[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (15)

ތިރީގައި މިބަޔާންކުރަނީ މިޖީލުގެ ކުދިން މައިންބަފައިންގެ ކިޔަމަންތެރިކަމުގެ ދަށުން ވީއްލިގެން ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބުގެ ތެރެއިން ދެވަނަ ސަބަބެވެ. އެއީ: ބައެއް ގެތަކުގައި ދަރިންނަށް ތަރުބިއްޔަތު ދޭނެ ފަރާތެއް ނެތުން. ބައެއް ގެތަކުގައި، ދަރިން ތަރުބިއްޔަތުކުރުމަށް ދޭންޖެހޭ ޙައްޤު ޤަދަރެއް ނުދެއެވެ. އަދި އެކަމަށް ސަމާލުކަމެއްވެސް ނުދެއެވެ. ފަހަރެއްގައި އެހެން އެވަނީ އެމީހުންނަށް ތަރުބިއްޔަތަކީ ކޮބައިކަން ރަނގަޅަށް ނޭނގޭތީ ކަމަށްވެދާނެއެވެ. އެހެންވެ، އެފަދަ މައިންބަފައިން ދަރިންނަށް ހަމައެކަނި ކާންބޯންދީ، އަންނައުނު ދީ، ބޯހިޔާވަހިކަން ފޯރުކޮށްދެއެވެ. އެމީހުން ދެކޭ ގޮތުގައި ދަރިންނަށްޓަކައި ކޮށްދޭން ޖެހެނީ ހަމައެކަނި މިކަންކަމެވެ. އޭރުން އެއޮތީ ދަރިން ތަރުބިއްޔަތުކުރެވިފައެވެ! އަދި  އެއަށްފަހު، އެކުދިންގެ އުޅުން ހުންނަ ގޮތް ބަލަހައްޓާނެ މީހަކު ނެތި އެކުދިން ދޫކޮށްލައެވެ. އެކުދިން ކުރާ ކަންކަމާމެދު ސުވާލެއް ނުކުރެއެވެ. އަދި އެހެން ބަޔަކަށްވެސް ސުވާލުކުރެވިޔަ ނުދެއެވެ. އެއަށްފަހު، މައިންބަފައިން އިންތިޒާރުކުރަނީ ރަނގަޅު ދަރިންތަކަކަށް އެކުދިން ވެގެން ދިއުމަށެވެ. އެމީހުންނަށް ހީވެފައިވާ ގޮތުގައި ތަރުބިއްޔަތުކުރުމަކީ، އެކަމަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ އޮޓޮމެޓިކުން ކުރެވިގެންދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން، މިފަދަ ކުދިން ބޮޑެތި ވެގެންދަނީ، އެކުދިންނަށް އެފަރާތެއް އެއީ ނަމޫނާއަކަށް ބަލާނެ ފަރާތެއް ނެތި، އަދި ކަންކަމާ މަޝްވަރާކުރާނެ، އަދި ނަސޭހަތް ދޭނެ، އަދި ރަނގަޅު މަގަށް މަގުދައްކައިދޭނެ ފަރާތެއް ނެތިއެވެ. އެކުދިން ހެދި ބޮޑުވެގެން ދާނީ ވަލުތެރޭގައި މީހުންގެ އަޅާލުމެއްނެތި ހެދޭ ގަސްތައް ފަދައިންނެވެ. ވާރޭ ނުވެހޭނަމަ ރަނގަޅަށް އެގަސް ހެދި ބޮޑެއް ނުވާނެއެވެ. ވާރޭ ވެހިއްޖެނަމަ ބޮޑުވާނެއެވެ. އެގަސްތަކުގައި ފަނިތައް އަޅާނެއެވެ. އިރުގެ ގަދައަލީގެ ސަބަބުން ފަތްތައް ރީނދޫ ކުލައަށް ބަދަލުވެއެވެ. ބައެއްފަހަރަށް، އެހެން ހިނގާފައި ދާ މީހުން އެގަސް އުފުރާވެސް ލާފާނެއެވެ. ދަރިންނަށް، އެކުދިންގެ ޢައިބުތައް ރަނގަޅުކޮށް ދޭނޭ، އަދި ނަސޭޙަތްދޭނޭ، އަދި ވާހަކަދައްކާ ހަދާލާނޭ މީހެއް ނެތުމުގެ ސަބަބުން އެކުދިން ބޮޑެތިވެގެންދާނީ ދީންވެރި ކަމެއް ނެތި، އަދި ރިވެތި ނަމޫނާއެއް ނެތި، އަދި ރިވެތި އަޚުލާޤެއްވެސް ނެތިއެވެ.

