[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނުގެ އަލީގައި ފެމިނިޒަމްގެ ފިކުރު – 7

  •  އެބައިމީހުންގެ މުޤައްދަސް ފޮތްތަކުގައި އަންހެނުންނާމެދު ދެކެފައިވާ ގޮތް

 

އެބައިމީހުންގެ މުޤައްދަސް ފޮތްތަކުގައި އަންހެނުން ސިފަކޮށްފައިވަނީ ފުރަތަމަ ފާފައިގެ އަޞްލުކަމުގައެވެ. އަދި އިންސާނުން ސުވަރުގެއިން ނެރެވުނު ސަބަބުގެ ގޮތުގައެވެ. އެގޮތުން އަންނަނިވި ގޮތަށް ބައިބަލްގައި އެކަން ސިފަކޮށްފައިވެއެވެ.

(އެހިނދު ހަރުފަ އެކަމަނާއަށް (އެބަހީ: ޙައްވާގެފާނަށް) ދެންނެވިއެވެ. [އެ ފަރީއްކުޅުއްވައިގެން އަވަހާރައެއް ނުވާނެތެވެ. އެހެނެއްކަމަކު އޭގެން ފަރީއްކުޅުއްވައިފިނަމަ ލޯތައް ހުޅުވި، އިލާހުން ފަދައިން ހެވާއި ނުބައި މޮޅަށް ދެނެގެންވާ ބަޔަކުކަމުގައި ވާނޭކަން އެ އިލާހު ދެނެވޮޑިގެންވެއެވެ.] އެހިނދު އެ ކަމަނާއަށް އެ ގަހަކީ ފަރިއްކުޅުވުމަށް ރަނގަޅު އަދި ލޯތަކަށް ހުރި އުފަލެއްކަމުގައްޔާއި ލައްޒަތެއްކަމުގައި ފެނިވަޑައިގެންނެވިއެވެ. އަދި އެ ގަހުން ފަރިއްކުޅުވިއެވެ. އަދި އެކަމަނާއާއެކު އެކަމަނާގެ ފިރިކަލުންނަށްވެސް (އެބަހީ: އާދަމުގެފާނަށް) ދިނެވެ. އެހިނދު އެކަލޭގެފާނުވެސް ފަރިއްކުޅުވިއެވެ.)[1]

މި ނައްޞުން އަންނަނިވި ކަންކަން ފަހުމުވެއެވެ.

  • އެ ޢަމަލު ހިންގި ފަރާތަކީ އެކަމަނާކަމުގައި ދޭހަވެއެވެ. އަދި އެކަމަނާގެ އެ ޢަމަލުގެ ސަބަބުން ފިރިކަލުން މަގުފުރެދިގެން ދިޔައީ ކަމުގައި ދޭހަވެއެވެ. ވެރި ރައްބުގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ ޙަރާމް ކުރެވިފައިވާ ގަހުން އަމިއްލައަށް ފަރިއްކުޅުވުމަށްޓަކައި މޭވާ ބިންނެވީވެސް އެކަމަނާ އަމިއްލަފުޅަށެވެ. އަދި ފިރިކަލުންނަށް ދެއްވުމަށް މޭވާ ބިންނެވީވެސް އެކަމާނައެވެ.
  • އަދި މި ނައްޞު އިބާރާތްކުރެވިފައިވާ ގޮތުން މި ކުށް ކުރީ އެކަމަނާކަމަށާއި ފިރިކަލުން އެކަމުން ބަރީއަވެގެންވާކަމަށް ދޭހަކޮށްދެއެވެ. އެގޮތުން [އެކަމަނާއާއެކު] [ފިރިކަލުންނަށްވެސް] ދެއްވިކަމަށް އޮތުމުން އެކުށްކުރުމުގައި ފިރިކަލުންގެ އެއްވެސް ދައުރެއް ނެތްކަމަށް ދޭހަވެއެވެ.

ހަމައެހެންމެ އަންނަނިވި ގޮތަށްވެސް ބައިބަލްގައި ސިފަކޮށްފައިވެއެވެ.

[އަދި އަންހެނުންނަކީ މަރަށް ވުރެ ހިތި ބަޔެއްކަމުގައި ފެނެއެވެ. އެބައިމީހުންގެ ހިތްތައް މަޅިފަތިތަކެއް ފަދައެވެ. އަދި އަތްތައް (ބަނދެލެވޭ) ވާތަކެއްފަދައެވެ. އިލާހު ރުއްސުން ލެއްވި މީހެއްނަމަ އެކަނބަލުން ކިބައިން ސަލާމަތްވާ ހުއްޓެވެ. އެހެނެއްކަމަކު ފާފަވެރިން އެކަނބަލުންގެ މަޅީގައި ބެދޭނެއެވެ.][2]

އަދި މިފަދައިން ވެއެވެ.

