الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އެއްޗެހި ކިޔުމާއި ފުރައްސާރަކުރުމުގެ މައްސަލަ
އެންމެހާ މުސްލިމުން އިޖުމާޢުވެފައިވާ ގޮތުގައި ﷲ އަށް އެއްޗެހި ކިޔައިފިމީހާ ނުވަތަ އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އެއްޗެހި ކިޔައިފިމީހާ ނުވަތަ ﷲ އަށް ފުރައްސާރަކޮށްފިމީހާ ނުވަތަ އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ނުވަތަ އެކަލޭގެފާނުގެ ސުންނަތަށް ނުވަތަ ޘަވާބާއި ޢުޤޫބާތުގެ ތެރެއިން ކަމަކަށް އަދި އެބާވަތުގެ ކޮންމެ ކަމަކަށް ފުރައްސާރަކޮށްފިމީހާއާމެދު ދަންނައެވެ. އެއީ މުސްލިމެއްކަމުގައިވާނަމަ އޭނާ އެވަނީ މުރުތައްދުވެފައެވެ. އެއީ ނުބައިވެގެންވާ މުރުތައްދުވުމެކެވެ.
އެއީ ކާފިރަކުކަމުގައިވާނަމަ އޭނާގެ ކާފިރުކަން ބޮޑުވެގެންވެއެވެ. އަދި އެއީ ޢަހުދެއްގެ ދަށުގައިވާ މީހެއްނަމަ އޭނާގެ ޢަހުދު ކެނޑިގެންދެއެވެ. މިއީ މުސްލިމުން އިޖުމާޢުވެފައިވާ ކަމެކެވެ.
ފަހެ، ކުފުރުގެ ބައިތަކެއް ވެއެވެ. – ﷲގެ ޙަޟްރަތުން އެފަދަ ކަންކަމުން ރައްކާތެރިކަމަށް އެދެމެވެ. – އޭގެ ތެރެއިން އެންމެ ނުބައި، އެންމެ ހުތުރުކަން ބޮޑުކަމަކީ އިންސާނާ، ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އެއްޗެހި ކިޔުމެވެ. ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުމެވެ.
މީހަކު ބުނެފާނެއެވެ. “ހަމަކަށަވަރުން ކާފިރުންގެ ޝިރުކުކުރުމާއި ކާފިރުކަން އެއަށްވުރެ ބޮޑުވެގެން ވެއެވެ. ފަހެ، އެކަން އެހާ ބޮޑުކަމަކަށް ނަހަދާށެވެ. ކާފިރަކު (ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް) ފުރައްސާރަކޮށް މަލާމާތްކޮށްފިނަމައެވެ.” ފަހެ، މިއީ ނުބައި ބުނުމެކެވެ. އެހެނެއްކަމަކު، ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކުރުމަކީ ނުވަތަ އެއްޗެހިކިޔުމަކީ ކާފިރުކަމުގެ މައްޗަށް ކުރާ އިތުރު ނުބައިކަމެކެވެ. ކާފިރުކަމާއި ޝިރުކުކުރުމުގެ ސަބަބުން އޭނާގެ މައްޗަށްވާ ކޮންމެ ކަމެއް، އެއްޗެހިކިޔުމާއި ފުރައްސާރަކުރުމުގެ ސަބަބުން އިތުރުވެގެންވެއެވެ. މިކަމުގެ ނުބައިކަމާއި ހުތުރުކަން ބޮޑުވެގެންވެއެވެ.
ފަހެ، ރަސޫލާ صلى الله عليه وسلم އަށް އެއްޗެހި ކިޔުމާމެދު ދަންނައެވެ. ފަހެ، އެކަމުގައި އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވި ފަރާތަށް (އެބަހީ: ﷲ سبحانه وتعالى އަށް) އެއްޗެހި ކިޔުން ހިމެނެއެވެ. – އަޅަމެންގެ ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. – އެހެނީ އެފަދަ މީހަކު އެއްޗެހި އެކިޔަނީ އެކަލޭގެފާނުގެ ޝަޚްޞީ ކަމަކަށެއް ނޫނެވެ. އެހެނަސް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަމަށްވުމުންނެވެ. މިކަން ހިމެނޭނީ އެކަލޭގެފާނު ގެންނެވި ރިސާލަތަށް އެއްޗެހިކިޔުމުގެ ތެރޭގައެވެ. އަދި ﷲ ގެ އާޔަތްތަކަށް އެއްޗެހިކިޔުމުގެ ތެރޭގައެވެ. އަދި ތައުޙީދަށް އެއްޗެހިކިޔުމުގެ ތެރޭގައެވެ. އަދި ޝިރުކު ޒީނަތްތެރިކޮށްދިނުމުގެ ތެރޭގައެވެ. ފަހެ، މިކަންވެގެންދާނީ ކުފުރުގެ ތެރެއިންވެސް އެންމެ ނުބައިކަން ބޮޑު ކަމުގައެވެ.
