސް ކާންޖެހޭނެކަމަށް ޑރ ލަފާ ދީފިނަމަ، އެމީހަކަށް ރޯދަ ހިފުން ވާޖިބެއް ނުވާނެއެވެ. އެހެނަސް ރޯދަ ނުހިފާ ކޮންމެ ދުވަހަކު މިސްކީނަކަށް ކާންދޭން ޖެހޭނެއެވެ.

ޟަރޫރީ ކަމަކީ އެކަމެއް ނުކޮށް ދޫކޮށްލުމުން އޭނާއަށް ގެއްލުންވާ އަދި އެކަން ނުކޮށް، އެކަމުން ސަލާމަތްވާނެ އިތުރުގޮތެއް ނެތް ކަންތައްތަކެވެ.

ބައްޔަށް ފަރުވާކުރަން ކޮންމެހެން ޢައުރަ ކަޝްފު ކުރަން ޖެހިއްޖެނަމަ ޟަރޫރީ ކަމަކަށް ވާތީ ޢައުރަ ކަޝްފުކުރުން ހުއްދައެވެ.

[5]  މިސާލު: ބައްޔަށް ފަރުވާކުރަން ކޮންމެހެން ޢައުރަ ކަޝްފު ކުރަން ޖެހިއްޖެނަމަ ޢައުރަ ކަޝްފުކުރެވޭނީ އެކަމަށް ބޭނުންވާ މިންވަރަށް އެކަންޏެވެ. ޑރ ބުންޏަސް އެކަމަށް ބޭނުން ނުވާ ވަރަށް ޢައުރަ ކަޝްފުކުރުން ހުއްދަވެގެން ނުވެއެވެ. ޟަރޫރީ ޙާލަތުގައި ކަރުގައި އެއްޗެއް ތާށިވެގެންވިޔަސް މީހެއްގެ ފެންފުޅިއަކުން އެމީހެއްގެ ހުއްދަ ނުހޯދާ ފެން ބޮވޭނީ ކަރުގައި ތާށިވި އެއްޗެއް ނައްޓާލުމަށް ބޭނުންވާ މިންވަރަށް އެކަންޏެވެ.

[6]  މިސާލު: މަޣްރިބް ނަމާދަށް ވުޟޫ ކުރުމަށް ފަހު ޢިޝާ ނަމާދުގެ ވަގުތު ޖެހުމުން ވުޟޫ ގެއްލުނުތޯ ނުވަތަ ނޫންތޯ ޝައްކުވެއްޖެނަމަ ވުޟޫ ނުގެއްލޭކަމަށް ނިންމާށެވެ. މަޣްރިބު ނަމާދަށް ވުޟޫ ކުރިކަން ޔަޤީނެވެ. އެހެންކަމުން މި ޙާލަތުގައި ވެފައިވާ ޝައްކުން ޔަޤީންވެފައިވާ ކަންތައް ފިލުވައެއް ނުލެވޭނެއެވެ.

 

މިލިޔުމުގެ އެހެން ބައިތައް