[އަންހެނާއަށް ދެންނެވުނެވެ. ކަނބުލޭގެ ހިތާމަތަކާއި ބަލިވެއިނުން އެތައް ގުނައަކުން އިތުރު ކުރައްވާ ހުށީމެވެ. ތިޔަ ކަނބަލުން ހިތާމައިގައި ދަރިން އުފަންކުރާ ހުއްޓެވެ. އަދި ކަނބުލޭގެ އެދުންވެރިކަން ވަނީ ކަނބުލޭގެ ފިރިއަށެވެ. އަދި އޭނާ ކަނބުލޭގެ މައްޗަށް އަމުރު ހިންގާ ހުއްޓެވެ.][3]

 

 

  • އެބައިމީހުންގެ މުޤައްދަސް ފޮތްތަކުގައި އަންހެނުންނާމެދު ޢަމަލުކުރުމަށް އަންގާފައިވަ ގޮތްތައް

 

އެބައިމީހުންގެ މުޤައްދަސް ފޮތްތަކުގައި އަންހެނުންނާމެދު ޢަމަލުތައް ބެހެއްޓުމަށް އިރުޝާދު ދެވިފައިވާ ގޮތްތަކުގެ ބައެއްމިސާލުތައް ތިރީގައި ހިމަނާލަމެވެ.

[ކަލޭގެފާނު ބަނޫއިސްރާއީލް މީހުންނަށް ދަންނަވާށެވެ. މީހަކު ނިޔާވެއްޖެނަމަ އަދި އޭނާގެ ފިރިހެން ދަރިއަކު ނެތްނަމަ، އޭނާގެ ތަރިކަ މުދަލުން އޭނާގެ އަންހެން ދަރިއަށް ދޭ ހުއްޓެވެ.][4]

[ތިޔަބައިމީހުންގެ އަންހެނުން ކަނީސާތަކުގައި ހަނު ތިއްބުވާށެވެ. އެހެނީ އެކަނބަލުންނަށް ވާހަކަ ދެއްކުން ހުއްދަވެގެން ނުވެއެވެ. އެހެނެއްކަމަކު އެކަނބަލުންނަށް އަމުރުވެވިގެންވަނީ ކިޔަމަންތެރިކަމުގެ ދަށުގައި ތިބުމަށެވެ. ޤާނޫނުގައިވެސްވާ ފަދައިންނެވެ.][5]

[އެހެނެއްކަމަކު އަންހެނުން ކިޔަވައިދިނުން ހުއްދަވެގެން ނުވެއެވެ. އަދި ފިރިހެނުންގެ މައްޗަށް ބާރު ހިނގުންވެސް ހުއްދަވެގެން ނުވެއެވެ. އެހެނެއްކަމަކު އެކަނބަލުންނަށްވަނީ ހަނު ތިބުމެވެ.][6]

[އަޚުންއެކުގައި ދިރިއުޅޭނަމަ، އަދި އެއިން އެކަކު ނިޔާވެއްޖެނަމަ އަދި އޭނާއަށް ފިރިހެން ދަރިއަކު ނުވާނަމަ، ނިޔާވި ފިރިހެނާގެ އަންހެނުން ބޭރު ބީރައްޓެއްސަކާ ކައިވެނި ނުކުރާ ހުއްޓެވެ. އެކަނބުލޭގެ ފިރިމީހާގެ އަޚު އެކަނބުލޭގެ ކައިރިއަށް ގޮސް އޭނާގެ އަންބެއްގެ ގޮތުގައި ދެކޭ ހުއްޓެވެ. އަދި އެ އަންހެނާގެ މައްޗަށް ފިރިމީހާގެ އަޚާއަށް އޮތް ޒިންމާ އަދާކުރާ ހުއްޓެވެ.][7]

އެބައިމީހުން މުޤައްދަސް ފޮތްތަކުންވެސް އަންހެނުންނާމެދު ދެކެފައިވަނީ މިފަދަ ނިކަމެތި ގޮތްތަކަށެވެ.

=ނުނިމޭ=


މިލިޔުމުގެ އެހެން ބައިތައް

 

[1]  Book of Genesis, Chapter 3, verses 4-6

[2]  Book of Ecclesiates, Chapter 7, verse 26

[3]  Book of Genesis, Chapter 3, verse 16

[4]  Book of Numbers, Chapter 27, verse 8

[5]  Book of 1st Corinthians, Chapter 14, verse 34

[6]  Book of 1st Timothy, Chapter 2, verse 12

[7]  Book of Deuteronomy, Chapter 25, verse 5