ބަޔާންކުރެވުނު ފަދަ ވިސްނުން ގެންގުޅުމަކީ، މައިންބަފައިންނަށް އިޙްސާންތެރިވުމާއި ހެޔޮކޮށް ހިތުމުގެ މިވިސްނުން އެއްކޮށް މުގުރާލާ ކަމެކެވެ. މިސާލަކަށް؛ އަހަރެމެން މިބުނަނީ އެކުދިން ބޮޑެތިވެ، ބުއްދިހުރި ބަޔަކަށް ވާތީ އެކުދިންގެ މައްޗަށް މައިންބަފައިންނަށް އެއްވެސް ބަލަދުވެރިކަމެއް ނޯންނާނެ ކަމަށެވެ. އެހެންވެއްޖެނަމަ ދެން އޮތީ “ތިޔަބައިމީހުންނީ 3 މީހުން ކަމުގައިވާނަމަ އެކަކު ވެރިއަކަށް ހަދާށެވެ.” މިބާބުގެ ދަށުން މައިންބަފައިންނަށް ލިބިދޭ ބަލަދުވެރިކަމެވެ. ކޮންމެ ގެއަކަށްވެސް، އެގޭގެ ވެރިއަކާއި، ގޭގެ ކަންކަމުގެ މައްޗަށް ބާރުވެރިކަމާއި، ޤަވާޢިދުތައް ބޭނުންވެއެވެ. ވީމާ މި މަޤާމަށް އަހަރެމެން ހޮވާނީ ކާކުތޯއެވެ؟ ދަރިފުޅު ނުވަތަ މައިންބަފައިންތޯއެވެ؟! އަދި “ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުން” މިބާބުގެ ދަށުންވެސް އަހަރެމެންނަށް އެކުދިންގެ މައްޗަށް ބަލަދުވެރިކަން ލިބިދެއެވެ. ކަންކަމުގެ ބާރު އެންމެ ބޮޑަށް ލިބިދޭނީ ދޮށީ މީހުންނަށެވެ. އެއީ އެމީހުންނަށް ގިނަ ކަންތައް އެނގި، އަދި ގޯސްކަންކަން ފާހަގަ ކުރުމުގެ ޤާބިލުކަން ހުންނާނެތީއެވެ. އަދި ރަނގަޅު ކަންކަން އެނގުމުގެ ޤާބިލުކަންވެސް އެފަދަ މީހެއްގެ ކިބައިގައި ބޮޑުވާނެތީއެވެ.
މިބަޔާންކުރެވުނު ދެ ބާބުން އަހަރެމެން މައިންބަފައިންނަށް ދަރިންގެ މައްޗަށް ބަލަދުވެރިކަން ނުލިބޭނަމަ، “މަޝްވާރާކުރުން ވާޖިބުވުން” މިބާބުގެ ދަށުން ލިބޭނެއެވެ. ނިކަން ހުރިހާ ޤައުމެއްގެ ނުވަތަ ތަންތަނުގެ ބޮޑުންނަށް ބަލާށެވެ. އެއިން ކޮންމެ މީހަކަށްވެސް މުސްތަޝާރެއް ހުރެއެވެ. އަދި އެކި ކުންފުނިތަކުގައި އިދާރީ މަޖުލިސްތައް ވާތަން ތިބާއަށް ފެންނާނެއެވެ. އެތަންތަނަކީ އެމީހުންނަށް ލިބޭ އެކި މަޝްރޫޢުތައް ދިރާސާކޮށް، އެކި ކަންކަން ނިންމާ މަޖިލިސްތަކެވެ. މީހުންގެ މަޝްވަރާއާނުލައި ދިރިއުޅުން ކުރިއަށް ނުދާނެއެވެ. ރަނގަޅު ހެޔޮ ވިސްނޭ މީހަކަށް، ނަސޭހަތާއި މަޝްވަރާ ބޭނުންވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކިއެކި ކަންކަމުގައި އެކަލޭގެފާނުގެ އަނބިކަނބަލުންނާ މަޝްވަރާކުރެއްވެވިއެވެ. އަދި ޞަޙާބީންނާ މަޝްވަރާކުރައްވައި، އެބޭކަލުންގެ ލަފަޔާ އެއްގޮތަށް ކަންކަން ކުރެއްވެވިއެވެ. އެހެންވީމާ، ކުޑަކުއްޖަކު އަމިއްލަ ރައުޔަށް ކަންކަންކޮށް، އަދި އަމިއްލައަށް ގޮތް ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟ އަދި އެއްވެސް ކަމެއް ނޭނގޭ ޙާލު، މައިންބަފައިންގެ ކިޔަމަންތެރިކަމުގެ ދަށުން އެދަރިފުޅު ވީއްލިގެންދާނީ ކިހިނެއް ހެއްޔެވެ؟
