[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (18)

ބައެއް މައިންބަފައިން، އެމީހުންގެ ދަރިންގެ އުޅުން އިޞްލާޙުކުރުން ދޫކޮށް، އެކުދިންގެ އަމިއްލަ ޚިޔާލަށް އަދި ބޭނުންގޮތަކަށް ނިންމުންތައް ނިންމަން ދޫކޮށްލައެވެ.  މިގޮތަށް އެބައިމީހުން ކަންކުރަން މެދުވެރިވާ ސަބަބުތަކަށް އަލިއަޅުވާލާނަމެވެ.

2- ކުޑަކުދިންގެ ބުއްދީގެ ވިސްނުމަށް އިޙްތިރާމުކުރުމުގައި ހައްދު ފަހަނައަޅައި ދިއުން: މިގޮތުން ކޮންމެ ކަމެއްގައި އަހަރެމެން ދަރިފުޅު ކައިރީ އެދަރިފުޅުގެ ޚިޔާލު ހޯދަމެވެ. އަދި އޭނާ އެކަމަކާމެދު ދެކޭގޮތް ބުނުމަށް އޭނާއަށް ހިތްވަރުދެމެވެ. ގިނަ ކުޑަކުދިންނަކީ ގިނަ ކަންކަމާބެހޭ ގޮތުން މާގިނަ މަޢުލޫމާތު ނޭނގޭ ކުދިންނެވެ. އަދި އެކުދިން މީހުންނާ ވާހަކަދައްކައި ހެދުމަށް ލޯބިކުރެއެވެ. މިހެންވުމުގެ ސަބަބުން، އެކުދިން އަމިއްލަ ޚިޔާލަށް ވާހަކަ ހަދަހަދައިގެން ދައްކައެވެ. އަދި ކަންކަމުގައި ގޮތް ކަނޑައެޅުމުގައި ބޮޑެތި މީހުންނާ ބައިވެރިވެ ހަދަން އާދަވެއެވެ. އަދި އެކުދިންނަށް އެހެންމީހުންގެ މައްޗަށް ބާރު އޮތުން އެއީ އެކުދިންނަށް ވަރަށް ކަމުދާ ކަމަކަށް ވެއެވެ.

ކުޑަކުދިންގެ ވިސްނުމަށް އިޙްތިރާމުކުރުމުގައި ހައްދުފަހަނައަޅައި ދިއުމުގެ ސަބަބުން އެކުދިން ވެގެންދަނީ އެހެންމީހުންނަށް ގުލާނުކޮށްދޭ ފަދަ މީހަކަށެވެ. ދަރިންގެ މައްޗަށް މައިންބަފައިންގެ ބާރު ނުހިނގުމުގެ ސަބަބުން އުފެދިގެންދަނީ އެއްވެސް ޝަޚްޞިއްޔަތެއް ނެތް ކުދިބައެކެވެ. “ކުދިންގެ ޝަޚްޞިއްޔަތު ރައްކާތެރިކުރުން” މި ޝިޢާރުގެ ދަށުން އަހަރެމެން މި ބޮޑެތި ކުރަނީ “އެއްވެސް ޝަޚްޞިއްޔަތެއް ނެތް” ދަރިންތަކެކެވެ. މިދުނިޔޭގައި ކޮންމެ ކުއްޖަކަށްވެސް، އެކުއްޖަކަށް ރަނގަޅު މަގަށް މަގުދައްކައިދީ، އުނގަންނައިދޭނެ މީހުންނަށް ބޭނުންވެއެވެ. މިދުނިޔޭގައި ކޮންމެ މީހަކަށްވެސް، އެމީހަކު ނަމޫނާއަކަށް ބަލާނޭ ފަރާތެއް ބޭނުންވެއެވެ. އަދި އޭނާ، އެބައެއްގެ ތެރެއަށް ނިސްބަތްވާ ބަޔަކަށްވެސް ބޭނުންވެއެވެ. އަހަރެމެންގެ ދަރިންނަށް މަގުދެއްކުމުން އަހަރެމެން އެއްކިބާވެ، އެކަމުން މަނާވެގަނެ، އެކުދިންގެ އަމިއްލަ ބުއްދިއަށް ފެންނަ ގޮތަށް ކަންކަން ކުރަން ދޫކޮށްލުމުގެ ސަބަބުން އެކުދިން ދެން ގުޅެނީ (މައިންބަފައިންގެ ބަދަލުގައި) އެކުދިންގެ އެކުވެރިންނާއެވެ.