މިކަމަށް އިތުރުކޮށްލާނަމެވެ. ރަސޫލާ صلى الله عليه وسلم އަށް އެއްޗެހި ކިޔުމާއި މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނު ނުބައިކަމަށް ދެއްކުމަކީ ބިންމަތީގައި އެންމެ ބޮޑުވެގެންވާ ފަސާދައެވެ. އެހެނީ އެކަން ހިމެނެނީ ﷲ عز وجل ގެ މަގަށާއި ހިދާޔަތަށް ވާސިލުވުމަށް ހުރަސްއެޅުމުގެ ތެރޭގައެވެ.
ވާރުތަވެގެން އައިސްފައިވާ ޢިލްމު ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟ މުޙައްމަދު صلى الله عليه وسلم ރަސޫލުކަމަކަމައިގެން ފޮނުއްވުނު ފަހުން، ﷲ عز وجل ބާވައިލެއްވި ވަޙީ ބަސްފުޅު، އެކަލޭގެފަނުގެ ފަރާތްޕުޅުން ނޫން މަގަކުން، މިބިމުގައިވާކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟ ޖަވާބު ދީބަލާށެވެ.
ފަހެ ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އެއްޗެހިކިޔައިގެން، މީސްތަކުން މި ހެޔޮކަމާއި ހިދާޔަތަށް ތަބާވުމަށް ހުރަސްއެޅުމުގެ ފަސާދައަށްވުރެ ބޮޑު ފަސާދައެއް ކޮބާ ހެއްޔެވެ؟ މިއަށް އިތުރުކޮށްލާނަމެވެ. އެކަލޭގެފާނަށް އެއްޗެހި ކިޔުމުން، މުޙައްމަދު صلى الله عليه وسلم ގެ އުންމަތަށް ކުރިމަތިވާ އުނދަގުލާއި ދަތިކަމަށްވުރެ ބޮޑު އުނދަގުލަކާއި ދަތިކަމެއް ނުވެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحه الله އެކަލޭފާނުގެ މަތިވެރި ފޮތް الصارم المسلول على شاتم الرسول صلى الله عليه وسلم ގައި މިކަން ބަޔާންކުރައްވާފައިވެއެވެ.
ތިބާ ނުދެކެމު ހެއްޔެވެ؟ މައްޔިތަކަށް އެއްޗެހި ކިޔާ ފުރައްސާރަކޮށްފިނަމަ އޭނާގެ އަހުލުންނާއި ގާތްމީހުންނަށް އުނދަގުލާއި ދަތިކަން ނުލިބޭނެ ހެއްޔެވެ؟ އެހެންކަމުން މުޙައްމަދު صلى الله عليه وسلم ގެ އުންމަތަށްވާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއީ އެބައިމީހުންގެ ރަސޫލާއެވެ. ހުރިހާ އެއްޗަކަށްވުރެ، އެބައިމީހުންގެ ހިތްތަކުގައި އެކަލޭގެފާނަށްވާ ލޯބި ބޮޑެވެ. ﷲ سبحانه وتعالى އަށްވާ ލޯބި ފިޔަވައެވެ. އެއީ އެބޭކަލަކަށްޓަކައި އެބައިމީހުންގެ މައިންބަފައިން ފިދާކުރާ ފަރާތެވެ. – صلى الله عليه وسلم –
އެކަލޭގެފާނުގެ އަބުރުފުޅަށް އަރައިގަތުމަށްވުރެ ބޮޑު އުނދަގުލަކާއި ދަތިކަމެއް މުސްލިމުންނަށް އޮންނާނެ ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ނުވާނެއެވެ. އިންސާނާ، ނަބިއްޔާ صلى الله عليه وسلم ދެކެވާ ލޯބި ބޮޑުވާވަރަކަށް އަދި އެކަލޭގެފާނަށް ތަބާވާ މިންވަރު އިތުރުވާ ވަރަކަށް، އެކަލޭގެފާނަށް އެއްޗެހި ކިޔުމުން ނުވަތަ ފުރައްސާރަ ކުރުމުން އޭނާއަށް އުނދަގުލާއި ދަތިކަން ލިބޭ މިންވަރުވެސް ބޮޑުވާނެއެވެ. ފަހެ، ރަސޫލު ﷲ صلى الله عليه وسلم ގެ އަބުރުފުޅަށް އަރައިގަތުން ފިޔަވާ، އެއްވެސް ކަމަކުން އެއަށްވުރެ ބޮޑަށް މުއުމިނެއްގެ ހިތަށް ރުޅިވެރިކަމެއް އަދި އަސަރެއް ނުކުރާނެއެވެ. ފަހެ، މިއީ ވަރަށް ބޮޑު ކަމެކެވެ.