ކުޑަކުއްޖަކަށް އަމިއްލައަށް ކަންކަން ނުނިންމޭނެއެވެ. އެހެންނަމަވެސް އޭނާއަށް ބޭނުންވާނީ ރަނގަޅު ގޮތްތަކަށް މަގުދައްކައި ދިނުމާއި، ކަންކަން ޙާޞިލުކުރާނެ ގޮތުގެ އިރުޝާދުތަކެވެ. ބޮޑެތިމީހުން ކުރަންޖެހޭ ކޮންމެ ކަމެއްގައި، އިސްލާމްދީނުގައި ވަނީ ބާލިޣުވުން ޝަރުޠެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. ކަންކަމުގެ ގޮތް ނިންމުމުގައްޔާއި، އެކި މުޢާމަލާތްތައް ކުރުމުގައި ކުޑަކުދިންގެ އެއްވެސް ބައިވެރިވުމެއްގައި ބަރުދަނެއް ނުހުންނާނެއެވެ. ބާލިޣުވާ ޢުމުރު ޢާއްމުގޮތެއްގައި 13 އަހަރަށްވުރެ ދަށް ނުވާނެއެވެ. އަދި އަމިއްލަ ޚިޔާލާއި ޝަޚްޞިއްޔަތުގައި މިނިވަންކަން ލިބުމަށް ހަމައެކަނި ބާލިޣުވުން ނުފުދެއެވެ. އޭނާގެ ކިބައިގައި ބުއްދިވެރިކަމާއި، ހެޔޮ ވިސްނުމާއި، އަދި ރަނގަޅު އުޅުމެއް ހުރުން މުހިއްމެވެ. އެނޫންނަމަ ހެކިބަސް ދިނުމުގައާއި، އަދި މުޢާމަލާތްތައް ކުރުމުން އޭނާއަށް މަނާކުރެވިގެންދާނެއެވެ. މީހުން އަމިއްލައަށް ހަދާ ޤާނޫނުތަކުގައި، ބޮޑު މީހެއްކަމުގައި ބަލާ އުމުރަކީ 18 އަހަރެވެ. އަދި ސިކުނޑި ހަމަނުޖެހޭ މީހުން ކުރާ މުޢާމަލާތްތައް ޤަބޫލުނުކުރެވެއެވެ. މިހެން ކަން އޮތްއިރު، ބާލިޣު ނުވާ، އަދި ހެޔޮ ނުބައި ވަކިކުރަން ރަނގަޅަށް ނޭނގޭ ކުޑަކުދިންނަށް، އަދި ބާލިޣުވިޔަސް ހެޔޮ ނުބައި ވަކިކުރަން ނޭނގޭ ކުދިންނަށް މިނިވަންކަން ދޭނީ ކިހިނެއް ހެއްޔެވެ؟
ދެން ތިބާ ބުނެފާނެއެވެ: “އަހަރެމެންގެ ދަރިންނަށް ސްކޫލުގެ ބުރަތަކުންނާއި، އަދި ކުރިމަތިވާ ދިރިއުޅުމުގެ ބުރަތައް ނުފުދެނީ ހެއްޔެވެ؟ އެހެންވީމާ، ގޭގައި އުޅޭއިރު، އަހަރެން އޭނާއަށް އިތުރަށް ބުރަކޮށް އަދި ކަންކަން މަނާކުރަންވީ ކީއްކުރަން ހެއްޔެވެ؟” އަހަރެން މި ސުވާލުގެ ޖަވާބުގައި ބުނާނީ މިފަދައިންނެވެ: “ގޭގައި ކަންކަމަށް ޤަވާޢިދު ކަނޑައަޅައި ހަދަނީ ކުދިންނަށް މަޖުބޫރުކޮށް އަދި ބުރަކުރާކަށް ނޫނެވެ. އެހެނަސް މީގެ ބޭނުމަކީ ކައުނުގައިވާ ސުންނަތްތަކަށް އިޙުތިރާމްކުރުމެވެ. ކަންބޮޑު ނުވާށެވެ. އަހަރެމެންގެ ދަރިންނަށް އެކުދިންނާގުޅޭ މިންވަރަށް މިނިވަންކަން ލިބެއެވެ. އެއީ މުހިއްމު ކަންކަމުގައި ގޮތް ނިންމުމުގައްޔާއި، އަހަރެމެންގެ މައްޗަށް ނުކިޔަމަންތެރިވުމުގައެއް ނޫނެވެ. އެހެނަސް އެކުދިންގެ ކުޑަކުޑަ ދުނިޔެއާ ގުޅޭ ގޮތަށް، އެކުދިންގެ އެކިއެކި ބޭނުންތަކަށް އިޙްތިރާމުކުރެވި، އަދި އެކަންކަމަށް މައިންބަފައިންގެ އިޖާބަވެސް ލިބެއެވެ. އަދި އެކުދިންނަށް އެކުދިންގެ އަމިއްލަ ޝަޚްސިއްޔަތެއްވެސް ވެއެވެ. މިގޮތުން އެފަދަ ބައެއް ކަންކަމަށް ނަޒަރު ހިންގާލާނަމެވެ:
– އެކުދިންނަށް ކަމުދާ ކުޅޭ އެއްޗެހި އެކުދިން އަމިއްލައަށް އިޚްތިޔާރުކުރެއެވެ. އަދި އެކުދިން ޝައުގުވެރިވާ ކަންކަން ކުރަން އެކުދިންނަށް ވަޤުތު ދެމެވެ. އަދި އެކުދިން ކުޅޭ ހިތްވާ ގޭމެއް ކުޅެން، ނުވަތަ އެންމެ ކަމުދާ ރަނގަޅު ޕްރޮގްރާމެއް ބަލަން އަހަރެމެން ދެމެވެ.