ތިރީގައި މިބަޔާންކުރެވެނީ އެކުދިންނަށް މައިންބަފައިން އިހުމާލުވުމަށް މެދުވެރިވާ ސަބަބުތަކެވެ. އެއީ:

1. މުރައްބީންގެ އަމިއްލަ އެދުން ބޮޑުވެ، އަހުލުންނަށް އެމީހުންގެ ދަރިންނަކީ މާބޮޑު މާނައެއް ހުރި ބަޔަކަށް ނުވުން ހިމެނެއެވެ. އަދި އެހެނިހެން ލަނޑުދަނޑިތައް ޙާސިލުކުރުމާއި، ނަފްސުގެ އަގު ސާބިތުކުރުން އެއީ އެމީހުންނަށް މާ މާތް އަދި މާ ރީތި ކަމަކަށްވީއެވެ. އެގޮތުން އެކި ބައްދަލުވުންތަކާއި، ޓީވީ ކުރިމަތީގައްޔާއި، އިންޓަނެޓުގައި ވަގުތު ހޭދަކުރުމާއި، ޗުއްޓީއަށް ތަންތަނަށް ދިއުމަކީ މުރައްބީންނަށް މާކަމުދާ ކަންކަމަށްވަނީ ވެފައެވެ. މިކަންކަން ޙާސިލުކުރުމަށްޓަކައި ޤުރުބާންކުރެވިގެންދަނީ މިސްކީނު ދަރިންތަކެވެ.

މައިންނާއި ބަފައިން މިއަދު ތިބެނީ ވަރަށް ބިޒީވެފައެވެ. އެމީހުން ބުރަވަނީ މުހިއްމު ކަމެއްގެ ސަބަބުން ކަމުގައިވާ ނަމަ ރަނގަޅެވެ. އެހެންނަމަވެސް، އެމީހުން އަވަދިނެތިއުޅެނީ ރަޙުމަތްތެރިންނާއި، އެހެން މީހުންގެ ކަންކަމުގައާއި، އިޖުތިމާޢީ ކަންކަމުގައެވެ. ފެޝަނާއި، ރީތިވުމުގެ ދުނިޔޭގައެވެ. އަދި މަސައްކަތްކުރުމާއި ވިޔަފާރީގެ މުޢާމަލާތްތަކުގައެވެ. އަދި އަމިއްލަނަފްސުގެ އަގު ސާބިތުކުރުމުގައްޔާއި، މުދާ އެއްކުރުމުގައެވެ. އެމީހުން އަވަދިނެތިވަނީ އެމީހުންނަށް ޚާއްސަ އެންމެހާ ކަންކަމުގައެވެ. ދަރިން ފިޔަވައެވެ. ދަރިންނަކީ އެމީހުންނަށް ޚާއްޞަ ބައެއް ނޫނެވެ!