ޞަޙީޙައިނި (ޞަޙީޙުލް ބުޚާރީ އަދި ޞަޙީޙު މުސްލިމް) ގައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ لِكَعْبِ بْنِ الْأَشْرَفِ؟ فَإِنَّهُ قَدْ آذَى اللهَ وَرَسُولَهُ» [رواه البخاري (3031) ومسلم (119 – (1801))]
މާނައީ: “ކަޢުބު ބުން އަލްއަޝްރަފާ ހަވާލުވާނީ ކޮން ބޭކަލެއް ހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން އޭނާ ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުނދަގޫކޮށްފިއެވެ.”
ކަޢުބު ބުން އަލްއަޝްރަފަކީ ޔަހޫދީއެކެވެ. އޭނާއަކީ އަޞްލުގައިވެސް ކާފިރެކެވެ. ނަމަވެސް “ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުނދަގޫކޮށްފިއޭ” އެކަލޭގެފާނު ޙަދީޘްކުރެއްވީ ކޮންއިރަކު ހެއްޔެވެ؟ އެއީ ރަސޫލު ﷲ صلى الله عليه وسلم އަށް ހަޖޫޖަހަން ފެށުމުންނެވެ. އެހެންކަމުން މިއީ ވަރަށް ބޮޑު ކަމެކެވެ.
﴿إِنَّ الَّذِينَ يُؤْذُونَ اللَّـهَ وَرَسُولَهُ لَعَنَهُمُ اللَّـهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا﴾ [سورة الأحزاب 57]
މާނައީ: “ހަމަކަށަވަރުން ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ﷲ، އެބައިމީހުންނަށް ދުނިޔެއާއި، އާޚިރަތުގައި ލަޢުނަތްލެއްވިއެވެ. އަދި އެއިލާހު އިހާނަތްތެރި އަޛާބު އެބައިމީހުންނަށްޓަކައި ތައްޔާރުކުރެއްވިއެވެ.”
އޭ މުއުމިނުންނޭވެ! ﷲ އަށް އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އުނދަގޫވާ ކަމަކުން، ތިބާއަށް އުނދަގޫ ނުވޭ ހެއްޔެވެ؟ އިންސާނަކު އޭނާގެ އިނގިލިތަކުގެ ކުރިތަކުން މިފަދަ ބޮޑު ކަމެއް ބަލާލާފައި އަޅާނުލާ ދޫކޮށްލަން ހެޔޮވާނެ ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ނުވާނެއެވެ. މިއީ އީމާންކަމާ ގުޅިފައިވާ ކަމެކެވެ.
މުއުމިނަކަށް މިކަން ބޮޑުވާނެއެވެ. އަދި ހިތުގައި ރުޅިވެރިކަން އުފެދޭނެއެވެ. އަދި ދަތިކަމަކަށްވެސް ވާނެއެވެ.
ކާފިރަކު، ހިދާޔަތުގެ ރަސޫލާ، މުޙައްމަދު صلى الله عليه وسلم އަށް އެއްޗެހި ކިޔުމުން ނުވަތަ ފުރައްސާރަކުރުމުން އެފަދައިން ވާނެއެވެ. ﷲ ގަންދީ ބުނަމެވެ. މިއީ އީމާންކަމާ ގުޅިފައިވާ ކަމެކެވެ. މިކަމުގައި އިންސާނާ އޭނާގެ ނަފްސު ވަޒަންކޮށްލަން ޖެހޭނެއެވެ. ﷲ ގަންދީ ބުނަމެވެ. މިއީ ފަސޭހަ ކަމެއް ނޫނެވެ.
﴿إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا [٨] لِّتُؤْمِنُوا بِاللَّـهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ﴾ [سورة الفتح 8 – 9]
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރުދެއްވައި، (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ. [8] (އެއީ) ތިޔަބައިމީހުން ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށް އީމާންވުމަށްޓަކައެވެ. އަދި އެއިލާހަށް ނަޞްރުވެރިވުމަށާއި، އެއިލާހަށް މާތްކޮށް ހިތުމަށްޓަކައެވެ.”