– އެކުދިންގެ ބޭނުންތަކަށް ހޯދަންޖެހޭ ތަކެތި ގަންނަނީ އެކުދިންނަށް ކަމުދާކަހަލަ އެއްޗެއްސަކީ ކޮބައިތޯ ބަލާފައި އެގޮތުގެ މަތިންނެވެ. އަދި ހަފްތާ ބަންދުގައި އެކުދިން ދާން ބޭނުންވާ ތަނެއް އިޚްތިޔާރުކުރަން ފުރުޞަތު ދެމެވެ. އަދި އެކުދިން ކާން ބޭނުންވާ އެއްޗެއް ކާން ހޯދައިދެމެވެ.
– އަދަބުވެރިކަމާއެކީ އެކުދިންގެ ޝުޢޫރު ފާޅުކުރަން ފުރުޞަތު ދެމެވެ. އަދި އެކުދިން އެކަމަކާމެދު ދެކޭ ގޮތް، އަދި އޭގައި ހުރި ހިތްހަމަ ނުޖެހޭ ކަންކަން ބުނެދޭއިރު ކަނުލާ އަޑުއަހަމެވެ. (އެކުދިން ބުނާގޮތަށް ހުރިހާ ކަންކަން ތަންފީޒު ނުކުރިއަސްމެއެވެ.)
ކޮންމެ ކުއްޖަކީވެސް އެކުއްޖަކަށް ޚާއްސަ ޝަޚްޞިއްޔަތެއް ލިބިފައިވާ ކުއްޖެކެވެ. އެއްބައި ކުދިންނަކީ ހިތްވަރުގަދަ ކުދިންނެވެ. އަނެއްބައި ކުދިންނަކީ ބަލިކަށި ކުދިންނެވެ. އެއްބައި ކުދިންނަކީ މަޑުމައިތިރި ކުދިންނެވެ. އަދި އަނެއްބައި ކުދިންނަކީ އަޑުގަދަ ކުދިންނެވެ. ބައެއް ކުދިންނަކީ ހުރިހާ ކަމެއް މީހުންނަށް ކިޔައިދޭ ކަހަލަ ކުދިންނެވެ. އަނެއްބައި ކުދިން އެކުދިންގެ ކަންތައްތައް އެހެން މީހުންނަށް ކިޔައި ނުދެއެވެ. އެއްބައި ކުދިންނަކީ ކަންކަން ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތްކުރާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ މަޖާކުރުމަށް ލޯބިކުރާ ކުދިންނެވެ. އެއްބައި ކުދިންނަކީ އަދަބިއްޔާތަށް ލޯބިކުރާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ ޢިލްމަށް ލޯބިކުރާ ކުދިންނެވެ… އެހެންކަމުން، މަންމަ، އެކުދިންގެ ޝަޚްޞިއްޔަތު ޤަބޫލުކޮށް، އެކުދިންގެ އެޝަޚުޞިއްޔަތާއެކީ، އެކުދިންގެ ޝަޚްޞިއްޔަތާ ގުޅޭގޮތަށް މިނިވަންކަން ދެމުން ދިރިއުޅުމަށް މަސައްކަތްކުރެއެވެ. މީގެ ސަބަބުން އެދަރުފުޅަށް، އޭނާއަށް ޚާއްޞަ ޝަޚްޞިއްޔަތެއް ލިބިގެންދެއެވެ.
________________________________