އާއިލީ ބިންގާ ފުނޑުފުނޑުވެގެން ދިއުމަކީވެސް ހަމަ މިފަދަ ނަތީޖާތަކަށް މެދުވެރިވާ ކަމެކެވެ. ކިތައް މައިންނާއި ބަފައިން، އެމީހުންގެ ޚިޔާލު ތަފާތުވުމުގައި ޣަރަޤުވުމުގެ ސަބަބުންނާއި، އެމީހުންގެ އަމިއްލަ ނަފްސުގެ ކަންކަމާއި ހިތާމަތަކުގައި ޣަރަޤުވުމުގެ ސަބަބުން ދަރިންނަށް އަޅާ ނުލެވި ދޭ ހެއްޔެވެ؟ އެމިސްކީނު ކުދިންނަށްޓަކައި ދެން ތިބެނީ ކޮން ބައެއް ހެއްޔެވެ؟ އެންމެ ބޮޑެތި ޒިންމާތައް އެޅެނީ މައިންގެ ކޮނޑުގައެވެ. ފިރިމީހާއާ އޮންނަ ޚިޔާލު އެއްގޮތްކަން ނެތިދިއުމުގެ ސަބަބުން، މަންމަގެ ވާޖިބުތައް ދެގުނައަށް އިތުރުވެއެވެ. ދަރިން ބެލުން އޮންނަނީ މަންމައަށެވެ. ވަރަށް ގިނަ މައިން އެމީހުންގެ ދަރިން ގޮވައިގެން އެކުދިންނާއެކު ދިރިއުޅުން ކުރިއަށް ގެންދެއެވެ. ބައްޕައިން އެކަމުގައި އިހުމާލުވާހިނދުވެސް މެއެވެ. އެހެނަސް އެފަދަ ގިނަ އަންހެނުންނަކީ މާ ބޮޑު ޢިލްމެއް ނެތް، އަދި ހިތްދަތިކަމާއި ދަތި އުނދަގުލުގައި އުޅޭ މީހުންނެވެ. އެހެންވީ އިރު، އެމީހުން ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނީ ކިހިނެތް ހެއްޔެވެ؟

2. ދަރިން ތަރުބިއްޔަތު ކުރުމަކީ ދަށް ކަމެއްކަމުގައި ދުށުން އަދި އެކަމަކީ ނިކަމެތިކަމެއް ކަމުގައި ދުށުން. ގޭގައި ތިބެ ދަރިން ތަރުބިއްޔަތުކުރުމަކީ ދަށް ކަމެއް ކަމުގައި މިއަދު މިވަނީ ވެފައެވެ. އަދި ތަހުޒީބު އަދި އިޙުތިރާމް ލިބެނިވި އަންހެނުންނާ ލާއިޤު ނޫންކަމަކަށް ތަރުބިއްޔަތުކުރުން މިވަނީ ވެފައެވެ. “ދަރިން ތަރުބިއްޔަތުކުރާ މަންމަ” އަދި “ގޭގެ ބެލެހެއްޓުންތެރިޔާ” މިދައުރުތަކަކީ ވަރަށް ކަމުނުދާ، އަދި ނަފްސުތައް އެކަމާ ދުރަށް ދާން ބޭނުންވާ، އަދި އެކަމުގައި ކުރަންޖެހޭ ކަންކަމަކީ އަންހެނުން ނުރުހުންތެރިވާ ކަންކަމަށް ވެއްޖެއެވެ. ހަމައެއާއެކު ގެއިން ބޭރުގައި މަސައްކަތްކުރުމަކީ މޮޅު އަދި އިހުތިރާމް ލިބޭ ކަމަކަށް ވެއްޖެއެވެ. އަންހެނުން އެހެން މީހުންނަށް ޚިދުމަތްކޮށްފައި، އެމީހުންގެ ދަރިންނަށް ޚިދުމަތްކުރަން ނުރުހެނީއެވެ!

3. މިޖީލުގެ ދަރިންގެ ނުކިޔަމަންތެރިކަމުގެ ސަބަބުން މައިންބަފައިން މާޔޫސްވުން. އަދިވެސް ވަރަށް ގިނަ މައިން މިދައްކަނީ މިޖީލުގެ ކުދިންނަކީ ވަރަށް ގޯސް ބައެއް ކަމުގެ ވާހަކައެވެ. އެކުދިންގެ މައްޗަށް މައިންބަފައިންގެ ބާރެއް ނޯންނަ ވާހަކައެވެ. އެކުދިންނަކީ ވަރަށް ވިސްނުން ތޫނު، ވަރުގަދަ އަދި ދެކޮޅުވެރި ބައެއް ކަމެވެ. އެކުދިން ކިޔަމަންތެރި ކުރުވުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށެވެ. މިބަސްތަކަކީ މިޙާލަތު ގޯސްކުރުވައި، އަދި އަހަރެމެންގެ ދަރިންނަކީ އަހަރެމެންގެ މައިންބަފައިން ކަމުގައި ހީވާކަހަލަ ގޮތް މެދުވެރިކުރުވާ ބަސްތަކެކެވެ. އެކުދިން އަހަރެމެންގެ މައްޗަށް އަމުރު ހިންގަނީއެވެ. އަދި އެކުދިން ރުއްސުމަށްޓަކައި އަހަރެމެން އެކުދިންނަށް އެމަގު ފަހިކޮށް ދެނީއެވެ.