التعزير އަކީ އޭގެ މާނައިގައި ވަރަށް ޖާމިޢު ކަލިމައެކެވެ. އެގޮތުން އޭގެ މާނައިގައި ރަސޫލުﷲ صلى الله عليه وسلم އަށް ނަޞްރުދިނުމާއި އެކަލޭގެފާނަށް އުނދަގޫވާ ކަންކަން މަނާކުރުން ހިމެނެއެވެ.
އޭއަޚުންނޭވެ! އެހެންކަމުން މިއީ އެކަމަކަށް އިންތިބާހު ކުރަންޖެހޭ ކަމެކެވެ. އަދި މިކަން ހަނދާންކޮށްދޭން ޖެހެއެވެ. އޭ އިސްލާމީ އުންމަތުގެ މީސްތަކުންނޭވެ! އުފާކުރާށެވެ. ފަހެ، ﷲ އެއިލާހުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށްޓަކައި ބަދަލު ހިއްޕަވާނެއެވެ. އެއީ އެކަލޭގެފާނުގެ ކުރިން ފުރައްސާރަކުރެވުނު ނަބީބޭކަލުންނަށްޓަކައިވެސް ބަދަލުހިއްޕެވި ފަދައިންނެވެ.
﴿وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ﴾ [سورة الأنبياء 41]
މާނައީ: “ހަމަކަށަވަރުން ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެރަސޫލުންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި ޢަޛާބު) އެބައިމީހުން ވަށައިލިއެވެ.”
އަހަރެމެން އިންތިރާޒު ކުރަމެވެ. އެކަލޭގެފާނުގެ މަތިވެރި އަބުރުފުޅަށް އަރައިގަނެ، އެކަލޭގެފާނަށް ފުރައްސާރަކުރި މީހުންގެ ކިބައިން، ﷲ عز وجل ބަދަލުހިއްޕަވަންދެން އަހަރެމެން އިންތިޒާރުކުރަމެވެ. އެކަލޭގެފާނުގެ މަތިވެރި އަބުރުފުޅަށް އަރައިގަތް ކޮންމެ މީހެއްގެ ކިބައިންނެވެ. صلى الله عليه وسلم.
الله عز وجل أعلم، وصلى الله على نبينا محمد وآله وصحبه أجمعين. [1]
****************************
ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކުރުމަށް ފްރާންސުގައި ހިންގާފައިވާ ޖަރީމާއާ ބެހޭގޮތުން الشيخ عبد الرحمن بن ناصر البراك -حفظه الله- އަށް ސުވާލުކުރެވުނެވެ. ޖަވާބުގައި ވިދާޅުވިއެވެ.
“ނަބިއްޔާ صلى الله عليه وسلم ގެ ޝަޚްޞިއްޔަތަށް ޢަދާވާތްތެރިވުމުގެ ގޮތުން ކުރެވޭ އެންމެ ހުތުރުކަން ބޮޑު އެއްކަމަކީ އެކަލޭގެފާނަށް ނިސްބަތްކޮށް ކުރަހާފައިވާ ޞޫރަތައް ފާޅުކޮށް ފެތުރުމެވެ. އެއީ އެކަލޭގެފާނުގެ މަތިވެރި ޝަޚްޞަށް ހުތުރުކުރަން ކުރާކަމެކެވެ. ކާފިރުންގެ ތެރެއިން އެފަދަ ކަމެއްކޮށްފި ބަޔަކާމެދު ދަންނައެވެ. އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެބައިމީހުންނާ ދެކޮޅުހެދުމެވެ. އަދި އެކަލޭގެފާނު ދިފާޢުކުރުމެވެ. އަދި އެ ޢުދުވާނާ ދެކޮޅުހަދައި ދަތިކުރުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންތައްތައް ކުރުމެވެ. އެގޮތުން މިޒަމާނުގައި ކުރެވޭނެ އެއްކަމަކީ އެބައިމީހުންގެ ވިޔަފާރިތައް ބޯއިކޮޓްކުރުމެވެ. އެއީ އެދައުލަތުގެ އިޤްތިޞާދަށް ދަތިކުރުމުގެ ގޮތުންނެވެ.
[1] މިއީ أ. د. صالح بن عبد العزيز سندي -حفظه الله- ދެއްވަފައިވާ ދަރުސްއެއްގެ ތަރުޖަމާއެވެ.