[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފްރީމޭސަންރީ (Freemasonry) – 1

ފްރީމޭސަންރީ އަކީ ކޮބާ؟

އިސްލާމް ދީނުގައި އޭގެ ޙުކުމަކީ ކޮބާ؟

އެމީހުންނާ ގުޅުމުގެ ޙުކުމަކީ ކޮބާ؟

 

ފްރީމޭސަންރީ އަކީ ސިއްރުވެރި ސިޔާސީ މުޖުތަމަޢެކެވެ. އެމީހުންގެ އަމާޒަކީ ހުރިހާ ދީނަކާއި ރަނގަޅު ސުލޫކުތަކަކަށް ނިމުން ގެނައުމެވެ. އަދި މި ކަންތަކުގެ ބަދަލުގައި ވަޟަޢީ ޤާނޫނުތަކާއި ދީންވެރިކަމެއް ނެތް އުޞޫލުތަކެއް އެމީހުން އުފައްދައެވެ. އެމީހުން އެންމެ ގަދައަޅާ މަސައްކަތް ކުރަނީ އެމީހުންގެ ޚިޔާލު ފާޅުކުރުމާއި ޤަބޫލުކުރުންތަކުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށް، ވެރިކަންތައް ފުރޮޅާލުމެވެ. މިއީ އެމީހުން ނުހަނު ސާފުކޮށް ބަޔާންކޮށްފައިވާ ކަމެކެވެ.

 

މިއީ ފްރީމޭސަންރީގެ މައިގަނޑު އެއް ސިޓީ ކަމަށްވާ ސިޓީ އޮފް ލިއެޖް ގައި 1865 ސީއީ ގައި ބޭއްވުނު ދަރިވަރުންގެ ކޮންފަރެންސެއްގައި، އެ މީހުންގެ ތެރެއިން ދަރިވަރެއް އިޢުލާނު ކުރި ވާހަކައެކެވެ. އޭނާ ބުންޏެވެ:

“އިންސާނާއަކީ ރައްބަށް ވުރެ ބާރުގަދަ، މަތިވެރި ފަރާތަކަށް ވާންޖެހެއެވެ. އަދި ރައްބާއި ދެކޮޅަށް ހަނގުރާމަ އިޢުލާންކުރަންވެސް ޖެހެއެވެ. އަދި  އުޑުތަކުގައި އަލިފާން ރޯކޮށްލާ، ކަރުދާސް ގަނޑެއް ވީދާލާ ފަދައިން އެ އުޑުތައް ވީދާލަން ޖެހެއެވެ.”

މެސޯނިކް ގްރޭންޑް ލޮޖް (1922، ޞ 98) ގައި ވެއެވެ:

“އަހަރެމެންނަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ކޮށްގެން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބާރު ގަދަކުރާނަމެވެ. އަދި، އިންސާނީ ދަރިފަސްކޮޅުގެ ޙަޤީޤީ ޢަދުއްވާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރާނަމެވެ. އެއީ، ދީނެވެ.

މާސޫނިއްޔުން ބުނެއެވެ. “އިންސާނާ އަޅުކަންކުރާ އެއްޗެއްގެ ގޮތުގައި މޭސަންރީ އިން ހަމަޖައްސާފައިވަނީ އޭނާގެ އަމިއްލަ ނަފްސެވެ.”

އަދި އެމީހުން ބުނެއެވެ: ދީންވެރި މީހުންނާއި އެމީހުން އަޅުކަން ކުރާ ތަންތަނުގެ މައްޗަށް ބާރުވެރިވުމަކުން އަހަރެމެންނަކަށް ނުފުދެއެވެ. އެހެނެއް ކަމަކު، އަހަރެމެންގެ މައިގަނޑު އަމާޒަކީ އެމީހުން ވުޖޫދުން އެއްކޮށް ފޮހެލުމެވެ.”

މިނިޓްސް އޮފް ދަ ވޯރލްޑް މެސޯނިކް ކޮންފަރެންސް، 1903 ސީއީ، ޞ 102.

 

އެމީހުން ބުނެއެވެ:

“ދީނުގެ ބަދަލުގައިވާ އެއްޗެއްގެ ގޮތުގައި ފްރީމޭސަންރީ ވާނެއެވެ. އަދި އަޅުކަން ކުރެވޭ ތަންތަނުގެ ބަދަލުގައި އެމީހުންގެ “ލޮޖްތައް” ވާނެއެވެ. މީގެ އިތުރުންވެސް ދީނާއި މެދު އެމީހުންގެ މެދުގައިވާ ނަފްރަތުގެ ބޮޑުކަމާއި ދީނާއި ދެކޮޅަށް އެމީހުން ކުރަމުންދާ ހަނގުރާމަ އަންގައިދޭ އެތައް ބަޔާނެއް ވެއެވެ.