އޭ މަންމާއެވެ: މިބަސްތަކަކީ ބޭނުން ކުރަން ރަނގަޅު ބަސްތަކެއް ނޫނެވެ. އަދި މިއީ މިކަން ޙައްލުކުރަން މަސައްކަތް ނުކޮށް ހުރުމަށް މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން މިފަދަ ބަސްތަކުގެ ކުރިމަތީގައި އަމާން ނުދޭށެވެ. އެހެނީ ކޮންމެ މަންމައެއްވެސް، އޭނާ ކިތަންމެ ބަލިކަށި ކަމުގައި ވިއަސް، ކުޑަކުއްޖަކަށްވުރެ ވިސްނުންތޫނުވެފައި ބާރުވެސް ގަދަވާނެއެވެ. ކޮންމެ ކުއްޖަކީވެސް ބައެއް ވަގުތުތަކުގައި، މައިންބަފައިން އިމްތިޙާނުކުރުމަށް ނުވަތަ ބޮޑެތި މީހުން ނަކަލުކުރުމަށް، ކަންކަމާ ބޮޑާހާކައި، އަދި މައިންބަފައިންނާ ދެކޮޅުވެރި ވެދާނެ ކުއްޖެކެވެ. އެކަމަކު މަންމައަކު އެބުނާ އެއްޗެހިން ދޭހަވަނީ މިފަދައިން އޭނާ ބުނާ ކަހަލައެވެ. “މިކަމާ ކުރިމަތިލުމުގައި އަހަރެން ވަރަށް ބަލިކައްޓެވެ. އަދި މިވަނީ ނުކުޅެދިފައެވެ. ދަރިފުޅު ބޭނުމިއްޔާ މަންމައާ ދެކޮޅުވެރިވެ، ބޭނުން ކަމެއް ކުރަންވީއެވެ. މަންމައަށް ދަރިފުޅު ކޮންޓްރޯލުކޮށް މަސަލަސްކުރުމުގެ ބާރެއް ނެތެވެ. މަންމައަށް ވުރެ ދަރިފުޅު މާވަރުގަދައެވެ. ދަރިފުޅު ރަނގަޅު މަގަށް އަޅުވާ ހެދޭނެ ޤާބިލުކަމެއް މަންމަގެ ނެތެވެ. ދަރިފުޅުގެ މައްޗަށް މަންމަގެ އެއްވެސް ބާރެއް ނެތެވެ!”

ތިބާގެ ދަރިފުޅަށް އެއްވެސް ތަރުބިއްޔަތެއް ނުދީ ދޫކޮށްފިނަމަ، ތިބާގެ ބަދަލުގައި އެކުދިންނަށް އަޅާލައި، އެކުދިން ތަރުބިއްޔަތުކުރާނީ ކާކު ހެއްޔެވެ؟ އޭނާއަށް ތަރުބިއްޔަތު ދޭ ބަޔަކަށް ވާނީ ނުބައި ރަހުމަތްތެރިންނެވެ. އަދި މަގުމަތީގައި ތިބެ ބޮޑެތިވަމުންދާ ކުދިންނެވެ. އެކުދިންނަކީ ތިބާގެ ދަރިންނަށް ނަމޫނާއަކަށް ވާން ތިބާ އެދެމު ހެއްޔެވެ؟ ތިބާގެ ދަރިފުޅު ދެކެ ތިބާ ލޯބި ނުވަން ހެއްޔެވެ؟ އޭނާއަށް ހެޔޮގޮތް ވުމަށް ނޭދެން ހެއްޔެވެ؟ އޭނާ އަބާއްޖަވެރި ވެގެންދާތަން ދެކެން ތިބާ ރުހެމު ހެއްޔެވެ؟ އެހެންވެއްޖެއްޔާ، އޭނާ ތިބާއާ ދުރަށް ދާން ދޫކޮށްނުލާށެވެ. އޭނާއަށް، ތިބާއަށް ހެޔޮކޮށް ހިތައި، ކިޔަމަންތެރިވުމަށް އެހީތެރިވާށެވެ. އެއީ ދެދުނިޔޭގައިވެސް އުފަލުގައި އުޅުމަށްޓަކައެވެ.