އަހަރެމެން ކަންބޮޑުވީ އަހަރެމެންގެ ދަރިން އަހަރެމެންގެ މައްޗަށް ބަރޯސާވެ، އަދި އެކުދިންގެ ޝަޚްޞިއްޔަތު އަހަރެމެން ބޭނުންވާ ގޮތަށް ބައްޓަންވެގެން ގޮސްދާނެތީއެވެ. އެހެންވެ، އެކުދިން އެކަނި މިނިވަންކަމާއެކު އުޅެން އަހަރެމެން އެކުދިން ދޫކޮށްލީއެވެ. އަހަރެމެން އެކުދިންނަށް މަގުދައްކައިދިނުމުން އެއްކިބާވުމުގެ ސަބަބުން، ބޭރުތެރެއިން އެކުދިންގެ އުޅުމަށް ކުރާ އަސަރުގެ ބާރުގަދަވެއްޖެއެވެ. ވަކިން ޚާއްސަކޮށް ރަޙްމަތްތެރިންގެ ކިބައިން ކުރާ އަސަރުތަކެވެ. އަދި އެކުދިން ރަޙްމަތްތެރިންނަށް ބޯލަނބައި، އެރަޙްމަތްތެރިން ދައްކާ މަގުން ހިނގަން ފަށައިފިއެވެ. ދުނިޔެ ބަވަނަވުމުގެ ސަބަބުން އަހަރެމެންގެ ދަރިން މިވަނީ ބީރައްޓެހި އާދަތަކުގެ އަވާގައި ޖެހިފައެވެ. އަދި އަހަރެމެންގެ އާދަކާދައާ ނުގުޅޭ އާދަތައް އެކުދިންގެ މައްޗަށް މިވަނީ ފެތުރިފައެވެ. އަދި މީގެ ސަބަބުން އެކުދިންގެ ފިޠުރަތު ފަސާދަވެއްޖެއެވެ. އަޑުގަދަ ބަސްވިކޭ ކޮންމެ މީހަކީ އަދި މަގުފުރެދިފައިވާ ކޮންމެ މީހަކީ އެކުދިންގެ ނަމޫނާ ކަމުގައިވެއްޖެއެވެ. އެފަދަ މީހުން ކޮޕީކޮށް އެމީހުންގެ ފަހަތުން މިކުދިން ހިނގަން ފަށައިފިއެވެ. އެމީހުންނާ ޖަދަލުކޮށް ބަހުސް ކުރުމެއްވެސް ނެތިއެވެ. އަދި އެކުދިން، އިސްލާމީ ޝަރީޢަތާއި، އިސްލާމީ އާދަކާދައާ ޚިލާފަށް އުޅެނީ އެއްވެސް ފަސްޖެހުމެއް ނެތިއެވެ. އަހަރެމެންގެ ދަރިން މިވަނީ، ރަޙްމަތްތެރިން ބުނެފާނެ އެއްޗަކަށް، އަދި އެމީހުން ވަކިވެދާނެ ކަމުގެ ބިރަށް އެމީހުންނާ ދެކޮޅަށް ތެދުވަން ނުކެރޭ ފިނޑި ބަޔަކަށްވެފައެވެ. ﷲ އަށްވުރެ ބޮޑަށް އެކުދިންގެ ހިތްތަކުގައި، އެކުދިންގެ ރަޙްމަތްތެރިންނަށް އޮތް ބިރު ބޮޑުހެން ހީވާ ފަދައެވެ!

ތިބާގެ ދަރިފުޅު ކިތަންމެ ދެކޮޅު ހަދައި ބޮޑާ ހޭކިޔަސް، އޭނާއަށް ތެދުމަގަށް މަގު ދައްކައި ދިނުމަށް އަދި ނަމޫނާއަށް ބަލާނެ ފަރާތަކަށް ބޭނުންވެއެވެ. އެހެންކަމުން ތިބާގެ މަގުދެއްކުމާއި އަދި ތިބާގެ ޝަޚްސިއްޔަތު އެއީ އެދަރިފުޅުގެ މައްޗަށް އެންމެ އަސަރުކުރުވަނިވި އަދި ބާރުވެރި އެއްޗަށް ހަދާށެވެ. ފުރާވަރުގެ ކުދިން އަމިއްލަ މިނިވަންކަމަށް ބޭނުންވާނެއެވެ. އަދި ދެކޮޅުވެރިވުމަށްވެސް މަސައްކަތްކޮށްފާނެއެވެ. މިހެން ކަންވިއަސް ޙަޤީޤަތުގައި އޭނާ، އޭނާގެ އަހުލުންނަށް ކިޔަމަންތެރިވުމަށް ރުހި ޤަބޫލުވާނެއެވެ. އަދި އޭނާއަށް އެހީތެރިވެދީ ހަދާ، އަދި ލޯބިދޭ އާއިލާއަކަށް ނިސްބަތްވާތީ އެކަމާ އުފާކުރާނެއެވެ.

___________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!