ފްރީމޭސަންސް އަކީ އެންމެ ޤަދީމީ ސިއްރުވެރި ޖަމްޢިއްޔާތަކުގެ ތެރެއިން މިއަދުވެސް ވުޖޫދުގައިވާ އަދި އޭގެ އަޞްލު ވަރަށް ގިނަ މީހުންނަށާއި އެމީހުންނަށް ތަބާވާ ގިނަ މީހުންނަށްވެސް ނޭނގޭ އެއް ބައެވެ. އެއީ އެމީހުންގެ އިސްވެރިންގެ ރޭވުންތަކަކީ ނުހަނު ސިއްރުވެރި އަދި ފޮރުވިފައިވާ ރޭވުންތަކަކަށް ވާތީއެވެ. އަދި އެމީހުންގެ ރޭވުންތަކާއި އަމާޒުތައް ފޮރުވުމުގައި އެމީހުންނަކީ ނުހަނު ފަރުވާތެރި ބަޔަކަށްވުމާއި އެކުގައިވެސް މެއެވެ. އެހެންކަމުން، އެމީހުންގެ ގިނަ މަސައްކަތްތަކަކީ ލިޔެކިޔުންތަކަކަށް ބިނާ ނުވާގޮތަށް، ހަމައެކަނި އަނގަބަހުން ކުރިއަށް ދާ މަސައްކަތްތަކެކެވެ.

އެމީހުންގެ ޚިޔާލެއް ލިޔުމެއްގައި ރައްކާކުރަން ބޭނުންވެއްޖެ ކަމުގައިވާނަމަ ނުވަތަ ޢާންމުންނަށް އެ ޚިޔާލެއް އިއުލާނު ކުރަން ބޭނުންވެއްޖެކަމުގައި ވާނަމަ، އެންމެ ފުރަތަމަ، އެ ލިޔުމެއް ބަލާ ފާސް ކުރުމަށްޓަކައި އެމީހުންގެ ތެރެއިން ޚާއްސަ ކުރެވިފައިވާ މީހަކާ ޙަވާލު ކުރެއެވެ. އެއީ އެ ލިޔުމަކީ ޢާންމުންނަށް ފެންނަހެން ނެރެން އެކަށޭނަ ލިޔުމެއްތޯ ބެލުމަށްޓަކައެވެ. ފްރީމޭސަންސް ގެ ބިންގާ ބިނާވެފައި ވަނީ އެކި ފަރާތްތަކުން ނެގިފައިވާ ތިޔަރީތަކެއްގެ މައްޗަށެވެ. އެއީ ޢާންމުގޮތެއްގައި ޔަހޫދީންގެ ފަރާތުން ނެގިފައިވާ ތިޔަރީ ތަކެކެވެ.

1717  ސީއީ ގައި މޭސަންސް އެމީހުންގެ “ގްރޭންޑް ލޮޖް” ހުޅުވާލުމަށްޓަކައި ގިނައިން ބޭނުންކޮށްފައި ވަނީ ޔަހޫދީންގެ ފިކުރުތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އުޞޫލުތަކަކާއި ނިޝާންތަކެކެވެ. މިއީވެސް ކުރިން ބަޔާން ކުރެވިފައިވާ ވާހަކަތަކަށް ބާރުދޭނެ ޙަޤީގަތެކެވެ. މިއަދާ ހަމައަށްވެސް ޔަހޫދީ ހިރަމް އާއި އެބައިމީހުން ބިނާކޮށްފައިވާ ފައްޅިއަކީ ފްރީމޭސަން ޖަމްޢިއްޔާގެ މީހުން ނުހަނު އިޙްތިރާމް ކުރާ އެއްޗެއްސެވެ. އަދި މި ފައްޅި އަކީ އެމީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިނާ ކުރާ އެމީހުންގެ “ލޮޖް” ތައް ފަރުމާކުރުމަށް ޓަކައި އެއިން ޚިޔާލު ހޯދާ ތަނެއްވެސް މެއެވެ.

