9- ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތު ތަޙްނީކު ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އެއީ އަންހެން ކުއްޖެއްކަމުގައި ވިޔަސް އަދި ފިރިހެން ކުއްޖެއްކަމުގައި ވިޔަސްމެއެވެ. ތަޙްނީކުކުރާނީ ހިކިކަދުރަކުންނެވެ. ހިކިކަދުރެއް ނުލިބޭނަމަ ތެތް ކަދުރަކުންނެވެ. ތެތްކަދުރެއްވެސް ލިބެންނެތްނަމަ ކޮންމެވެސް ފޮނި އެއްޗަކުންނެވެ.
(ތަޙްނީކު ކުރާ ގޮތަކީ) އެކަންކުރާ މީހާ ކަދުރެއްނަގައި، ދަތުން ޗިސްކޮށްލާ ތެތްކޮށްލާނީއެވެ. އެއަށް ފަހު ކުއްޖާގެ އަނގަހުޅުވާލައި އެތިކޮޅެއް ތަލީގައި ހާކާލާނީއެވެ. އެއީ ކުއްޖާގެ ހަށިގަނޑަށް އޭގެ ތެރެއިން މިންވަރެއް ދިޔުމަށްޓަކައެވެ. މިކަމުގައި ކުއްޖާގެ ހަށިގަނޑަށް ޞިއްޙީ ފައިދާތަކެއް ވެއެވެ. އަދި އެއިގެ ސަބަބުން ކުއްޖާގެ އަނގައިގެ ހިރުގަނޑު ވަރުގަދަކޮށްދެއެވެ.
((عَنْ أَبِي مُوسَى قَالَ : وُلِدَ لِي غُلَامٌ، فَأَتَيْتُ بِهِ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَسَمَّاهُ إِبْرَاهِيمَ، فَحَنَّكَهُ بِتَمْرَةٍ وَدَعَا لَهُ بِالْبَرَكَةِ))[1]
މާނަ: އަބޫ މޫސާ ރަޟިޔަﷲ ޢަންޙުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ފިރިހެން ދަރިޔެއް ލިބުނެވެ. ރަސޫލާ صلى الله عليه وسلم ވަޑައިގެން އެކުއްޖާއަށް އިބްރާހީމްގެ ނަމުން ނަންދިނެވެ. އަދި ކަދުރުކޮޅަކުން އެކުއްޖާ ތަޙްނީކުކުރައްވާ ބަރަކާތްލެއްވުން އެދި ދުޢާކޮށްދެއްވިއެވެ.”
((عَنْ عَائِشَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُؤْتَى بِالصِّبْيَانِ، فَيُبَرِّكُ عَلَيْهِمْ، وَيُحَنِّكُهُمْ ))[2]
މާނަ: “އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ތުއްތުކުދިން ގެނެވެއެވެ. އެކަލޭގެފާނު އެކުދިންނަށް ބަރަކާތްލެއްވުމަށް އެދި ދުޢާކޮށްދެއްވާ ތަޙްނީކު ކުރައްވައެވެ.”
[1] رواه البخاري (5467) , ومسلم (2145)
[2] رواه البخاري (5467) , ومسلم (286) واللفظ له