ދަންނާށެވެ! ތިބާއަކީ ބާރުގަދަ މީހެކެވެ. އަދި މިކަންކަން ރަނގަޅު ކުރުމުގެ ޤާބިލުކަން ތިބާގެ ކިބައިގައި އެބަހުއްޓެވެ. ތަރުބިއްޔަތުގެ މައިދާނުގައި ބަސްވިކޭ މީހަކަށްވުމުގެ ޤާބިލުކަންވެސް މެއެވެ. ތިބާގެ ބާރުގަދަކަމަށް ޤުރުއާނާއި، އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ހެކިވެވަޑައިގެންފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. ((أَذْهَبَ لِلُبِّ الرَّجُلِ الحَازِمِ، مِنْ إِحْدَاكُنَّ)) (البخاري) މާނައީ: “ތިޔައިގެ ތެރެއިން ބައެއް ކަނބަލުންނަކީ ނުގުޑާފަދަ ސާބިތުކަމެއްގައިތިބޭ ފިރިހެނުންގެ ބުއްދިވެސް މަގުއޮޅުވާލާ ބަޔަކީމެވެ.” ތިބާއީ ވިސްނުންތޫނު މީހެކެވެ. އަދި ކަންކަން ރާވައި، އެކަން ތަންފީޒުކުރުމުގެ ޤާބިލުކަން ތިބާގެ ހުންނާނެއެވެ. މިއަދު، ކުޑަ ކުއްޖަކަށް މަގު ދެއްކުމަށް ތިބާ ނުކުޅެދިއްޖެނަމަ، އެދަރިފުޅު ފުރާވަރަށް އެޅޭއިރު އޭނާގެ ކުރިމަތީގައި ތިބާގެ ބަސްވިކޭނީ ކިހިނެތް ހެއްޔެވެ؟ ދަރިން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، އެމީހުންގެ މައްޗަށް އަމުރު ހިންގާނަމަ، މީގެ އަހަރުތަކަކަށް ފަހު، މުޖުތަމަޢުގެ ޙާލަތު އޮންނާނީ ކިހިނެތް ހެއްޔެވެ؟ ޝައްކެތް ނެތް ގޮތުގައި މުޖުތަމަޢުގެ ޙާލަތު އޮންނާނީ ބިރުވެރި ޙާލަތެއްގައެވެ.

ވީމާ، ދަރިން ތަރުބިއްޔަތު ކުރުމުގެ މައިދާނުގައި އަމާން ނުދޭށެވެ. އަދި މަސްއޫލިއްޔަތު އަދާކުރުމުން އެއްކިބާވެ ނުގަންނާށެވެ. އެހެން ނޫނީ ޙަޤީޤީ ފަސާދައަކުން މިޖީލު ފަސާދަވެގެން ހިނގައިދާނެއެވެ. މިޖީލުގެ ކުދިންވެސް ކިޔަމަންތެރި ކުރެވިދާނެއެވެ. ހަމައެކަނި، ތިބާގެ ކިބައިން ބޭނުންވަނީ އެކުދިންނާ މުޢާމަލާތްކުރާނެ ގޮތުގެ ރަނގަޅުގޮތާއި، ފާޑުވެރިކަމެވެ. ﷲގެ އިރާދަފުޅާ ލައިގެން، އަޅުގަނޑުގެ އުއްމީދަކީ، މި މައިދާނުގައި ފޮނި ނަތީޖާއެއް ނެރުމަށްޓަކައި މިފޮތުގެ އެހީގައި ތިބާއަށް  އެހީތެރިކަން ލިބިގެން ދިއުމެވެ.

______________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!