އަދި މި މީހުންގެ ޙަރަކާތްތައް ބިނާވެފައިވަނީ ވެސް ޔަހޫދީންގެ މައްޗަށެވެ. އެހެނީ، މި ޖަމްޢިއްޔާގެ އެންމެ ބޮޑެތި އިސްވެރިންނަކީ ޔަހޫދީންނެވެ. އަދި އެމީހުންނަކީ މެސޯނިކް ލޮޖްތަކުގައި ޔަހޫދީންގެ ޖަމްޢިއްޔާތައް ތަމްސީލުކުރާ މީހުންވެސް މެއެވެ. މޭސަންރީ ދުނިޔޭގައި ފުޅާވުމާއި ފްރީމޭސަންސްގެ މެދުގައި އޮންނަ އެއްބައިވަންތަކަން އެގޮތަށް ދެމިގެން ދިޔުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ މި މީހުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ޔަހޫދީންނާއި ނުލާ ފްރީމޭސަންރީ ކުރިއަކަށް ނުދާނެއެވެ. މެސޯނިކް އަކޭޝިއާ މެގަޒީންގައިވާ ވާހަކަތަކުން މިކަން އަހަރެމެންނަށް ސާފުވެގެން ދެއެވެ. އެ  މެގަޒިންގައި ބުނެފައިވާ ގޮތުން، ޔަހޫދީއަކު އެތަނުގައި ނުވާ އެންމެ މެސޯނިކް ލޮޖްއެއްވެސް ނުވެއެވެ. އަދި އެމީހުން ތަބާވުމަށް އޮންނަނީ ހަމައެކަނި އުޞޫލު ތަކެކެވެ. އަދި މިއީ މޭސަންސްވެސް ޢަމަލުކުރާ ގޮތެވެ. އެހެންކަމުން، މޭސަންސްގެ ޙަޤީގީ އެހީތެރިންނަކީ ޔަހޫދީ ފައްޅިތަކެވެ. އަދި ފްރީމޭސަންސްގެ ތެރެއިން ގިނަ ޢަދަދެއްގެ ޔަހޫދީންވެސް އަހަރެމެންނަށް ފެންނަމުން ދެއެވެ.

މެސޯނިކް ޕަބްލިކޭޝަންސް އަކީވެސް މިކަމުގެ ތެދުކަން ހާމަކޮށްދޭނެ އެއްޗެކެވެ. އޭގައި ބަޔާންވެފައިވާ ގޮތުންނަމަ ދީން ހަލާކުކޮށް، ނައްތާލުމަށްޓަކައި އޮތް އެންމެ ފުރިހަމަ ވަޞީލަތަކީ ފްރީމޭސަންރީ އެވެ. އަދި އެއީ ޔަހޫދީންނަށް ޔަގީންވެފައިވާ ކަމެއްވެސް މެއެވެ. ޢަޤީދާ އާއި ޤަބޫލުކުރުންތަކަށް ބަލާ ކަމުގައިވާ ނަމަ ޔަހޫދީންނާއި މޭސަންސްގެ ތާރީޚަކީ ނުހަނު އެއްގޮތް ތާރީޚްތަކެކެވެ. އެމީހުންގެ ނިޝާނަކީ ދާވޫދް عليه السلام އަށް ނިސްބަތްވާކަމުގެ ދަޢުވާގައި އެމީހުން ހަދާފައިވާ ތަރިއެވެ. މިއީ އެހެނިހެން ތަރިތަކާ ޚިލާފަށް 6 ކަން ހުންނަ ތަރިއެކެވެ. އަދި ޔަހޫދީންނާއި ފްރީމޭސަންސް ދެބައި މީހުންވެސް ޤަބޫލުކުރާ ގޮތުން އެމީހުންނަކީ ސުލައިމާންގެފާނުގެ ހައިކަލް ބިނާކުރި މީހުންގެ ރޫޙާނީ ދަރިންނެވެ. އެންމެހާ ދީންތަކަކަށް ނަފްރަތުކުރާ ފްރީމޭސަންސް އަކީ ޖުޑައިޒަމް އަދި ޔަހޫދީންނަށް ފުރިހަމަ އެއްބާރުލުން ދޭ ބައެއްކަންވެސް ފާހަގަކޮށްލެވެއެވެ. އަދި އާދައިގެ ގޮތަކަށް މީސްތަކުން ވިސްނާތިއްޔާއި މީހުންގެ ރަނގަޅު ނިޔަތްތަކުގެ ފައިދާ ޔަހޫދީން ނެގީއެވެ. އަދި ފްރީމޭސަންރީގެ ތެރެއަށް ވަދެ، އޭގެ ތެރޭގައި އިސް މަޤާމުތަކަށް ވެރިވެގަތީއެވެ. އެހެންކަމުން އެމީހުން މެސޯނިކް ލޮޖްތަކުގެ ތެރެއަށް ޔަހޫދީ ފިކުރުތައް ވައްދާ، އެމީހުންގެ އަމިއްލަ އަމާޒުތަކަށް ވާޞިލްވުމަށްޓަކައި އެ ޖަމްޢިއްޔާ ބޭނުން ކުރީއެވެ.

__________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް